ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، ހައްދުފަހަނައަޅާފައިވާ ހަރުކަށި ޖަމާއަތެއް ކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) ރިޕޯޓެއް ނެރުނު މައްސަލަ ދިވެހިންގެ ސަމާލު ކަމަށް އައީ އޮކްޓޫބަރު 3، 2019 ގައެވެ. އެ ރިޕޯޓްގެ މައްސަލަ ދިވެހިންގެ ސަމާލު ކަމަށް ގެނައީ ދީނީ އިލްމުވެރިންނެވެ. އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފު ކުފުރު ވާހަކަތައް ލިޔެފައިވާ އެ ރިޕޯޓް އާންމުކުރީ ކުރީ ސަރުކާރުގައި އެ ރިޕޯޓް އާންމު ކުރަން ނުކެރި ތިބެ މި ސަރުކާރު އައުމުންނެވެ. އެ ރިޕޯޓްގެ މައްސަލާގައި ރާއްޖޭގެ 110 ކައުންސިލަކުން ބަޔާން ނެރުނެވެ. ރިޕޯޓް ލިޔުނު މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާ އެ ޖަމާއަތް ވަގުތުން އުވާލަން ގޮވާލިއެވެ. އެންމެ ސިޔާސީ ޕާޓީއެއް ނޫން ހުރިހާ ޕާޓީތަކުން ވެސް އެ ޖަމާއަތް ކުށްވެރިކޮށް ވާހަކަ ދެއްކިއެވެ. ހަރުކަށި އެ ޖަމާއަތުގެ މައްސަލާގައި މި ސަރުކާރުން އެންމެ ތެދެއް ވެސް ނުހަދާއިރު ހަދާފައި ވަނީ މުޅީން ދޮގެވެ.
އެ މައްސަލަ ހޫނުވެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރުގަދަ އިހުތިޖާޖުތައް ފެށުނެވެ. މަތިމައްޗަށް ދޮގު ހެދިޔަސް އެ މައްސަލަ ފިނިކޮށް ނިންމާ ނުލެވޭނެ ކަން އޭރުވެސް ސަރުކާރަށް ރަނގަޅަށް އެނގުނެވެ. އެންމެ ފަހުން ތިން އިލްމުވެރިން ހިމެނޭހެން ފުލުހުންގެ ޓީމަކުން މައްސަލަ ތަހުގީގު ކުރަން ފެށި އެވެ. މައްސަލަ ބެލުމަށްފަހު ނިންމީ ރިޕޯޓްގައި އިސްލާމްދީނަށް ފުރައްސާކޮށްފައި ވާތީ އެ ޖަމާއަތް އުވާލާށެވެ. އެ ނިންމުން އައީ މީގެ އެއް އަހަރު ކުރިން ޑިސެންބަރު 19، 2019 ގައެވެ.
ނަމަކަށް އެ އޮތީ އުވާލާފަ އެވެ. އެކަމަކު ހަރުކަށި ހައްދުފަހަނަ އަޅާފައިވާ އެ ޖެމައަތް ބަރާބަރަށް ބަސް ކިޔައި ހަރަކާތްތެރިވެ ހަދަ އެވެ. އޭރުގެ އެ ނިންމުމާ އެކުއެކީގައިވެސް އެ ޖަމާއަތުގެ އިސްވެރިން އިތުރަށް ހަރަކާތްތެރިވެ ފުޅާ ކުރި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރުގަދަ އިންޒާރެއްވެސް ދެއްވި އެވެ. ރައީސް ސާލިހު ދެން ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނީ ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރް) އާ ކަމަށް ބުނެ އިންޒާރު ދިނެވެ. -- ޔުނިވާސަލް ޕީރިއަޑިކް ރިވިއު އަކީ ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތު ހުރި މިންވަރު ބެލުމަށް ބާއްވާ ސެޝަނެކެވެ.
އެމްޑީއެންގެ ހައްދު ފަހަނައަޅާފައިވާ ހަރުކަށި ރިޕޯޓްގައި ދީނާއި ހިލާފު ވަރަށް ގިނަ ވާހަކަތައް ހިމަނާފައި ވެއެވެ. މާތް ﷲ ގެ މަތިވެރި ޒާތުފުޅާއި، އެ އިލާހުގެ ސިފަފުޅުތަކާމެދު ޝައްކު އުފެއްދުމުގެ އިތުރުން ﷲ ވޮޑިގެންވާކަމީ ޝައްކެއް އޮތްކަމެއް ނޫންކަމަށް ބުނެފައި އޮތުމުން، އެކަމަށް އިންކާރު ކޮށްފައިވެއެވެ. އަދި ކީރިތި ރަސޫލާގެ ހަދީސްފުޅުތަކުގައިވާ ކަންކަމަށް ޝައްކު އުފައްދައި އެ ބަސްފުޅުތައް ދޮގުކޮށް، އިސްލާމީ ޝަރީއަތަކީ އުނި، ޒަމާނަށް ނުފެތޭ އެއްޗެއްކަމުގައި ދެއްކުމަށް މަސައްކަތް ކޮށްފައި ވެއެވެ.
ކީރިތި ގުރްއާނަށް އެއްވެސް އުނި އިތުރުކަމެއް އައިސްފައި ނުވާ ކަމަށް ބުނާ ވާހަކައަކީ، ހަމައެކަނި މުސްލިމުންގެ ޚިޔާލުކަމުގައްޔާއި، އެއީ ތެދު ހަގީގަތެއް ނޫން ކަމަށް ބުނެ ދޮގު ބުހުތާނު ވާހަކަތައް ލިޔެފައި ވެއެވެ. އަމިއްލަ ނަފްސަށްވުރެ ބޮޑަށް ކީރިތި ރަސޫލާއަށް ލޯބިވާން ޖެހޭނެ ކަމަށް އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމާއި އެކަލޭގެފާނަށް ފާޑު ކިޔުމީ ވެސް ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ތެރެއިން އޮންނަންޖެހޭ ފުރުސަތެއް ކަމަށް ބުނެ، ޝައިތާނީ ވާހަކަތައް ލިޔެފައި ހުއްޓެވެ.
ކައިވެނިން ބޭރުން ހިނގޭ ޖިންސީ ގުޅުންތަކަކީ ދީން ހުއްދަ ކަމަކަށް ނުވާތީ ކަންބޮޑުވުން ފާޅުކޮށްފައިވެސް ވެއެވެ. ހައްދުތަކާއި ގިސޯސްއާއި މަރުގެ ހުކުމާއި ދެކޮޅު ހަދައި އިސްރާއާއި މިއުރާޖުގެ ދަތުރުފުޅަކީ ފުލޯކު ވާހަކައެއް ކަމަށް ސިފަ ކޮށްފައި ވެއެވެ. ހުކުރު ހުތުބާތަކުގައި ނަރަކަ އާއި ކައްވަޅާއި، އަމަލުތަކުގެ ފަތުގެ ވާހަކަ ހުންނާތީ އޭގެ ސަބަބުން ބިރުވެރިކަން އުފެދޭ ކަމަށް ބުނެވެސް ތަފާތު ވާހަކަތައް ލިޔެފައި އޮތެވެ. މިއީ ހަރުކަށި ހައްދުފަނައަޅާފައިވާ ބަޔަކު ގަސްތުގައި ދިވެހިންގެ އިސްލާމީ ވަންތަ ކަމަށް ޖެހި ގޮނެކެވެ. މިއީ ދިވެހި ތާރީހުގައި ވެސް ދިވެހިންގެ ގޮތުގައި ތިބެ ކޮށްފައިނުވާ ފަދަ މުޑުދާރު ހުތުުރު އަމަލެކެވެ.
މި ދަރަޖައިގެ ޖާހިލު ރިޕޯޓެއް ނެރުމުގައި އެކި ސިފަސިފާގައި ބައިވެރި ކަމަށް ތުހުމަތު ކުރެވޭ އަދި އެމްޑީއެންގެ އިސް މަގާމުތަކުގައި އިސްކޮށް ތިބި ބައެއް މީހުން މިހާރުވެސް ރައްޔިތުންގެ މާލިއްޔަތުން މުސާރަ އާއި އިނާޔަތް ނަގައިގެން އިސް މަގާމުތަކުގައި އެބަ ތިއްބެވެ. ހައްދު ފަހަނައަޅާފައިވާ އެ ރިޕޯޓާއި ގުޅިގެން އެ ޖަމާއަތުގެ ބައެއް މީހުން ހޯދަން އާންމު އިއުލާނު ކުރި ނަމަވެސް މިއަދާ ހަމައަށް އެއިން އެއްވެސް މީހަކު ފުލުހަށް ހާޒިރު ކުރެވިފައެއް ނުވެއެވެ. އެއިން މީހެއްގެ ބަޔާނެއް ވެސް ނެގިފައެއް ނުވެއެވެ.
ނަމަވެސް ދައުލަތުން އިންތިޒާމް ކުރާ ބައެއް ފޯޯރަމްތަކުގައި ރާއްޖެއިން ބޭރުގައި ތިބެގެން ވެސް އެ މީހުން ބައިވެރިވެ އެވެ. ހުރަހެއް ނޯވެ އެވެ. މިއީ ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ރާވައިގެން ހިންގަމުންދާ ނުބައި ޖަރީމާއެކެވެ. ގަސްތުގައި އެފަދަ މީހުންގެ ނުބައި އަމަލުތަކަށް ހިތްވަރު ދެނީއޭގެ ބުނެވޭނެ ހުރިހާ ކަމެއް ފުރިހަމަ ވެއެވެ.
އެމްޑީއެން ރިޕޯޓްގެ މައްސަލަ ތަހުގީގު ކުރާތާ ވެސް އަހަރު ދުވަސްވީ އެވެ. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެކި ފަރާތްތަކުން ވަނީ މައްސަލައިގެ ތަހުގީގު އޮތް ހިސާބެއް ހޯދަން ފުލުހުންނާއި ސުވާލު ކޮށްފަ އެވެ. ރާއްޖޭގެ އިލްމުވެރިން ވަނީ ފުލުހުންނާއި ބައްދަލުކޮށް އެކަމާ މަޝްވަރާއާ ސުވާލުތައް ކޮށްފައެވެ. ގިނަ ޖަމިއްޔާތަކެއް އެކުވެގެން އުފައްދާފައިވާ "ރައްޔިތުންގެ އިއްތިހާދު" ން ވެސް ވަނީ ފުލުހުންގެ ކިބައިން އެކަމަށް އެދިފައެވެ. އެކަމަކު މިއަދާ ހަމައަށްވެސް އެމްޑީއެންގެ ރިޕޯޓް ލިޔުނު ހަރުކަށި ހައްދުފަހަނަ އަޅާފައިވާ ފިކުރުގެ މީހުންގެ މައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބެއް ސާފު ކޮށްދީފައެއް ނުވެއެވެ. އެ ވާހަކަ ދައްކަން ވެސް ސަރުކާރާއި ފުލުހުން ވެސް ބޭނުމެއް ނުވެއެވެ. ކޮންމެވެސް ސަބަބެއް އޮވެގެން މިކަމުގައި ފަހަތު ފަޔަށް އެބަ ބުރަވެ އެވެ. އެކަމެއް ހޯދައި ލިޔުމަކީ އަދި އެހެން ކަމެކެވެ.
ޔޫތު މިނިސްޓްރީ އާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށް މިކަން ބޮޑެއް ނުވެއެވެ؛ އެ ޖަމާއަތުން ރާއްޖޭގެ ސިޔާސީ ކަންކަމަށް ބަސް ކިޔާ ބަޔާންތައް ވެސް ނެރޭއިރު ބަލަހައްޓަވައިގެން ހުންނަވަނީ އެހެން ވެގެނެވެ.
އެ ޖަމާއަތުގެ ހަރަކާތްތައް ފުޅާކޮށް އެ ޖަމާއަތަށް ރާއްޖޭގައި ބިރުވެރިކަން އޮތް ކަން ބޭރު ދުނިޔެއަށް ދެއްކުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އަލުން ރާއްޖޭގައި ހަރަކާތްތެރި ވެވޭނެ ގޮތެއް ހޯދަން ކެނޑިނޭޅި ދަނީ މަސައްކަތް ކުރެ އެވެ. އެކަމަކު އެމްޑީއެންގެ ހަގީގަތް ބޭރު ދުނިޔެއަށް ސާފުކޮށްދީ އެއީ ހަރުކަށި ޖަމާއަތެއް ކަމަށް ބުނަން ސަރުކާރު އޮތީ ނުކުޅެދިފަ އެވެ. އަދި އެމްޑީއެން އުވާލިއިރު އެ ޖަމާއަތުގެ އިސް މަގާމުތަކުގައި ތިބި މީހުންގެ ތެރެއިން ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި މީހުން މަގާމުތަކުން ދުރުކުރުމަށް ވެސް ސަރުކާރަކަށް ނުކެރުނެވެ.
އެމްޑީއެންއިން އިސްލާމްދީނަށް ފުރައްސާރަކޮށް މާތްﷲ އާއި އެކަލާންގެ ރަސޫލާއަށް ބަދުބަސްތައް ރައްދުކޮށް މުރުތައްދުވެ ތިބެ ނެރުނު ރިޕޯޓްގެ މައްސަލަ ނުބެލި އަހަރު ދުވަސްވީއިރު އެ ބާވަތުގެ އެހެން ރިޕޯޓެއް ތައްޔާރު ކޮށްގެން "އުތެމަ" ކިޔާ ޖަމާއަތެއް ވަނީ ފާޅުވެފަ އެވެ. އެ ޖަމާއަތުން އެމްޑީއެންގެ ރިޕޯޓް ދިފާއުކޮށް އެ ރިޕޯޓް އަލުން ނެރެ ހިރަފުސްފޮޅާލާ ދުނިޔެއަށް ދެއްކުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެ ޖަމާއަތާއި ދެކޮޅަށް ދިވެހިން ތެދުވެ އަޑުއުފުލި ނަމަވެސް އެ މައްސަލާގައި ވެސް ސަރުކާރަށް އެޅުނު ފިޔަވަޅެއް ވެސް ކުރެވުނު ކަމެއް ވެސް ބުނެވުނު ބަހެއް ވެސް ނެތެވެ.
ރާއްޖޭގައި ދީނަށް ފުރައްސާރަ ކުރުމާއި އިސްލާމްދީނުގެ އަސްލުތަކާއި އުސޫލުތަކާއި ހިލާފަށް އުޅުން އާންމު ވަމުން ދާއިރު ހައްދުފަހަނަ އެޅި ހަރުކަށި މިފަދަ ޖަމާއަތްތަކުން އެ ގެންދަނީ އޭގެ މާ އުހުން އޮޕަރޭޓް ކުރަމުންނެވެ. ބޭނުމަކީ ރާއްޖެއިން އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ އަލިކަން ގެއްލުވައިލުމެވެ. އިސްލާމްދީން ނޫން ދީނަކަށް ރާއްޖޭގައި ފުރުސަތު ނެތުން ނިމުމަކަށް ގެނައުމެވެ. އެ ވާހަކަތައް ހިމަނާ ފާޅުގައި ރިޕޯޓް ނެރެ އާންމު ކުރުމަކީ އެ މަސައްކަތުގައި އެ މީހުން އެޅި ބޮޑު ފިޔަވަޅެކެވެ.
އެކަންކަމާއި ދެކޮޅަށް ރައްޔިތުން ތެދުވެ އަޑު އުފުލި ނަމަވެސް ދައުލަތުން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު ނާޅައިފިނަމަ މިއަށްވުރެ މާ ނުރައްކާތެރި އަދި މާބޮޑަށް ހައްދުފަހަނައެޅި އަމަލުތަކެއް އެފަދަ ޖަމާއަތްތަކުން ކުރާނެ އެވެ. އަހަރު ދުވަސްވީއިރު އެ ޖަމާއަތް ހަމައެކަނި "ނަމެއްގައި" އުވާލުމުންނެއް ނުފުދެ އެވެ. ފަށާފައިވާ ތަހުގީގު ނިންމާ މުރުތައްދު ރިޕޯޓް ލިޔުނު މީހުންނަށް ހަރުކަށި އަދަބު ދޭން ޖެހެއެވެ. މި ރާއްޖޭގައި އެމްޑީއެން އާއި އެ ޖަމާއަތަށް ވާގިވެރިވާ އެއްވެސް ޖަމާއަތަކަށް ކުޑަވެސް ފުރުސަތެއް ދީގެން ނުވާނެ އެވެ. އެހެން އެކަން ނުވެއްޖެނަމަ މާދަމާ ކުރިމަތިލާން ޖެހޭ ނުރައްކާ މާ ބޮޑުވާނެ އެވެ.