އެމްޑީޕީގެ އަސާސްތަކަށް ސަރުކާރުން އިހްތިރާމްކޮށް އެ ޕާޓީގެ މައިގަނޑު އަސާސްތައް ދިފާއުކޮށް ދިނުމަށް އަންހެނުންގެ ރޫހުން ގޮވާލައިފި އެވެ. އަންހެނުންގެ ރޫހުން ބަޔާނެއް މެދުވެރިކޮށް މިކަމަށް ގޮވާލާފައިވަނީ އެޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވަނިކޮށެވެ.
ރައީސް ނަޝީދުގެ ވާހަކަތަކަށް ތާއީދުކުރާކަން ހާމަވާ މޭރުމުން އެމްޑީޕީގެ އަންހެނުންގެ ގޮފިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ޕާޓީއަކީ ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީ ކަމަށާ އެ ޕާޓީ އުފެދުނީއްސުރެން އަބަދުވެސް ވަކާލާތުކުރާ އެންމެ މުހިންމު އަސާސްތަކަކީ އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ހަމަހަމަކަން ގާއިމުކޮށް ދިރިހުރުމުގެ ހައްގު ކަށަވަރުކޮށް އަނިޔާވެރިކަން ނައްތާލުމަށް ކަމަށެވެ.
އެގޮތުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް އެމްޑީޕީއިން ވީ އެންމެ މުހިއްމު އެއް ވައުދަކީ ގޮތް ނޭނގި ގެއްލުވާލާފައިވާ މީހުނާއި މަރާލެވިފައިވާ މީހުންނަށް އިންސާފު ހޯދައިދީ އެފަދަ އަނިޔާވެރި އަމަލުތައް ރާއްޖޭގައި ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އަޅާނެކަމުގެ ވައުދު ކަމަށާ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުالله އާއި ޔާމީން ރަޝީދު އަދި ޑރ. އަފްރާޝީމް އަލީ އަނިޔާވެރި ގޮތަކަށް މަރާލާއި ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ބޮން ގޮއްވުމާއި ހަމައަށް ކަންކަން ދިޔައީ ރޭވުންތެރިކަމާއެކު ބަޔަކު އެމީހުންގެ ބޮލުގައި ވަކި "ލޭބަލް" ތަކެއް އަޅުވައި އެމީހުންނާއިމެދު މުޖުތަމައުގައި ނަފްރަތު އުފައްދައިގެންކަން ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ. އަދި އެމްޑީޕީގެ ވައުދުތަކާއި އެއްގޮތަށް އެފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވޭނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށް ވަކިވަކި ފަރުދުންނާއިމެދު ނަފްރަތު އުފެއްދުމަކީ ގާނޫނީ ކުށަކަށް ހަދައިގެންކަން އަންހެނުންގެ ރޫހުން ގަބޫލުކުރާ ކަމަށެވެ.
"ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ މެދުމިނުގެ ދީނީ ފިކުރުގެ ދައުލަތެއް ދިވެހިރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރާ ޕާޓީއެކެވެ. މި ޕާޓީއަކީ އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފަށް ކުރާ އެއްވެސް ކަމަކަށް ތާއީދު ކުރާނެ ޕާޓީއެއް ނޫނެވެ. އަދި ގާނޫނުއަސާސީން ލިބިފައިވާ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށްކަން މި ޕާޓީން އަބަދުވެސް ގަބޫލުކުރާނެއެވެ. ރައްޔިތުންގެ ހިތްތަކުގައި ބިރުވުރިކަން އުފައްދައި ގައުމު ނުރައްކަލަށް ވައްޓާލުމަށް ޖާގަ ދެވިގެން ނުވާނެ ކަމަށް މި ރޫހުން ދެކެމެވެ،"
ރައީސް ނަޝީދުގެ އާއިލީ ބޭފުޅެއް ކަމަށްވާ މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު އިސްކޮށް ހުންނެވި އަންހެނުންގެ ރޫހުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ހައްދުފަހަނައަޅާފައިވާ ހަރުކަށި ފަރާތްތަކުން ގޮވާލާ އެފަދަ ގޮވާލުންތަކުގެ ފައިދާ ސިޔާސީ ބައެއް ފަރާތްތަކުން ނަގައި ދަނޑިވަޅުގެ ބޭނުންކޮށް ގައުމު ހަލަބޮލިކޮށް ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރާ ކަމީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެހެންނަމަވެސް ސަރުކާރުގެ އިއްތިހާތުގައި ހިމެނޭ މައިނޯރިޓީ ޕާޓީއަކުން ނުރުހުން ފާޅުކުރި ހިސާބުން ސަރުކާރުން ފޮނުވި ބިލު ސަރުކާރުން ދިފާއު ނުކޮށް މުޖުތަމައުގައި ނަފްރަތު އުފެއްދުން ހުއްޓުވާ އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީއިން ވެފައިވާ ވައުދު ސަރުކާރުން ހަނދާން ނައްތާލުމަކީ ޕާޓީގެ އަސާސްތަކާއި ހިލާފަށް ސަރުކާރުން ނިންމި ނިންމުމެއް ކަމަށް ދެކޭ ކަމަށެވެ.
"މި ރާއްޖެއަކީ އަމާން ވެއްޓެއް ގާއިމުވެފައިވާ ތަނަކަށް ހެދުމަށްޓަކައި ވަގުތީ ސިޔާސީ މަންފާއަށްވުރެ ރައްޔިތުންގެ އަސަސީ ހައްގުތައް ހިމާޔަތް ކުރުން އިސްކޮށް މި ޕާޓީއިން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުން ހަލުވިކުރުމަށާއި އެމްޑީޕީގެ އަސާސްތަކަށް ސަރުކާރުން އިހްތިރާމްކޮށް އެމްޑީޕީގެ މައިގަނޑު އަސާސްތައް ދިފާއު ކޮށްދެއްވުމަށް އިލްތިމާސް ދަންނަވަމެވެ،" ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.
މިއަދު އެމްޑީޕީގެ ޒުވާނުންގެ ރޫހުންވެސް ވަނީ މި އިބާރާތް ހިމެނޭ ބަޔާނެއް އާންމުކޮށް "ހިސާން ބިލް" ގެ ނަމުން މަޝްހޫރުވެފައިވާ ނަފްރަތުގެ ބިލް ފާސްކުރުމަށް ނަޝީދު ފައްޓަވާފައިވާ މަސައްކަތްތަކަށް ތާއީދުކޮށް ރައީސް ސޯލިހުގެ ސަރުކާރަށް ފާޑުކިޔާފައެވެ.