ޕޮލިސް ބޯޑް

ޕޮލިސް ބޯޑް ދާނީ ކޮން މިސްރާބަކަށް؟

ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމާއެކު އާ ބިލެއް ގެނައުމުގެ މަގުސަދާމެދު އިދިކޮޅުން ވަރަށް ބޮޑަށް ވަރަށް ސުވާލު އުފެއްދި އެވެ. އަދި ފުލުހުންގެ ހިދުމަތުގެ އާ ގާނޫނެއް ވުޖޫދު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ބައެއް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. އާ ބިލްގައި ހުރި ބައެއް ކަންކަމާއި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރި މެންބަރުން މަޖިލީހުގައި ވެސް ތިއްބެވި އެވެ. ނަމަވެސް ބިލްގައި ފުލުހުންގެ މުއައްސަސާއަށް އަދި ފުލުހުންނަށް ވެސް ވަަރަށް މުހިންމު ކަންތައްތަކެއް ހިމަނާފައިވުމުން ކޮމެޓީ މަރުހަލާގައި ބައެއް ބަދަލުތައް ގެނެސް އެ ބިލަކީ ފުރިހަމަ ބިލަކަށް ހެދިދާނެ ކަމަށް ބިލާމެދު ކަންބޮޑުވުން ފާޅުކުރެއްވި ބައެއް މެންބަރުން ގަބޫލު ކުރެއްވި އެވެ.

\ކޮމެޓީ މަރުހަލާގައި މުހިންމު ބަދަލުތައް ބިލަށް ގެނެސްފައި ވެއެެވެ. އަދި ބިލުގެ ހުރިހާ ކަމެއްހެން ފުރިހަމަކޮށް ވަށައިވެސް ޖެއްސި އެވެ. ނަމަވެސް ކޮމެޓީން ބިލަށް ގެނައި ބަދަލުތަކާއެކު މަޖިލީހުގެ ތަޅުމުން ބިލް ފާސް ކުރަން ތައްޔާރުވެފައިވަނިކޮށް އާ އިސްލާހެއް ގެނައެވެ. އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާމެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭނެ އެވެ.

ޕޮލިސް ބޯޑުން މައްސަލަތައް ބަލާނީ ލާއިންސާނީ އަމަލުތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ އޮފިސަރުންގެ މައްސަލަތަކެވެ. އަދި އެ މައްސަލަތައް ބަލައި ނިންމައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ބޭފުޅުން މަގާމުގައި ދެމިވެސް ތިބޭނެ އެވެ.

ފުލުހުންގެ އިސް އޮފިސަރުންގެ މައްސަލަތައް ބެލުމުގައި ޕޮލިސް ބޯޑުން ރިއާޔަތް ކުރަންޖެހޭ ކަންތައްތައް ވެސް އެ އިސްލާހުގައި ހިމެނެ އެވެ. އޭގެ ތެރޭގައި އެ އޮފިސަރެއްގެ ތައުލީމީ ފެންވަރާއި ސުލޫކާއި ފުލުހުންގެ ތެރޭގައި އޭނާ އަދާ ކުރާ ދައުރާއި ހިދުމަތް ކުރި މުއްދަތާއި އޭނާއާ މެދު ކުރެވޭ ތުހުމަތުގެ ބާވަތަށް ބަލަން ޖެހެ އެވެ.

މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ގެންނެވި އާ އިސްލާހުގައިވާ ގޮތުގައި އޮފިސަރަކާ ދެކޮޅަށް ޕޮލިސް ބޯޑަށް ކުރެވޭ ތުހުމަތުތައް މަދަނީ މިންގަނޑަކުން ސާބިތުވާ ނަމަ އަދި އެ އޮފިސަރަކީ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ގާބިލުކަން ނެތް ބޭފުޅެއް ކަމަށް ބޯޑަށް ފެންނަ ނަމަ، ވަޒީފާއިން ވަކިކުރަން ބޯޑަށް ނިންމި ދާނެ އެވެ.

ޕޮލިސް ބޯޑްގައި ހިމެނޭނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، އާންމުކޮށް ހުޅުވާލެވިގެން ހޮވާ އާންމު ރައްޔިތުންގެ ތެރެއިން ދެ މެންބަރެކެވެ. އެ ދެ މެންބަރުން ބޯޑަށް ހޮވަނީ މަޖިލީހުން އިއުލާން ކުރުމުން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޖިލީހުން ނަންތައް ދިރާސާކޮށް މަޖިލީހުން ފާސްކޮށްގެނެވެ.  

މަޖިލީހުން ޕޮލިސް ބޯޑަށް އައްޔަން ކުރާ ދެ މެންބަރުން މިހާރު ވަނީ ކަނޑައަޅާފަ އެވެ. ދެ ފަހަރެއްގެ މަތިން ފުރުސަތު ހުޅުވާލުމުން ފުރަތަމަ ފަހަރު ފަސް ބޭފުޅެއް، ދެވަނަ ފަހަރުވެސް ފަސް ބޭފުޅަކު ކުރިމަތިލެއްވި އެވެ. ނަމަވެސް ކޮމެޓީއަށް ފެނިވަޑައިގަތީ އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުން ހާމިދު އަބްދުލްޣަފޫރާއި ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމުގައި މަަސައްކަތް ކުރެއްވި ސަފާ ޝަރީފަށް ރުހުން ދޭށެވެ. ކޮމެޓީން ނިންމި ގޮތަށް އެ ދެ ބޭފުޅުންގެ ނަން ވަނީ ފާސް ކޮށްފަ އެވެ.

ފުލުހުންގެ އާ ގާނޫނެއް ގެނައުމާމެދު ސުވާލު އުފެއްދި މެންބަރުން ވަނީ ޕޮލިސް ބޯޑަށް މަޖިލީހުން ރުހުން ދިން ދެ ދެ ބޭފުޅުންނާމެދު ސުވާލު އުފައްދާފަ އެވެ. އަދި ޕޮލިސް ބޯޑް އެކުލެވިގެންވާ ގޮތާއި ބޯޑަށް ދީފައިވާ ބާރުތަކާމެދު ސުވާލު އުފައްދާ މެންބަރުން ވެސް އެބަތިއްބެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމަކީ ފުލުހުންގެ އާ ގާނޫނުގައި ހުރި ބައެއް މާއްދާތަކާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވި މެންބަރެކެވެ. އުޝާމް ވިދާޅުވި ގޮތުގައި އާ ގާނޫނުގައި ޖުމްލަކޮށް ހުރީ ވެސް މުހިންމު ކަންކަމެވެ. އަދި އެ ގާނޫނު ވެސް މުހިންމެވެ. ނަމަވެސް ޕޮލިސް ބޯޑުގައި އާންމުންގެ ފަރާތުން ތަމްސީލު ކުރާ ބަޔަކު ތިބުމަކީ އޭނާ ގަބޫލު ކުރައްވާ ކަމެއް ނޫނެވެ.

އުޝާމް ވިދާޅުވި ގޮތުގައި ގާނޫނުން ފުލުސް ބޯޑަށް ބޮޑެތި ބާރުތަކެއް ދީފައިވާއިރު އެފަދަ ބޯޑެއްގައި ތިބެން ވާނީ އެ ދާއިރާގެ ކަންކަން ވަރަށް ބޮޑަށް އެނގިވަޑައިގަންނަވާ އަދި ސިޔާސީ އެއްވެސް ނުފޫޒެއް ނެތް އަދި ނުފޫޒެއްގައި ޖެހިވަޑައި ނުގަންނަވާނެކަން ރައްޔިތުންނަށް ސައްތައިން ސައްތަ ޔަގީންވާ ބޭފުޅުންނެވެ.

"ފުރަތަމަ ކަމަކަށް އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަ ކުރެވޭ ކަމަކީ ބޯޑްގެ ކޮންޕޮޒިޝަން މި އޮތް ގޮތް. ކޮންޕޮޒިޝަން މި އޮތީ ރަނގަޅަކަށް ނޫން. އަޅުގަނޑު ދެކޭ ގޮތުގައި ފުލުސް ބޯޑްގައި އާންމުންގެ ފަރާތުން އައްޔަން ކުރާ މެންބަރުން ތިބެ ފުލުހުންގެ މައްސަލަތައް ނިންމުމަށް ބާރުތަކެއް ދިނުމަކީ ތަހުޒީބު މުޖްތަމައެއްގައި ކަން ކުރާނެ ގޮތެއް ނޫން،" އުޝާމް ވިދާޅުވި އެވެ.

އެންމެ ބޮޑަށް ފާހަގަ ކުރެވޭ ކަމަކީ ބޯޑްގެ ކޮންޕޮޒިޝަން މި އޮތް ގޮތް. ކޮންޕޮޒިޝަން މި އޮތީ ރަނގަޅަކަށް ނޫން. އަޅުގަނޑު ދެކޭ ގޮތުގައި ފުލުސް ބޯޑްގައި އާންމުންގެ ފަރާތުން އައްޔަން ކުރާ މެންބަރުން ތިބެ ފުލުހުންގެ މައްސަލަތައް ނިންމުމަށް ބާރުތަކެއް ދިނުމަކީ ތަހުޒީބު މުޖްތަމައެއްގައި ކަން ކުރާނެ ގޮތެއް ނޫން
އަހުމަދު އުޝާމް | ވިލިމާލެ ދާއިރާގެ މެންބަރު

ދެން އޭނާ ފާހަގަ ކުރެއްވީ ބޯޑްގައި ސިޔާސީ ބޭފުޅުން ތިއްބެވުމެވެ. މިވަގުތާ ހަމައަށް ބޯޑަށް އައްޔަން ކުރަން އަދި ކަނޑައެޅިފައި ވަނީ ދެ މެންބަރުންނެވެ. އެ ދެބޭފުޅުންގެ އިލްމީ ގާބިލް ކަމާމެދު ސުވާލެއް ނެތެވެ. އެކަމަކު ސިޔާސީ ގޮތުން ވަކި ކަންތައްތަކެއް ކުރިއަށް ނެރުއްވައިގެން މަަސައްކަތް ކުރައްވާފާނެ އެއްވެސް ބޭފުޅަކު ބޯޑްގައި ހިމެނުމަކީ އޮތް ކަންބޮޑުވުމެކެވެ. އެހެން ވެއްޖެނަމަ ބޯޑްގެ ނިންމުންތަކަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ފުރުސަތު އެބައޮތެވެ.

"ސިޔާސީ ގޮތުން ވަކި ވިސްނުމެއްގައި މަސައްކަތް ކުރައްވާނެ ބޭފުޅުން ނުވަތަ ކުރީން މަސައްކަތް ކުރައްވާފައިވާ ބޭފުޅަކު ވެސް މިފަދަ ބޯޑެއްގައި އިންނަވައިފިނަމަ އެއީ ސިޔާސީ ނުފޫޒަށް ހުޅުވިގެންދާ ދޮރެއް. އެހެންވީމަ ބޯޑްގެ ނިންމުތަކަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމަކީ ކަންބޮޑުވުމެއް،" ސަފާ އައްޔަން ކުރަން ފެންނަ ކަމަށް ނެގި ވޯޓްގައި ސަފާއަށް ވޯޓް ވެސް ދެއްވި އުޝާމް ވިދާޅުވި އެވެ.

މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވެސް ޕޮލިސް ބޯޑް އެކުލެވިފައިވާ ގޮތާމެދު ކަންބޮޑުވުން ފާޅު ކުރައްވަ އެވެ. އަދި މަޖިލީހުން ރުހުން ދިން ދެ ބޭފުޅުންނާއެކު އެ ކަންބޮޑުވުން އޭނާއަށް އިތުރެވެ.

ބޯޑްގައި ރައީސް ނަޝީދުގެ ވަކީލަކާއި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވި ބޭފުޅަކު ހިމެނިވަޑައިގަންނަވާއިރު ފުލުހުންގެ އިސްވެރިއަކަށް ހުންނެވީ ރައީސް ސޯލިހްގެ އަނބިކަނބަލުންނާއި އާއިލީ ގޮތުން ގުޅިފައިވާ ބޭފުޅެކެވެ. ސައީދުގެ ނަޒަރުގައި ދެން ވެސް ބޯޑަށް އައްޔަން ކުރައްވާނީ އެފަދަ ބޭފުޅުންނެވެ.

"އެމްޑީޕީން މިކުުރާ ކަމަކީ ފުލުހުންގެ މުޅި މުއައްސަސާ އެޕާޓީގެ ޑިޕާޓްމަންޓަކަށް މި ބަދަލު ކޮށްލަނީ. މިހާރު އަމާޒު ހިފާފައި އެވަނީ ފުލުހުންގެ މުއައްސަސާގެ މުސްތަގިއްލުކަން މުޅީން ނަގާލަން. އެމްޑީޕީން ފުލުހަށް އަތްގަދަ ކުރަން ކުރާ މަސައްކަތްތަކެއް މި ހިނގަނީ. މިއީ ފުލުސް އިސްލާހު ކުރަން ކުރާ ކަމެއް ނޫން،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުލުހުންގެ ގާނޫނު މަޖިލީހަށް ގެނައިސްސުރެ ރައީސް ނަޝީދު ގެންދަވަނީ އެކި ގޮތްގޮތަށް ވާހަކަފުޅު ދައްކަވަމުންނެވެ. ފުލުހުންގެ ބިލުގެ މަގުސަދަކީ "ބަދަލު ހިފުން" ކަން ޔަގީންވާ މިންވަރަށް ނަޝީދު ވާހަކަފުޅު ދެއްކެވި އެވެ. އެކަން އެހާ ފާޅުގައި ކުރައްވަން ކެރިވަޑައިގެންނެވިއިރު ޕޮލިސް ބޯޑުގެ މަސައްކަތަކާއެކު އެކަން ފެނިގެން ހިނގައިދާނެ އެވެ.

"ރައީސް ނަޝީދު ވަރަށް ފާޅުގައި ވިދާޅުވެފައި އެކަން އެ ކުރައްވަނީ. އެމަނިކުފާނު އެ ވިދާޅުވަނީ 'ބަދަލު' ހިއްޕަވާނެ ކަމަށް. ފެބްރުއަރީ ހަތަކަށް މާފެއް ނެތް ކަން. ކީކޭތޯ އެ ވިދާޅުވަނީ،" ސައީދު ވިދާޅުވި އެވެ.

އެމްޑީޕީން މިކުުރާ ކަމަކީ ފުލުހުންގެ މުޅި މުއައްސަސާ އެޕާޓީގެ ޑިޕާޓްމަންޓަކަށް މި ބަދަލުކޮށްލަނީ. މިހާރު އަމާޒު ހިފާފައި އެވަނީ ފުލުހުންގެ މުއައްސަސާގެ މުސްތަގިއްލުކަން މުޅީން ނަގާލަން. އެމްޑީޕީން ފުލުހަށް އަތްގަދަ ކުރަން ކުރާ މަސައްކަތްތަކެއް މި ހިނގަނީ. މިއީ ފުލުސް އިސްލާހު ކުރަން ކުރާ ކަމެއް ނޫ
މުހައްމަދު ސައީދު | މާވަށު ދާއިރާގެ މެންބަރު

ނައިފަރު ދާއިރާގެ މެންބަރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފުލުސް ބޯޑަށް ދީފައިވާ ބާރުތަކެވެ. އެ ބޯޑަށް މެންބަރުން ނަގަމުންދާ ގޮތާމެދު ވެސް އޭނާގެ ބޮޑު ކަންބޮޑުވުން އެބައޮތެވެ.

"އެމްޑީޕީގެ ހަގީގީ ބޭނުމަކީ ފުލުހުންގެ މުއައްސަސާ އުވާލުން. ނަމަވެސް އެކަން ކުރައްވަން ކެރިވަޑައި ނުގަތީ. އެއީ ރައީސް ސޯލިހު ބޮޑު ކޯލިޝަނަކާއެކު މި ދައުރު ނިންމަވަން މަސައްކަތް ކުރައްވާތީ. އެހެންވީމަ އެ ނޫން ގޮތަކުން ފުލުހަށް ކުރެވޭނެ ޖެއްސުމެއް އެ ކުރަނީ. ފުލުހުންނާމެދު އެމްޑީޕީގެ މި އޮތީ ވަރަށް ބޮޑު ޒާތީ ކަމެއް،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުލުހުންނާ ދެކޮޅަށް ބަލައި ނުގަނެވެނެ އަމަލު ކޮށްފައިވާ ބޭފުޅުން އަދި ފުލުހުންނާމެދު ހިތްހަމަނުޖެހުންތަކެއް އޮތް ބޭފުޅަކު ޕޮލިސް ބޯޑަށް އައްޔަން ކުރުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. ޝިޔާމް އެ އިޝާރާތް ކުރައްވާ ހާމިދަށެވެ. ހާމިދު މެންބަރަކަށް ހުންނެވި ދުވަސްވަރު ހިނގާފައިވާ ބައެއް ކަންކަމާއި ފުލުހުންނާ ދެމެދު ކަން ހިނގާދިޔަ ގޮތެއްގެ މާޒީއަށެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި މި ދައުރަށް ސަރުކާރުން ހުށައަޅާ ބިލްތަކުން ފެންނަނީ މުޅީން ވެސް ބަދަލު ހިފުމުގެ ރޫހެވެ. އެންމެ ސާފު ހެއްކަކީ ފުލުހުންގެ ގާނޫނެވެ. އަދި އޭނާ ފާހަގަ ކުރައްވާ ގޮތުގައި ފުލުހުންގެ ބޯޑް ވަކި ގޮތަކަށް އެކުލަވައިލީ ވަރަށް ބޮޑު ރޭވުމެއްގެ ތެރެއިން އެވެ. އެއީ އެމްޑީޕީން ފާހަގަކޮށްފައިވާ ވަކިވަކި ފުލުހުން އެ މުއައްސަސާއިން ވަކިކުރާށެވެ.

"ފުލުހުންގެ ހިދުމަތުގައި ގިނަ ދުވަސްވީ ބޭފުޅުންނަށް ވަޒީފާގައި ދެމި ތިބެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް. މުޅި ގާނޫނު އެ އޮތީ އެ ގޮތަށް ބައްޓަން ކޮށްފައި. ހަމައެކަނި ކޮމިޝަނާ އޮފް ޕޮލިސްއަށް ވަރުގަދަ ބާރުތަކެއް ދީފައި. ދެން އޮތީ ބޯޑަށް އޮތް ބާރުތަކެއް. ހަގީގަތުގައި ފުލުހުންގެ ގާނޫނުގެ ބޭނުމަކީ ބަދަލު ހިފުން. އަދި ސަރުކާރުގައި ވެސް ހުރީ ބަދަލު ހިފުމުގެ ރޫހު. ހާއްސަކޮށް މަޖިލީހުގެ ރައީސްގެ ވިސްނުންފުޅުގައި،" ޝިޔާމް ވިދާޅުވި އެވެ.

"އަބަދުވެސް ހަތެއް ފެބްރުއަރީ ހަނދާންވެ އެ ހިތްހަމަ ނުޖެހުމުގައި ތިބޭ ބައެއް އެމްޑީޕީގެ ވެރިންނަކީ،"

ފުލުހުންގެ ހިދުމަތުގައި ގިނަ ދުވަސްވީ ބޭފުޅިންނަށް ވަޒީފާގައި ދެމި ތިބެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް. މުޅި ގާނޫނު އެ އޮތީ އެ ގޮތަށް ބައްޓަން ކޮށްފައި. ހަމައެކަނި ކޮމިޝަނަރު އޮފް ޕޮލިސްއަށް ވަރުގަދަ ބާރުތަކެއް ދީފައި. ދެން އޮތީ ބޯޑަށް އޮތް ބާރުތަކެއް. ހަގީގަތުގައި ފުލުހުންގެ ގާނޫނުގެ ބޭނުމަކީ ބަދަލު ހިފުން. އަދި ސަރުކާރުގައިވެސް ހުރީ ބަދަލު ހިފުމުގެ ރޫހު. ހާއްސަކޮށް މަޖިލީހުގެ ރައީސްގެ ވިސްނުންފުޅުގައި
އަހުމަދު ޝިޔާމް | ނައިފަރު ދާއިރާގެ މެންބަރު

ބައެއް މެންބަރުންގެ ވިސްނުން އަދި އިދިކޮޅު ދެ ޕާޓީގެ ކަންބޮޑުވުން މިގޮތަށް ހުރި ނަމަވެސް އެމްޑީޕީ އާއި ސަރުކާރުން ދެކޭ ގޮތުގައި ފުލުހުންގެ އާ ގާނޫނާއެކު މުއައްސަސާ އިތުރަށް ހަރުދަނާ ވާނެ އެވެ. އަދި މުޅި މުއައްސަސާއަށް ޒަމާނީ ބަދަލުތަކެއް ގެނެވި ޑިމޮކްރެޓިކް ކުރެވިގެންދާނެ އެވެ. ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮތް މުއައްސަސާއަކަށް ފުލުސް ބަދަލު ކުރެވިގެން ދާނެ އެވެ.

އާ ގާނޫނާއެކު ފުލުހުންގެ މުއައްސަސާ އެހެން ހަރުފަތަކަށް ގެންގޮސް އެ ނަތީޖާ ނެރެ ދައްކަން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ހުންނެވީ ތައްޔާރަށެވެ.

ސީޕީ ވިދާޅުވި ގޮތުގައި ޕޮލިސް ބޯޑެއް އެކުލަވާލުމާއި އެ ބޯޑަށް މީހުން އައްޔަން ކުރާނެ ގޮތެއް ކަނޑައެޅި ފުލުހުން އެދިގެން ފުލުހުންގެ އިދާރާއިންނެއް ނޫނެވެ. އެކަން ކުރަނީ މަޖިލީހުންނެވެ. އެއީ އިންސާފުވެރިކޮށް ހިނގާނެ އިޖުރާއަތެކެވެ. އެހެންކަމުން މަޖިލީހަށް ލިބިގެންވާ ބާރެއްގެ ތެރެއިން ހެދި ގާނޫނަކަށް، އަދި އެ ގާނޫނުގައި ހިމަނާފައިވާ ބޯޑަކަށް ވަކި ބޭފުޅުންތަކެއް އައްޔަން ކުރުމަކީ ފުލުހުންނަށް ހުއްޓުވޭނެ ކަމެއް ނޫނެވެ.

"ރާއްޖެއަށްވުރެ މާބޮޑެތި ގޯސްތައް ހަދާފައި ހުރި ގައުމުތަކުގައި ވެސް މިފަދަ ބޯޑުތައް އެބަހުރި. ބައެއް ގައުމުތަކުގައި މިފަދަ ބޯޑުތައް ހުރީ އެ ގައުމުތަކުގެ ސިޔާސީ ޕާޓީތަކުގެ ސީދާ މަންދޫބުން ވެސް ހިމެނޭހެން އެކުލަވާލާފައި. އެހެންކަމުން މިއީ ހަމައެކަނި ރާއްޖޭގައި އޮތް ކަމެއް ނޫން،" ބޯޑާ ގުޅޭގޮތުން ސީޕީގެ ވިސްނުން ހިއްސާ ކުރެއްވި އެވެ.

ފުލުހުންގެ ތަހުގީގަކާ ބައްދަލު ވެފައިވާ ބޭފުޅަކު ބޯޑުގައި އިންނެވި ނަމަވެސް ގާނޫނުގައި ބުނެފައިވާ ހަމައާއި އުސޫލުގެ ބޭރުން އެއްވެސް ބޭފުޅަކަށް މަސައްކަތް ނުކުރެއްވޭނެ ކަމަށް ސީޕީ ގަބޫލު ކުރައްވަ އެވެ.

ރާއްޖެއަށްވުރެ މާބޮޑެތި ގޯސްތައް ހަދާފައި ހުރި ގައުމުތަކުގައި ވެސް މިފަދަ ބޯޑުތައް އެބަހުރި. ބައެއް ގައުމުތަކުގައި މިފަދަ ބޯޑުތައް ހުރީ އެ ގައުމުތަކުގެ ސިޔާސީ ޕާޓީތަކުގެ ސީދާ މަންދޫބުން ވެސް ހިމެނޭހެން އެކުލަވާލާފައި. އެހެންކަމުން މިއީ ހަމައެކަނި ރާއްޖޭގައި އޮތް ކަމެއް ނޫން
މުހައްމަދު ހަމީދު | ކޮމިޝަނަރު އޮފް ޕޮލިސް

ކޮމިޝަނާ ގަބޫލު ކުރައްވާ ގޮތުގައި އާ ގާނޫނާއެކު ފުލުހުންގެ ހިދުމަތަށް އާ ކަންތައްތަކެއް ތައާރަފުވާނެ އެވެ. ޖަވާބުދާރީ ކުރުވުމަށް މުޅިން އާ ހަރުދަނާ އޮނިގަނޑެއް އުފައްދަން ފުރުސަތު ލިބޭނެ އެވެ. ލޯކަލް ކައުންސިލްތަކާއި ރައްޔިތުންނާ ގާތުން މަސައްކަތް ކުރަން ފަސޭހަ ވާނެ އެވެ. ސްޓްރެޓެޖިކް ޕޮލިސް ރިކުއާމެންޓެއް ހަތަރު އަހަރު ދުވަހަށް އެކުލަވާލެވި އޭގައި ލާޒިމްކުރާ ކަންކަން ހާސިލްކުރަން މަސައްކަތް ކުރެވޭނެ އެވެ. ފުލުހުންގެ މުސްތަގުބަލް އުޖާލާކޮށް، މައްސަލަތައް ހައްލުކުރަން ލަފާ ދޭނެ ޕޮލިސް ބޯޑެއް އޮތުމަކީ ވެސް ހެޔޮ ބަދަލެއްގެ ގޮތުގައި ސީޕީ ސިފަކުރައްވަ އެވެ.

ޕޮލިސް ބޯޑަށް އަދި އިތުރު ފަސް މެންބަރުން އައްޔަން ކުރާނެ އެވެ. އެހެންވީމަ ބޯޑް މުޅީން ފުރިހަމަވުމުން އޮންނާނެ ގޮތް ބަލަން އަދި އޮތީ އިންތިޒާރެއް ކުރުމެވެ. އަދި ބޯޑްގެ މަަސައްކަތްތަކާއެކު ފުލުހަށް އަންނަ ބަދަލުތައް ބަލަން ތިބެން އަދި މަޑުކޮށްލަން ޖެހޭނެ އެވެ. އެހިސާބުން ބޯޑްގެ އަމާޒު ހުރީ "ބަދަލު ހިފުމަށް" ތޯ ނޫނީ މުއައްސަސާ ހަރުދަނާކޮށް އިސްލާހު ކުރުމަށްތޯ ޔަގީން ކުރެވޭނެ އެވެ. ރަނގަޅިއްޔާ ރަނގަޅެވެ.