ދީނީ އިލްމުވެރިން

ހިސާން ބިލާ ދެކޮޅާ 101 އިލްމުވެރިއަކު ސޮއިކޮށް ރައީސަށް ޕެޓިޝަނެއް

ގާނޫނުލް އުގޫބާތަށް 124 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރު ކުރަން ސަރުކާރުން ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދަން ގޮވާލައި ދިވެހިރާއްޖޭގެ 101 ދީނީ އިލްމުވެރިން ހިމެނޭ ގޮތަށް އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

އިލްމުވެރިންގެ ޕެޓިޝަންގައި މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އެ ބިލުގެ ސަބަބުން މުޖުތަމައުގައި އިސްލާމް ދީނާ ދެކޮޅަށް ހިންގާ ބޮޑެތި މުންކަރާތްތަކަކީ ގޯސް ކަންތައްތައް ކަން ބަޔާންކޮށް އެކަންކަމުގެ ތެރެއަށް ނުވަނުމަށް ގޮވާލައި އާންމުން ހޭލުންތެރި ކުރަން ދީނީ އިލްމުވެރިންނާއި އެނޫން އާއްމު ރައްޔިތުންނަށް އެކީއެކަށް ހުރަސް އެޅި ބަންދު ވެގެން ދާނެ ކަމަށް ވަނީ ބުނެފަ އެވެ.

އަދި ސެކިއުލާ ހަރަކާތްތައް ރާއްޖޭގައި ވަރުގަދަ ކުރުމަށް ބައިނަލްއަގްވާމީ ޖަމާއަތްތަކާ ގުޅިގެން އެކި ޖަމާއަތްތަކުން ހިންގާ ޖަރީމާތަކާ ގުޅިގެން ދިވެހި ދައުލަތުގެ އިދާރާތަކަށް ހުށަހަޅާ މައްސަލަތައް ކުރިއަށް ނުގޮސް އޮތްކަން ފާހަގަކޮށް އެގޮތަށް އެކަން ހިނގާ ވަގުތެއްގައި ދީނާ ދެކޮޅު ޖަރީމާތައް ހިންގާ މީހުންނާމެދު އިލްމުވެރިންނާއި ދީނަށް ޣީރަތްތެރިކަން ހުންނަ އާންމުންގެ ފަރާތުން ބުނާ ބަހަކާ ގުޅިގެން، މާތްވެގެންވާ އިސްލާމްދީނުގެ ދިފާއުގައި ތެދުވާ މީހުންގެ މައްޗަށް ދައުވާ އުފުލޭ ގޮތަށް އޮތުމަކީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގައުމިއްޔަތާ ހިލާފު ކަމެއް ކަމަށް ބުނެފައި ވެއެވެ.

"... އަދި މިކަންކަމުގެ ނުރައްކާ ކުރިމަތިވާނީ މިހާރު ވެރިކަމުގައި ހުންނެވި ފަރާތަކަށާއި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކަމަށްވާތީ ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް 124 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރު ކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ނަންގަވައި ދެއްވުމަށް ރާއްޖޭގެ ދީނީ އިލުމުވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ކުރައްވާފައެވެ،"

އިލްމުވެރިންގެ ޕެޓިޝަންގައި ބުނެފައި ވަނީ ބިލުގެ ބޭނުން ނުރަނގަޅު ގޮތަކަށް ނުހިފާނެ ކަމުގެ ޔަގީންކަން މިހާރު ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އެރުއްވި ކަމުގައިވިޔަސް އެހެން ބަޔަކަށް ބާރުތައް ލިބިއްޖެނަމަ އެގޮތަށް އެކަން ނުހިނގާނެ ކަމުގެ ޔަގީންކަން ނޯންނާނެތީ އެފަދަ ކަމަކަށް މަގުފަހި ނުކުރެއްވުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

އަދި ބިލުގައި ހިމެނިފައިވާ އަސާސީ ކަންކަމަކީ އެކަންކަމަށް އިސްލާހުތަކެއް ގެނެސްގެން ވެސް ފާސް ކުރުމަށް އިސްލާމީ މުޖުތަމައަކަށް އެއްވެސް މަސްލަހަތެއް އޮތް ކަންކަން ކަމުގައި ނުވާތީ އާއި އޭގެ ސަބަބުން ލިބިގެން ދާނީ ފޫނުބެއްދޭ ފަދަ ގެއްލުންތަކެއް ކަމުގައި ރާއްޖޭގެ ހުރިހާ ދީނީ އިލްމުވެރިންހެން އެއްބަސްވެވަޑައިގަންނަވާކަން ވެސް ފާހަގަކޮށްފައިވެއެވެ.

ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް އިތުރު މާއްދާތަކެއް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށައެޅުއްވި އަދި "ހިސާން ބިލް" ގެ ގޮތުގައި މަޝްހުރު ވެފައިވާ ބިލާ ދެކޮޅު ހެދުން ބޮޑުވެފައިވާއިރު އެ ބިލަށް ގެންނަން ޖެހޭ ބަދަލެއް އޮތްނަމަ ކޮމެޓީއާ ހިއްސާ ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރީން ވަނީ ވިދާޅުވެފައެވެ.

މިއީ ދީނާ ހިލާފު ވާހަކަތަކަށް ފުރުސަތު ދީ އެފަދަ ވާހަކަތައް ފަތުރާ، ދައްކަމުންދާ މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ބުނެ އެތައް ބަޔަކު ދަނީ އެ ބިލާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ. ބިލާ ދެކޮޅަށް ޖަމިއްޔާތަކާއި ސިޔާސީ ޕާޓީތަކުންވެސް ވަނީ ތެދުވެފައެވެ. އޭގެ ތެރޭގައި ސަރުކާރު ކޯލިޝަންގައި އޮތް އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީވެސް ހިމެނެއެވެ.