ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް މާއްދާތަކެއް އިތުރު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށައެޅުއްވި ބިލުގައި ދީނާ ދެކޮޅު ނަފްރަތުގެ އަމަލުތައް ހިމަނައި ދިނުމަށް އިސްލާމިކް މިނިސްޓްރީއިން އެދުނު އެދުމާއި އެއްގޮތަށް އެކަންކަން ހިމަނަން މަޖިލީހުގައި ސަރުކާރަށް ތާއީދު ކުރާ މެންބަރުންނަށް ސަރުކާރުން އަންގައިފި އެވެ.
ނަފްރަތުގެ އަމަލު ހިންގުމުގެ ބަޔަށް މާއްދާތަކެއް އިތުރުކުރާ ބިލާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން މިނިސްޓްރީގެ ރައުޔު ހޯދަން ވަނީ ހުށަހަޅައިފަ އެވެ.
އެހެންކަމުން އެކަމާ ގުޅޭ ގޮތުން ދީނީ އިލްމުވެރިންނާއި އަދި ގާނޫނީ ވަކީލުންނާ މަޝްވަރާ ކުރުމަށްފަހު ތިން ކަމެއް ފާހަގަކުރި ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފައި ވެއެވެ.
އެގޮތުން އިސްލާމްދީނުގެ ނަމުގައި މީހުންގެ އަބުރާ، މުދާ އަދި ފުރާނައަށް ގެއްލުން ލިބޭފަދަ ކުށްތައް މަނާކުރުމާއި، އިސްލާމް ދީނުގެ ދައުވަތު ފެތުރުމާއި އަދި ގޮވައިލުމާއި، ނުބައި ކަންކަން ނަހީކުރުމުގެ މަތިވެރި ވާޖިބަށް ހުރަސް އެޅިދާނެ މާއްދާތައް އިސްލާހު ކުރުމާއި އަދި އިސްލާމް ދީނާ ދެކޮޅު ނަފްރަތުގެ އަމަލުތައް ބިލުގައި ހިމަނައިދިނުމަށް އެދިފައިވެ އެވެ.
"މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް އިސްލާމް ދީނާ ދެކޮޅަށް ހިންގޭ ނަފްރަތުގެ އަމަލުތައް އިތުރުވެފައިވާ ދުވަސްވަރެއްގައި ނަފްރަތުގެ ކުށް ބަޔާންކޮށް ގާނޫނެއް ވުޖޫދުކުރެވޭ ހިނދު އިސްލާމް ދީނާ ދެކޮޅަށް ހިންގޭ ނަފްރަތުގެ އަމަލުތައް އެ ގާނޫނުގައި ހިމެނުމަކީ ކޮންމެހެން މުހިންމު ކަމެއް." މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
މިނިސްޓްރީން ބުނެފައި ވަނީ އިސްލާމް ދީނާއި މުސްލިމުންނާއި އަދި އިންސާނިއްޔަތާ ދެކޮޅަށް ބައެއް ގައުމުތަކުން ނުވަތަ ޖަމާއަތްތަކުން ބޮޑެތި ޖަރީމާތައް ހިންގާ ކަމަށެވެ. އެފަދަ ކަންކަމާ ދެކޮޅަށް މުސްލިމުންނާއި ޣައިރު މުސްލިމުންވެސް ހިމެނޭ ގޮތަށް ހިންގާ ސުލްހަވެރި ހަރަކާތްތަކަކީ ބައިނަލްއަގްވާމީ ގޮތުންވެސް ބަލައިގަނެވޭނެ ކަންކަމަށް ވާތީ އެފަދަ ކަންކަން ޖިނާއީ ކުށެއްގެ ގޮތުގައި މާނަކުރެވިދާނެކަމަށް ފެންނަ ބައެއް ލަފްޒުތަކަށް ވެސް މިނިސްޓްރީގެ ރައުޔުގައި ވަނީ އިސްލާހު ހުށަހަޅާފަ އެވެ.
މުޖުތަމައުގައި ނަފްރަތު އުފެއްދުމާއި ދެބަސްވާ މީހުން ކާފަރު ކުރުމާއި އަދި ދީނީ އިލްމުވެރިންނާއި އެނޫންވެސް މީހުންގެ ބޮލުގައި ދޮގު އިލްޒާމް އެޅުމަކީ މަނާ ކަމެއް ކަމަށް ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.
އަވަސްއާ ވާހަކަ ދެއްކި ސަރުކާރަށް ތާއީދު ކުރާ މެންބަރަކު ވިދާޅުވީ ބިލްގަައި މިނިސްޓްރީން އެދުނު ކަންކަން ހިމަނާ ކަންބޮޑުވުންތަކަށް ހައްލު ހޯދާދިނުމަށް ސަރުކާރުން އެދިފައިވާ ކަމަށެވެ. އަދި ރައީސް ސޯލިހަށް ވަފާތެރި މެންބަރުން އެ މަަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
"މިހާރު ކަންކަން އޮތްގޮތުން ރައީސް ސޯލިހަށް ނުވަތަ ސަރުކާރަށް މުއާމަލާތް ކުރާކަށް ފަސޭހައެއް ނޫން އެމްޑީޕީގެ ހުރިހާ މެންބަރުންނަކާ. އެހެންވީމަ ސަރުކާރަށް ވަފާތެރި މެންބަރުގެ އަރިހު އެ ގޮތަށް އެދިފައިވަނީ. އަޅުގަނޑުމެން އެކަން ކުރާނަން އަދި އެ މަސައްކަތް މިހާރު ފަށައިފިން. ތިބޭފުޅުން ތި ވިދާޅުވާ 'ހިސާން ބިލް' އެ އޮތްގޮތަށް ފާހެއް ނުކުރާނަން އިރާދަކުރެއްވިއްޔާ،"
"ހިސާން ބިލް" ގެ ގޮތުގައި މަޝްހޫރު ވެފައިވާ އެ ބިލުގައިވާ ގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުން އުފެއްދުން ކުށަކަށް ހަދަން ވަނީ ހުށަހަޅައިފަ އެވެ.
ހަމަ އެހެންމެ އާންމުތަނެއްގައި މުސްލިމަކު ކާފަރު ކުރުން ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުން ވެސް ކުށަކަށް ވާނެ އެވެ. ބިލްގައިވާ ގޮތުން މި ހުރިހާ ކުށަކީ ވެސް ޖުނާހުގެ އެއްވަނަ ދަރަޖައިގެ ކުށެކެެވެ. އެ ކުށުގެ އެންމެ ބޮޑު އަދަބަކަށް އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ
މުސްލިމަކު ކާފަރުކޮށް އެ މީހާއާމެދު އަނިޔާވެރި ވުމަށް ހިތްވަރުދީ ނުވަތަ އެކަމުގައި ބައިވެރިވެ އަދި އަނިޔާއަށް ދިނުމަށް ރޭވުމަކީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށަކަށް ހަދަން ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ. އެ ދަރަޖައިގެ ކުށަކަށް އެންމެ ގިނަވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެވެ.
ބިލާ ދެކޮޅަށް 100 އަށްވުރެ ގިނަ ކައުންސިލުން ބަޔާން ނެރެފައިވާއިރު 101 އިލްމުވެރިއަކު ސޮއިކޮށް ރައީސް ސޯލިހަށް ވަނީ ޕެޓިޝަނެއްވެސް ހުށައަޅާފައެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ވަނީ އެ ބިލް އަވަހަށް ފާސްކޮށްދެއްވުމަށް މެންބަރުންގެ ކިބައިން އެދިފައެވެ.