މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ހަރަކާތްތައް ވަގުތީ ގޮތުން ހުއްޓާލަން ސަރުކާރުން އެންގި އެންގުން އަނބުރާ ގެންދަން ހިއުމަން ރައިޓްސް ވޮޗު (އެޗްއާރުޑަބްލިއު) އިން ގޮވާލައިފި އެވެ.
އެމްޑީއެން ސަސްޕެންޑް ކުރަން ޔޫތް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ނިންމީ އެ ޖަމިއްޔާއިން ނެރެފައިވާ ރިޕޯޓްގެ މައްސަލާގަ އެވެ. އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓްގެ މައްސަލަ ހޫނު ވުމާއެކު އެ ޖަމިއްޔާ އުވާލަން ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ބުނީ އެމްޑީއެން ސަސްޕެންޑް ކުރަން ނިންމީ ޖަމިއްޔާތަކުގެ ރަޖިސްޓްރާއަށް ލިބިދޭ ބާރުގެ ދަށުން ކަމަށާއި ސަސްޕެންޑްކުރީ ޖަމިއްޔާގެ މައްސަލާގެ ފުލުހުން ތަހުގީގު ކުރަމުންދާތީ ކަމަށެވެ.
އެކަމާ ގުޅިގެން، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބޭރުގެ ޖަމިއްޔާއެއް ކަމަށްވާ އެޗްއާރުޑަބްލިއު އިން ބުނީ އެމްޑީއެނަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އަމިއްލަ ޖަމިއްޔާތަކަށް ދީނީ ހަރުކަށި ފިކުރުގެ ގުރޫޕުތަކުން ދޭ އިންޒާރުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބަލައި ހުއްޓުވަން ޖެހޭ ކަމަށެވެ.
"ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އިޔާދަ ކޮށްދެއްވާނެ ކަމުގެ ވައުދު ފުއްދެވުމަށްފަހު، ރައީސް ސޯލިހު އެ ވައުދުފުޅާ ހިލާފަށް އެމްޑީއެންނާ ދޭތެރޭ ފިޔަވަޅު އެޅުއްވިތައް ފެނިގެން މިދަނީ،" އެޗްއާރުޑަބްލިއުގެ އޭޝިއާ އެސޯސިއޭޓް ޑިރެކްޓަރު ޕެޓްރީޝިއާ ގޮސްމަން ވިދާޅުވި އެވެ.
އެމްޑީއެނަށް އެޅި ފިޔަވަޅުގެ ސަބަބުން އެ ޖަމިއްޔާގެ މެންބަރުންނަށް އިންޒާރުތައް ދޭ މީހުންނަށް ހިތްވަރު ލިބިފައިވާ ކަމަށްވެސް ގޮސްމަން ފާހާގަ ކުރައްވާފައި ވެއެވެ.
އެމްޑީއެންއިން ނެރެފައިވާ ރިޕޯޓްގައި އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށްފައި ވެއެވެ،