ދީނީ އިލްމުވެރިން

އިލްމުވެރިން ނޫސްވެރިންނާ ބައްދަލު ކުރަނީ

ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަ ކުރި މައްސަލާގައި އިލްމުވެރިންގެ ހުރި ކަންބޮޑުވުންތައް ހާމަ ކުރަން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފު މިއަދު ވިދާޅުވީ އިލްމުވެރިންގެ ހުރި ކަންބޮޑުވުންތައް އާންމުންނާ ހިއްސާކުރަން މިއަދު ހަވީރު ނޫސްވެރިންގެ ބައްދަލުވުމެއް ބައްވަން ތައްޔާރުވަމުން އަންނަ ކަަމަށެވެ. ނޫސްވެރިންގެ ބައްދަލްވުން އޮތީ 4:30 ގައި ޝީ ބިލްޑިން ގައެވެ.

"ނޫސްވެރިންގެ ބައްދަލްވުމުގައި އިލްމުވެރިން ފާހަގަ ކުރާނީ އެމްޑީއެން ރިޕޯޓްގަައިވާ ވާހަކަތަކުގެ ނުރައްކާތެރިކަން. އަދި ރައްޔިތުން ހޭލާ ސަމާލުވާންޖެހޭ ކަންކަން." އިޔާޒް ވިދާޅުވި އެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ވީހާވެސް ގިނަ އިލްމުވެރިން ބައިވެރިވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް ވެސް އިޔާޒް ވިދާޅުވި އެވެ.

ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ އެމްޑީއެން އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަ ކުރި މައްސަލާގައި އިލްމުވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލު ކުރައްވާފަ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުގެ އިސް ނެންގެވުމަކަށް ބޭއްވި އެ ބައްދަލްވުމުގައި ރައީސްގެ ފަރާތްޕުޅުން އުންމީދީ ވާހަކަތަކެއް އިވި ވަޑައިގެންނެވި ކަމަށް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އިލްމުވެރިން ވަނީ ވިދާޅުވެފަ އެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަ ކުރި މައްސަލައިގައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ. މިމަހުގެ ހަތް ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ރައީސް ވިދާޅުވީ ގާނޫނު އަސާސީީގެ 10 ވަނަ މާއްދާގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާ އިސްލާމްދީނަކީ ގާނޫނު އަސާސީގެ މައިގަނޑު މަސްދަރުކަމުގައި ބަޔާންވެފައިވާއިރު އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ވެރިކަން ހިންގާ އެ ދީން ހިމާޔަތް ކުރުމަކީ ދިވެހި ރާއްޖޭގެ އެންމެ މަތީވެރިޔާއަށް ގާނޫނު އަސާސީން ލާޒިމު ކޮށްފައިވާ ކަމެއް ކަމަށެވެ.

"އެހެންކަމުން އަޅުގަނޑުގެ އެންމެ އިސް ވާޖިބަކީ މި މަތިވެރި ޒިންމާ އަދާ ކުރުން މަތީ ދެމި ހުރުން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ 2015 ވަނަ އަހަރު "ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" އެ ނަމުގައި އެންޑީއެމުން ނެރެފައިވާ ރިޕޯޓްގައި އިސްލާމްދީނުގެ އަސްލުތަކާއި ފުށުއަރާ، އަދި އިސްލާމްދީނާއި ރަސޫލާއަށް ތަވްހީނުވާ ފަދަ ބައެއް ވާހަކަތައް ހިމެނިފައިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަަމަށެވެ.

އޭގެ ފަހުން ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޔޫތު މިނިސްޓްރީން މިހާރު ވަނީ އެމްޑީއެން ގެ ހަރަކާތްތައް ވަގުތީ ގޮތުން ހުއްޓާލަން އަންގާފަ އެވެ.

ޔޫތު މިނިސްްޓްރީން ބުނީ އެމްޑީއެން ސަސްޕެންޑް ކުރަން ނިންމީ ޖަމިއްޔާތަކުގެ ރަޖިސްޓްރާއަށް ލިބިދޭ ބާރުގެ ދަށުން ކަމަށާއި ސަސްޕެންޑްކުރީ ޖަމިއްޔާގެ މައްސަލާގެ ފުލުހުން ތަހުގީގު ކުރަމުންދާތީ ކަމަށެވެ.

އެމްޑީއެންގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ އިސްލާމިކް މިނިސްޓްރީންނެވެ. އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ވަކި ކޮޅަކަށް ނުޖެހި ތަހުގީގު ކުރައްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ.