މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓަށް ގިނަ ބަޔަކު ފާޑު ކިޔަމުން ދަނިކޮށް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ދީން ބޭނުން ކުރުމަކީ އިސްލާމްދީނަށް ކުރާ އެންމެ ބޮޑު ފުރައްސާރަ ކަމަށް ވިދާޅުވުމަށް ފަހު ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް ރާގު ބަދަލު ކުރައްވައިފި އެވެ.
އެމްޑީއެންއިން ނެރެފައިވާ ރިޕޯޓްގައި ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައި ވެއެވެ. އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވާތީ ފުލުހުން ވެސް މިހާރު ވަނީ އެކަން ތަހުގީގު ކުރަން ފަށައިފަ އެވެ. އޭގެ ފަހުން މިއަދު ޓްވިޓާ ބޭނުން ކުރައްވައި ރައީސް ނަޝީދު ވަނީ އެމްޑީއެންގެ ރިޕޯޓަށް ފާޑު ވިދާޅުވެފަ އެވެ.
ލެޓިނުން ކުރެއްވި ޓްވީޓެއް މެދުވެރިކޮށް ރައީސް ނަޝީދު ވިދާޅުވީ އެމްޑީއެން ރިޕޯޓުގައި ނުރަނގަޅު ކަންކަން ހުރިކަން ފާހަގަ ކުރައްވާ ކަމަށެވެ. އެއީ މާތްﷲ އާއި ކީރިތި ރަސޫލާއާ ބެހޭ ގޮތުން އެކަށީގެން ނުވާ ބަސްތަކެއް ގެނެވިފައިވުން ކަމަށެވެ. އެއީ މުސްލިމުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައި ވެސް ވެއެވެ.
އޭގެ އިތުރުން ވިދާޅުވީ އިސްލާމް ދީނުގައި ކަންކަން އޮންނަ ގޮތާ ގުޅޭ ގޮތުން ލިޔެވައިވާ ވާހަކަތަކަކީ ދީން ދެނެވަޑައިގަންނަވާ ބޭފުޅުން ބަހުސް ކުރަައްވާ ނުކުތާތަކެއް ކަމަށާއި އެފަދަ ކަންކަމާ އާންމު މީހުން ވާހަކަ ދެއްކުން ރަނގަޅެއް ނުވާނެ ކަމަށެވެ.
އެމްޑީއެންގެ ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަކޮށްފައިވާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށް ރައީސް ނަޝީދު ވަނީ އެމްޑީއެންގެ ދިފާއުގައި އެ ފަރާތްތަކަށް ރައްދު ދެއްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ އިސްލާމް ދީނަށް ކުރެވޭ އެންމެ ބޮޑު ފުރައްސާރައަކީ ސިޔާސީ ހަތިޔާރަކަށް ދީން ހެދުން ކަމަށެވެ. އެ މަނިކުފާނު އެހެން ވިދާޅުވުމުން ބައެއް ބޭފުޅުން އެ މަނިކުފާނަށް ވެސް ރައް ދެއްވާފައި ވެ އެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވި އިރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި ބޭނުން ކުރެއްވި އެއް އުކުޅަކީ ހުކުރު ދުވަހުގެ ދޭ ހުކުރު ހުތުބާ އެއްކުރައްވާ އޭގެ ތެރެއަށް ސިޔާސީ ލިޔުން ހިމެނޭ ވާހަކަތައް އެޅުން ކަމަށާއި އެކަން އޭރުގެ ސަރުކާރަށް އެނގުނީ މާ ފަހުން ކަމަށް ވިދާޅުވެފައެވެ.