ނަފްރަތުގެ އަމަލުތަކަކީ ކުށެއް ކަމުގައި ކަނޑައެޅުމަށްޓަކައި ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށައެޅި ބިލަކީ ބަޔަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދޭން އުޅުނު ލަނޑެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް ވިދާޅުވި ގޮތުގައި ރައީސަށް ދޭން އުޅުނު އެ ލަނޑުން ރައީސް ސަލާމަތް ކޮށްދެއްވީ އެމަނިކުފާނެވެ.
ޖުމްހޫރީ ޕާޓީއަށް ހާހެއްހާ މެންބަރުން ގުޅުން ފާހަގަކުުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ނަފްރަތުގެ ބިލް މަޖިލީހަށް ހުށައެޅުމާއެކު އެ ބިލްގެ ނުރައްކާ ފުރަތަމަ ރައީސަށް ވިދާޅުވެ ދެއްވީ އެމަނިކުފާނެވެ. އޭރު އެމަނިކުފާނު ހުންނެވީ ކޮވިޑާއި ގުޅިގެން މާލެ ވަޑައިނުގެންނެވި ޕެރަޑައިސް ރިސޯޓްގައި ކަމަށް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ނަފްރަތުގެ ބިލްގެ ނުރައްކާ އެމަނިކުފާނު ވިދާޅުވެ ދެއްވިއިރު އެއްވެސް ސިޔާސީ ޕާޓީއަކުންވެސް އަދި ދީނީ އިލްމުވެރިއަކުވެސް އެކަން ފާހަގަ ނުކުރައްވައެވެ. އެ ބިލަކީ ރައީސް ސޯލިހަށް އެނގިވަޑައިނުގެން ކުރައްވާފައިވާ ކަމެއްގެ ގޮތުގައިވެސް ގާސިމް ސިފަ ކުރެއްވިއެވެ. އަދި ވިދާޅުވީ އެއީ ބަޔަކު ރައީސަށް ދޭން އުޅުނި ލަނޑެއް ކަމަށާ އެ ލަނޑުން ރައީސް ސަލާމަތް ކޮށްދެއްވީ އެމަނިކުފާނު ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާއަކީ ވަރަށް ގިނަ މަސްއޫލިއްޔަތު އޮންނަ ބޭފުޅެއް. އެ ބޭފުޅާއަށް ހުރިހާ އެއްޗެއް އަކުރުން އަކުރަށް ނުކިއި ހިނގައިދާނެ. އެކަމަކު ބަޔަކު މީހަކު ދޭން އުޅުން ލަނޑެއްގައި އެމަނިކުފާނު ސަލާމަތްވީ މިފަހަރުވެސް އަޅުގަނޑާ ހެދިއޭ. އެހެން ނޫންނަމަ އެ ލަނޑު އެމަނިކުފާނަށް ލިބިވަޑައިގަތީސް،" ގާސިމް ވިދާޅުވިއެވެ.
ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ "ހިސާން ބިލް" ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކުރަން ބޭނުންފުޅު ނުވާ ކަމަށް ރައީސް ވިދާޅުވުމުން ބިލަށް އައު އިސްލާހު ގެނައުމަށް ނިންމާ އެ އިސްލާހުތައް މިހާރު ވަނީ ކޮމެޓީއަށްވެސް ފޮނުވާފައެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން އެ އިސްލާހުތައް ފޮނުވީ ކަމާބެހޭ މިނިސްޓްރީތަކުގެ ވެރިންނާއި އިސްލާމީ ޝަރީއާގެ ދާއިރާގެ އީލްމީ ބޭފުޅުންނާ މަޝްވަރާ ކުރުމަށް ލިބުނު ހިޔާލުތައް އިސްލާމިކް މިނިސްޓްރީއާއެކު މަޝްވަރާކޮށް މިނިސްޓްރީން އެއްބަސްވުމުންނެވެ.
އޮގަސްޓް 11 ގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ސަރުކާރުން މަޖިލީހަށް ފޮނުވާ ކޮންމެ ބިލަކީ އެ އޮތްގޮތަށް ފާސްވާންޖެހޭ ބިލެއް ނޫން ކަމަށާއި އިސްލާހުކުރަންޖެހޭ ކަންކަން ބިލްގައި ހުންނާނެ ކަމަށެވެ. އަދި ބައެއް ބިލްތައް މަޖިލީހަށް ފޮނުވުމަށް ފަހު، އަނބުރާ ގެނެސްފައި ވެސް ހުންނާނެ ކަމަށާއި އެއީ މިހާރު އެކަނި އެކަން ހިނގާ ގޮތް ނޫން ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ބިލް މަޖިލީހަށް ފޮނުވި ފަހުން އާންމުންގެ ފަރާތުން ލިބުނު ހިޔާލުތަކަށް ވިސްނާލެއްވުމުން ބިލަށް އިތުރު އިސްލާހުތަކެއް ގެންނަންޖެހޭ ކަން އެނގިވަޑައިގެންނެވި ކަމަށެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ބިލް އެންމެ ފުރަތަމަ އޮތްގޮތަށް ފާސްކުރަންވަން މަސައްކަތް ކުރައްވަމުންނެވެ.