ރައްޔިތުންގެ މަޖިލިސް

ހާޖީންނަށް ޕެނެޑޯލް ވިއްކިކަމުގެ ޝަކުވާއެއް ނުލިބޭ: ޒާހިރު

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ހައްޖަށް ދިޔަ ހައްޖުވެރިންނަށް ޕެނެޑޯލް ވިއްކާފައިވާ ކަމުގެ ޝަކުވާ ލިބިފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގަ އެވެ.

މެންބަރު އިބްރާހީމް ރަޝީދު ވަނީ 1443 ވަނަ އަހަރު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ހާޖީންނަށް ކޮފީ އަދި ޕެނެޑޯލް ގުޅައެއް ދެ ރިޔާލަށް ވިއްކި ކަމުގެ މައުލޫމާތު ހާޖީންގެ ފަރާތުން ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ކޮފީ އާއި ޕެނެޑޯލް ވިއްކަމުން ދިއުމާ ގުޅިގެން އެކަމުގެ ޝަކުވާ އިސްލާމިކް މިނިސްޓަރަށް ހުށަހެޅުމުން އެ މައްސަލަ ހައްލުކޮށްދީފައި ނުވާ ކަމަށް ހާޖީންގެ ފަރާތުން މައުލޫމާތު ދީފައިވާތީ އެކަން ސާފުކޮށްދިނުމަށް ސުވާލުގައި އެދިވަޑައިގެންފައިވެ އެވެ.

މިނިސްޓަރު ޒާހިރު ވިދާޅުވީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު ހައްޖަށް ދިޔަ ހައްޖުވެރިންނަށް ޕެނެޑޯލް ވިއްކާފައިވާ ކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބިފައި ނުވާ ކަމަށެވެ.

މަޖިލީހުގެ ސުވާލާ ގުޅިގެން މިނިސްޓްރީގެ ފަރާތުން ކަމާ ގުޅޭ މައުލޫމާތު ސާފުކުރުމުން ހައްޖުވެރިންގެ ތެރެއިން ޕެނެޑޯލް ގަންނަން ބޭނުންވި މީހުންނަށް ޕެނެޑޯލް ވިއްކި ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މުޅި ހައްޖު ދަތުރުގައި ހާޖީންނަށް ދެވޭ ތިން އިރުގެ ކެއުމާއި ހަވީރު ސައިގެ އިތުރުން އެހެނިހެން ވަގުތުތަކުގައި އިތުރު ހިދުމަތެއްގެ ގޮތުގައި ހޮޓަލުގެ ލޮބީގައި ކޮފީ ޝޮޕެއް ހުޅުވައި ކޮފީ ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމަށް ކޮފީ ޝޮޕްގައި ކޮފީ ވިއްކާފައިވާ ކަމަށެވެ. ނަމަވެސް އާންމުކޮށް އެންމެންނަށް ކޮފީއާއި ޕެނެޑޯލް ވިއްކާފައި ނުވާ ކަމަށެވެ.