ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް މާއްދާތަކެއް އިތުރު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށައެޅިއްވި ބިލް ބަލައިނުގަތުމަށް އިސްލާމިކް މިނިސްޓްރީގައި ޖަމިއްޔަތުއް ސަލަފުން އެދިއްޖެ އެވެ.
ޖަމިއްޔަތުއް ސަލަފުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރަށް މިއަދު ފޮނުއްވި ސިޓީގައި ބުނެފައިވަނީ ނަފްރަތުގެ އަމަލުތައް ހުއްޓުވުމުގެ ނަމުގައި މި ވަގުތު ސަރުކާރުން މަޖިލީހަށް ހުށައަޅައި ބަލައިގަނެފައިވާ ބިލަކީ ރާއްޖޭގައި ތިއްބި ގިނަ އަދަދެއްގެ އިލްމުވެރީން އެބިލާ މެދު އިންތިހާޔަށް ކަންބޮޑުވެ އިންކާރުކުރަމުންދާ ބިލެއް ކަމަށެވެ. އެހެން ކަމުން އިލްމުވެރިންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް އެ ބިލް ބަލައިނުގަތުމަށް ސަރުކާރުގައި އެދުމަށް ސަލަފުން ވަނީ އެދިފައެއެވެ.
".. އެނގިވަޑައިގަންނަވާނޭ ފަދައިން އިސްލާމީ ގައުމެއްގައި ދީނުގެ ހުކުމްފުޅުތަކާއި ދީނީ ޝިއާރުތައް ނަގަހައްޓާ އިސްލާމްދީން ހިމާޔަތްކޮށް ދެމެހެއްޓުމަކީ ފަރުދީ ހައިސިއްޔަތުންނާ ދައުލަތުގެ ފަރާތުންވެސް އެންމެ އިސްކުރަންޖެހޭ ވާޖިބުކަމާމެދު ޝައްކެއްނެތް. އެއާއެކު ގައުމުގެ މަސްލަހަތާއި އަމަންއަމާންކަން ހިފެހެއްޓުމަށް ގާއިމްކުރެވިފައިވާ މުސްތަގިއްލު މުއައްސަސާތަކަކީ އެ މަސްއޫލިއްޔަތު އަދާކުރުމުގައި އެންމެ މަތީފަރާތްތައްކަންވެސް ދަންނަންޖެހޭ،"
ސަލަފުން ބުނީ އިސްލާމްދީނަށް ތައުހީނުކުރުމުގެ އެތައް އަމަލުތަކެއް ތަކުރާރުކޮށް ގައުމުގައި ހިންގަމުންދާއިރު އެކަންކަން ހުއްޓުވުމުގެ ބަދަލުގައި ދިވެހިރައްޔިތުންގެ ދީނީއެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުތެރެއިން އެއްވެސް ބާވަތެއްގެ އަނިޔާއަކަށް ހިތްވަރުދޭ އަދި މީސްތަކުންގެ މެދުގައި ނަފުރަތާއި ރުޅިވެރިކަން އުފެދޭ ގޮތަށް ވާހަކަ ދެއްކުމީ މިހާރުވެސް މަނާކުރެވިފައި ކަމެއްކަމުގައި ސާފުކޮށް ބަޔާންކުރެވިފައި ވަނިކޮށް ނަފްރަތުގެ އަމަލު ހިންގުން މަނާކުރުމުގެ ނަމުގައި ގާނޫނުލް އުގޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް އިތުރު ކުރުމަށް ސަރުކާރުން ހުށައަޅާފައި ބިލަކީ އިސްލާމްދީނާ އިދިކޮޅު އަމަލުތައް ހުއްޓުވުމުގެ ބަދަލުގައި ދީނާ އިދިކޮޅު އަމަލުތަކާއި ވާހަކަތަކަށް ރައްދު ދިނުން ހުއްޓުވައި ދީނީ އިލްމުވެރިންގެ ދޫބަންދުކޮށް ލާދީނީ ފިކުރުތަކަށް ގާނޫނީގޮތުން ގައުމު ހުޅުވާލުމުގެ ބިލެއް ކަމަށެވެ.
އަދި މިއީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ވެސް ހުރަސްއެޅޭ ބިލަކަށް ވެފައިވާތީ އެބިލު އަނބުރާ ގެންދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އަށާއި އަދި ކަމާބެހޭ އެންމެހާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީއިން އިލްތިމާސްކޮށް އިސްލާމީ ވުޒާރާގެ އަސްލު ހައިބަތާއިގެން ތެދުވުމަށް ސަލަފުން ވަނީ ގޮވާލާފައެވެ.
".. އަދި މިބިލު ގާނޫނަކަށް ބަދަލުވެއްޖެނަމަ ނަފްރަތުގެ އަމަލުތައް ހުއްޓުމުގެ ބަދަލުގައި ރައްޔިތުންގެ ހިތްތަކުގައިވާ އިސްލާމްދީނާމެދު އޮތް ޣީރަތްތެރިކަން އުތުރިއަރައި ގައުމުގައި ނަފްރަތާއި ރުޅިވެރިކަން އުފެދި ރައްޔިތުންގެ އުދާސްތައް ހަމައިން ނެއްޓުމުގެ ބިރުވެރި ހާލަތަށް ފުރުސަތު ނުދެއްވުމަށް ނަސޭހަތެރިވަމެވެ،"
ސަލަފުގެ ސިޓީގައި ވަނީ އެމްޑީއެން އިން ނެރުނު ރިޕޯޓަކީ އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ނެރެފައިވާ ރިޕޯޓެއްކަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ގުޅިގެން ހިންގި ތަހުގީގުން ސާބިތުވުމާއެކުވެސް އެ ޖަރީމާ ހިންގުމުގައި ސީދާކޮށް ނުވަތަ ނުސީދާކޮށް ވިޔަސް ބައިވެރިވި އެއްވެސް މީހަކަށް ފިޔަވަޅު އަޅާފައިނުވާ ކަމާއި އިސްލާމް ދީނުގެ މަތިވެރި ޝިއާރުތަކާއި ހުކުމްފުޅުތަކާމެދު ލާދީނީ ވާހަކަދައްކަމުން ގެންދާ ފަރާތްތަކަށް ފިޔަވަޅު އަޅައި ދިނުމަށް އެދި ތަފާތު އެކި ފަހަރު މަތީން އެކި ދުވަސްވަރު އެ ޖަމިއްޔާއިން ހުށައަޅަމުން އައިކަން ހަނދާން ކޮށްދީފައެވެ.