ދީނަށް ފުރައްސާރަ ކުރުން

އެމްޑީއެންގް ރިޕޯޓް: ސަރުކާރުގެ ކަރުގައި ޖެހުނު ކައްޓެއް!

ވަރަށް ގިނަ މީހުން މިހާރުގެ ސިޔާސީ ވާހަކަ ފަށާއިރު މިހެން ފަށަ އެވެ؛ "ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ހުރިހާ ރައްޔިތުންގެ ވެސް ވަރަށް ބޮޑު އުންމީދަކާ ގުޅިފައިވާ އަދި ވަރަށް ގިނަ ރައްޔިތުންގެ ބުރަ މަސައްކަތުން އުފެއްދި ސަރުކާރެކެވެ." އަދި ނަސީބު ކަންދިމާ ކުރި ގޮތުން މި ސަރުކާރު އުފެދުނު އިރުވެސް އޭގެ ކުރިއަށް އައި ކައުންސިލް އިންތިހާބުގައި ވެސް މެޖޯރިޓީ ލިބިފައި އޮތީ މި ސަރުކާރަށް ތާއީދު ކުރާ ޕާޓީތަކަށެވެ.

އަނެއްކޮޅުން ސަރުކާރު އޮތީ ފުޅާ ބޮޑު ކޯލިޝަނަކާއެކު އެވެ. ރޫޅިގެނެއް ނުދެ އެވެ.

ސަރުކާރަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އެބައޮތެވެ. މަޖިލީހުން ކަމެއް ނުކުރެވި ކުރިޔަށް ނުދެވި ބުރަކިޖެހިފައި މި ސަރުކާރު އޮންނާކަށް ނުޖެހޭނެ އެވެ. ސަރުކާރު ބޭނުންވާ ގޮތަށް މިހާރުވެސް ވަނީ ޝަރުއީ ދާއިރާއަށް އިސްލާހުތައް އައިސްފަ އެވެ. އެ ބިތުން ވެސް ސަރުކާރަށް ހުރަހެއް ނެތެވެ. ސަރުކާރަށް އަހަރުވާން ދާއިރު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން އޮތީ މާ ބޮޑު ވަރެއް ކުރުވޭ ހާލަތެއްގައެއް ނޫނެވެ. އެހެން ކަމުން ކަމެއް ނުވެގެން ވެސް އަދި ނުކުރާން ވެސް މި ސަރުކާރުން ދައްކާނެ ބަހަނާއެއް ނެތެވެ. ކުޑަވެސް ވާހަކައަކަށް ބުނެވެން އޮންނާނީ "ސަރުކާރުގައި ފައިސާއެއް ނެތޭ" އެވެ. ސަރުކާރުން ވަނީ އެއަށްވެސް ޖަވާބު ދީފައެވެ. ބޭރު އެހީ އޮހޭ ކަމަށް ވަނީ ބުނެފައެވެ. މި ސަރުކާރުގެ ރަހުމަތްތެރިޔާ، އިންޑިއާއިން ވެސް ބޮޑު އެހީއެއް ވެފައިވާ ކަމަށް ބުނެފައި ވެއެވެ. އެ ވާހަކަ އެއްވެސް ދެއްކޭކަށް ނެތެވެ.

ވީމާ ސާބިތު ކަމާއެކު ފުއްލާ ދުވެލީގައި ސަރުކާރު ކުރިއަށް ދާންވީ އެވެ. ތޮއްޓަށް އުރުވާ ނުލައި ރަނގަޅު ފަސް އަހަރުގެ ދައުރެއް ނިންމާލަން ރައީސް ސޯލިހަށް ދައްޗެއް ތުރާލެއް ނެތެވެ.

އެހެން ނަމަވެސް މި ސަރުކާރު އަމިއްލައަށް ގޮސް މިހާރުވެސް އެތައް ފަހަރަކު ތޮއްޓަށް އޮޑި އުރުވާލާފައިފި އެވެ. އޭގެ ތެރެއިން ނުބައި އެއް އުރުމަކީ ނޮވެމްބަރު ތިނެއްގެ ބާޣީ، އަބްދުﷲ ލުތުފީގެ ގައިގައި ލައިގެންފައި ހުއްޓުމެވެ. އޭގެ ފަހުން މިހާރު ސަރުކާރު އުރިފައި މި އޮތީ އެމްޑީއެންގެ ރިޕޯޓުގެ މައްޗަށެވެ. މި ރިޕޯޓެއް ފެން މަތިވެ ސަރުކާރަށް ޕްރެޝަރު ބޮޑުވެފައި ވަނީ މި އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެނެވެ. މިހާރު އެމްޑީއެންގެ ރިޕޯޓް ވެފައި ވަނީ ސަރުކާރު ކަރުގައި ޖެހިފައިވާ ކައްޓަކަށެވެ. އަދި ނުނެއްޓި ނުބައިވެ އުމުގުވަމުންދާ ކައްޓަށެވެ.

ރިޕޯޓް އާންމުވުމަށްފަހު ސަރުކާރު އަމަލުކުރި ގޮތް

އެމްޑީއެންގެ ރިޕޯޓް މި މަހުހުގެ އެއްވަނަ ދުވަހު ދައުރުވާން ފަށައިފި އެވެ. އެެހެން ނަމަވެސް އޭގެ ކަންބޮޑުވުންތައް އާންމުންގެ ސަމާލު ކަމަށް އައިސް ހުޅު އަލިފާނގަނޑެއްހެން ބާރަށް ފެތުރިގަތީ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހު އެވެ.

ސޯޝަލް މީޑިއާގައި އެ ކަންބޮޑުވުންތައް އެންމެ ފުރަތަމަ ފާޅުކުރާން ފެށީ ދީނީ އިލްމުވެރިންނެވެ. އޭގެ ތެރޭގައި އިސްކޮށް ތިއްބެވީ އިސްވެ ރައީސް ސޯލިހުގެ ސަރުކާރަށް އިންތިހާއަށް ތާއީދު ކުރެއްވި ބޭފުޅުންނެވެ. އަދި ރައީސް ސޯލިހަކީ މި ގައުމަށް ލިބޭނެ އެންމެ "ހެޔޮލަފާ ސޯލިހު" ރައީސް ކަމަށް ވިދާޅުވި އިލްމުވެރިންނެވެ.

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން އުދާސްތައް އާންމުން ބަންޑުންކޮށްލުމާއެކު އެ މައްސަލަ ބަލަން އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ހުށައެޅިއެވެ. އެއީ މި މަހުގެ ތިންވަނަ ދުވަހެވެ. އެ ފަހުން މިހާތަނަށް ކަލަންޑަރުން ކެނޑުނު ދުވަހުގެ އަދަދަކީ މި ސަރުކާރަށް ކަމެއް ބަލައި ނިންމައި ނުލެވޭނެ މުއްދެއް ކަމަކަށް ނުފެނެ އެވެ. އަމުދުން ދިމާއަށް ފެންނާން އޮތް، ސުވާލެއް ވެސް ކުރެވެން ނެތް ކަމެއްގަ އެވެ. އަދި ހުރިހާ "ހަތިޔާރެއް" ފުރިހަމަ ސަރުކާރެއްގަ އެވެ.

މިހާރުވެސް މާ ބޮޑު ހަރަކާތްތެރި ކަމެއް ނެތް އިސްލާމިކް މިނިސްޓްރީން އެ މައްސަލަ ފުލުހަށް ގެންދިޔައިރު އަމިއްލަ ފަރާތަކުން އޮތީ އެ މައްސަލަ ފުލުސް އިދާރާގެ ދޮރުން އެތެރެކޮށްފަ އެެވެ. އެހާ ހިސާބަށް ވެސް ފުލުހުން ބުނަމުން ދިޔައީ އެމްޑީއެންގެ ރިޕޯޓާ ގުޅޭ ގޮތުން މައްސަލަ ރަސްމީކޮށެއް ނާދެއޭ އެވެ.

އެކަން އެގޮތަށް ހިނގައި ދިޔައިރު އެމްޑީއެންގެ ބަޔަކަށް އިންޒާރުދޭ މައްސަލަ ހުށައަޅާފައިވާތީ ބަލަމުންދާ ކަމަށް ފުލުހުން ބުނަމުން ދިޔައެވެ. އޭގެ ތެރޭގައި ރިޕޯޓްގެ މައްސަލަ ބަލާނެއޭ ވެސް ފެން ގޮތަކަށް ބުންޏެވެ.

"ދިވެހި ރާއްޖެއަކީ އިސްލާމީ ގައުމެއް، ދިވެހިރާއްޖޭގެ ގާނޫނުތައް ހެދެނީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ޝަރީއަތްތައް ހިނގަނީ ސަރުކާރު ހިނގަނީ އެގޮތަށް ދިވެހި ރާއްޖޭގެ ހުރިހާ ކަމެއްގެ މައިގަނޑު މަސްދަރަކީ އިސްލާމް ދީން، މާތް ވެގެންވާ އެ ދީނަކީ ދިވެހި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު، އެހެން އޮއްވާ މިފަދަ ރިޕޯޓަކާ އެކު ގައުމު ކެކި ގަތް ވަގުތު ފުލުހުން ހެދީ ގޯސް. އަދި ހުށައެއް ނާޅައޭ ބުނެ އާންމުން ރުޅި އަރުވާލީ، ފުލުހުންގެ ވެސް އެންމެ މަތީ މަސްލަހަތަކަށްވާނީ އިސްލާމް ދީން ހިމާޔަތް ކުރުން،" ރާއްޖޭގެ ގާނޫނީ ވަކީލަކު ވިދާޅުވި އެވެ. އޭނާ ރައްކަލަށް ނަން ދެއްވާކަށް ބޭނުންފުޅެއް ނުވެއެވެ.

އޭގެ ފަހުން ޕްރެޝަރު ބޮޑުވި އެވެ. އެ މައްސަލަ ބަލަން ފިޔަވަޅު އަޅަން މީހުން ގޮވާލަން ފެށި އެވެ. އެމްޑީއެން އުވާލަން އެދެން ފެށި އެވެ. އެ ހިސާބަށް ދެވުނު އިރު އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ބައްލަވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެއްޖެ އެވެ. އެ އުންމީދު ރައީސް ދެއްވީ ޓްވިޓާ މެދުވެރިކޮށް އާންމު ކުރެއްވި ކުރު މެސެޖެއްގަ އެވެ.

ރައީސް އެހެން ވިދާޅުވީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ. ހަމަ އެދުވަހު ހަވީރު އިސްލާމިކް މިނިސްޓްރީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާ އެމްޑީއެންގެ ރިޕޯޓްގައި ހުރި ކަންބޮޑުވުންތައް މީހުނަށް އޮޅުން ފިލާނެ ގޮތަށް ހިއްސާ ކޮށްދޭން މަސައްކަތްތަކެއް ކުރި އެވެ. އެ ބައްދަލުވުމުގައި ވަރަށް ބޮޑު ވާހަކައެއް މިނިސްޓްރީން ބުންޏެވެ. އެ ވާހަކައަކީ "އެއީ ބަޔަކު ފަންޑުކޮށްގެން އިސްލާމްދީނާ ދެކޮޅަށް ހިންގި ޖަރީމާއެއް" ކަމަށް ބުނުމެވެ. އަދި އެ ވާހަކަ ވިދާޅުވީ ވެސް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި ސްޓޭޓް މިނިސްޓަރު ޝައިހު އިލްޔާސް ޖަމާލެވެ.

އެމްޑީއެންގެ ރިޕޯޓްގެ މައްސަލާގައި ފުލުހުންވެސް ދައްކަނީ އެކި ވާހަކަ އެވެ. ވާހަކަތައް އަންނަ ގޮތުން ދީނަށް ފުރައްސާރަ ކުުރުމުގެ ވާހަކައަށް ވުރެ އިސްކޮށްފައި ހުންނަނީ "ހަރުކަށި ފިކުރެއް" ގެ ވާހަކައެވެ. ހަރުކަށި ފިކުރަކީވެސް އޮތް ބޮޑު ނުރައްކަލެކެވެ. ނަމަވެސް އެއީ އިސްލާމްދީނާއި މާތްނަބިއްޔާއަށް ފުރައްސާރަ ކުރުމާ އެއް ހަމަ ކަމެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރުމަކީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތާ ހިލާފު ކަމެކެވެ. ވަރަށް ބޮޑު ގޯހެކެވެ.

އެހެން ދިމާވާން ޖެނު ކަމަށް މީހުން ދެކޭ ސަބަބެއް ވެސް އޮތެވެ. އެއީ މި މައްސަލަ ފެންމަތިވުމާއެކު ފުލުހުންގެ ފަރާތުން ޖަވާބުތައް އައި ގޮތުންނާއި ފުލުހުންގެ ވަޒީފާއާ ދުރުގައި ހުންނެވިއިރު އެމްޑީއެންގެ ބޯޑްގެ ޑެޕިއުޓީ ޗެެއާގެ ގޮތުގައި ފުލުސް ކޮމިޝަނާ މުހައްމަދު ހަމީދު މަސައްކަތް ކުރައްވާފައި ވާތީ އެވެ.

އެ ސަބަބު ހިމެނޭ ތުހުމަތަށް ފުލުހުންނަށް ޖަވާބެއް ދެވޭވަރުވީ ވެސް 15 ދުވަސް ފަހުން މި މަހުގެ 15 އިގައެވެ. އެހާހިސާބުން ބުނި ގޮތުން ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދު އެމްޑީއެން ގައި މަސައްކަތް ކުރެއްވި އެވެ. ނަމަވެސް ފުލުހުންގެ ވަޒީފާ އަދާ ކުރައްވަމުން އެމްޑީއެންގެ އެއްވެސް މަގާމެއް ކޮމިޝަނާ ހަމީދު އަދާ ކުރައްވާފައި ނުވެ އެވެ. ފުލުހެއްގެ ގޮތުގައި ހުންނަވައިގެން އެ ޖަމިއްޔާގައި މަސައްކަތް ކުރައްވާފައެއް ވެސް ނުވެ އެވެ. "ތަހުގީގު ހިނގަމުންދާ" އެމްޑީއެން ރިޕޯޓްގެ އެއްވެސް މަސައްކަތެއްގައި ވެސް ހަމީދު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

އެމްޑީއެންއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާ މާތް ރަސޫލާއަށް ވަރަށް ބޮޑަށް ފުރައްސާރަކޮށްފައި ވެއެވެ. އެ ރިޕޯޓް އެއޮތީ ދިމާއަށް ފެންނާށެވެ. މިއީ ފޮރެންސިކާއި އިންޓެލް ރިޕޯޓާ ދިމާއަށް ތަހުގީގެއް އޮތް ކަމެއް ނޫނެވެ. އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަ ކުރި މީހުންނަށް އަދި އެކަން ތަކުރާރުކޮށް ކުރަމުން އައި ޖަމިއްޔާއަށް ފިޔަވަޅު އަޅާ ތަންފީޒު ކުރީމާ ނިމުނީ އެވެ.

މީގައި ދީނީ ގޮތުން ހަރުކަށި މީހުންނާއި ހަނގުރާމައަށް ދާ މީހުންނާއި "ލޭ ހުއްދަ ކުރަން" ގޮވާ މީހުންނާ ގުޅޭ ކަމެއް ނެތެވެ. އަދި މިއީ ކޮން ސަރުކާރެއްގައި އައި ރިޕޯޓެއްތޯ އާއި އޭގައި ޖަހާފައި އޮތް ތާރީހަކީ ކޮބައިތޯ ބަލަން ޖެހޭތަނެއް ވެސް ނެތެވެ. ދިވެހި ރާއްޖޭގެ އެން މަތީ މަސްލަހަތު، "މާތްވެގެންވާ އިސްލާމް ދީން" ކޮމްޕްރޮމައިޒް ނުކޮށް ރަނގަޅު ވަގުތު ރަނގަޅު ފިޔަވަޅު އެޅީމާ މިކަން ނިމުނީ އެވެ. ދެން މިފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން ބައްޓަން ކުރީމާ ރަނގަޅުވީ އެވެ.

އެހެން މަސްހުނި ވާހަކަތައް ހިމަނައިގެން އެމްޑީއެންގެ ރިޕޯޓާއި އެ ޖަމިއްޔާ އާއި އެ ޖަމިއްޔާއާ ގުޅިފައިވާ ފަރާތްތަކުގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެހެން ބައެއް ފަރާތްތަކުން ދައްކާ ވާހަކާގައި "ސަރުކާރެއް ފަރަށް އަރާފައި" އޮންނާންޖެހޭ ސަބަބެއް ނުފެނެ އެވެ. އަދި އެމްޑީއެންގެ ރިޕޯޓާ ގުޅިގެން އުފުލިފައިވަ އަޑު ކަނޑުވާލަން މަޖިލީހާއި ސަރުކާރުން ކުރާ ކަން ކަމަށް އާންމުން ތުހުމަތުތައް ކުރާ ކަންކަން ކުރުމުގެ ބޭނުމެއް ނެތެވެ.

އެހެން ސަރުކާރެއްގައި ނެރުނު ރިޕޯޓަކަށް އެ ސަރުކާރުން ފިޔަވަޅު ނާޅައި އޮތް އޮތުމަކީ ވަކި ކަމެެވެ. އަދި އެބަޔަކު ނުކޮތް އޮތް ކަމެއް ކަމަށް ވަންޏާ ފަޅައި އަރައި އެނގުނު ހިސާބަކުން ފިޔަވަޅު އެޅުނަކީ މިހާރު ތިބި ބަޔަކު ކުރަން ޖެހޭނެ ކަމެކެވެ. -- ހަނގުރާމައަށް ދާ މީހުނާއި ޓެރަރިޒަމަށް ވާގިވެރިވާ މީހުންނާ ދީނަށް ފުރައްސާރަ ކުރި މައްސަލައާ މަސްހުނިކޮށް ފަސް އަޅަަން މަސައްކަތް ކުރުމުގެ މާނައެއް ނެތެވެ. އެކަން އެގޮތަށް ކުރި ވަރަށް މި މައްސަލަ ދާނީ ނުބައި ވަމުންނެވެ. އަދި މިފަހަރުވެސް "ތިޔަހެނެއް ނުކިޔޭނޭ" ކިޔަ ކިޔާ ތިއްބާ ދެވަނަ "ޑިސެމްބަރު 23" އަކާ އަނެއްކާވެސް އެމްޑީޕީގެ ސަރުކާރު ކުރިމަތިލާން ޖެހުމުގެ ފުރުސަތު ބޮޑެވެ. -- އެފަދަ ދުވަހެއް ކޮންމެހެން ޑިސެންބަރުން 23 ވަނަ ދުވަހާ ދިމާވާކަށް ލާޒިމެއް ނޫނެވެ.

ފުލުުން ބުނާ ވާހަކައަކީ މި މައްސަލަ ތަހުގީގު ކުރާނެ އެވެ. މި މައްސަލަ ވަރަށް ސީރިއަސް އެވެ. އެމްޑީއެންގެ ރިޕޯޓް ލިޔުނު މީހުން ފުލުހަށް ހާޒިރުކުރާނެ އެވެ. އެވަރަށް ބުނީވެސް ޕްރެޝަރު މައްޗަށް ޕްރެޝަރު އައި ފަހުން މި މަހުގެ 19 ވަނަ ދުވަހުއެވެ. މީގައި ވެސް ފުލުސްވީ ފޭއްޔެވެ. ފުލުހުން އެ ވާހަކަ ނުބުނަނީސް "ފިލައިހުރެ" އެމްޑީއެންގެ ފައުންޑަރު ޝަހިންދާ ވަނީ އެ މައުލޫމާތު ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ. އަދިވެސް ހަމަ ތަހުގީގު ކުރާނީ އެވެ. އިދިކޮޅު ދެ ޕާޓީން ސަރުކާރަށް ފުރައްސާރަ ކުރާން "އަންނަނީ އަންނަނީ" އޭ ކިޔާ ގޮތަށް އެމްޑީއެންގެ ރިޕޯޓްގެ މައްސަލާގައި ކުރާ ތަހުގީގާއި އަޅާ ފިޔަވަޅުވެސް "އަންނަނީ އަންނަނީ" އެވެ.

އެންމެ ފަހުން މި މައްސަލައާ ގުޅިގެން ފުލުހުންގެ ފަރާތުން އައީ ބަޔާނެކެވެ. އެ ބަޔާނުގެ މައިގަނޑު ހުލާސާއަކީ އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެން ނެރުނު ރިޕޯޓް ދިނީ ތިން އިލްމުވެރިއަކު މެދުވެރިކޮށް ދިރާސާ ކުރާ ވާހަކަ އެވެ. އަދި އިސްލާމިކް މިނިސްޓްރީން ވެސް ދިރާސާއެއް ހިއްސާކުރާނެ ވާހަކަ އެވެ. އަދި އެ ދިރާސާގެ އަލީގައި ކަމާބެހޭ ފަރާތްތަކަށް ފުލުހުން ލަފައެއް ދޭނެ އެވެ.

މީގައި ދިރާސާއެއް ކުރަން އޮތީ ކޮން ކަމެއް ހެއްޔެވެ؟ އެންމެ މަތިވެރި އެއް މުއުޖިޒާތް "އިސްރާ އާއި މިއުރާޖު" އެއީ "ހަދާފައިވާ އިސްޓޯރީ" އެކޭ އެމްޑީއޭއިން ބުނެފައިވާއިރު ތިން އިލްމުވެރިއަކު ހޯދައިގެން ދިރާސާ ކުރަން އޮތީ ކޮން ވާހަކައެއް ހެއްޔްވެ؟ އިސްލާމިކް މިނިސްޓްރީން އޮކްޓޫބަރު ތިނެއްގައި ބުނެފައި އޮތް ބުނުން ފިޔަވައި ދެން އިތުރަށް ކުރަން އޮންނާނީ ކޮން ދިރާސާއެއް ހެޔެވެ؟ ފިޔަވަޅު އެޅުން ހުއްޓާލާފައި ކުއްލިއަކަށް ދިރާސާއެއް ކުރާ ވާހަކަ އައިސްގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟

ކޮން ތިން އިލްމުވެރިންނެއް؟

މި މައްސަލާގައި ހުރިހާ އިލްމުވެރިން ހުރިހާ ދިވެހީން އެތިބީ އެއް ގޮތެއްގަ އެވެ. ދެން އެމްޑީއެން އިން ނެރުނު ރިޕޯޓް ދިރާސާކުރަނީ ކޮން ތިން އިލްމުވެރިންނެއް ކަމެއް ނޭނގެ އެވެ. ސޯޝަލް މީޑިއާގައި ތިން ބޭފުޅެއްގެ ނަން އެބަ ދައުރުވެ އެވެ. އެއްވެސް މުއައްސަސާއަކުން އެކަން ކަށަވަރުކޮށް ނުދިނުމުން މި ރިޕޯޓްގެ ތެރެއަށް އެ ނަންތައް ލުމުގެ މާނައެއް ނެތެވެ.

ފުލުހުން އެންމެ ފަހުން ނެރުނު ބަޔާނާ ގުޅިގެން ދީނީ އިލްމުވެރިން މެދުގައި ވަނީ ބަހުސެއް ފެށި އެވެ. އެ ބޭފުޅުންގެ ނަޒަރުގައި އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އިލްމީ ދިރާސާއެއް ކުރެވިދާނެ އެވެ. ނަމަވެސް އެކަން ކުރަން ފުލުހުން މަސައްކަތް ކުރަމުންދާ ގޮތާމެދު ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.

ފުރަތަމަ ކަމަކީ ދިރާސާ ކުރަން ނަގާ އިލްމުވެރިން އިޚްތިޔާރުކުރީ ކިހިނެއް ހެއްޔެވެ؟ އަނެއް ކަމަކީ އެމްޑީއެންގެ ރިޕޯޓްގެ މައްސަލާގައި އިސްލާމިކް މިނިސްޓްރީ އާއި ރާއްޖޭގައި ތިއްބެވި އެތައް އިލްމުވެރިންނެއް ގުޅިގެން "އިލްމުވެރިންގެ ގުޅުން" ނަމުގައި ހަރަކާތެއް ފަށާ އެ ރިޕޯޓްގެ ނުރައްކާތެރިކަން އާންމުންނަށް ހިއްސާކޮށްފައި ވުމެވެ. ވީއިރު އެމްޑީއެންއަށް ފިޔަވަޅު އެޅެން އޮތީ އަލަށް ތިން މީހަކު ހަދާ ދިރާސާއަށްފަހުގައޭ ބުނުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. އަމުދުން މިއަކީ ދިރާސާއަކަށް ބޭނުންވާ ކަމެއް ނޫނެވެ. މިއީ ހަމަ "އަލިފަކު ނުކުތާއެއް ނެތް" ފަދަ ކަމެކެވެ.

"ފުރަތަމަ ކަމަކީ ދިރާސާއެއް ކުރާނަމަ ކުރަންޖެހޭނީ އިސްލާމިކް މިނިސްޓްރީން. ނަމަވެސް މި ވިދާޅުވަނީ އެ މިނިސްޓްރިންވެސް ކުރާނެ ކަމަށާ ފުލުހުންވެސް އެކަން ކުރާނެ ކަމަށް. ފުލުހުން ހަޔާ ކުރި ތިން އިލްމުވެރިންނަކީ ކޮބައިތޯ؟ މި މައުލޫމާތަކީ ހާމަކުރެވެންޖެހޭނެ ކަންކަން." މަޝްހޫރު އިލްމުވެރިއަކު ވިދާޅުވި އެވެ.

އެމްޑީއެންގެ ރިޕޯޓްގައި ހުރި ކަންބޮޑުވުންތައް އިލްމުވެރިން ވަނީ މިހާތަނަށް ވަަރަށް ސާފުކޮށް ވިދާޅުވެ ދެއްވާފައެވެ. ނަމަވެސް ފުލުހުން އިތުރު ދިރާސާއެއް ކުރަނީ އެ އިލްމުވެރިންގެ ވާހަކަތަކަށް އިތުބާރު ނެތުމުންތޯ އެއީ ވެސް ސުވާލެކެވެ.

"ރާއްޖޭގެ ބޮޑެތި އިލްމުވެރިން އެވަނީ މުހިންމު ނުކުތާތައް ފާހަގަ ކޮށްދެއްވާފައި. ދެން ފިޔަވަޅު އެޅުން ފަސްކުރަނީ ކީއްވެތޯ؟ މިސާލަކަށް އެ ވިދާޅުވާ ދިރާސާ ރިޕޯޓަކަށްފަހު އެއީ އިބާރާތް ގެނައުމުގައި ކުށެއް ކަމަށް ނިންމަފާނެ. ދެން ވާނީ ކިހިނެތްތޯ. އެހެންވީމަ އަޅުގަނޑު ދެކެނީ މިއީ ސާފު މައްސަލައެއް ކަމަށް. އެކަން ނުކުރަން ބަހަނާ ދައްކަނީ ކަމަށް." އެހެން އިލްމުވެރިއަކު ވިދާޅުވި އެވެ.

އެހެން ބޭފުޅަކު ވިދާޅުވި ގޮތުގައި ސާފުކޮށް އިސްލާމް ދީނާއި ރަސޫލާއި އާޑަ ފުރައްސާރަކޮށް ލިޔުނު ރިޕޯޓެއްގެ މައްސަލާގައި ފިޔަވަޅު އަޅަން ސަރުކާރު ފަސްޖެހޭ މަންޒަރު ފެނުމަކީ ހިތާމައެކެވެ.

"[ފުލުހުންގެ] ބަޔާން ބަލާލުމުން އެނގޭ މަގުސަދު ސާފު ނޫންކަން. ކޮންމެއަކަސް އެންމެ ތިން މީހެއްގެ ނިންމުމުގެ މައްޗަށް ސަރުކާރުން އަމަލު ކުރަން ތައްޔާރުވަމުންދާ މަންޒަރު މި ފެންނަނީ. އެހެން ނަމަވެސް ގަބޫލުކުރަން ޖެހޭ އެތައް އިލްމުވެރިއަކު މިއަޑު އުފުލާ އަދި މުޅި ރާއްޖޭގައި އެދަނީ މިކަމާ ދެކޮޅު ހަދަމުން" އިލްމުވެރިއަކު ވިދާޅުވިއެވެ.

ފުލުހުންގެ ފަރާތުން ބަޔާނެއް އައިސްފައި ވަނީ އެމްޑީއެން އިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓާއި ގުޅޭގޮތުން އެމްއެންޔޫ ގެ އެއްވެސް ބޭފުޅަކު ސޯޝަލް މީޑިއާގައި ވާހަކަ ނުދައްކަން، އަދި އެކަން ކުރާނަމަ ހުއްޓުވުމަށް ސަރުކާރުން އަންގާފައި ވަނިކޮށެވެ. އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އެންމެ ވަރުގަދައަށް ވާހަކަ ދައްކަވާ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގިނަ ބޭފުޅުންނަކީ އެ ޔުނިވާސިޓީގެ އެކި ފެކަލްޓީތަކުގައި އިސްކޮށް ތިއްބެވި ބޭފުޅުންނެވެ. އެ ބޭފުޅުން އެމްޑީއެންގެ ރިޕޯޓްގެ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ދައުލަތަށް ކޮންމެ ދުވަހަކު އެތައް ފަހަރަކު އެތައް އިލްތިމާސެއް އެބަ ކުރައްވަ އެވެ.

އޭގެ ތެރޭގައި ހިމެނޭ ޑރ. މުހައްމަދު އިޔާޒާއި ޝައިހް އަލީ ޒައިދާއި ޝައިހް އަލީ ޒާހިރާއި ޝައިހް އަހުމަދު ސަމީރާއި ޝައިހް ނިމާލް މުހައްމަދާއި ޝައިހް ޝިހާމް އާއި ޝައިހް މަންސޫރާއި ޝައިހް ސައުދާނަކީ ވެސް އެ ޔުނިވާސިޓީގެ އެކި ފެކަލްޓީތަކުގައި މަސައްކަތް ކުރައްވައްވާ މަގުބޫލް އިލްމުވެރީންނެވެ. މި ބޭފުޅުންގެ އަޑު ކަނޑުވާލުމަށްފަހު ދެން އިތުރު އިލްމުވެރިތަކެއް ލައްވާ ކުރުވަން އޮންނާނީ ކޮން ދިރާސާއެއް ހެއްޔެވެ؟

"ދީނީ އިލްމުވެރިން އެ ރިޕޯޓްގައި ހިމެނޭ 25 ނުކުތާ އެބައޮތް ފާހަގަކޮށްފައި. އެވަރުން ނުފެދޭތޯ. އިތުރަށް ކުރާ ދިރާސާއިން ކޮން ވާހަކައެއް ހޯދަންތޯ އުޅުއްވަނީ." އާންމުންގެ މީހަކު ޚިޔާލްފާޅުކޮށްފައި ވެއެވެ.

އެމްޑީއެންގެ މައްސަލަ މި ދަނީ ކޮން ދިމާއަކަށް؟

އެމްޑީއެން އިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓްގައި ކަންބޮޑުވާންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. އެ ރިޕޯޓްގައި އެންމެ މަތިވެރި އެއް މުއުޖިޒާތް "އިސްރާ އާއި މިއުރާޒު" ގެ ދަތުރުފުޅާ ގުޅުވައި ބުހުތާނު ވާހަކަ ލިޔެފައި ވެއެވެ. މާތް ﷲ ގެ މަތިވެރި ޒާތުފުޅާއި، އެ އިލާހުގެ ސިފަފުޅުތަކާމެދު ޝައްކު އުފައްދާފައި ވެއެވެ. ރާއްޖޭގެ އިސްލާމީ މުގައްރަރުން ކުދިންގެ ހިތުގައި އިސްލާމީ އަގީދާއަށް ލޯބި ޖެހުމުގެ ސަބަބުން، ޝިރުކާއި ކުފުރުގެ އަހުލުވެރިންނާމެދު، ނަފުރަތު އުފެދޭނޭ ކަމުގައި ބުނެފައި ވެއެވެ.

ޒިނޭ އާއި ލިވާތުފަދަ ކަންކަމާ ގުޅޭ ފިލާވަޅުތަކުގައި އެކަން ކަމަކީ ހަރާމް ވެގެންވާ ހަޑިމުޑުދާރު އަމަލުގެ ގޮތުގައި ސިފަކޮށްފައިވާތީ ފާޑުކިޔާފައި ވެއެވެ. އިސްލާމް ދީނަށް ލޯބި ޖައްސުވާ ގޮތަށް ކިޔަވައިދިނުމުގެ ބަދަލުގައި، އުޅޭނެ ދީނެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ކުދިންނަށް ދޭން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. ޔަހޫދީންގެ ނުބައިކަމުގެ ވާހަކަ އާއި، ނަބިއްޔާ صلى الله عليه وسلم ގަތުލު ކުރަން ޔަހޫދީން ކޮށްފައިވާ މަސައްކަތްތައް ފިލާވަޅުތަކުގައި ބަޔާން ކޮށްފައިވާތީ އެއީ ގޯހެއް ކަމަށް ލިޔުނެވެ.

ހައްދުތަކާއި ގިސޯސާއި މަރުގެ ހުކުމާގުޅޭ ގޮތުން ކަރިކިއުލަމްގައި ހުރި ވާހަކަތަކަށް ފާޑުކިޔާފައި ވެއެވެ. ހުކުރު ހުތުބާތަކުގައި ނަރަކައާއި ކައްވަޅާއި، އަމަލުތަކުގެ ފަތުގެ ވާހަކަ ހުންނާތީ ބިރުވެރިކަން އުފެދޭ ކަމަށް ބުނެފައި ވެއެވެ. ކައިވެނިން ބޭރުން ހިންގާ ޖިންސީ ގުޅުންތަކަކީ ދީން ހުއްދަ ކުރާކަމެއް ނޫން ކަމުގައި އޮތް އޮތުމަކީ ވެސް މައްސަލައަކަށް ހަދާފައި ވެއެވެ.

މި ވާހަކަތައް ވަރަށް ގިނަ އިލްމުވެރިން ދައްކަވައިފިއެވެ. އަދި ސީދާ ރައީސް ސޯލިހާ ބައްދަލުކުރައްވާ ވެސް މި ހުރިހާ ވާހަކަތަކެއް ހިއްސާކޮށްފައި ވެއްޖެ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އިލްމުވެރިން ވަނީ ރައީސްގެ ފަރާތްޕުޅުން އުންމީދީ ވާހަކަތަކެއް އިވި ވަޑައިގެންނެވި ކަމަށް ވިދާޅުވެފައެވެ. އެއީ އޮކްޓޫބަރު މަހުގެ ނުވަ ވަނަ ދުވަހެވެ. އެއަށްފަހު ވެސް ކިހާ ދުވަހެއް ހެއްޔެވެ؟

ސައިކޮލޮޖީގައި އެއްބަސްވާ ގޮތެއް އޮވެއެވެ. ވާހަކައް ތިލަވުމަށް ފަހު 17 ދުވަހުގެ ތެރޭގައި އޮބިގެންދާނެ އެވެ. މިހާރު ދެން އެއަދު ހަމަވީ އެވެ. ސިޔާސީ ކަަންމުގައި އެއްބަސްވާ ގޮތެއް އޮވެއެވެ. ވާހަކަ ތިލަވެއްޖިއްޔާ މައުލޫ އަނބުރާލައި ޝައުވެރިކަން އެހެން ދިމާއަކަށް ބަދަލު ކޮށްލާނީ އެވެ. މިހާރު ފެންނަމުން މިދަނީ ވެސް އެ މަންޒަރެވެ.

އަދިވެސް އަޑު އިވެނީ އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ބަލާނެ ކަމަށް ވިދާޅުވާ ވާހަކަފުޅެވެ. އެކަމަށް އިތުރު ކަމެއް ނެތެވެ. ނަމަވެސް އެއާ ގުޅުވާލާ އެހެން ވާހަކަތަކުގެ އަޑު މަޖިލީހާއި ސަރުކާރާއި ޖުޑިޝަރިއާ ދިމާއިން އެބަ އާދެ އެވެ. މީ ސިޔާސީ ވެރިން ކަން ކުރާނެ ގޮތެވެ.

އެމްޑީއެންގެ ރިޕޯޓްގައި ހުރި ގޯސް ވާހަކަތަކާއި ގުޅިގެން ފުރަތަމަ އެ ޖަމިއްޔާއިން މައާފަށް އެދުނެވެ. އަދި އިލްމުވެރިންނާ މަޝްވަރާކޮށް އެ ގޯސްތައް ރަނގަޅު ކުރާނެ ކަމަށް ވެސް ބުންޏެވެ. ނަމަވެސް އޭގެ ފަހުން އެ ރިޕޯޓްގެ ދިފާއުގައި އެ ޖަމިއްޔާގެ މީހުން ނުކުތެވެ. އަދި އެކަމުގެ އަޑު ކަނޑުވާލަން މަސައްކަތް ފެށި އެވެ.

އެ އަޑުއިތުރަށް ގަދަވާން ފެށުމުން އަދި މުޒާހާރާތަކާ ބަޔާންތައް އަންނަން ފެށުމުން ދެން ކުރަން ފެށީ ޖަދަލެވެ. މި ހުރިހާ ކަމެއް ހިނގާއިރު ސަރުކާރު އެ އޮތީ ހަދާނެ ގޮތެއް ނޭންގިފަ އެވެ.

"އެމްޑީއެން ކިޔާ ޖަމިއްޔާއަކުން ނެރުނު ރިޕޯޓެއްގެ ދަށުވެފައި ސަރުކާރު މި އޮތީ. ލައްކައަށްވުރެ ގިނަ މީހުންގެ ތާއީދާއެކު އިންތިޚާބު ކުރެވުނު ސަރުކާރެއް މިހެން ޖަމިއްޔާއެއްގެ ދަށުވާނެ ކަމަށް ހިޔެެއް ނުކުރަން." އާންމުންގެ މީހަކު ލިޔެފައިވެއެވެ.