ރިޕޯޓް

އަދަބުން ރެކެން "ޖަމިއްޔާ" އުކުޅަކަށް ވިޔަ ދީގެން ނުވާނެ!

ކުޑަ ގައުމެއް ކަމަކު ޖަމިއްޔާ ޖަމާއަތް ހިންގުމާއި ޖަމިއްޔާތަކުގެ ހަރަކާތްތައް ރާއްޖޭގައި ހިންގަމުން ދަނީ ފުޅާ ދާއިރާއެއްގަ އެވެ. ހިލޭ ސާބަހަށް އެހީވުމާއި ތިމާވެށްޓާއި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރުމަށާއި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ވެސް އެތައް ޖަމިއްޔާ ޖަމާއަތެއް ރައްޖޭގައި ހަރަކާތްތެރިވެ އެވެ. ގައުމީ ފެންވަރުން ފެށިގެން އަތޮޅު ފެންވަރުގައާއި ރަށު ފެންވަރުގައި ވެސް މިފަދަ ޖަމިއްޔާ ޖަމާއަތްތައް ދަނީ ހަރަކާތްތެރިވަމުންނެވެ.

ޒަމާނީ ޑިމޮކްރެޓިކް ނިޒާމަކަށް ދިވެހި މުޖުތަމައު އަހުލުވެރިވާން މަސައްކަތް ކުރެވޭއިރު، މި ގޮތަށް ހަރަކާތްތެރިވާ ބައެއް ޖަމިއްޔާތައް އިމުން ބޭރުވެ ޖިނާއީ ކުށްތަކަށް ހިތްވަރު ދިނުން ނޫނީ އެފަދަ ހަރަކާތްތައް ހިންގަމުންދާ ކަމުގެ ތުހުމަތުގެ އިނގިލި އަމާޒުވާން ވަނީ ފެށިފަ އެވެ. ދީނުގެ ނަމުގައި ފަތުރާ ހައްދު ފަހަނައަޅަފައިވާ ހަރަކާތްތައް ވާގިދޭ ކަމުގެ ތުހުމަތު ދީނީ ޖަމިއްޔާއަކަށް ކުރެވުނުއިރު، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރަން އުފެއްދި ޖަމިއްޔާއަކުން ވަނީ ކަނޑައެޅިގެން ދީނަށް ފުރައްސާރަކޮށްފަ އެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ރާއްޖޭގައި އިސްލާމް ދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ ނެރެފައިވާ ރިޕޯޓުގައި ކަނޑައެޅިގެން އިސްލާމް ދީނަށް ފުރައްސާރަކޮށް ކީރިތި ރަސޫލައަށް ކުޑައިމީސް ބަސް ވަނީ ބޭނުންކޮށްފަ އެވެ. އެ މައްސަލަ ހޫނުވެ ޖަމިއްޔާއަށް ފިޔަވަޅު އަޅަން ގޮވާލައި ރަށްރަށުގައި އެއްވުންތައް ބާއްވަން ފެށުމާއެކު، ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފެށި އެވެ. ދުވަސްތަކެއް ފަހު، ޖަމިއްޔާއިން ދީނަށް ފުރައްސާރަ ކުރި ކަމަށް ޔޫތް މިނިސްޓްރީއަށް އެންގި އެވެ.

ފެންނަން ހުރި ހަގީގަތަށް ބަލާއިރު ރާއްޖޭގައި ނުރައްކާތެރި ދެ މަސައްކަތެއް ކުރެވެމުންދާ ކަމަށް އެއްބަސްވާން އެބަ ޖެހެ އެވެ. ދީނީ މިނިވަންކަން ހޯދުމުގެ ހީލަތްތެރި މަސައްކަތަކުގެ އިތުރަށް ދީނުގެ ނަމުގައި ފަތުރަމުންދާ ނުރައްކާތެރި ހަރުކަށި ފިކުރުގެ އަނދިރި ހަރަކާތެއް އެބަ ހިނގަ އެވެ. މަދު ބަޔަކު ތިބެގެން ކުރާ ކަމަކަށް ވިޔަސް މި ދެ ކަމަކީ ރާއްޖޭގައި ހިނގަމުންދާ ކަމެކެވެ.

މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ ގަތުލުކޮށްލި މައްސަލަ ރިޔާސީ ކޮމިޝަނުން ތަހުގީގުކޮށް އެކުލަވާލި ރިޕޯޓްގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމުގައިވާ ސަލަފް ޖަމިއްޔާއާ ގުޅޭ ގޮތުން ދައްކާފައިވާ ވާހަކަތަކާއެކު އެ ޖަމިއްޔާއަށް ވެސް ފާޑުކިޔުން އަމާޒުވި އެވެ. ހަރުކަށި ފިކުރުގެ ހަރަކާތްތަކަށް ހިތްވަރު ދެނީ ކަމަށް ބުނެ އެ ޖަމިއްޔާ އުވާލުވުމުގެ އަޑު މަޖިލީހުގެ ތެރެއިން ގަދެވެ، އެންމެ ފަހުން ޖަމިއްޔާއަށް ފިޔަވަޅު އަޅަން މަޖިލީހުން ފާސް ވެސް ކުރި އެވެ.

އެމްޑީއެން އުވާލައިފި، މި ވަރުން ފުދޭނެތަ؟

"ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ނެރުނު އެމްޑީއެންގެ ރިޕޯޓްގައި "ރަސޫލާގެ ދީނީ ރައުޔަ ނޫން ރައުޔަކަށް އުޅޭ މީހުންނަކީ ހައްދު ފަހަނަައަޅާފައިވާ މީހެއްގެ ގޮތުގައި ކަނޑައަޅާފައި" ކަމަށް ބުނެފައިވެ އެވެ. ރަސޫލާގެ އިސްރާއާއި މިއުރާޖުގެ ދަތުރުފުޅާ ގުޅޭ ގޮތުން ވެސް އަސާސެއް ނެތް ވާހަކަތައް ރިޕޯޓްގައި ހިމަނާފައިވެ އެވެ. މިހާ ފުޅާ ދާއިރާއެއްގައި ދީނަށާއި ރަސޫލާއަށް ފުރައްސާރަކުރިއިރު، މިއީ ކަނޑައެޅިގެން ރާއްޖޭގެ ގާނޫނުތަކުގައިވާ ގޮތުން ޖިނާއީ ބޮޑު ކުށެކެވެ.

އެމްޑީއެންގެ ރިޕޯޓް ތަހުގީގުކޮށް ފުލުހުން ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް އެ ޖަމިއްޔާ އުވާލަން ޔޫޓް މިނިސްޓްރީން ނިންމި އެވެ. ޖަމިއްޔާގެ ދަރަންޏާ މުދަލުގެ ކަންކަން ނިންމަން 45 ދުވަހުގެ މުއްދަތެއް އެ ޖަމިއްޔާއެއް ދިނެވެ. އެއީ ޖަމިއްޔާތަކާ ބެހޭ ގާނޫނުގައި ވެސް އަމަލު ކުރަން އަންގާފައިވާ ގޮތެވެ. އެ މުއްދަތު ހަމަވިއިރު އެމްޑީއެން އިން ވަކި އެއްޗެއް އަންގަފައިނުވާއިރު، މިދިޔަ ބުރާސްފަތި ދުވަހު އެ ޖަމިއްޔާ އުވާލާފައިވާކަން ޔޫތް މިނިސްޓްރީން ރަސްމީކޮށް އިއުލާން ކުރި އެވެ.

ޔޫތް މިނިސްޓްރީގެ އެ ނިންމުމާއެކު ވެސް އެމްޑީއެން ހަރަކާތްތެރިވާނެ ކަމަށް ބުނެ އެ ޖަމިއްޔާ އިން ނޫސް ބަޔާނެއް ވެސް ނެރެފި އެވެ. ބަޔާނުގައި ބުނެފައި ވަނީ އެ ޖަމިއްޔާ އުވާލީ އުސޫލުތަކުން ބޭރުން ކަމަށާއި ޖަމިއްޔާގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ. އެމްޑީއެން އިން މަސައްކަތް ކުރަނީ ރާއްޖޭގައި އޮތް ހަރުކަށި ފިކުރު ނައްތާލަން ކަމަށާއި އެ މަސައްކަތް ކުރުމުގައި އެ ޖަމިއްޔާ ދެމި އޮންނާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ސަރުކާާރުން އެމްޑީއެން އުވާލިއަސް އެމްޑީއެންގެ މަސައްކަތަށް ނިމުން އައި ކަމަކަށް ނުލެބެލެވެ އެވެ. އެ މައްސަލާގައި އެ ޖަމިއްޔާ އުވާލައިގެން އެކަނި ފުދޭނެ ހެއްޔެވެ؟ އެ ވަރުން ފުއްދާލާ ވަރަށް ވުރެ މައްސަލަ ސީރިއަސް އެވެ. މިހާރު ވެސް އެ ވަނީ ޖަމިއްޔާގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ބުނެފަ އެވެ. ޖަމިއްޔާ އުވާލިއިރު ހަރަކާތް އުވިގެނެއް ނުދިޔަ އެވެ.

ޖަމިއްޔާއެއް އޭގެ ޒަތުގައި އަމިއްލައަށް ރިޕޯޓެއް ނުނެރެވޭނެ އެވެ. ރިޕޯޓް ލިޔުނު ބަޔަކު ތިބޭނެ އެވެ. އެ ބަޔަކަށް ވެސް ފިޔަވަޅު އަޅަން ޖެހޭނެ އެވެ. އެއް ބަޔަކު ދެކެނީ އެއީ ޖަމިއްޔާއަށް ފިޔަވަޅު އެޅުމުގެ ކުރިން އެންމެ ފުރަތަމަ ވެސް ކުރަންވީ ކަމެވެ. އަނެއް ބަޔަކު ދެކެނީ ފިޔަވަޅު އަޅަން ޖެހޭނީ ޖަމިއްޔާގެ ބަދަލުގައި ހަމައެކަނި އެ ކަމެއްގައި ބައިވެރިވި އެ ބަޔަކަށެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދެކެވަޑައިގަންނަވާ ގޮތުގައި އެންމެ ފުރަތަމަ ފިޔަވަޅު އަޅަން ވާނީ ވެސް އެ ރިޕޯޓެއް ނެރުނު ބަޔަކަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީއެން އިން ނެރުނު "ލާދީނީ" ރިޕޯޓްގެ މައްސަލާގައި އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ އެ ރިޕޯޓް ލިޔުނު ބަޔަކަށް ފިޔަވަޅު އަޅައި ޖިނާއީ ދައުވާ ކުރުމެވެ. ރާއްޖޭން ބޭރުގައި ތިބި ބަޔެއްނަމަ ޕާސްޕޯޓް ހިފެހެއްޓިދާނެ އެވެ.

"އެހެންވިޔަސް އަޅުގަނޑު ގަބޫލެއް ނުކުރަން ލާދީނީ މީހުން ދީނަށް ފުރައްސާރަ މި ކުރާ މައްސަލަތަކުގައި މި ސަރުކާރަށް ފިޔަވަޅު އެޅިދާނެ ކަމަކަށް، މި ސަރުކާރުގެ އިސް މަގާމުތަކުގައި އެބަތިބި މި އެމްޑީއެންގައި އުޅުނު މީހުން، އަދި އެމްޑީއެން މައްސަލަ ނޫނަސް، މީގެ އެހެން މައްސަލަތަކުގައި ވެސް މިހާތަނަށް މި ވެރިކަމުގައި ދައުވާ ކުރެވިފައެއް ނުވޭ،" އުމަރު ވިދާޅުވި އެވެ.

އުމަރު ނަސީރު އިޝާރާތް ކުރެއްވީ އެމްޑީއެންގެ އެ ރިޕޯޓް ނެރުނުއިރު އެ ޖަމިއްޔާގެ ޗެއާޕާސަންގެ ގޮތުގައި ހުންނެވި އާއިޝަތު ނޫޝިންއަށެވެ. ރައީސް އޮފީހުގެ ކައުންޓާ ޓެރަރިޒަމްގެ ކޮންސަލްޓެންޓެއްގެ މަގާމު ފުރުއްވަމުން ގެންދަވާ ނޫޝިން އެމްޑީއެން އިން އިސްތިއުފާ ދެއްވީ ވެސް އެ ރިޕޯޓްގެ މައްސަލަ ފެންމަތިވެގެން އުޅެނިކޮށެވެ. އެ ކަމާ ގުޅިގެން ސަރުކާރަށާއި އޭނައަށް ފާޑުކިޔުންތައް ވެސްް އަމާޒުވި އެވެ.

އެމްޑީއެން އާއި ސަލަފް ޖަމިއްޔާގެ މައްސަލާގައި މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ވެރިކަން ކުރާ ކޯލިޝަންގެ އެއް ލީޑަރު މުހައްމަދު ނަޝީދު ވެސް އެމަނިކުފާނުގެ ވިސްނުންފުޅު މީގެ ކުރިން ހާމަކުރައްވާފައިވެ އެވެ. އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވެފައި ވަނީ އެމްޑީއެން އާއި ސަލަފް ޖަމިއްޔާ ވެސް އުވާލަން ތާއީދު ނުކުރައްވާ ކަމަށެވެ.

ދެ ޖަމިއްޔާ ވެސް އުވާލަން ރައީސް ނަޝީދު ތާއީދު ނުކުރައްވާ ސަބަބުން ވެސް އޮޅުންފިލުވައިދެއްވި އެވެ. ވިދާޅުވީ އެއްވެސް ޖަމިއްޔާއަކުން އޭގެ ޒާތުގައި ކުށެއް ނުކުރާނެ ކަމަށެވެ. ޖަމިއްޔާގެ ނަމުގައި ހަރަކާތެއް ހިންގައިގެން ކުށެއް ކުރާނީ އެ ތަނުގައި އުޅޭ މީހެއް ނޫނީ މީހުންތަކެކެވެ. އެހެންކަމުން އެ މީހަކު ކުރާ ކުށެއްގެ އަދަބު ދޭން ޖެހޭނީ އެ މީހަކަށެވެ. އޭގެ ސަބަބުން ޖަމިއްޔާއަށް އަދަބު ދިނުން އެމަނިކުފާނު ސިފަ ކުރެއްވީ "ވިޔާނުދާ" ކަމެއްގެ ގޮތުގަ އެވެ.

"ޖަމިއްޔާއެއް އޭގެ ޒާތުގައި ކުށެއް ނުކުރާނެ، ކުށެއް ކުރާނީ އެ ޖަމިއްޔާއެއްގެ އުޅޭ މީހަކު، އަދަބު ދޭން ވާނީ އެ މީހަކަށް، ކްލަބް، ޖަމިއްޔާ، ޖަމާއަތްތައް އަދި ސިޔާސީ ޕާޓިތައް އުވާލުމުގެ ވިސްނުމަށް ދިއުން އެއީ ވަރަށް ވިޔާނުދާ އަދި ވަރަށް ނުރައްކާތެރި ވިސްނުމެއް، އެއީ ކޮށްގެން ވާނެ ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ސަލަފް ޖަމިއްޔާ އުފެއްދެވި ތާރީހާ ގުޅޭ ގޮތުން މަޖިލީހުގައި ނަޝީދު ދެއްކެވި ވާހަކަފުޅުގައި ވެސް އެމަނިކުފާނުގެ ވިސްނުންފުޅު ހާމަކުރެއްވި އެވެ. އެ ދުވަހު ވިދާޅުވި ގޮތުގައި ސަލަފް ޖަމިއްޔާ އުފައްދަން ހުއްދަ ނުދިންނަމަ އެ ޖަމިއްޔާގެ ހަރަކާތްތައް ހިނގާނީ "އަންޑަ ގްރައުންޑް" ގަ އެވެ. އެހެންކަމުން އެ ޖަމިއްޔާ އުވާލައިގެން ދެން ވެސް އެ ގޮތަށް ވެދާނެ ކަމަށް ނަޝީދު ގަބޫލު ނުކުރައްވަ އެވެ.

އެމްޑީއެން ވަނީ އުވާލައިފަ އެވެ. އެކަމަކު އެ ޖަމިއްޔާ މިހާރު އެ އޮތީ ނަޝީދު ފާހަގަކުރެއްވި ގޮތަށް "އަންޑަ ގްރައުންޑް" ގައި މަސައްކަތް ފަށައިފަ އެވެ. ޖަމިއްޔާގެ މަސައްކަތް ކުރިއަށްދާ ކަމަށް އިއުލާންކޮށް އެ އޮތީ ނޫސް ބަޔާން ވެސް ނެރެފަ އެވެ. ޖަމިއްޔާ އޭގެ ޒާތުގައި ނުވާނެ ކަމެކެވެ. ރިޕޯޓް ނެރުނު މީހުނަށް ފިޔަވަޅު އަޅަން ޖެހެނީ އެހެންވެ އެވެ. ނާޅައިފިނަމަ ހަމައެކަނި ޖަމިއްޔާ އުވާލައިގެން ހުޅުވެނީ ވަރަށް ނުބައި ދޮރެކެވެ. ނަތީޖާ ގޯސް ވެދާނެ އެވެ. ކުށްކޮށްފައި އަދަބުން ރެކޭނެ އުކުޅަކަށް "ޖަމިއްޔާ" ވެދާނެ އެވެ.