ބައެއް ރިޕޯޓްތަކަކީ އޭގެ ވާހަކަ ހިސާބަކަށް ދައްކާލައި ލިޔެލައިގެން ނޫނީ ހަގީގަތް ބުނެ ނުދެވޭ ރިޕޯޓްތަކެވެ. އެމްޑީއެން އިން ނެރުނު ރިޕޯޓަކީ އޭގެ ރިޕޯޓެކެވެ. ރާއްޖޭގެ ދީނީ އިލްމުވެރީން ތެދުވެ، އެކުވެ އެ ވާހަކަ ދައްކާން ފަށައިގެން އުޅެނީ އެހެން ވެގެނެވެ.
ރިޕޯޓްގެ ހުލާސާއަކީ އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވެ އެވެ. އެންމެ މަތިވެރި އެއް މުއުޖިޒާތް "އިސްރާ އާއި މިއުރާޒު" ގެ ދަތުރުފުޅާ ގުޅުވައި ބުހުތާނު ވާހަކަ ލިޔެފައި ވެއެވެ. މާތް ﷲ ގެ މަތިވެރި ޒާތުފުޅާއި، އެ އިލާހުގެ ސިފަފުޅުތަކާމެދު ޝައްކު އުފައްދާފައި ވެއެވެ. ރާއްޖޭގެ އިސްލާމީ މުގައްރަރުން ކުދިންގެ ހިތުގައި އިސްލާމީ އަގީދާއަށް ލޯބި ޖެހުމުގެ ސަބަބުން، ޝިރުކާއި ކުފުރުގެ އަހުލުވެރިންނާމެދު، ނަފުރަތު އުފެދޭނޭ ކަމުގައި ބުނެފައި ވެއެވެ.
ޒިނޭ އާއި ލިވާތުފަދަ ކަންކަމާ ގުޅޭ ފިލާވަޅުތަކުގައި އެކަން ކަމަކީ ހަރާމް ވެގެންވާ ހަޑިމުޑުދާރު އަމަލުގެ ގޮތުގައި ސިފަކޮށްފައިވާތީ ފާޑުކިޔާފައި ވެއެވެ. އިސްލާމް ދީނަށް ލޯބި ޖައްސުވާ ގޮތަށް ކިޔަވައިދިނުމުގެ ބަދަލުގައި، އުޅޭނެ ދީނެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ކުދިންނަށް ދޭން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. ޔަހޫދީންގެ ނުބައިކަމުގެ ވާހަކަ އާއި، ނަބިއްޔާ صلى الله عليه وسلم ގަތުލު ކުރަން ޔަހޫދީން ކޮށްފައިވާ މަސައްކަތްތައް ފިލާވަޅުތަކުގައި ބަޔާން ކޮށްފައިވާތީ އެއީ ގޯހެއް ކަމަށް ލިޔުނެވެ.
ހައްދުތަކާއި ގިސޯސާއި މަރުގެ ހުކުމާގުޅޭ ގޮތުން ކަރިކިއުލަމްގައި ހުރި ވާހަކަތަކަށް ފާޑުކިޔާފައި ވެއެވެ. ހުކުރު ހުތުބާތަކުގައި ނަރަކައާއި ކައްވަޅާއި، އަމަލުތަކުގެ ފަތުގެ ވާހަކަ ހުންނާތީ ބިރުވެރިކަން އުފެދޭ ކަމަށް ބުނެފައި ވެއެވެ. ކައިވެނިން ބޭރުން ހިންގާ ޖިންސީ ގުޅުންތަކަކީ ދީން ހުއްދަ ކުރާކަމެއް ނޫން ކަމުގައި އޮތް އޮތުމަކީ ވެސް މައްސަލައަކަށް ހަދާފައި ވެއެވެ.
އެ ރިޕޯޓާ ގުޅިގެން ދިވެހިންގެ ލޭ ވަނީ ވަރަށް ބޮޑަށް ކެކި ހޫނުވެފަ އެވެ. އެމްޑީއެންއަށް ފިޔަވަޅު އަޅާ އުވާލަން ހުއްޓާ ނުލައި އެބަ ގޮވާލަ އެވެ. އެ ރިޕޯޓް ލިޔުނު މީހުން ހައްޔަރުކޮށް އެކަމުގެ އަދަބު ދޭން ގޮވާލުން ހުއްޓައެއް ނުލަ އެވެ.
އެ ގޮވާލުންތަކުގައި ރައްޔިތުންގެ ފަރާތުން ކުރިއަށް ނުކުމެ ތިއްބެވީ ރާއްޖޭގައި ތިއްބެވި ދީނީ އިލްމުވެރިންނެވެ. އިލްމުވެރިން ވަނީ އެ ރިޕޯޓްގެ ނުރައްކާތެރިކަން ރައްޔިތުންގެ ސަމާލު ކަމަށް ގެނެސްދެއްވާފަ އެވެ. އޭގެ ފަހަށް ރައީސުލްޖުމްހޫރިއްްޔާއާ ބައްދަލު ކުރައްވާ އެމްޑީއެން އާއި ރިޕޯޓްގެ މަގުސަދާއި ލިޔެފައިވާ ވާހަކަތަކާ މެދު ކަންބޮޑުވުން އޮތް މިންވަރު ހާމަކޮށް ދެއްވި އެވެ. އަދި އެ ރިޕޯޓާ ހެދި ކަންކަން ގޯހުން ގޯހަށް ހިނގައިދާނެ ކަމުގެ ބިރަށްޓަކައި މިދިއަ ހޯމަ ދުވަހު އިލްމުވެރީން ވަނީ ނޫސްވެރިންނާ ބައްދަލުކޮށް ކަންކަން ފިލުވައި ދެއްވާފަ އެވެ. ދައުލަތާއި ސަރުކާރަށް، ދީނީ އިލްމުވެރިންނާއި، ރައްޔިތުންނަށް އިލްތިމާސްތަކެއް ވެސް ކުރެއްވި އެވެ.
މި ރިޕޯޓަކާ ގުޅިގެން މިހާތަނަށް ހިނގާފައި އޮތިއްޔާ އޮތް ކަމަކީ ރައްޔިތުންގެ ރުޅި ކޮންޓްރޯލުން ނައްޓާ ހިސާބަށް ދަނިކޮށް އެކަން ތަހުގީގު ކުރާނެ ކަމަށް ފުލުހުން ބުނި ބުނުމަކާއި ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ޔަގީން ކަމެކެވެ. ދެން އެމްޑީއެންއަށް ވަގުތީ ސަސްޕެންޝަނެއް އައުމެވެ.
މި ރިޕޯޓް ދިފާއުކޮށް ފާޅުގައި ވާހަކަ ދައްކަން މީސްކޮޅަކު ފަށައިގެން އެބައުޅެ އެވެ. އޭގެ ތެރޭގައި ދައުލަތުގެ ބައެއް ވެރީންވެސް ހިމެނެ އެވެ. ބޭރު ދުނިޔެ ހިމެނެ އެވެ. އެކަަންކަމާ ދެކޮޅަށް އަޑު އުފުލައި އޮޅުން ފިލުވައިދޭން ދީނީ އިލްމުވެރީން ވާހަކަ ދައްކަން ފެށުުމުން މިހާރު މިވީ ކިހިނެއް ހެއްޔެވެ؟ މިވީ ގޮތަކީ އެފަދަ ދީނީ އިލްމުވެރިންނަށް ބިރު ދައްކާ ފިޔަވަޅު އަޅާ ހިސާބަށް އާދެވުނީ އެވެ. މިއީ ކީއްވެފައި އޮތް ކޮންކަހަލަ ގައުމެއް ހެއްޔެވެ؟
ދީނީ އިލްމުވެރިންނަށް ވަޒީފާގެ ބިރުދައްކަން ފެށުން
އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އެންމެ ވަރުގަދައަށް ވާހަކަ ދައްކަވާ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގިނަ ބޭފުޅުންނަކީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އެކި ފެކަލްޓީތަކުގައި އިސްކޮށް ތިއްބެވި ބޭފުޅުންނެވެ. އެ ބޭފުޅުން އެމްޑީއެންގެ ރިޕޯޓްގެ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ދައުލަތަށް ކޮންމެ ދުވަހަކު އެތައް ފަހަރަކު އެތައް އިލްތިމާސެއް އެބަ ކުރައްވަ އެވެ.
އެ ބޭފުޅުންގެ މައިގަނޑު ވާހަކައަކީ އަވަހަށް އެމްޑީއެންއަށް ފިޔަވަޅު އަޅައިދޭށޭ އެވެ. އަދި ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ކުޑަވެސް ފުރުސަތެއް ނެތްކަން ސަރުކާރުގެ އަމަލާ ބަހުން ސާބިތުކޮށް ދޭށޭ އެވެ.
ނަމަވެސް ކުއްލިއަކަށް އެ ރިޕޯޓާއި ގުޅިގެން ވާހަކަ ދައްކަވާ ދީނީ އިލްމުވެރިންނަށް އަމާޒުކޮށް ސަރުކާރުން ވަނީ އަޖައިބު ހައިރާންވާ ކަހަލަ ފިޔަވަޅެއް އަޅާފަ އެވެ. އެޅި ފިޔަވަޅަކީ އިލްމުވެެރިންގެ އަނގަ ބަންދު ކުރުމުގެ ނިޔަތުގައި އަނގަމަތީގައި އެޅި ޓޭޕްގަނޑެކޭ ބުނުމުގެ ފުރުސަތު އެބަ އޮތެވެ. އޭގެ ސަބަބުން ވަޒީފާގެ ބިރު ދައްކައިގެން އެމްޑީއެންގެ ރިޕޯޓާއި ގުޅޭގޮތުން އިލްމުވެރިން ދައްކަމުންދާ ވާހަކަތައް ހުއްޓުމުގެ މަސައްކަތް ފަށައިފިއޭ ސަރުކާރާ ދިމާއަށް މިހާރު ބުނެވިދާނެ އެވެ.
މިދިއަ ހޯމަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އިލްމުވެރިންގެ ތެރެއިން ޑރ. މުހައްމަދު އިޔާޒާއި ޝައިހް އަލީ ޒައިދާއި ޝައިހް އަލީ ޒާހިރާއި ޝައިހް އަހުމަދު ސަމީރާއި ޝައިހް ނިމާލް މުހައްމަދާއި ޝައިހް ޝިހާމް އާއި ޝައިހް މަންސޫރާއި ޝައިހް ސައުދާނަކީ ވެސް ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ އެކި ފެކަލްޓީތަކުގައި މަސައްކަތް ކުރައްވައްވާ މަގުބޫލް އިލްމުވެރީންނެވެ.
އެ ބޭފުޅުންގެ އެ ބައްދަލްވުމަށް 24 ގަޑިއިރު ވެސް ނުވަނީސް، އިސްލާމްދީނަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރެފައިވާ ރިޕޯޓާއި ގުޅުވައި އެމްއެންޔޫ އިން ވަނީ ސާކިއުލާއެއް ނެރެފަ އެވެ. އެ ލިޔުން ބުނާ ގޮތުން އެމްޑީއެންގެ ރިޕޯޓާ ގުޅޭ ގޮތުން އެމްއެންޔޫގެ އެއްވެސް ބޭފުޅަކު ސޯޝަލް މީޑިއާގައި ވާހަކަ ދައްކައިގެން ނުވާނެ އެވެ. އަދި އެކަން ކުރާނަމަ ހުއްޓުވާނެ ކަމަށް ވެސް އަންގާފައި ވެއެވެ.
މިގޮތަށް ކަން ހިނގައި ދިޔައިރު ޓީޗަރުންނާއި ދަރިވަރުންނާ ޖާމާވާ ގޮތަށް ބޭއްވި ދެ ޖަލްސާއެއްގައި ވެރިޔަކު ދީނަށް ފުރައްސާރަވާ މޭރުމަކުން ވާހަކަ ދެކެވި އިރު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަށް ބަޔާނެއް ނެރުއްވަން ކެރިވަޑައެއް ނުގަތެވެ. އިސްލާމިކް މިނިސްޓަރަށް އެފަދަ ބަޔާނެއް ނެރުއްވާކަށް ކެރިވަޑައެއް ނުގަތެވެ.
ދާދި މިފަހުން އެމްއެންޔޫގެ ޗާންސެލާގެ މަގާމް ލިބި ވަޑައިގެންނެވި ޑރ. ހަސަން ހަމީދު މުވައްޒިފުންނަށް ފޮނުވި އެ އެންގުމުގައި އެއްވެސް އެ ފަދަ ވާހަކައެއް ސޯޝަލް މީޑިއާ އާއި އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް ފެތުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަން ސަރުކާރުން ޔުނިވާސިޓީގައި އެދިފައިވާ ކަމަށް ބުނެފައި ވެއެވެ.
އަދި ދީނީ އިލްމުވެރިންނަށް އަމާޒުވާ ގޮތަށް އެ ބޭފުޅުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި މުޖްތަމައު ހަލަބޮލި ވެދާނެ ކަމެކެވެ. އެ ޝަކުވާ ރައްޔިތުން ކުރެ އެވެ.
އަޅާނީ ކޮން ފިޔަވަޅެއް ހެއްޔެވެ؟ ވަޒީފާއިން ކަނޑާލާނީ ހެއްޔެވެ؟ ޓެރަރިޒަމް ގާނޫނުގެ ދަށުން ހައްޔަރު ކުރާނީ ހެއްޔެވެ؟
ނޫސްވެރިންގެ ބައްދަލުވުމުގައި ނުވަތަ ސޯޝަލް މީޑިއާ މެދުވެރިކޮށް ދީނީ އިމްވެރިން ދެއްކެވި ވާހަކައަކުން އުފެދިފައިވާ ބައިބައިވުމަކީ ނުވަތަ މުޖްތަމައުގައި އުފެދުނު ހަލަބޮލި ކަމަކީ ކޮބައިކަން ބުނެ ދޭން ސަރުކާރާއި އެމްއެންޔޫއިން ޖެހޭނެ އެވެ. މިވާހަކަ އެކޮޅުކޮޅުން ޖެހީމާ މުޖްތަމައު ބައިބައިވެ، ހަލަބޮލިވެގެން މި އުޅެނީ ދީނަށް ފުރައްސާރަކުރި މީހުންނަށް ފިޔަވަޅު އަޅަން ސަރުކާރަށް ނުކެރިގެނޭ ބުނީމާ އެކަމާ ދެކޮޅު ހަދާނީ ކާކު ހެއްުޔެވެ؟
"މީ ކޮން ކަހަލަ ކިހާ ހެއްވާ އެންގުމެއް. އެމްޑީއެންގެ މައްސަލަ އަދިވެސް ތަހުގީގު ކުރަނީ... އެ ރިޕޯޓް އެއޮތީ ދިމާއަށް ފެންނަން. އެ ލިޔުނު މީހުން އެތިބީ، ދެން ކޮން ތަހުގީގެއް. އެކަމަކު ފިޔަވަޅެއް ނޭޅި އެކަމާ ދެކޮޅަށް ތެދުވި ރާއްޖޭގެ އިލްމުވެރިންގެ ހުއްޓުމުގެ މަސައްކަތް މި ފަށައިގަތީ... ކާކުތޯ އުޅެނީ އެބޭޅުން ދައްކާ ވާހަކައިން ހިތްހަމަ ނުޖެހިގެން، އެއިން ފިތުނައެއް އުފެދިގެން... ފިތުނަ އުފެދިގެން އުޅެނީ ބައިބައިވުން އައިސްގެން އުޅެނީ އަދި ރައްޔިތުން ރުޅިއައިސްފައިވަނީ އެމްޑީއެންގެ މައްސަލާގައި، އެހެންވީމާ މިކަން އަދި މިދާ ގޮތެއް ރަނގަޅެއް ނޫން،" އާންމު މީހަކު ބުންޏެވެ.
ދީނީ އިލްމުވެރިންގެ ނޫސް ކޮންފަރެންސް ފެށުނު ހިސާބަށް ޖެހިލަމާ ހެއްުޔެވެ؟ ބައްދަލުވުން ފަށަމުން ވެސް އަދި ނިންމުމުގެ ކުރިން ވެސް އެމްޑީއެންގެ މައްސަލާއާ ގުޅިގެން މުޖްތަމައުގައި ބިރުވެރިކަން އުފެދޭނެ އެއްވެސް ކަމެއް ނުކުރަން ތަކުރާރުކޮށް އިލްމުވެރިން އިލްތިމާސެއް ކުރި އެވެ.
"އެހެން އޮއްވާ އެ ބައްދަލުވުމާ ހަމައިން ކުއްލިއަކަށް އިލްމުވެރިންނަށް ވަޒީފާގެ ބިރު ދައްކައި އަދި ބޮޑު ތުހުމަތެއް ބޮލުގައި އެޅުވުމުގެ ބޭނުމަކީ ކޮބައި؟ އޭގެ ބޭނުމަކީ އެމްޑީއެންގެ ރިޕޯޓް ވާހަކަ ދެއްކުން ހުއްޓުވައިލުން ކަމަށް ވަންޏާ އެއީ ކުށްހީއެއް އެ އަޑެއް ދެނެއް ނުކެނޑޭނެ! އެކަމާ ދެކޮޅަށް ތެދުވާނެ... މިހާރު ޓެރެރިޒަމް ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ދެއްކި ވާހަކަތައް އެއީ ތެދޭ ހީވާ ހިސާބަށް މިއާދެވުނީ!" އެ ބައްދުވުން ކަވަރު ކުރި ނޫސްވެރިޔަކު ބުންޏެވެ.
ވަޒީފާގެ ބިރަށް އިލްމުވެރިން ނުގުޑާނެ
އެކުގައި ނުކުތް އިލްމުވެރީންނާ ދިމާއަށް ކުއްލިއަކަށް އައި އިންޒާރާ ހަމައިން ފަހަތަށް ޖެހިއްޖެނަމަ އަދި އަމިއްލައަށް އަނގާގައި ޓޭޕް އަޅުއްވައިފިނަމަ ވަރަށް ނުރައްކާތެރި ހިސާބަކަށް މިކަން ފުރޮޅިގެންދާނެ އެވެ. މި އަންނަނީ އަނެއް ބޮޑު މައްސަލަ އެވެ. އެހެން ނަމަވެސް އެމްއެންޔޫގެ އިންޒާރާ އަދި އެހެން ކޮންމެ އިންޒާރެއް އަޔަސް އިލްމުވެރިން ތިއްބެވީ މައްސަލާގައި ދޫދެއްވާ ގޮތަކަށް ނޫނެވެ. އިލްމުވެރިންގެ ސަފު ރޫޅާލާ "އިލްމުވެރިންގެ ގުޅުން" ނަމުގައި އުފެއްދި ހަރަކާތް ހުއްޓާލާ ގޮތަކަށް ވެސް ނޫނެވެ.
އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވި ގޮތުގައި ރައްޔިތުން ހޭލުންތެރި ކުރުވަން ކުރަންޖެހޭ މަސައްކަތަކީ ފިތުނަ ފަސާދަަ އުފެެއްދުން ކަމުގައި ގަބޫލުކުރާ ބަޔަކު އެ ތިބީ ހައްގު މަގުން އެއްކިބާވެފަ އެވެ. އަދި އެ ބަޔަކު އެތިބީ ނުބައި ގޮތް ދިފާއު ކުރަން އަތުކުރި އޮޅާލައިގެނެވެ.
އިއްޔެގެ އިންޒާރަށް ފަހު އިޔާޒް ވަނީ އެފަދަ ކަންކަމާމެދު ވިސްނާ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އިލްތިމާސް ކުރައްވާފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބާތިލާ ދެކޮޅަށް ކުރާ މަސައްކަތަކީ ޖަލަށްލައިފާނެ ކަމުގެ ބިރަށް ހުއްޓާލެވޭ ވަރަށްވުރެ މާ ބޮޑު މަސައްކަތެކެވެ. އަދި އެމްޑީއެންގެ ރިޕޯޓްގެ ސަބަބުން އެ ޖަމިއްޔާއާ އެ މަސައްކަތުގައި އުޅުނު މީހުންނާމެދު ފިޔަވަޅު އަޅަންޖެހޭނެ އެވެ. އަދި އެ ވާހަކަ ދައްކަންޖެހޭނެ އެވެ. އެ ވާހަކަ ދެއްކުމަކީ ފިތުނަ ފަސާދައެއް ނޫނެވެ.
"ފަސާދަ ކުރާ މީހުންނާ މެދު ފިޔަވަޅު އެޅުއްވުމުގެ ބަދަލުގައި އިސްލާހަށް މަސައްކަތް ކުރާ މީހުންނާމެދު ފިޔަވަޅު އެޅުމަކީ އަނިޔާއެއް. އަނިޔާވެރިން ދެކެ ﷲ ލޯބިވެ ވޮޑިގެން ނުވޭ." އިޔާޒް ވިދާޅުވި އެވެ.
ފަސާދަ ކުރާ މީހުންނާ މެދު ފިޔަވަޅު އެޅުއްވުމުގެ ބަދަލުގައި އިސްލާހަށް މަސައްކަތް ކުރާ މީހުންނާމެދު ފިޔަވަޅު އެޅުމަކީ އަނިޔާއެއް. އަނިޔާވެރިން ދެކެ ﷲ ލޯބިވެ ވޮޑިގެން ނުވޭ. ބާތިލާ ދެކޮޅަށް ކުރެވޭ މަސައްކަތަކީ ޖަލަށްލާނެ ކަމަށް ބިރުން ހުއްޓާލެވޭ ވަރަށްވުރެ މާ ބޮޑު މަސައްކަތެއްޑރ މުހައްމަދު އިޔާޒް އަބްދުއްލަތީފް | ދީނީ އިލްމުވެރިއެއް
އެމްއެންޔޫގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ލެކްޗަރާ ޝައިހު އަލީ ޒައިދު ވިދާޅުވި ގޮތުގައި ސަރުކާރަކަށް އެމްޑީއެންއާ މެދު އެކަށީގެންވާ ފިޔަވަޅެއް މިހާތަނަކަށް ނޭޅުނެވެ. މިހާރު ޝައިހުންގެ އަނގަ މަތީގައި ޓޭޕް އަޅަން އުޅުމަކީ ދަށު ދަރަޖައިގެ އަމަލެކެވެ. އެމްޑީއެން ފުރައްސާރަ ކޮށްފައިވަނީ އިސްލާމްދީނާ މާތް ރަސޫލާއަށެވެ. ދިވެހިރާއްޖޭގައި އެކަން ކުރި ބަޔަކަށް ގާނޫނީ ފިޔަވަޅު އަޅަން ޖެހޭނެ އެވެ. އަދި އެ ރިޕޯޓަށް ދެކޮޅަށް ނުކުތް އިލްމުވެރިންނާ ބައިވެރިވާން ޖެހޭނެ އެވެ.
"ރާއްޖޭގެ ހުރިހާ ރައްޔިތުންހެން އެމްޑީއެންއަށް ފިޔަވަޅު އަޅަން ގޮވާލާ އަޑު ނީވި، ސަރުކާރުން އެމްޑީއެންގެ ދިފާއުގައި ނިކުމެ ވަޒީފާގެ ބިރު ދައްކަން ފެށީތޯ؟ އަދި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކުރެއްވި ހުވާ ކޮބައިތޯ؟" ޒައިދު ސުވާލު ކުރައްވަ އެވެ. -- އަލީ ޒައިދާއި އިޔާޒަކީ މި ސަރުކާރު ގެނައުމަށް ވަރަށް ބޮޑަށް މަަސައްކަތް ކުރެއްވި އަދި ރައީސް ސޯލިހަށް މިހާރުވެސް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ގެންދަވާ ދެ އިލްމުވެރީންނެވެ.
ސަރުކާރުން އެމްޑީއެންއާ މެދު އެކަށީގެންވާ ފިޔަވަޅު ނޭޅި ތާނގައި ޝައިހުންގެ އަނގަ މަތީގައި ޓޭޕް އަޅަން މި އުޅޭ އުޅުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ދަންނަވަން. މިއޮއްހާ ދުވަހު ރާއްޖޭގެ ލޮބުވެތި ރައްޔިތުން ސޯޝަލް މީޑިއާގައި އެމްޑީއެން ބަންދު ކުރަން ގޮވާއިރު ވެސް ސަރުކާރަކަށް އަޑެއް ނީވޭ! އެކަމަކު އެމްޑީއެން ފިކުރުގެ ބަޔަކު ޝަކުވާއެއް ކޮށްލާއިރަށް [އިލްމުވެރިންނަށް] ވަޒީފާގެ ބިރު ދައްކަން ފެށިއްޖެ! ތިލަފަތް ތިޔަ އޮތީ އެމްޑީއެން ކޮޅަށް ބަރުވެފައި. ކޮބައިތޯ ކުރެއްވި ހުވާ؟އައްޝައިޚް އަލީ ޒައިދު | ދީނީ އިލްމުވެރިއެއް
އިންޒާރުގެ ބޭނުމަކީ ކޮބާ؟
އެމްޑީއެންގެ ރިޕޯޓާ ހެދި ކަންބޮޑުވުން ރައްޔިތުންގެ ތެރޭގައި އެބައޮތެވެ. މީހުން ތިބީ ރުޅި އައިސްފައެވެ. ދީނީ އިލްމުވެރިންނާއި ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި މަޖިލީސް މެންބަރުންނާއި، ސޯޝަލް މީޑިއާ އެކްޓިވިސްޓުންނާއި ޕާޓީތަކުގެ އެންމެ ހަރަކާތްތެރި މެންބަރުންނާއި އެތައް ހާސް އާންމު ރައްޔިތުންގެ އެތިބީ ހިތްހަމަ ނުޖެހިފައެވެ. މިއީ ފަސޭހައިން ދޫކޮށްލެވޭނެ އާދައިގެ މައްސަލައެއް ނޫނެވެ. އަދި މިއީ އަޑު ކަނޑައިގެން ދާނެ މައްސަލައެެއް ވެސް ނޫނެވެ.
އެކަމަކު މިހާރު މަންޒަރު ފެންނާން ފަށައިގެން އުޅޭ ގޮތުން އެމްޑީއެންއަށް ފިޔަވަޅު އަޅަން ގޮވާލާ އަޑު ކަނޑުވައިލަން ސަރުކާރުން މަސައްކަތް ކުރަނީ ހެއްޔޭ ސުވާލު ކުރާނެ ފުރުސަތު އެބަ ލިބެއެވެ. އެހެން ކަމައްވަންޏާ އޭގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟
އެމްޑީއެންގެ ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ގިނަ ކަންކަމަކީ ދީނީ އިލްމުވެރިން އެކަމުގެ ހަގީގަތް ރައްޔިތުންނަށް ރީއްޗަށް ސާފު ކޮށްދޭންޖެހޭ ކަންކަމެވެ. އެ ރިޕޯޓްގެ އެހީގައި ބަޔަކު މަސައްކަތް ކޮށްފައިވަނީ އިސްލާމީ ޝަރީއަތުގެ ބައެއް ކަންކަން އޮޅުވާލާށެވެ. އިސްރާ އާއި މިއުރާޖު އޮޅުވާލާށެވެ. އިސްލާމީ އުސޫލުތަކާއި ދިވެހިން ބީރައްޓެހި ކުރުވާށެވެ. އެހެންކަމަށް ވީއިރު މި ރިޕޯޓާ ދެކޮޅަށް އަޑުއުފުލުން އެންމެ ހައްގުކަން ބޮޑީ އިލްމުވެރިންނަށް ނޫންތޯ އެވެ. އެ މީހުންގެ ފަހަތުން ސައްތައިން ސައްތަ މުސްލިމް ގައުމުގެ ރައްޔިތުންނަށް ނުކުންނާނެ ނޫން ހެއްޔެވެ؟ އެ މީހުނަށް ހަގީގަތް ބަޔާންކޮށް ދިނުމުގެ މަސްއޫލިއްޔަތު އިލްމުވެރިން އުފުލާނެ ނޫން ހެއްޔެވެ؟
އިލްމުވެރިން އެކަންކަން ކުރައްވަން ފެއްޓެވުމާއެކު އެއީ ފިތުނަ ފަސާދަ އުފައްދާ ބައިބައި ކުރުމުގެ އަމަލެއްގެ ގޮތުގައި ބެލެވެންވީ ވެސް ކީއްވެެގެން ހެއްޔެވެ؟
"އިލްުމުވެރިންނަށް ވަަޒީފާގެ ބިރު ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނޫން. އަދި އެފަދަ ތުހުމަތުތަކެއް އިލްމުވެރިންނަށް ކުރުމަކީ ވެސް ހަގީގަތް އޮޅުވާލުން. އެހެންކަމުން މިކަމުގައި ސަރުކާރުގެ ވިސްނުން އަދި ސަރުކާރުގެ މަގުސަދު ސާފު ކޮށްދޭން ޖެހޭ،" އާންމު މީހަކު ބުންޏެވެ.
ފިޔަވަޅު އެޅުމުގެ އަޑު ކަނޑައިގެން ނުދާނެ
ދީނީ އިލްމުވެރިޔާ ޝައިހް އިލްޔާސް ހުސައިން ވަނީ އިލްމުވެރިންގެ ނޫސްކޮންފަރެންސްގައި އިސްލާމްދީނާއި މާތް ރަސޫލާއަށް ފުރައްސާރަ ކުުރުމުގެ ނުބައިކަން ވަރަށް ތަފްސީލްކޮށް ވިދާޅުވެ ދެއްވާފަ އެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަ ކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. އެފަދަ ކަމެއް ބަޔަކު ކުރުމުން މުސްލިމުންގެ ލޭ ހޫނުވެ، ޖަޒުބާތުގައި ޖެހޭނެ އެވެ.
"ހިތަށް އަސަރު ކޮށްގެން ޖަޒުބާތުގައި ޖެހި މި ވާހަކަތައް ދައްކަންޖެހޭ ސަބަބަކީ މިއީ އީމާނާ ގުޅިފައިވާ ކަމަކަށްވާތީ، މިއީ ހިތުގެ ވިންދާއި ގުޅިފައިވާ ކަމެއް، މިއީ ވަކި ނުކުރެވޭނެ ކަމެއް، މުއުމިނަކަށް ވެއްޖެނަމަ އެމީހެއްގެ ދުލުން މިފަދަ ވާހަކަތަކެއް ބޭރު ވެގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި އިސްލާމީ ޝަރީއަތުގެ ނަޒަރުގައި ވެސް، އަދި ގާނޫނީ ހަމަތަކުގައި ވެސް އެމްޑީއެންއިން ކޮށްފައިވަނީ ކުށެކެވެ. އެހެން ކަމުން އެކުށަށް ފިޔަވަޅު އަޅައި އަދަބު ދޭން ޖެހޭނެ އެވެ. އަދި އެމްޑީއެންގެ ރިޕޯޓް ބަޔަކު ދިފާއު ކުރާނަމަ އެބަޔަކު ވެސް އެ ކުރަނީ ކުށެކެވެ.
އިލްޔާސް ވިދާޅުވާ ގޮތުގައި މި މައްސަލަ "އޮއްބާލަން" މަސައްކަތް ކުރި ނަމަވެސް އެކަމެއް ނުވާނެ އެވެ. ދީނުގެ ދިފާއުގައި އިލްމުވެރިން މަސައްކަތް ކުރުމުގައި ދެމި ވެސް ތިބޭނެ އެވެ: "މިކަން 'އޮއްބާލާ' މި އަޑު މަޑުކުރަން މަސައްކަތް ކުރި ނަމަވެސް އެކަމެއް ނުވާނެ. މިއީ އެއަށްވުރެ މާބޮޑު މައްސަލައެއް!"