ޝައިހް އިލްޔާސް ހުސައިން

ވަޒީފާގެ ބިރުދެއްކިޔަސް އަޑު އުފުލަންޖެހޭނެ: އިލްޔާސް

ވަޒީފާގެ ބިރު ދެއްކި ނަމަވެސް އިސްލާމް ދީނާ ޚިލާފު ކަންކަން އެއީ ދީނާ ޚިލާފު ކަންކަން ކަމަށް ބުނެދީ ހާމަ ކުރުން ހުއްޓުވާ ނުލެވޭނެ ކަމަށް ދީނީ އިލްމުވެރިޔާ ޝައިހު އިލްޔާސް ހުސައިން ވިދާޅުވެއްޖެ އެވެ.

އިލްޔާސް ރޭ ވިދާޅުވީ ކިތަންމެ މަތީ މަގާމެއްގައި ހުންނެވި ބޭފުޅަކު ވިދާޅުވި ނަމަވެސް އަދި ވަޒީފާގެ ބިރު ދެއްކި ނަމަވެސް ދީނާ ޚިލާފު ކަންކަން އެއީ ދީނާ ޚިލާފު ކަންކަމޭ ބުނުން ހުއްޓުވައި ނުލެވޭނެ ކަމަށެވެ.

"އިލާހީ ކޯފާއިން ސަލާމަތްވުމަށް ނުބައި ކަންތައްތައް ހުއްޓުވައިދިނުމަށް ކަމާބެހޭ ފަރާތްތަކުގައި ދެންނެވޭނެ." ފުރަތަމަ ފަހަރަށް އެމްޑީއެން އުވާލަން ގޮވާލާ ކުރެއްވި ޓްވީޓްގަައި އިލްޔާސް ވިދާޅުވި އެވެ.

މަޖިލީހުގެ އިދާރާގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ ޖިލީހުގެ ރައީސް ނަޝީދާއި ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުން ބައްދަލު ކުރައްވާފައިވާ ކަމަށާއި އެ ބައްދަލުވުމުގައި ހަމަނުޖެހުމަށް ގޮވާލައި އެއްވުންތަކުގައި ސިވިލް ސާވިސްގެ މުވައްޒަފުން ބައިވެރި ނުވުމަށް ސީއެސްސީން ބާރު އަޅާ ދިނުމާ ގުޅޭ ގޮތުން ރައީސް ނަޝީދު މަޝްވަރާ ކުރެއްވި ކަމަށެވެ.

"އެ ބައްދަލު ކުރެއްވުމުގައި ސިވިލް ސާވިސްގެ މުވައްޒަފުންނަށް އެއްވެ އުޅުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ފުރިހަމައަށް ލިބިދޭ ކަން މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވި، ނަމަވެސް ހަމަނުޖެހުމަށް ގޮވާލުމަށް ހިންގާ ސިޔާސީ ހަރަކާތްތަކުގައި ސިވިލް ސާވިސް މުވައްޒަފުން ބައިވެރި ނުވުމަށް ސިވިލް ސާވިސް ކޮމިޝަނުން ބާރުއެޅުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި." ނިއުޝާ ވިދާޅުވި އެވެ.