ނިމިދިޔަ 2022 ވަނަ އަހަރުގެ ހައްޖު ދަތުރަށް 69.3 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ލިޔުމުން ޖަވާބު ހޯދުމަށް ކުރެއްވި ސުވާލަކަށް ލިޔުމުން ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ 2022 ވަނަ އަހަރު މީހުން ހައްޖަށް ގެންދިޔައީ ހަމައެކަނި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ކަމަށެވެ. އަދި އެ ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި މިދިޔަ އަހަރުގެ ހައްޖު ދަތުރުގައި ހާޖީއަކަށް ބޮލަކަށް ހަރަދުވެފައިވަނީ 166،000 ރުފިޔާ ކަމަށް ޖަވާބުގައިވެ އެވެ. މިގޮތުން 2022 ވަނަ އަހަރު (1443ވަނަ އަހަރު)ގެ ހައްޖު ދަތުރަށް ޖުމުލަ 69،34577 ރުފިޔާ ހަރަދުވެފައި ވެއެވެ.
މެމްބަރު އިބްރާހީމް ރަޝީދު އިތުރަށް ވިދާޅުވީ، ސަރުކާރުން ބޮޑު ހަރަދެއް ކޮށްގެން ހައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހައްޖު މިޝަނެއް އެކުލަވާލައި މައްކާއަށް ފޮނުވި ނަމަވެސް، އެ މީހުންގެ ފަރާތުން ހައްޖާޖީންނަށް އެހީތެރިކަން ނުލިބޭ ކަމަށާއި، އެހީތެރިކަން ލިބެނީ ސައުދި އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މުވައްޒަފުންގެ ފަރާތުން ކަމަށެވެ. މިގޮތުން ހައްޖު މިޝަން ގާއިމުކޮށް ރާއްޖޭން މީހުން ނުފޮނުވައި އެމްބަސީ މެދުވެރިކޮށް ހާއްޖީންގެ ކަންކަން ހަމަޖައްސާނަމަ، ދައުލަތަށް ވެސް ހަރަދު ކުޑަވާނެތީ އެކަން އެގޮތަށް ނުކުރައްވަނީ ކީތްވެތޯ މެމްބަރު ސުވާލުކުރެއްވި އެވެ.
މި ސުވާލަށް އިސްލާމިކް މިނިސްޓަރު ލިޔުމުން އެރުވި ޖަވާބުގައި ވިދާޅުވީ، ހައްޖު މިޝަނުން ކޮންމެ ފަހަރަކު ވެސް ހައްޖާޖީންނަށް ފުޅާ ދާއިރާއެއްގައި ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭ ކަމަށެވެ. މީގެތެރޭގައި އެއާޕޯޓުން ހައްޖާޖީންނަށް ދިމާވާ މައްސަލަތަކާއި، މައްކާއަށް ދަތުރުކުރުމާއި، ހައްޖާޖީއެއް ގެއްލިއްޖެ ނަމަ ހޯދުމުގެ މަސައްކަތުގެ އިތުރުން ހައްޖާޖީއެއް ނިޔާވެއްޖެނަމަ ވީއެންމެ އަވަހަށް ޖަނާޒާ ބޭއްވުމުގެ މަސައްކަތް ފަދަ ގިނަ ކަންކަން ހައްޖު މިޝަނުން ކުރާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"އެހެންކަމުން ހާޖީންނާއި ޖަމާއާތްތަކަށް ހައްޖު މިޝަނުގެ އެހީތެރިކަން ނުލިބޭ ކަމަށާއި ހިދުމަތްތައް ފޯރުކޮށްދެނީ އެމަބަސީންކަމުގައި ބުނެ ދައްކާ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމުގައި ދަންނަވަމެވެ،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ހައްޖުގެ އެކި އިންތިޒާމުތަކާއި ގުޅިގެން ސައުދި އަރަބިއްޔާގައި ބާއްވާ އެކިއެކި ބައްދަލުވުންތަކަށް ދިއުމަށް ބަޖެޓު ނެތުމުގެ ސަބަބުން ނުދެވޭކަންވެސް މިނިސްޓަރުގެ ޖަވާބުގައި ވަނީ ފާހަގަކުރައްވާފަ އެވެ.
"ވީހާވެސް ކުރިން ހައްޖު މިޝަން ގާއިމުކުރަންޖެހޭކަމާއި ހައްޖުގެ އެކި އިންތިޒާމުތަކާއި ގުޅޭގޮތުން ސައުދި އަރަބިއްޔާއިން ބާއްވާ އެކިއެކި ބައްދަލުވުންތަކަށް ސައުދި އަރަބިއްޔާއަށް ހާޒިރުވުމަކީ ހައްޖު މިޝަނުން ކުރަންޖެހޭ ކަމަކެވެ. ނަމަވެސް، މިފަދަ ކަންކަމަށް އެކަށީގެންވާ ބަޖެޓެއް ނުލިބޭތީ ހައްޖު މިޝަނުގެ ހަރަކާތްތައް ރާއްޖެއިން ހިންގޭ މިންވަރަކީ ހައްޖު މޫސުމަށް އެކަނި މައްކާގައި ހައްޖު ޕިލްގްރިމް އޮފީސް ގާއިމްކުރުމެވެ،" މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވެފައިވެ އެވެ.