ދީނަށް ފުރައްސާރަ ކުރުން

އެމްޑީއެން ރިޕޯޓްގެ ފޮޓޯއާއެކު ނަޝީދުގެ މެސެޖެއް!

އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގެ ބޭރުގަނޑުގައި ބޭނުންކޮށްފައިވާ ފޮޓޯއާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މެސެޖެއް ދެއްވައިފި އެވެ.

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް އެމްޑީއެން އިން ނެރެފައިވާ ރިޕޯޓްގެ ބޭރުގަނޑުގައި ބޭނުންކޮށްފައިވާ ފޮޓޯގައި ވަނީ ފެއްސާ، ރަތާ އަދި ހުދު ހިމެނޭ ދިވެހިރާއްޖޭގެ ގައުމީ ދިދާގައި ނުބައި ފާހަގައެއް ލައި އަދި ކަޅު ކުލައިގެ ދިދައެއްގައި ރަނގަޅު ފާހަގައެއް ލާފަ އެވެ.

މިއީ ދީނީ ހަރުކަށި މީހުން ބޭނުން ކުރާ ދިދައެއް ކަމަށް ސިފަކޮށް އެމްޑީއެން ރިޕޯޓްގައި ބޭނުން ކޮށްފައިވާ ފޮޓޯއެކެވެ. އަދި އެއީ ދީނީ ހަރުކަށި މީހުން ރާއްޖެ ބަދަލު ކުރަން ބޭނުންވާ ގޮތް ހާމަ ކޮށްދިނުމުގެ ގޮތުން ބޭނުން ކޮށްފައިވާ ފޮޓޮއެއް ކަމަށް ބެލެވެއެވެ.

އެ ފޮޓޯއާއެކު ނަޝީދު ޓްވީޓެއް ކުރައްވާ ވިދާޅުވީ "މި މަންޒަރަށް، މި ތަސައްވުރަށް، މި ވިސްނުމަށް އެއްގޮތަކަށް ވެސް ޖާގަ ދެވިގެން ނުވާނެ،" ކަމަށެވެ. އަދި ހަރުކަށި ފިކުރުގެ މަދު ބަޔަކު އިސްލާމް ދީނަށް ލޯބި ކުުރުމުގެ ނަމުގައި ވިއްކަނީ މި ވިސްނުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

އެމްޑީއެންގެ ރިޕޯޓަށް ފަހު މުޅި ރާއްޖެ ހޫނުވެފައިވާއިރު ރައީސް ނަޝީދު ވަނީ އެ ރިޕޯޓާ ގުޅުވައި ތަފާތު ގިނަ ވާހަކަތައް އެކި މާނައިގައި ދައްކަވާފަ އެވެ.

ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ އެމްޑީއެންއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި މާތް ﷲ ގެ ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަ ކުރި މައްސަލާގައި ދިވެހިންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެމްޑީއެންއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި މާތް ﷲ ގެ ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަ ކުރި މައްސަލާގައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމުގެ ޔަގީންކަން ރާއްޖޭގެ ދީނީ އިލްމުވެރިނަށް ވެސް ވަނީ ދެއްވާފަ އެވެ.

މި މައްސަލާގައި ފުރަތަމަ ރައީސް ނަޝީދު ވިދާޅުވީ އެ ރިޕޯޓްގެ މަގުސަދަކީ އިސްލާމް ދީނާމެދު ނަފުރަތު އުފައްދައި ދީން ބަލިކަށި ކުރުން ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އޭރު ވިދާޅުވީ އެ މަނިކުފާނު އެ ރިޕޯޓް އެއްކޮށް ވިދާޅުވެފައިވާ ކަމަށާ އެ ރިޕޯޓް ލިޔުނު މީހުން ރިޕޯޓްގައި އިސްލާމް ދީނަށް ނަފުރަތު އުފެއްދުމަށް ބަސްތަކެއް ބޭނުން ކޮށްފައިވާ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް ނަޝީދު ވިދާޅުވީ ރިޕޯޓްގައި މާތް ރަސޫލާއަށް ނިސްބަތްކޮށް ލިޔެފައިވާ ބައިތަކުގައި ރަސޫލާއަށް ދޭންޖެހޭ އިހުތިރާމް ދީފައި ނެތުމާއި، ބައެއް ބަސްތައް ބޭނުން ކޮށްފައިވާ ގޮތް ރަނގަޅު ނޫން ކަމަށެވެ.

ނަޝީދު ވަނީ އެހެން މެދުވެރިވީ ކަމަށް ފެންނަ ސަބަބުތައްޗވެސް ވިދާޅުވެ ދެއްވާފަ އެވެ.

"އަޅުގަނޑު ދެކޭގޮތުގައި އެ ރިޕޯޓް ލިޔުނު ކުދިންވެސް އެއްވެސް ހާލެއްގައި އެ ބަސްތައް ބޭނުން ކޮށްފައި އެވަނީ އެ މާނާގައި ކަމަށް އަޅުގަނޑަކަށް ނުފެނުނު އެ ރިޕޯޓް ކިޔައިގެނެއް. އިނގިރޭސި ބަހުން އެއްޗެއް ލިޔާން ވެގެން އުޅެނިކޮށް ވެފާ ހުރި ގޮތެއް. އެއީ ވާގޮތެއް ބައެއް ޔުނިވާސިޓީތަކުގައި ގިނަ ދުވަހު ކިޔަވާފަ ހުރުމުން." އެމްޑީއެންގެ ރިޕޯޓް ދިފާއު ކުރައްވާ ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް އެމަނިކުފާނު ވަނީ ފަހުން އެކަމާއި ގުޅޭގޮތުން ޓްވީޓެއް ކުރައްވާފަ އެވެ.

އާންމުންގެ ފާޑުކިޔުންތައް ބޮޑުވުމުން ރައީސް ނަޝީދު ފަހުން ކުރެއްވި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީއެންއާ މެދުވެސް އަދި ހަނގުރާމައަށް މީހުން ފޮނުވާ ފަރާތްތަކާމެދު ވެސް އަދި ގޮތް ނޭންގޭ މަރުތަކާއި ގުޅުންހުރި މީހުންނާމެދު ވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ އެމްޑީއެންއިން ނެރުނު ރިޕޯޓްގެ މައްސަލަ ތަހުގީގު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހަށް މައްސަލަ ހުށައަޅާފައެވެ. އަދި އެ މިނިސްޓްރީން ވަނީ އެމްޑީއެންގައި ތިބީ ބޭރުން ފަންޑުން ކޮށްގެން ވަކި އެޖެންޑާއެއް ހާސިލްކުރަން މަސައްކަތް ކުރާ ބައެއް ކަމަށްވެސް ބުނެފައެވެ.