ދީނަށް ފުރައްސާރަ ކުރުން

އެމްޑީއެން އުވާލަން ގޮވާލައި، ރިޕޯޓްގެ ނުކުތާތައް ސަލަފުން ފާހަގަކޮށްދީފި

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް އުވާލައި އެ ޖަމްއިއްޔާގެ އިސްވެރިންގެ ތެރެއިން ސަރުކާރުގެ މަގާމުތަކުގައި ތިބި މީހުން ސަރުކާރުގެ ވަޒީފާތަކުން ދުރުކޮށް، އެފަރާތްތަކަށް ފިޔަވަޅު އަޅައި ތަންފީޒުކޮށްދޭން ޖަމިއްޔަތުއް ސަލަފުން ގޮވާލައިފި އެވެ.

ދީނީ އިލްމުވެރިންތަކެއް އުފައްދާފައިވާ ސަލަފުން މިކަމަށް ގޮވާލާފައި ވަނީ މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު "ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓް ކުށްވެރިކޮށް ނެރުނު ބަޔާނެއްގަ އެވެ.

ސަލަފުން ބުނީ އެމްޑީއެންގެ ރިޕޯޓަކީ ދިވެހި ފަސްގަނޑުން އިސްލާމްދީން ފުހެލައި، ރާއްޖޭގައި ސެކިއުލާ ވެރިކަމެއް ގާއިމު ކުރަން ކުރާ މަސައްކަތުގެ ފާޅުވެގެންވާ ހެއްކެއް ކަމަށެވެ. އަދި ނުރައްކާތެރިކަން ބޮޑު، އަދި މުޖްތަމައުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާންކަން ނަގައިލާފަދަ އެތައް ވާހަކަތަކެއް އެ ރިޕޯޓްގައި ހިމަނާފައިވާކާ ކަމަށެެވެ.

ރިޕޯޓްގައިވާ އެފަދަ ބައެއް ނުކުތާތައް ސަލަފުން ވަނީ ފާހަކޮށްފަ އެވެ.

އެމްޑީއެންގެ ރިޕޯޓުގައި ހިމަނާފައި ކަންކަން

  • މާތް ﷲ ގެ މަތިވެރި ޒާތުފުޅާއި، އެ އިލާހުގެ ސިފަފުޅުތަކާމެދު ޝައްކު އުފެއްދުން
  • ﷲ ވޮޑިގެންވާކަމީ ޝައްކެއް އޮތްކަމެއް ނޫންކަމަށް ބުނެފައި އޮތުމުން، އެކަމަށް އިންކާރުކުރުން
  • ކީރިތި ރަސޫލާ صلى الله عليه وسلم ހަދީސްފުޅުތަކުގައިވާ ކަންކަމުގައި ޝައްކު އުފައްދައި އެބަސްފުޅުތައް ދޮގުކޮށް، އިސްލާމީ ޝަރީއަތަކީ އުނި، ޒަމާނަށް ނުފެތޭ އެއްޗެއްކަމުގައި ދެއްކުން
  • ގުރްއާނަށް އެއްވެސް އުނި އިތުރުކަމެއް އައިސްފައި ނުވާކަމަށް ބުނާ ވާހަކައަކީ، ހަމައެކަނި މުސްލިމުންގެ ޚިޔާލުކަމުގައްޔާއި، އެއީ ތެދު ޙަޤީޤަތެއް ނޫން ކަމަށް ބުނުން
  • ހައްދުފަހަނައެޅުމާއި ތަކުފީރީ ފިކުރަށް ހަދޫސް ތަކުގައި ބާރުއަޅާފައިވާކަމަށް ބުނެ، އެކަލޭގެފާނުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމު އެޅުވުން
  • އަމިއްލަ ނަފްސަށްވުރެ ބޮޑަށް ކީރިތި ރަސޫލާ صلى الله عليه وسلم އަށް ލޯބިވާން ޖެހޭނެކަމަށް އޮތުމަކީ ކަންބޮޑުވާ ކަމެއްކަމުގައި ހާމަކޮށްފައި ވުން
  • އެކަލޭގެފާނަށް ފާޑުކިޔުމީ ވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން އޮންނަންޖެހޭ ފުރުސަތެއް ކަމުގައި ބުނެފައި އޮތުން
  • ރާއްޖޭގެ އިސްލާމީ މުގައްރަރު ކިޔަވާ ކުދިންގެ ހިތުގައި އިސްލާމީ ޢަޤީދާއަށް ލޯބި ޖެހުމުގެ ސަބަބުން، ޝިރުކާއި ކުފުރުގެ އަހުލުވެރިންނާމެދު، ނަފުރަތު އުފެދޭނޭކަމުގައި ބުނެ ކަންބޮޑުވުން ފާޅުކުރުން
  • ކައިވެނިން ބޭރުން ހިނގޭ ޖިންސީ ގުޅުންތަކަކީ ދީން ހުއްދަ ކުރާކަމެއް ނޫންކަމުގައި އޮތް އޮތުމަށް ފާޑުކިޔުން
  • ޒިނޭއާއި ލިވާތުފަދަ ކަންކަމާ ގުޅޭ ފިލާވަޅުތަކުގައި އެކަންކަމަކީ ހަރާމްވެގެންވާ ހަޑިމުޑުދާރު އަމަލުގެ ގޮތުގައި ސިފަކުރެވިފައި ހުރުމުން، އެ ފިލާވަޅުތަކަށް ފާޑުކިޔުން
  • އިސްލާމް މުގައްރަރުގެ ސަބަބުން "އިންޓަފެއިތް ޑައިލޮގު" (ހުރިހާ ދީންތައް އެއްކުރުމަށް ގޮވޭގޮވުންތަކަށް) ހުރަސްއެޅޭކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރުން
  • އިސްލާމް ދީނަށް ލޯބި ޖައްސުވާގޮތަށް ކިޔަވައިދިނުމުގެ ބަދަލުގައި، އެކުދިން އުޅޭނެ ދީނެއް އިޚްތިޔާރު ކުރުމުގެ ފުރުސަތު އެކުދިންނަށް ދޭން ޖެހޭނެކަމަށް ބުނުމާއި، އިސްލާމް މުގައްރަރުން އެކުދިން ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަމަށް ހުރަސް އެޅޭކަމަށް ބުނެ ފާޑުކިޔުން
  • އަހުމަދީ ގާދިޔާނިއްޔާއަކީ އިނގިރޭސީން އުފައްދާފައިވާ ކުފުރުގެ މަޒުހަބެއްކަމުގައި އޮތުމުން ދަރިވަރުންނަށް "ތަކްފީރު" ކުރަން ދަސްކޮށްދޭ ކަމަށް ބުނުމާއި، އެކަމުގެ ސަބަބުން ހައްދުފަހަނައަޅައި ދިޔުމުގެ ފިކުރު ދަރިވަރުންގެ ހިތުގައި އުފެދޭކަމުގައި ބުނުން
  • ސުންނީ އިސްލާމަކީ ހަމައެކަނި ޞައްޙަ މަޛުހަބުކަމުގައި އުނގަންނައިދީ، މަގުފުރެދިފައިވާ އެހެނިހެން ފިކުރުތަކަށް ފުރުސަތު ނުދިނުމާއި، ސޫފިޒަމްއާއި ޝީއީންގެ އަގީދާއާ ގުޅޭ ތައުވީލުތައް އެއްގޮތަކަށްވެސް އުނގަންނައި ނުދޭތީ ކަންބޮޑުވުން
  • ޔަހޫދީންގެ ނުބައިކަމުގެ ވާހަކައާއި، ނަބިއްޔާ صلى الله عليه وسلم ގަތުލު ކުރުމަށް ޔަހޫދީން ކޮށްފައިވާ މަސައްކަތްތައް ފިލާވަޅުތަކުގައި ބަޔާންކޮށްފައިވާތީ ކަންބޮޑުވެ ފާޑުކިޔާފައިވުން
  • މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގާފައިވާ އަދި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ވާހަކަ އިސްލާމީ ތާރީޚާ ބެހޭ ފިލާވަޅުތަކުގައި ހުރުމީ ރުޅިވެރިކަމާއި ނަފުރަތު އުފައްދާކަމެއް ކަމުގައި ބުނެ ކަންބޮޑުވުން ފާޅުކުރުން
  • ހުޅަނގުގެ ފިކުރީ ހަނގުރާމައަކީ އިސްލާމް ދީނާ ދެކޮޅަށް ކުރެވޭ ހަނގުރާމައެއް ކަމުގައި އޮތުމުން ދަރިވަރުންގެ ހިތްތަކުގައި "ތަކްފީރީ" ފިކުރު އުފައްދާކަމުގައި ބުނުން
  • ޑިމޮކްރަސީ އަށްވުރެ އިސްލާމީ ޝަރީއަތް އިންސާނިއްޔަތަށް ރަނގަޅުވެގެންވާކަމުގައި ބުނެފައި އޮތުމުން އެކަމަށް އިންކާރުކުރުން
  • ހިޔުމަން ރައިޓްސް އެންމެ ފުރިހަމައަށް އޮތީ އިސްލާމް ދީނުގައިއޭ ބުނެފައި އޮތުމުން އެކަމަށް ފާޑުކިޔުން
  • ހައްދުތަކާއި ގިސާސްއާއި މަރުގެ ޙުކުމާގުޅޭ ގޮތުން ހުރި ފިލާވަޅުތަކަށް ފާޑުކިޔުން
  • އިސްރާއާއި މިއުރާޖުގެ ދަތުރުފުޅަކީ ފުލޯކު ވާހަކައެއް ކަމަށް ޞިފަކުރުން
  • އިސްލާމްދީނަކީ ސުލްހަވެރި ދީނެއް ނޫންކަމަށް ދޭހަވާ މޭރުމުން މުޅި ބަޔާނުގެ ރާގު ބައްޓަންކޮށްފައިވުން
  • ހުކުރު ހުތުބާތަކުގައި ނަރަކައާއި ކަށްވަޅާއި، ޢަމަލުތަކުގެ ފަތުގެ ވާހަކަ ހުންނާތީ އޭގެސަބަބުން ބިރުވެރިކަން އުފެދޭކަމުގައި ބުނެ އެކަމަށް ފާޑުކިޔުން
  • އިންސާނީ އެހެނިހެން ނަޡަރިއްޔާތަކާއި އައިޑިއޮލޮޖީފަދައިން އިސްލާމްދީނަކީ ޚިޔާލީ ފުލޯކުތަކެއްގެ މައްޗަށް ބިނާވެފައިވާ ފިކުރެއްކަމުގައި ވިސްނައިދިނުމަށް މުޅިރިޕޯޓް ފަރުމާކޮށްފައިވުން
  • ﷲ އާއި ރަސޫލާ صلى الله عليه وسلم އަކީ މުޤައްދަސްކަން ދޭންޖެހޭ 2ފަރާތް ނޫންކަމުގައި ވިސްނައިދިނުމަށް މަސައްކަތްކޮށްފައިވުން

ސަލަފުން ބުނީ ރާއްޖޭގެ ދީނީ އިލްމުވެރިންނާއި، ދީނީހޭލުންތެރިކަން ފަތުރަން މަސައްކަތް ކުރާ މީހުންނަކީ ވެސް ހައްދުހަފަނަ އަޅާފައިވާ ހަރުކަށި ފިކުރުގެ މީހުންކަމުގައި ބުނެ، ރާއްޖޭގެ ދީނީ ދައުވަތުގައި ރައްޔިތުންގެ އިތުބާރު، ލިބިފައިވާ އެތައް އިލްމުވެރިންގެ ނަމާއި އަދާކުރާ ވަޒީފާއަށް ދާންދެން ޝާމިލްކޮށްފައި ވުމުން އެ ރިޕޯޓަކީ ރާއްޖެއިން އިސްލާމްދީން މުލުން ލުހެލުމަށްޓަކާ އެދީނުގެ އަދާވާތްތެރީން ފައިސާ ދީގެން ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަން ހާމަވާ ކަމަށެވެ.

އެމްޑީއެން އުވާލައްވައި، އެ ޖަމްއިއްޔާގެ އިސްވެރިންގެ ތެރެއިން ސަރުކާރުގެ މަގާމުތަކުގައި ތިބި މީހުން ސަރުކާރުގެ ވަޒީފާތަކުން ދުރުކޮށް، އެފަރާތްތަކާމެދު ވަގުތުން ވަގުތަށް ގާނޫނީ ފިޔަވަޅު ތަންފީޒު ކުރުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.