ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް މާއްދާތަކެއް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށައެޅުއްވި ބިލުގައި ދީނާ ދެކޮޅު ނަފްރަތުގެ އަމަލުތައް ހިމަނައިދިނުމަށް އިސްލާމިކް މިނިސްޓްރީއިން އެދެފި އެވެ.
ނަފްރަތުގެ އަމަލު ހިންގުމުގެ ބަޔަށް މާއްދާތަކެއް އިތުރުކުރާ ބިލާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން މިނިސްޓްރީގެ ރައުޔު ހޯދުމަށް ވަނީ ހުށަހަޅައިފަ އެވެ.
އެހެންކަމުން އެކަމާ ގުޅޭ ގޮތުން ދީނީ އިލްމުވެރިންނާއި އަދި ގާނޫނީ ވަކީލުންނާ މަޝްވަރާ ކުރުމަށްފަހު ތިން ކަމެއް ފާހަގަކުރި ކަމަށް އިސްލާމިކް މިނިސްޓްރީ އިން މިއަދު ބުންޏެވެ.
އެގޮތުން އިސްލާމްދީނުގެ ނަމުގައި މީހުންގެ އަބުރާ، މުދާ އަދި ފުރާނައަށް ގެއްލުން ލިބޭފަދަ ކުށްތައް މަނާކުރުމާއި، އިސްލާމް ދީނުގެ ދައުވަތު ފެތުރުމާއި އަދި ގޮވައިލުމާއި، ނުބައި ކަންކަން ނަހީކުރުމުގެ މަތިވެރި ވާޖިބަށް ހުރަސް އެޅިދާނެ މާއްދާތައް އިސްލާހުކުރުމާއި އަދި އިސްލާމް ދީނާ ދެކޮޅު ނަފްރަތުގެ އަމަލުތައް ބިލުގައި ހިމަނައިދިނުމަށް އެދިފައިވެ އެވެ.
"މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް އިސްލާމް ދީނާ ދެކޮޅަށް ހިންގޭ ނަފްރަތުގެ އަމަލުތައް އިތުރުވެފައިވާ ދުވަސްވަރެއްގައި ނަފްރަތުގެ ކުށް ބަޔާންކޮށް ގާނޫނެއް ވުޖޫދުކުރެވޭ ހިނދު އިސްލާމް ދީނާ ދެކޮޅަށް ހިންގޭ ނަފްރަތުގެ އަމަލުތައް އެ ގާނޫނުގައި ހިމެނުމަކީ ކޮންމެހެން މުހިންމު ކަމެއް." މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
މިނިސްޓްރީން ބުނެފައި ވަނީ އިސްލާމް ދީނާއި މުސްލިމުންނާއި އަދި އިންސާނިއްޔަތާ ދެކޮޅަށް ބައެއް ގައުމުތަކުން ނުވަތަ ޖަމާއަތްތަކުން ބޮޑެތި ޖަރީމާތައް ހިންގާ ކަމަށެވެ. އެފަދަ ކަންކަމާ ދެކޮޅަށް މުސްލިމުންނާއި ޣައިރު މުސްލިމުންވެސް ހިމެނޭ ގޮތަށް ހިންގާ ސުލްހަވެރި ހަރަކާތްތަކަކީ ބައިނަލްއަގްވާމީ ގޮތުންވެސް ބަލައިގަނެވޭނެ ކަންކަމަށް ވާތީ އެފަދަ ކަންކަން ޖިނާއީ ކުށެއްގެ ގޮތުގައި މާނަކުރެވިދާނެކަމަށް ފެންނަ ބައެއް ލަފްޒުތަކަށް ވެސް މިނިސްޓްރީގެ ރައުޔުގައި ވަނީ އިސްލާހު ހުށަހަޅާފަ އެވެ.
މުޖުތަމައުގައި ނަފްރަތު އުފެއްދުމާއި ދެބަސްވާ މީހުން ކާފަރު ކުރުމާއި އަދި ދީނީ އިލްމުވެރިންނާއި އެނޫންވެސް މީހުންގެ ބޮލުގައި ދޮގު އިލްޒާމް އެޅުމަކީ މަނާ ކަމެއް ކަމަށް ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.
"ހިސާން ބިލް" ގެ ގޮތުގައި މަޝްހޫރު ވެފައިވާ އެ ބިލުގައިވާ ގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުން އުފެއްދުން ކުށަކަށް ހަދަން ވަނީ ހުށަހަޅައިފަ އެވެ.
ހަމަ އެހެންމެ އާންމުތަނެއްގައި މުސްލިމަކު ކާފަރު ކުރުން ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުން ވެސް ކުށަކަށް ވާނެ އެވެ. ބިލްގައިވާ ގޮތުން މި ހުރިހާ ކުށަކީ ވެސް ޖުނާހުގެ އެއްވަނަ ދަރަޖައިގެ ކުށެކެެވެ. އެ ކުށުގެ އެންމެ ބޮޑު އަދަބަކަށް އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ
މުސްލިމަކު ކާފަރުކޮށް އެ މީހާއާމެދު އަނިޔާވެރި ވުމަށް ހިތްވަރުދީ ނުވަތަ އެކަމުގައި ބައިވެރިވެ އަދި އަނިޔާއަށް ދިނުމަށް ރޭވުމަކީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށަކަށް ހަދަން ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ. އެ ދަރަޖައިގެ ކުށަކަށް އެންމެ ގިނަވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެވެ.