އިސްލާމް ދީނަށް ފުރައްސާރަ ކުރާއިރު އެ ދީނުގެ ދިފާއުގައި ބަސް ނުބުނެ ތިބުމަކީ މުނާފިގުންގެ އަލާމާތެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ވިދާޅުވެއްޖެ އެވެ.
ޒިއާދު މިހެން ވިދާޅުވެފައި ވަނީ އެމްޑީއެންއިން ނެރުނު ރިޕޯޓެއްގައި ހުރި ވާހަކަތަކަކާ ގުޅުވައި އެމްއެންޔޫގެ ބައެއް ލެކްޗަރާ އިން އެކި ޕްލެޓްފޯމްތަކުގައި ޚިޔާލު ފާޅުކުރުން ހުއްޓާލަން އެ ޔުނިވާސިޓީން އަންގާފައިވަނި ކޮށެވެ.
ޒިއާދު ބިދާޅުވީ ދީނަށް ފުރައްސާރަ ކޮށް މަލާމަތް ކުރާއިރު، އެ ދީނުގެ ދިފާއުގައި އެއްވެސް ބަހެއް ނުބުނެ ތިބުމުގެ ނުބައި ކަން ގުރުއާނުގައި ބަޔާން ކޮށް ދެއްވާފައިވާ ކަމަށެވެ. އަދި ﷲ ގެ ދީނަށް ފުރައްސާރަ ކުރާއިރު ދީންގެ ދިފާއުގައި ބަސް ނުބުނެ ތިބުމަކީ މުނާފިގުންގެ އަލާމާތެއް ކަމަށެވެ.
ސީދާކޮށް ނުވަތަ ނުސީދާކޮށް އަމަލުން ނުވަތަ ބަހުން މިފަދަ ނުބައި އަމަލުތައް ދިފާއު ކުރުމަކީ ފާފައެއް ކަމަށާ އެފަދަ މީހަކު ދީނަށް ފުރައްސާރަ ކުރާ މީހާ އާއި އެއްފަދަ މީހަކަށް ވެދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިސްލާމްދީނުގެ ހައްގުގައި ބަސް ބުނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ކަމެއް. މި ގައުގައި ތިބި މުދިމުންނާ ގުރުއާން މުދައްރިސުންނާ އިސްލާމް މުދައްރިސުންނާ ބައެއް ދަންނަ ބޭކަލުން ހަނު ތިބުމަކީ ހައިރާންވާން ޖެހޭ ކަމެއް." ޒިޔާދު ވިދާޅުވި އެވެ.
ޒިޔާދު ވިދާޅުވީ އިސްލާމް މުދައްރިސުންނާ ގުރުއާން މުދައްރިސުންނަކީ އިސްލާމްދީނުގެ ދިފާއުގައި އެންމެ ފުރަތަމަ ބަސް ބުނަން ޖެހޭނެ ފަރާތްތައް ކަމަށެވެ.
"ހުރިހާ ދިވެހިން އެންމެ އިސްކަން ދޭންޖެހޭނެ ކަމަކީ މީއީ. މީ ކޮންމެ މުސްލިމެއްގެ ހައްގެއް. މީ ވާޖިބެއް." ޒިޔާދު ވިދާޅުވިއެވެ.
އިސްލާމްދީނާއި މާތް ﷲ ގެ ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަކޮށް އެމްޑީއެން އިން ރިޕޯޓެއް ނެރުނު މައްސަލައާ ގުޅިގެން އެ ޖަމިއްޔާއާ ދެކޮޅަށް އެންމެ ބޮޑަށް އަަޑު އުފުއްލަވަނީ ރާއްޖޭގެ ދީނީ އިލްމުވެރިންނެވެ. ގިނަ އިލްމުވެރިންތަކެއް ބައިވެރި ވެގެން މީގެ ކުރިން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާފަ އެވެ. އަދި އޭގެ ކުރިން އިލްމުވެރިން ވަނީ ރައީސް ސޯލިހާވެސް ބައްދަލު ކުރައްވާފަ އެވެ.