ޑިމޮކްރަސީގެ ނަމުގައި އިސްލާމް ދީނުގެ ދަންމަރު ފަނޑުު ނުކުރެވޭނެ ކަމަށް ދީނީ އިލްމުވެރިޔާ އައްޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެ އެވެ.
އިލްޔާސް މިހެން ވިދާޅުވީ ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ރަސޫލަށް ނިސްބަތްކޮށް ފުރައްސާރަ ކޮށްފައިވާތީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވަ އެވެ.
އިލްޔާސް ވިދާޅުވީ ޑިމޮކްރަސީގެ ނަމުގައި އިސްލާމްދީނުގެ ދަންމަރު ފަނޑުކުރަން އުޅުނަސް އެކަން ނުކުރެވޭނެ ކަމަށެވެ.
"މުސްލިމުންގެ ހަތިޔާރަކީ ހަމަ އިސްލާމްދީން. މާޒީން އިބުރަތް ހާސިލް ކުރައްވައިގެން އަވަހަށް ތައުބާވުން ބުއްދިވެރި. އިސްލާމް ދީނަށްވުރެ ބޮޑަށް އެހެން އެއްވެސް އެއްޗަކަށް އިސްކަމެއް ނުދެވޭނެ،" މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީގެ މަގާމެއް ފުރުއްވާ އިލްޔާސް ވިދާޅުވި އެވެ.
މީގެ އިތުުރުން އިލްޔާސް ވިދާޅުވީ މި އުންމަތުގެ މާތް ނަބިޔާާއަށް މަލާމާތްކޮށް ފުރައްސާރަކޮށް ރިޕޯޓް ނެރެފައި މާފަށް އެދި ބަޔާން ނެރުނަސް ނުފުދޭނެ ކަމަށާއި އެފަދަ ޖަރީމާ ހިންގާމީހުންގެ ހުކުމް ކީރިތި ގުރުއާނުގައިވާ ކަމަށެވެ. އަދި އެ ޖަރީމާ ހިންގި މީހުން ޖެހޭނީ ތައުބާވާން ކަމަށެވެ.
"އިސްލާމް ދީނައްވުރެ މަތީގަ އެއްވެސް މީހަކަށް ނުހުރެވޭނެ." އިލްޔާސް ވިދާޅުވި އެވެ.
އެމްޑީއެންގެ ރިޕޯޓްގެ މައްސަލާގައި ދީނީ އިލްމްވެރިން ވަނީ އެކުވެ އެކަމާ ދެކޮޅަށް މަސައްކަތް ކުރަން ނިންމާފަ އެވެ.
ރިޕޯޓާ ގުޅިގެން އެމްޑީއެން އުވާލުމަށް ބައެއް ފަރާތްތަކުން ޝުއޫރު ފާޅުކުރާއިރު އެ ޖަމިއްޔާ އުވާލަން ގޮވާލާ ޕެޓިޝަނެއްގައިވެސް ސޮއި ކުރަމުންދެ އެވެ.
އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ހޫނުވުމުން އިސްލާމިކް މިނިސްޓްރީން ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅާފަ އެވެ. އަދި ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.