ރައްޔިތުންގެ މަޖިލިސް

ހައްޖު ދަތުރުގެ ހަރަދު 69 މިލިއަން ރުފިޔާއަށް

ހައްޖު ކޯޕަރޭޝަނުން 1443 ވަނަ އަހަރުގެ ހައްޖު ދަތުރަށް 69.3 މިލިއަން ރުފިޔާ ހަަރަދުކުރި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވަނީ 1443 ވަނަ އަހަރުގެ ހައްޖު ދަތުރުގައި ހައްޖު ކޯޕަރޭޝަނުން މައްކާ އަދި މަދީނާގެ ހޮޓަލަށް ކުރި ހަރަދުތަކާއި މުތައްވިފަށް ދެއްކި ފައިސާގެ އަދަދާއި ހައްޖަށް ދިޔުމަށް އާންމުން ދެއްކި ފައިސާގެ އިތުރުން އެ ދަތުރަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވާނަމަ އެ ތަފްސީލު ލިޔުމުން ހޯދުމަށް ސުވާލު ކުރައްވާފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުވާލުތަކަށް ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މައްކާ ހޮޓަލުގައި ހޭދަކުރި 23 ދުވަހަށް ހައްޖު ކޯޕަރޭޝަނުން މައްކާގެ ހޮޓަލަށް 39.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. މަދީނާ ހޮޓަލުގައި ހޭދަކުރި ދެ ދުވަހަށް 1.8 މިލިއަން ރުފިޔާ އެ ކޯޕަރޭޝަނުން ހޭދަކުރި ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ހައްޖު ދަތުރުގައި މުތައްވިފަށް ކުރި ހަރަދުގެ ޖުމްލަ އަދަދަކީ 10.6 މިލިއަން ރުފިޔާ އެވެ.

މިނިސްޓަރު ވިދާޅުވީ 1443 ވަނަ އަހަރުގެ ހައްޖު ދަތުރުގައި އަމިއްލަ ގޮތުން ފައިސާ ދައްކައިގެން އެއްވެސް ފަރާތެއް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ގެންގޮސްފައި ނުވާނެ ކަމަށެވެ. އަދި ހައްޖު ދަތުރަށް ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ކޮށްފައި ނުވާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މެންބަރުގެ ސުވާލާ ގުޅިގެން މިނިސްޓަރު ވަނީ ހައްޖު ދަތުރުގެ ހަރަދުތަކުގެ ތަފްސީލުތައް ހާމަކޮށްފަ އެވެ. އެ ގޮތުން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރާއްޖެއިން އެންމެ ފަހުން ހައްޖަށް ގޮސްފައިވަނީ 417 މީހުންނެވެ. ހައްޖު ދަތުރުގެ އެއާލައިން ޓިކެޓަށް 9.8 މިލިއަން ރުފިޔާ ހޭދަކުރިއިރު ކެއުމަށް 875،450.86 ރުފިޔާ ހޭދަވި އެވެ.

މެންބަރު އިބްރާހީމް ރަޝީދު ވަނީ 1443 ވަނަ އަހަރުގެ ހައްޖު ދަތުރުގައި އިސްލާމިކް މިނިސްޓްރީން ހަރަދުކޮށްގެން މައްކާގައި ގާއިމުކުރި ހައްޖު މިޝަންގައި މަސައްކަތް ކުރުމަށް ރާއްޖެއިން ފޮނުވި މީހުންގެ އަދަދާއި އެކަމަށް ދައުލަތުގެ ބަޖެޓުން ހޭދަވި ހަރަދުގެ ތަފްސީލު ހޯދުމަށްވެސް ސުވާލުކޮށްފަ އެވެ.

މިނިސްޓަރު ވިދާޅުވީ 1443 ވަނަ އަހަރުގެ ހައްޖު މިޝަންގައި ހިމެނުނީ ފަސް މީހުން ކަމަށާއި އެ މީހުންނަށް ޖުމްލަ އެއް މިލިއަން ރުފިޔާ ހޭދަވި ކަމަށެވެ. އެގޮތުން ފަސް މީހުންގެ ދެކޮޅު ޓިކެޓަށް 148،278.72 ރުފިޔާ ހޭދަވިއިރު ހުރުމާއި ކެއުމަށް 762،364.80 ރުފިޔާ ހޭދަވި ކަމަށެވެ. ޕޮކެޓް މަނީގެ ގޮތުގައި ފަސް މީހުންނަށް 12،027.60 ރުފިޔާ ހޭދަކުރިއިރު އިމަޖެންސީ ހާލަތެއް ދިމާވެއްޖެ ނަމަ ބޭނުންކުރުމަށް 154،200 ރުފިޔާ ހަރަދު ކުރެވުނު ކަމަށެވެ.