ދިވެހި ފުލުހުންގެ ހިދުމަތުގެ އާ ގާނޫނަށް މިއަދު ވަނީ އަމަލު ކުރަން ފަށާފައެވެ. ލުހުންގެ ހިދުމަަތުގެ ބިލް ފާސްކޮށްފައިވާ ޑިސެންބަރު 6، 2020 ވީ އާދީއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައެވެ. އެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވީ ޑިސެންބަރު 27، 2020 ގައެވެ. ގާނޫނު ބުނާ ގޮތުން ބިލް ތަސްދީގު ކުރާތާ ތިން މަސް ދުވަސްތެރޭ އަމަލު ކުރަން ޖެހެއެވެ. އެހެން ކަމުން މިއަދުން ފެށިގެން އާ ގާނޫނަށް އަމަލު ކުރަން ފަށާނެ އެވެ.
ބިލުގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި، ފުލުހުންގެ ހިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ބާރުތައް ބަޔާންކޮށްފައިވެއެވެ. މި ބިލުން ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެހައި ކަންކަމަކީ ގާނޫނުއަސާސީއާއި، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ހައްގުތަކާއި ކަރާމަތަށް އިހްތިރާމުކުރުމާއެކު ގާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ހިދުމަތެއްކަން ކަށަވަރު ކުރުމާއި، ވަކިފަރާތަކަށް ޖެހުމެއްނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި، ހަމަހަމަކަމާއެކު ގާނޫނު ނަގަހައްޓައި އަދި ތަންފީޒުކުރުމާއި، އަމާންކަމާއި ދާހިލީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުން ކުރަންޖެހޭ ކަންކަން ކުރުމުގެ ގާނޫނީ ބާރާއި އިހްތިޔާރު ފުލުހުންނަށް ފޯރުކޮށްދިނުން ހިމެނެއެވެ.
ހަމައެހެންމެ، ރައްޔިތުންނާ ގުޅިގެން ހިދުމަތްދިނުން އިސްކޮށް، ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުމުގެ ވައްޓަފާޅި ފުލުހުންގެ ހިދުމަތުގެ އެންމެހައި މުވައްޒަފުންގެ ކިބައިގައި އަށަގެންނެވުމާއި ފުލުހުންގެ ހިދުމަތުގެ އަމާޒާއި މަގްސަދާއި މަސްއޫލިއްޔަތާއި ހިދުމަތާއި ބާރާއި އިހްތިޔާރުތައް ގާނޫނުއަސާސީއާއި އިންސާނީ ހައްގުގެ ހަމަތަކުގެ ތެރެއިން އެކަށައަޅައި ބަޔާންކުރުމާއި ދިވެހި ފުލުހުންގެ ހިދުމަތަކީ ލާމަރުކަޒީ އުސޫލުން ފޯރުކޮށްދޭ ހިދުމަތަކަށް ހެދުންވެސް މިބިލުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ބިލު ގާނޫނަކަށްވެ މިއަދު އަމަލުކުރަން ފެށުމާއެކު ފުލުހުންގެ ގާނޫނު ގެ ދަށުން ގާއިމުކުރެވިފައިވާ "މޯލްޑިވްސް ޕޮލިސް ސާވިސް" މި ގާނޫނުގެ ދަށުން އުފައްދާ "ދިވެހި ފުލުހުންގެ ހިދުމަތް" އަށް ބަދަލުވީއެވެ. ނަމަވެސް އަދިވެސް އިނގިރޭސި ބަހުން ބޭނުންކުރާނެ ނަމަކީ "މޯލްޑިވްސް ޕޮލިސް ސާވިސް" އެވެ.
ފުލުހުންގެ ހިދުމަތުގެ ހާއްސަ ސިފަތަކުގެ ތެރޭގައި ފުލުހުންނަކީ ދިވެހި ސިވިލް ސާވިސްގައި ނުހިމެނޭ މަދަނީ އަދި ސަލާމަތީ ހިދުމަތެއްގެ ގޮތުގައި ހިމެނުމާއި މުޅި ދިވެހިރާއްޖެއަށް އިންތިޒާމުކުރެވިގެންވާ އެއް ހިދުމަތެއްގެ ގޮތުގައި ހިމެނުމާއި އިދާރީ ގޮތުން ހިންގުން ލާމަރުކަޒީކޮށް އިންތިޒާމުކުރެވިފައިވާ އަދި ވަޒީފާއާބެހޭ ގާނޫނުން އިސްތިސްނާ ލިބިގެންވާ ހިދުމަތެއްގެ ގޮތުގައި ވަނީ ކަނޑައެޅިފައެވެ.
ފުލުހުންގެ ހިދުމަތުގެ ބިލް މަޖިލީހަށް ހުށައެޅުމާއެކުހެން އެ ބިލްގެ ހަގީގީ މަގުސަދާމެދު އިިދިކޮޅުން ވަރަށް ބޮޑަށް ސުވާލު އުފެއްދިއެވެ. ބިލް ފާސްވެގެންދިޔައީ އިދިކޮޅުގެ އެއްވެސް ބައިވެރިވުމެއް ނެތިއެވެ. ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވަނީ ބިލާ ދެކޮޅު ހައްދަވާ ބިލް ފާސްކުރެއްވުމާ ދެކޮޅަށް ވޯޓް ދެއްވާފައެވެ. އެއީ ބިލްގައި ކަންބޮޑުވާ ކަންތައްތަކެއް ހުރުމުންނެވެ.
މި ބިލްގެ މަސައްކަތް ފުރަތަމަ ކޮމެޓީ މަރުހަލާގައި ބިލަށް މުހިންމު ބަދަލުތައް ގެނެސް ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދާދިނެވެ. ބިލުގެ ހުރިހާ ކަމެއްހެން ފުރިހަމަކޮށް ވަށައި ޖެއްސިއެވެ.
ނަމަވެސް އެކަން ބަދަލުވެގެން ދިޔައީ ބިލް ފާސްކުރަން ވަގުތު ކުޑަތަން ވެފައިވަނިކޮށް މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށައެޅުއްވި އިސްލާހުންނެވެ. އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާމެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭނެ އެވެ.
ޕޮލިސް ބޯޑުން މައްސަލަތައް ބަލާނީ ލާއިންސާނީ އަމަލުތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ އޮފިސަރުންގެ މައްސަލަތަކެވެ. އަދި އެ މައްސަލަތައް ބަލައި ނިންމައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ބޭފުޅުން މަގާމުގައި ދެމިތިބޭނެ އެވެ.
ފުލުހުންގެ އިސް އޮފިސަރުންގެ މައްސަލަތައް ބެލުމުގައި ޕޮލިސް ބޯޑުން ރިއާޔަތް ކުރަންޖެހޭ ކަންތައްތައް ވެސް އެ އިސްލާހުގައި ހިމެނެ އެވެ. އޭގެ ތެރޭގައި އެ އޮފިސަރެއްގެ ތައުލީމީ ފެންވަރާއި ސުލޫކާއި ފުލުހުންގެ ތެރޭގައި އޭނާ އަދާ ކުރާ ދައުރާއި ހިދުމަތް ކުރި މުއްދަތާއި އޭނާއާ މެދު ކުރެވޭ ތުހުމަތުގެ ބާވަތަށް ބަލަން ޖެހެ އެވެ.
އީވާގެ އިސްލާހުގައިވާ ގޮތުގައި އޮފިސަރަކާ ދެކޮޅަށް ޕޮލިސް ބޯޑަށް ކުރެވޭ ތުހުމަތުތައް މަދަނީ މިންގަނޑަކުން ސާބިތުވާ ނަމަ އަދި އެ އޮފިސަރަކީ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ގާބިލުކަން ނެތް ބޭފުޅެއް ކަމަށް ބޯޑަށް ފެންނަ ނަމަ، ވަޒީފާއިން ވަކިކުރަން ބޯޑަށް ނިންމިދާނެ އެވެ.
ޕޮލިސް ބޯޑްގައި ހިމެނޭނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، އާންމުކޮށް ހުޅުވާލެވިގެން ހޮވާ އާންމު ރައްޔިތުންގެ ތެރެއިން ދެ މެންބަރެކެވެ. އެ ދެ މެންބަރުން ބޯޑަށް ހޮވަނީ މަޖިލީހުން އިއުލާން ކުރުމުން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޖިލީހުން ނަންތައް ދިރާސާކޮށް މަޖިލީހުން ފާސްކުރާ ދެ ނަމެކެވެ. މަޖިލީހުން މިހާރުވެސް ވަނީ އެ މަސައްކަތް ފަށާފައެވެ. އަދި ބޯޑަށް އައްޔަން ކުރަން މިހާތަނަށް އެއް ބޭފުޅަކަށް ރުހުން ދީފައިވެއެވެ.
އެއީ އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ހާމިދު އަބްދުލް ޣަފޫރު އެވެ. ނަމަވެސް އެ ބޯޑް މެންބަރުކަމަށް ހާމިދުގެ އިތުރުން ފަސް ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެއީ ލަބީގު މުހައްމަދު މާހިދު އާއި ޒުބައިރު އަހުމަދު މަނިކު އާއި ޒީނަތު އަލީގެ އިތުރުން އަލީ މުހަައްމަދު މަނިކެވެ. ނަމަވެސް އެއިން އެއް ބޭފުޅަކަށް ރުހުން ދޭން މަޖިލީހަށް ނުފެނުނެވެ. އެހެން ކަމުން އަލުން މެންބަރު ކަމަށް އޮތީ ހުޅުވާލާފައެވެ. ބޯޑަށް މެންބަރުން ހޮވުމުގައި މަޖިލީހުން މިހާރު އަމަލު ކުރަމުންދާ ގޮތުންވެސް ގާނޫނާމެދު އިތުރަށް ވަނީ ސުވާލު އުފެދިފައެވެ.
ބިލުގެ ބޭނުމަކީ ބަދަލު ހިފުންތަ؟
ދިވެހި ފުލުހުންގެ ހިދުމަތުގެ އާ ގާނޫނު މަޖިލީހަށް ހުށައެޅުމާއެކުވެސް ބޮޑެތި ތުހުމަތުތަކެއް ކުރެވުނެވެ. އެއީ ރައީސް ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ބަދަލުވި ބަދަލުވިއިރު އެކަމުގެ ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ފުލުހުންގެ މައްސަލަތައް ބަލާ ފިޔަވަޅު އަޅާ މުއައްސަސާއިން ވަކިކުރަން ފުރުސަތު ހޯދުން ކަމަށް ކުރެވުނު ތުހުމަތެވެ.
ބޯޑެއް އެކުލަވާލާ ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލަން ބިލްގައި ކަނޑައެޅީ ބަދަލު ހިފަން ފުރުސަތު ހޯދަން ކަމަށް އިދިކޮޅުގެ މެންބަރުން ދެކެއެވެ.
ނަަމަވެސް އެ ތުހުމަތުތަކަށް ރައީސް ނަޝީދު ޖަވާބު ދެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ބިލާއެކު ފުލުހުންގެ މުއައްސަސާއަށް އިންގިލާބީ ބަދަލެއް އަންނާނެ އެވެ. ފުލުހުންގެ ހިދުމަތް ޒަމާނީވެ، ރައްޔިތުންގެ އިތުބާރާއި ގަދަރު ލިބިފައިވާ މުއައްސަސާއަކަށް ވާނެ އެވެ.
އެއްވެސް ހާލެއްގައި މިއީކީ އެއްވެސް ފުލުސް އޮފިސަރަކަށް ވެސް ފުލުހުންގެ އާދައިގެ މީހަކަށް ވެސް ހާއްސަކޮށް އަމާޒުވެ، ދެކޮޅު ހެދުން. ބަދަލު ހިފުން. ޖަދަލު ކުރުން. މިއިން އެއްވެސް ނިޔަތެއްގައި އެކުލަވާލެވިފައިވާ ބިލެއް ނޫން،މުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލީހުގެ ރައީސް
ނަމަވެސް އޭގެ ފަހުން އެމަނިކުފާނު ވަނީ މުޅީންހެން ރާގު ބަދަލުކުރައްވާފައެވެ. ވިދާޅުވީ ފެބްރުއަރީ 7، 2012 ގައި ފުލުހުން ނުކުމެ ހިންގި ކަންކަން އެއީ ނުހިނގާ ކަމެއްގެ ގޮތުގައި ދެކެ ފުލުހުންގެ ގާނޫނަށް އިސްލާހު ގެންނަން ވިސްނައިފިނަމަަ އެއީ ޒަމާންތަަކެއް ވަންދެން ރާއްޖެއަށް ދެވޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އީވާގެ އިސްލާހު އައީ އޭގެ ފަހުންނެވެ. އަދި ބިލް ފާސްވެ ތަސްދީގު ކުރެވި މިއަދު އަމަލު ކުރަން ފެށިފައިވަނީ އެ އިސްލާހާ އެކުގައެވެ.
އިދިކޮޅު މެންބަރުން ވިދާޅުވާ ގޮތަށް މި ބިލަކީ ބަދަލު ހިފުމުގެ ބިލެކެވެ. އަދި ފެބްރުއަރީ ހަތެއްގައި ބަޣާވާތް ކުރި ކަމަށް ބުނެ، އެކަމުގެ ހަސަދަ ފިލުވައިލުމެކެވެ.
"އަޅުގަނޑަށް މަނިކުފާނު ވެސް އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިއަދު ފުލުހުންގެ ޔުނީފޯމުގައި ހުންނަތަން މި ފެންނަނީ. އެމްޑީޕީގެ ޖަގަހައަކަށް މި ތަން [ފުލުހުންގެ މުއައްސަސާ] ބަދަލުވެގެން ދާތަން އަޅުގަނޑުމެންނަށް ފެންނަނީ. ބަދަލު ހިފުމަކުން ލިބޭނެ ފޮނި ނަތީޖާއެއް ނޯންނާނެ" މާވަށު ދާއިރާގެ އިދިކޮޅު މެންބަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.
ފުލުހުންގެ އެހެން ކަންބޮޑުވުމެއް
ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއެކު މިހާރު ބޭނުންކުރާ ބައެއް ރޭންކުތައް އުވިގެން ގޮސްފައިވެއެވެ. އާ ގާނޫނާއެކު މިހާރު ބޭނުންކުރާ 15 ރޭންކުގެ ބަދަލުގައި އާ ގާނޫނުގައި ކަނޑައެޅިފައިވަނީ 11 ރޭންކެވެ. މިބަދަލާއި އެކު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިން ފެށިގެން ދަށުގެ ރޭންކުތަކަށް ގްރޭޑް ކަނޑައެޅުމަށްވެސް ގާނޫނު ލާޒިމުކުރެއެވެ.
ފުލުހުން ބުނީ އާ ގާނޫނުގައި ބަޔާންކުރާ ރޭންކުތަކަށް މުވައްޒަފުން ކަނޑައެޅުމުގެ އިދާރީ މަސައްކަތް ފަށައިފި ކަމަށެވެ. އަދި ރޭންކުތަކާއި ގްރޭޑްތަކަށް މުވައްޒަފުން ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާއިރު އެކަމާ ގުޅޭ މައުލޫމާތު ފުލުހުން ވަނީ ރޭ މުވައްޒިފުންނާއި ހިއްސާކޮށްފައެވެ. އެ މައުލޫމާތުތަކާއެކު ބައެއް ފުލުހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ބައެއް ރޭންކުތައް އުވި އަދި ރޭންކުތައް އަލުން ގުރޭޑް ކުރުމުން ބައެއް ފުލުހުންނަށް މަގާމުގެ ކުރިއެރުން ގެއްލި ވަޒީފާ ދަށްވާ ގޮތްވެއެވެ. މުސާރައަށް ބަދަލު ނައި ނަމަވެސް މަގާމުގެ ހައިސިއްޔަތު ގެއްލި މަގާމު ދަށްވާނެ އެވެ. ފުލުހުންގެ ކަންބޮޑުވުމަކީ އެއީއެވެ.
އާ ގާނޫނަށް އަމަލުކުރަން ފެށުން ކޮމިޝަނަރު އޮޕް ޕޮލިސް ސިފަކުރެއްވީ ރައްޔިތުން އުންމީދުކުރާފަދަ މުއައްސަސާއަކަަށް ފުލުހުންގެ މުއައްސަސާ ވުމަށް ފެށި މުހިންމު ދަތުރެއްގެ ގޮތުގައެވެ. އުވިދިއަ ގާނޫނުގެ ދަށުން މިއަދާ ހަމައަށް ވަޒީފާގައި ތިބި ހުރިހާ ފުލުހުން އައު ގާނޫނުގައި ކަނޑައެޅިފައިވާ ފުލުހުންގެ ހުވާ މިއަދު ކުރާނެ ކަމަށް ސީފީ ވިދާޅުވިއެވެ. އާ ގާނޫނު ފާސްވުމަކީ މުއައްސަސާއަށް އިތުބާރު ހޯދަން ލިބުނު ވަރަށް ބޮޑު ބާރެއް ކަމަށް ހޯމް މިނިސްޓަރުވެސް ވަނީ ވިދާޅުވިއެވެ.
ފުލުހުން ބުނީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއެކު ގެންނަން ޖެހޭ ބަދަލުތައް ގެންނަން ފަށާފައިވާ ކަމަަށެވެ. އަދި ގެންނަ ބަދަލުތައް އާންމުންނާއި ހިއްސާ ކުރަމުން ގެންދާނެ ކަމަށެވެ. އެެހެންވީމަ ދެން އޮތީ އާ ގާނޫނުން ނިކުންނަ ނަތީޖާއަކަށް ބަލަން ތިބުމެވެ. ގާނޫނުން ބަދަލު ހިފަން ފުރުސަތު ހޯދާ އެ ފުރުސަތު ބޭނުން ކުރޭތޯ ބަލަން ތިބުމެވެ. އަދި ޕޮލިސް ބޯޑް އެކުލަވާލާ ގޮތާއި އެ ބޯޑަށް އައްޔަން ކުރާ މެންބަރުން އަދި މަސައްކަތް ކުރިއަށްދާ ގޮތް ބަލަން ތިބުމެވެ.