ދީނަށް ފުރައްސާރަ ކުރުން

ދެލިކޮށް މިންކޮށް ތާރީހުޖެހީ ގަސްތުގައި!

ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަ ކޮށްފައިވެ އެވެ. އެކަން އެނގުނު ހިސާބުން ދިވެހިންގެ ލޭ ވަނީ ކައްކުވާލާފަ އެވެ. ރާއްޖޭގައި މީގެ ކުރިންވެސް އިސްލާމްދީނާ ޚިލާފު، އަދި އެހެން ދީންތަކަށް ފުރުސަތު ހޯދައިދޭން ބައެއް ކަންކަން މީހުން ކޮށްފައިވެއެވެ.

މަދު ބަޔަކު ނަމަވެސް ތަންތަނަށް އެއްވުމާއި، ސޯޝަލް މީޑިއާގައި ތަފާތު ޕޭޖްތައް ހިންގުމާއި ދީނާ ޚިލާފު ވާހަކަތައް ހިމެނޭ ބައެއް ލިޔުންތައް ލިޔެ ޝާއިއު ކޮށްފައި ވެއެވެ. ނަމަވެސް އެކަންކަން ހުއްޓުވާ، ފިޔަވަޅު އަޅާފައިވެއެވެ. އަދި އެކަންކަން ކުރެވޭނެ މަގުތައް ބަންދުު ކުރުމަށް މަސައްކަތްތަކެއް ކޮށްފައިވެއެވެ.

މިފަހުން ދިވެހި ބައެއްގެ ބައިވެރިވުމާއެކު، އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާކޮށް އެންމެ ބޮޑު ޖަރީމާއެއް ހިންގާފައި މިވަނީ އެމްޑީއެންގެ ފަރާތުންނެވެ. ދިވެހިންގެ ބަޔަކު އުފައްދާފައިވާ އެ ޖަމިއްޔާއަކީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމުގެ ނަމުގައި އުފައްދާފައިވާ ޖަމިއްޔާއެކެވެ. ޖަމިއްޔާއަށް ނިސްބަތްވާ އިލްމީ ގާބިލް ބޭފުޅުން އެބަތިއްބެވިއެވެ. ނަމަވެސް އެ ޖަމިއްޔާގެ ހަގީގީ އަމާޒު ނުވަތަ ބޮޑު މަންޒަރު ފެނުނީ މިހާރު ހޫނުވެފައިވާ ރިޕޯޓާ ހަމައިންނެވެ. އެ ރިޕޯޓްގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ގިނަ ވާހަކަތަކެއް ހިމަނާފައި ވެއެވެ. އަދި މާތް ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައި ވެއެވެ.

"ކީރިތި ރަސޫލާ ވަނީ އެކަލޭގެފާނުގެ ދީނީ ރައުޔު ނޫން ރައުޔަކަށް އުޅޭ މީހަކީ ހައްދުފަހަނަ އަޅާފައިވާ މީހެއް ގޮތުގައި ކަނޑައަޅާފައި" ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ. އަދި އެއީ ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން ވެސް ފެންނަ ކަމެއް ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން އިސްރާ އާއި މިއުރާޒުގެ ދަތުރުފުޅާ ގުޅޭގޮތުން ވެސް އަސާސެއް ނެތް ވާހަކަތައް އެ ރިޕޯޓްގައި ހިމަނާފައި ވެއެވެ. އެހެންކަމުން މިއީ މިހާ ފާޅުގައި އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާކޮށް ދިވެހި ޖަމާއަތުން ރިޕޯޓެއް ޝާއިއުކުރި ފުރަތަމަ ފަހަރެވެ.

އެމްޑީއެންގެ ރިޕޯޓް ގެންގޮސް މައާފަށް އެދުން!

ރިޕޯޓްގެ މައްސަލަ ހޫނުވުުމާއެކު، އެ ޖަމިއްޔާއިން ކުއްލިއަކަށް ބަޔާނެއް ނެރުނެވެ. އަދި ރިޕޯޓްގައި އެފަދަ ވާހަކަތަކެއް ހިމެނިފައިވާތީ ދިވެހި ރައްޔިތުންގެ ކިބައިން މައާފަށްވެސް އެދުނެވެ. އަދި ދީނީ އިލްމުވެރިންގެ ޚިޔާލާ މަޝްވަރާ ހޯދުމަށްފަހު، ރިޕޯޓް އިސްލާހުކޮށް އަލުން ޝާއިއުކުރާނެ ކަމަށް ވެސް ބުންޏެވެ. ދެން ބުނެފައި ވަނީ ކުރިއަށް އޮތްތާ އެފަދަ ކަމެއް ތަކުރާރެއްވެސް ނުވާނެ ކަމަށެވެ.

ނަމަވެސް އެ ވާހަކަތަކަށް 24 ގަޑިއިރުވެސް ނުވަނީސް އެ ޖަމާއަތަށް ނިސްބަތްވާ މީހުން ވަނީ ރިޕޯޓްގެ ދިފާއުގައި ނިކުމެފަ އެވެ. އަދި ދީނީ އިލްމުވެރިންނާއި، އެ ރިޕޯޓާ ދެކޮޅު ހެދި ސިޔާސީ ލީޑަރުންނަށް ރައްދު ދޭން ފަށާފަ އެވެ. އަދި އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ބެލުމަށް އިސްލާމިކް މިނިސްޓްރީން ފުލުހުންގެ އިދާރާއަށް ހުށައެޅުމުން އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީއަށް ވެސް ހޫނު ހަމަލާތައް ދޭން ފެށިއެވެ. އެންމެ ފަހުން "އިސްލާމިިކް މިނިސްޓްރީއެއް މި ގައުމުގައި ހުރިހާ ހިނދަކު ހަމަޖެހުމެއް ނެތް" ކަމަށް ބުނެ ވާހަކަ ދައްކަންވެސް ފެށި އެވެ. އެހާ ހިސާބުން އެމްޑީއެންގެ ހަގީގީ މަގުސަދާ މެދު ވަނީ އިތުރަށް ސުވާލު އުފެދިފަ އެވެ. މީހުންގެ ރުޅި ވަނީ އިތުރަށް ގަދަވެފައެވެ.

ރިޕޯޓްގައި ދީނަށް ފުރައްސާރަ ކޮށްފައިވަނީ ގަސްތުގައި

"ކަން ހިނގައި ދިޔަ ގޮތުން އެއީ ގަސްދުގައި އެކަން ގެންދަން ރާވާފައި އޮތް ގޮތް ކަމަށް ފެންނަނީ. މިކަމަށް އެދަނީ ފިޔަވަޅެއް ނޭޅި ހަމައެކަނި ދެކެވޭ ވާހަކަތަކެއް ތެރޭގައި، ދިވެހިންނަށް މި އާދެވެނީ ނުރައްކަލުން ފުރިފައިވާ ހިސާބަކަށް،" އާންމު މީހަކު ބުންޏެވެ.

ދީނީ އިލްމުވެރިންނާ، އާންމު ރައްޔިތުންގެ ނަޒަރުގައި އެމްޑީއެންގެ ރިޕޯޓްގައި އިސްލާމްދީނާއި، މާތް ރަސޫލާއަށް ފުރައްސާރަކޮށްފައިވަނީ ނޭނގިގެނެއް ނޫނެވެ. އެއީ ގަސްތުގައި ކޮށްފައިވާ ކަމެކެވެ.

ފަހަރުގައި އެ ޖަމިއްޔާއަށް ވިސްނިފައި އޮތީ ވެރިކަމުގެ ބާރު ބަދަލުވެފައިވާ ގޮތާއި، ރާއްޖޭގެ މިއަދުގެ ސިޔާސީ މަސްރަހު އޮތް ގޮތުން އެ ރިޕޯޓްގައި އެފަދަ ވާހަކަތަކެއް ހިމެނި ނަމަވެސް ދިވެހިން މާބޮޑު ކަމަކަށް ނުހާދެނެއޭ އެވެ.

ނަމަވެސް އެ ރިޕޯޓް ފެންމަތިވި ހިސާބުން އެންމެން އެކަމާ ދެކޮޅަށް އެކި ގޮތްގޮތުން އަޑު އުފުލަން ފެށުމުން ބަޔާނެއްނެރެ ހަމަޖައްސައިލެވޭތޯ ބެލީއެވެ. ނަމަވެސް ދީނީ އިލްމުވެރިންނާއި، ވަޒީރުންނާއި، ސަރުކާރުގެ އިސްވެރިންނާއި އާންމުންވެސް ފާޅުގައި އެ ޖަމިއްޔާއާ ދެކޮޅަށް ނުކުތުމުން އަދި މި ގައުމުގައި ކަން އޮތީ އެމީހުން ވިސްނައިގެން ތިބި ގޮތަށް ނޫންކަން ސާފުވީ އެވެ. އެހެންކަމުން ބަޔަކު މީހުން އަނެއްކާވެސް ޖަމިއްޔާގެ ރިޕޯޓްގެ ދިފާއުގައި ނިކުމެ މުޅި މުޖްތަމައާ ހަނގުުރާމަ ކުރަނީ އެވެ.

ރިޕޯޓަށް ފަހު ދެތިން ކަމެއް މިހާރު އެބަ ފާހަގަވެ އެވެ. އެއް ކަމަކަށް ބަޔަކު މި ރިޕޯޓަކީ ކުރީގެ ސަރުކާރު އޮތް ދުވަސްވަރު އެކުލަވައިލި ރިޕޯޓެކޭ ބުނުމެވެ. އެ ސަރުކާރުން ފިޔަވަޅު ނާޅާއި އޮތީއޭ އެވެ. އެ ސަރުކާރުން ފިޔަވަޅު އެޅިއަސް ނޭޅިއަސް ކޮންމެ ދުވަސްވަރެއްގައި މި ރިޕޯޓް ހެދިއަސް މީީގެ ވާހަކަ އާންމުންނާ ހަމައަށް އައި ހިސާބުން މިއޮތީ މައްސަލަ ގޯސްވެ އެވެ. މިއީ ކުރީގެ ސަރުކާރަކާ އަދި މިހާރުގެ ސަރުކާރަކާ ގުޅޭ މައްސަލައެއް ނޫނެވެ. މިއީ ދިވެހި ރާއްޖޭގެ އެންމެ މަތީ މަސްލަހަތާ ގުޅޭ ކަމެކެވެ.

މި ރިޕޯޓް ދިފާއު ކުރައްވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވާ ގޮތުގައި މިހާރު ނުކުމެގެން އުޅޭ ރިޕޯޓާ ދެކޮޅަށް ވާހަކަ ދައްކަނީ އިސްލާމްދީން ހަތިޔާރަކަށް ހަދައިގެނެވެ. އަދި އެއީ ދީނަށް ކުރާނެ އެންމެ ބޮޑު ފުރައްސާރަ އެވެ. މިއީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ؟ މިއީ ކުރިންސުރެ އޮންނަ ތުހުމަތުތަކަށް ބާރުލިބޭ ކަމަކަށް ނުވޭ ހެއްޔެވެ؟

ކުއްލިއަކަށް މި ރިޕޯޓް ފެނިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ ކުއްލިއަކަށް "އެއޮތީ ޓެރަރިޒަމް ގާނޫނު ފާސްކޮށްފައޭ ހަދާނެ އެއްޗެއް ދެން ހަދާބަލާށޭ" ބުނަން މި ޖެހުނީ ކީއްވެގެން ހެއްޔެވެ؟ މި ހުރިހާ ކަމަކަށް ބަލާއިރު މިއީ ގަސްދުގައި ރާވައިގެން ކޮށްފައިވާ ކަމެކެވެ.

ބަސް ހުއްޓިފައި ވަނީ ކީއްވެގެން؟

އެމްޑީއެންގެ ރިޕޯޓަކީ ދިވެހިންނަށް އަޅާ ނުލައި ތިބެވޭނެ ރިޕޯޓަކަށް ނުވިއެވެ. އެ ރިޕޯޓްގެ ފަހަތުގައި ވަނީ ރާއްޖޭގައި އެހެން ދީންތަކަށް ފުުރުސަތު ހޯދާ ދިނުމާއި، އިސްލާމް ދީނުގެ މަތިވެރި ޝިއާރަށް ގޮންޖެހުމެވެ. އަދި ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް އޮތް ގަދަރަށް އުނިކަން ގެނައުމެވެ.

މި މައްސަލައާއި ގުޅިގެން ދީނީ އިލްމުވެރިންނާ، އާންމުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ރިޕޯޓްގެ މައްސަލަ ބަލަން އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް މައްސަލަ ހުށައަޅާފައިވެ އެވެ. ނަމަވެސް އެއަށްފަހު ސަރުކާރުން މިކަމުގައި އިތުރު ބަހެއް ނުބުނެއެވެ.

ދީނަށް ފުރައްސާރަ ކުރުން ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖެނުއަރީ 22، 2019 ގައި ނައިބު ރައީސް ފައިސަލް ނަސީމާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނާއި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރާއި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ހިމެނި ވަޑައިގަންނަވާ ގޮތަށް އުފައްދާފައިވާ ހާއްސަ ކޮމިޓީން އެއްވެސް ބަހެއް އަދި ބުނެފައެއް ނުވެ އެވެ.

އިސްލާމިކް މިނިސްޓްރީއަކީ ސަރުކާރުގެ ފަރާތުން މިފަދަ މައްސަލަ ތަކުގައި ބަސް ބުނަން އޮތް މުއައްސަސާއެވެ. އެހެންވީމަ އެ މުއައްސަސާއިން އެއްޗެއް ބުނުމުން ފުދުނީ ކަމުގައި ބައެއް ފަރާތްތަކަށް ހީވެދާނެ އެވެ. އެހެން ކަމަށްވާނަމަ ބޮޑު ކާރިސާއެއް ހިނގުމުން އެކަމާ ގުޅޭ އިދާރާތަކުން އަޅަމުންދާ ފިޔަވަޅުތަކާ، އަދި ގެއްލުންވި ފަރާތްތަކަށް ތައުޒިޔާ ކިޔުމުން ފުއްދައިލެވޭނެ އެވެ. ނަމަވެސް ކަން ހިނގަނީ އެ މަގަކުން ނޫނެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ރައީސްގެ ނާއިބާއި، ވަޒީރުންނާއި، އޭގެ ދަށުން ތިބޭހާ ބަޔަކު އެކަމާއި ގުޅޭގޮތުން ޝުއޫރު ފާޅު ކުރެ އެވެ. އެލާޓަށް ދެއެވެ. ސަރުކާރުން ފިޔަަވަޅު އަޅަން ފަށާފައިވާކަމަށް ހާމަ ކުރެއެވެ. އެހެންކަމުން އެމްޑީއެންގެ ރިޕޯޓްގެ މައްސަލާގައިވެސް އިސްލާމިކް މިނިސްޓްރީން ފުލުހަށް ސިޓީއެއް ފޮނުވުމަކުން ނުފުދޭނެ އެވެ.

"އިސްލާމް ދީނަށް ގޮންޖެހުމާއި ފުރައްސާރަކޮށް ފާޅުގައި އެ ދިފާއު ކުރަން ބަޔަކު ނުކުތުމަށް ވުރެ ބޮޑު ކާރިސާއެއް ވެސް ހާދިސާއެއް ވެސް ކުރިމައްޗެއް ނުވާނެ. އޭގެ ނަތީޖާ ވެސް ރަނގަޅަކަށް ނުދާނެ،" އިލްމުވެރިއަކު ވިދާޅުވެފައި ވެއެވެ.

މި މައްސަލައަށް ފަހު ދުވަސްތައް ގުނަމުންދާއިރު ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނާއިބުގެ ބަހެއް އަދި ނެތެވެ. ހޯމް މިނިސްޓަރާއި، ޑިފެންސް މިނިސްޓަރުގެ ބަހެއް ނެތެވެ. މުޅި ސޯޝަލް މީޑިއާގައި އެކުގައި އެ ބޭފުޅުންނަށް ޓެގްކޮށް ކުރާ މެސެޖްތަކަށް ދޭނެ ޖަވާބެއް އަދިއެއް ނެތެވެ.

ފުލުހުން ފުރަތަަމަ އިސްކަން ދިނީ އެމްޑީއެންގެ މަސްލަހަތަށް

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ދިވެހިން ލޭ ކެކި އެ ޖަމިއްޔާގެ މެންބަރުން ހައްޔަރު ކުރަން ގޮވަން ފެށިއެވެ. ޖަމިއްޔާއަށް ނިސްބަތްވާ މެންބަރުންގެ ނަންތައް ހާމަކުރަން ފެށި އެވެ. އަދި ޖަމިއްޔާ އުވާލުމަށް ގޮވާލާ އަޑުގަދަކޮށްލި އެވެ. އެންމެ ފަހުން ޕެޓިޝަނެއް ހަދާ ސޮއި ވެސް ކުރަން ފެށީ އެވެ.

ދިވެހި ޖަމާއަތުން ނެރުނު ރިޕޯޓެއްގައި މިފަދަ ނުރައްކާތެރި ވާހަކަތަކެއް ހިމަނާފައިވުމުން އެ މައްސަލަ ބަލަމުން ގެންދޭތޯ ނޫސްވެރިން، ފުލުހާ ސުވާލު ކުރިއެެވެ. ފުލުހުން ދިން ޖަވާބަކީ އެފަދަ މައްސަލައެއް އެއްވެސް ފަރާތަކުން ރަސްމީކޮށް އެ އިދާރާއަށް ހުށައަޅާފައެއް ނުވެއެވެ. އެފަދަ ރިޕޯޓެއްގެ މައްސަލަ ފުލުހުގެ ސަމާލުކަމަށް ގެނެސްފައެއް ނުވެ އެވެ. ނަމަވެސް ދީނަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރުނު މައްސަލާގައި، އެ ރިޕޯޓް ނެރުނު ޖަމިއްޔާގެ ބައެއް މެންބަރުންނަށް ބިރު ދައްކާ، އިންޒާރުދޭތީ އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެ މައްސަލައިގެ ތަހުގީގެއް ފެށިފައި ވެއެވެ. ދިވެހި ރާއްޖޭގެ އެންމެ މަތީ މަސްލަހަތަކީ އިސްލާމް ދީނެވެ. އެކަމާ ގުޅޭ މައްސަލަ ފުލުހުން ބަލަން ފެށުނީ ރައްޔިތުން ރުޅިގަނޑު ފަޅައިގެންދާ ހިސާބަށް ވެސް ދިޔަ ފަހުންނެވެ.

"އެ ތަހުގީގުގެ ތެރެއިން ތިޔަ މައްސަލަ ވެސް ބަލާނެ ކަމަށް ދަންނަވަން." ފަހުން މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ބުނި ނަމަވެސް ފުރަތަމަ ބުނީ މިހެނެވެ. މިއޮށް ސީރިއަސް މައްސަލައަށް ފުލުހުން ދިން ފުރަތަމަ ޖަވާބަކީ މިއީ އެވެ.

ފުލުހުން މައްސަލައެއް ބަލަނީ ކަމެއް ރަސްމީކޮށް އެ އިދާރާއަށް ހުށައެޅުން ހެއްޔެވެ؟ އެހެން ވެއްޖިއްޔާ ފުލުހުންގެ މުއައްސަސާއެއް ދައުލަތުން ބޮޑު ޚަރަދެއް ކޮށްގެން ހިންގުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟


އެމްޑީއެމްގެ ރިޕޯޓަށް ފާޑުކިޔުން އަމާޒުވުމުން އެ ޖަމިއްޔާ އުފެއްދި މުއައްސިސުންނަށް ގޯސްވީ ދީނީ އިލްމުވެރިންނާއި، އެ ރިޕޯޓް ކުށްވެރިކުރި ދެތިން ވަޒީރަކާއި އެ ރިޕޯޓްގެ މައްސަލަ ކަވަރުކުރި ނޫސްތަކެވެ. ދެން އާދައިގެ ގޮތަކަށް ވިޔަސް މައްސަލަ ބަލަން އެންގި އިސްލާމިކް މިނިސްޓްރީ އެވެ. އެމްޑީއެންގެ އިސް ވެރިއަކު ވަނީ "އިސްލާމިިކް މިނިސްޓްރީއެއް މި ގައުމުގައި ހުރިހާ ހިނދަކު ހަމަޖެހުމެއް ނެތް" ކަމަށް ބުނެފަ އެވެ.

އެއަށް ފުލުހުންގެ ޖަވާބަކަށްވީ އެއީ އެ ބޭފުޅުންގެ އަމިއްލަ ޚިޔާލު ނުވަތަ އެ މިނިސްޓްރީއާ މެދު ދެކޭ ގޮތެވެ. އިސްލާމިކް މިނިސްޓްރީ އުވާލަން ގޮވި މީހުންގެ ވާހަކަތައް ފުލުހުން ތަރުޖަމާކޮށްދޭ ހިސާބަށް ވެސް ދިޔައީއެވެ. މިއީ މީގެ ކުރިން ފުލުހުން އަމަލުކޮށްފައިވާ ގޮތެއް ނޫނެވެ. ސަރުކާރުގެ އިސްވެރިންނާ، މުއައްސަސާތަކާ ގުޅޭ ގޮތުން ބައެއް މީހުން ދެއްކި ވާހަކަތައް މިގޮތަށް ތަރުޖަމާ ކުރުމުގެ ބަދަލުގައި ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލު ކުރެއެވެ. އަދި ބައެއް ފަހަރު ހައްޔަރުކޮށް ތަހުގީގު ވެސް ކުރެއެވެ. މިފަހަރު މި މައްސަލަ މިހާ ލުއިވެގެން އުޅޭ ސަބަބެއް ނުވިސްނެ އެވެ. -- ނަމަވެސް ރޭ ފުލުހުން ވަނީ އެ މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅެއް ވިއްޔާ އަޅާނެ ކަަމަށް ބުނެފަ އެވެ. އެވަރުކޮށްލެވުނީ ކިހާ ޕްރެޝަރެއް އައިސްގެން ހެއްޔެވެ؟

ހިތްވަރު ހޯދީ ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުން؟

އެމްޑީއެން ކިޔާ ޖަމިއްޔާއެއް ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާތާ އަހަރުތަކެއް ވެއްޖެ އެވެ. އަދި ދީނާ ދެކޮޅު ވާހަކަތައް އެކި ގޮތްގޮތުން ބަޔަކު މީހުން ދައްކާތާ ވެސް ދުވަސްތަކެއް ވެއްޖެ އެވެ.

ބައެއް މީހުންގެ ސުވާލަކަށް ވަނީ އެމްޑީއެންގެ މި ރިޕޯޓް މިދަނޑިވަޅުގައި ފެނުނީ ކީއްވެ ހެއްޔެވެ؟ ބައެއް މީހުންގެ ނަޒަރުގައި އެމްޑީއެންގެ ރިޕޯޓް ނުހުޅުވާ ފަސްކުރީ ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން ހުށައެޅި އިސްލާހުތައް ފާސް ކުރަން ދެނެވެ. މަޖިލީސް ޗުއްޓީގައި ވަނިކޮށް ކުރި މަސައްކަތުން މަސް ދުވަސް ނުވަނީސް ގާނޫނަށް އިސްލާހު ގެނެސް ނިންމީ އެވެ.

އާންމުން އެ ސުވާލު އުފައްދަނީ ސަބަބެއް ނެތި އެއް ނޫނެވެ. އެމްޑީއެންގެ އިސް ބައެއް ބޭފުޅުން ޓެރަރިޒަމްގެ ގާނޫނު ފާސް ކުރުމުން ދެން ނުހިފެހެއްޓޭނެ ކަމަށް ބުނެ ޓްވީޓް ކުރީމަ އެވެ. ކިތަންމެ އަސަރެއް ކުރިއަސް ގާނޫނަށް އެ އޮތީ އިސްލާހު ގެނެސްފައިކަމަށް ދިމާއަށް ބުނީމަ އެވެ.

"ޓެރެރިޒަމް ޤާނޫނު އެއޮތީ ފާސްކޮށްފަ. ދެން ކިތަންމެ ބިރުގަތަސް، އިންޒާރު ދިނަސް، އެމްޑީއެން ބަންދުކުރިޔަސް ހަމަ އެއޮތީ ގާނޫނު ފާސްވެފަ. ސުލްހަވެރިކަން ގެއްލުވާލައިގެން ދެ ބޯގެރި ދުއްވައިގެން ސަލާމަތެއް ނުވާނެ. ޓެރެރިޒަމް ގާނޫނު އެއޮތީ ފާސްވެފަ. ގާނޫނުގެ އަތް ދިގުވާނެ!" އެމްޑީއެންގެ އިސްވެރިއެއް ކަމަށްވާ އަދި މީގެ ކުރިން ވެސް ދީނަށް ފުރައްސާރަކޮށްފައިވާ ޝަހިންދާ އިސްމާއީލް ޓްވިޓާގައި ލިޔެފައި ވެއެވެ.

ސަރުކާރުން ބުނާ ގޮތުގައި ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުން އެއްވެސް ބަޔަކަށް ނުރައްކަލެއް ނެތެވެ. ނަމަވެސް އެންމެނަށްވެސް ރައްކާތެރިކަން އޮންނާނެ އެވެ. އެކަމަކު އެއީ ހަމަ ރަނގަޅު ނިޔަތްތޯ ސުވާލު އުފައްދާ ހިސާބަށް މިއޮތީ ގޯސްވެފައެވެ.

އެމްޑީއެން އުވާލަން ގޮވާލުން

ރިޕޯޓުގައި ލިޔެފައިވާ ބައެއް ވާހަކަތަކަކީ ރާއްޖޭގައި ކުށުގެ ގޮތުގައި ބެލެވޭނެ ވާހަކަތަކެވެ. އަދި އެފަދަ ވާހަކަތައް މި ފަސްގަނޑުގައި ތިބެގެން ދެއްކުމުގެ ފުރުސަތެއް ނެތެވެ. އެމްޑީއެން އުވާލުމަށް ދީނީ އިލްމުވެރިންނާއި، ބައެއް މަޖިލީސް މެންބަރުންނާއި، އާންމުން ގޮވަަނީ އެހެންވެ އެވެ.

ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ޖަމިއްޔާ ޖަމާއަތްތައް ހިންގުމުގެ ގަވާއިދާ ޚިލާފު އަމަލެއް ހިންގުމުން އެފަދަ އަމަލެއް ހިންގާ ޖަމާއަތެއް ވަގުތުން އުވާލަން ޖެހޭނެ އެވެ. އަދި މިއީ ރާއްޖޭގެ އެންމެތީ މަސްލަހަތާ ގުޅިފައިވާ ކަމަކަށް ވުމުން ދޫކޮށްލައިގެނެއް ނުވާނެ އެވެ.

އެމްޑީއެން އުވާލަން ގޮވާލާ އަޑުގަދަވުމުން އެ ޖަމިއްޔާއިން އެކަން ބޭރު ދުނިޔޭގެ ސަމާލުކަމަށް ގެންގޮސްފައި ވެއެވެ. އެމްޑީއެންއާ ދެކޮޅަށް ރާއްޖޭގެ ދީނީ އިލްމުވެރިންނާއި، ސިޔާސީ ބޭފުޅުން ކުރައްވާފައިވާ ޕޯސްޓްތައް އިނގިރޭސި ބަހަށް ތަރުޖަމާކޮށް ބޭރުގެ ޖަމާއަތްތަކަށް ފޮނުވަމުން ދެއެވެ. އެއީ އަބަދުވެސް އެކަން ހިނގާ ގޮތެވެ. އެހިސާބުން އެ ޖަމިއްޔާއަށް ފިޔަވަޅު ނާޅަން ބޭރުގެ ޖަމާއަތްތައް މެދުވެރިކޮށް ސަރުކާރަށް ޕްރެޝަރު ކުރާނެ އެވެ.

ޖަމިއްޔާތަކާ ބެހޭ ގަވާއިދުގެ 19 ވަަނަ މާއްދާގެ އަކުރު (ހ) ގައި ބުނާ ގޮތުން އިސްލާމް ދީނުގެ އަސްލަކާ ހިލާފުވުން ނުވަތަ އިސްލާމް ދީނަށް އިހާނެތިކޮށް ހިތުން ނުވަތަ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުން ނުވަތަ އެއްބައިވަންތަކަމަށް އުނިކަމެއް ގެނައުން ނުވަތަ އިސްލާމްދީން ނޫން ދީނެއްގެ ފިކުރާ ޝިއާރު ރާއްޖޭގައި ފާޅުކުރުން ނުވަތަ ފެތުރުމަކީ ޖަމިއްޔާ ހެދުން މަނާކުރެވޭ ނުވަތަ އެ ޖަމިއްޔާއެއް އުވާލެވޭނެ އެވެ. ދެން މިހިސާބުން އުވާލަންވީ ނޫން ހެއްޔެވެ؟ ދިވެހިންނަކަށް އެމްޑީއެންއެއް މުހިންމެއް ނުވެއެވެ.

ބައެއް މަގާމުތަކުގައި އެމްޑީއެންގެ މެންބަރުން

ދީނަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު އެމްޑީއެންގެ ބައެއް އިސް ބޭފުޅުން ސަރުކާރުގެ މަގާމުތަކުގައި ތިއްބެވުމަކީ ވެސް އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެވެ. ސަރުކާރުގެ މުހިންމު މަގާމުތަކާއި، ރައީސް އެކުލަވާލެއްވި ބައެއް ކޮމެޓީތަކާއި، މުއައްސަސާތަކުގައި ވެސް އެ ޖަމިއްޔާއަށް ނިސްބަތްވާ ބައެއް ބޭފުޅުން އެބަ ތިއްބެވިއެވެ.

ޓެރަރިޒަމާ ގުޅުންހުރި އެކިއެކި ކަންކަމުގައި، ރައީސަށް ލަފާ އަރުވާނެ އެންޓި ޓެރަރިޒަމް ކޮންސަލްޓެންޓެއް ހަމަޖައްސާފައިވާއިރު، އެ މަގާމަށް ހަމަޖައްސަވާފައިވަނީ އެމްޑީއެންގެ ޗެއާޕާސަން ނޫޝިން ވަހީދެވެ. އެ ނޫން ބޭފުޅުން ވެސް އެބަތިއްބެވި އެވެ.

މިފަދަ ރިޕޯޓެއް އެ ޖަމިއްޔާއިން ނެރޭނީ އެފަދަ ބޭފުޅުންގެ ބައިވެރިވުން އޮވެގެނެވެ. އެ ބޭފުޅުން އެ މަގާމުތަކުގައި އިތުރަށް ބައިތިއްބައިގެން ނުވާނެކަމަށް އާންމުން ދެކެ އެވެ.

އެމްޑީއެންގެ ރިޕޯޓަކީ ނުރައްކަލުގެ އިންޒާރެއް

މި ރިޕޯޓަކީ 2016 ވަނަ ތައްޔާރުކުރި ރިޕޯޓެކެވެ. ނަމަވެސް މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެ ރިޕޯޓް ވަނީ ޝާއިއުކޮށްފަ އެވެ. އެ ރިޕޯޓްގެ މައްސަލަ ދިވެހިންގެ ސަމާލުކަމަށް އައީ މިދިޔަ ހަފުތާގެ ތެރޭގައެވެ. ފާޑުކިޔުންތައް ބޮޑުވުން މިހާރު ރިޕޯޓް އަނބުރާ ގެންގޮސްފައިވަނީ ބައެއް ބަދަލުތައް ގެންނަން ކަމަށް ބުނެ އެވެ.

މީގެ ކުރިން ނެރުނު ރިޕޯޓްގައި ހިިމަނާފައިވާ ވާހަކަތަކުގެ އިތުރުން ކީރިތި ރަސޫލާގެ ހަޔާތްޕުޅުގައި އެކަލޭގެފާނަށް ދެއްކެވި އެންމެ ބޮޑު މުއުޖިޒާތްކަމަށްވާ އިސްރާއާ މިއުރާޒުގެ މަތިވެރި ދަތުރުފުޅަށް ވެސް އެ ރިޕޯޓްގައި ވަނީ ހަޖޫ ޖަހާފަ އެވެ. އަދި އެއީ ޚިޔާލީ ވާހަކައެއްގެ ގޮތުގައި ދައްކަން ވަނީ މަސައްކަތްކޮށްފަ އެވެ.

ރާއްޖޭގެ ދީނީ ހާލަތާއި ގުޅޭގޮތުން ނެރޭ ރިޕޯޓެއްގައި މާތް ﷲ ރަސޫލާއަށް ދެއްކެވި މުއުޖިޒާތެއްގެ ވާހަކަތައް އެއްވެސް އަސާސެއްނެތް ގޮތުގައި ބަޔާންކޮށް ފުރައްސާރަ ކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ހަރުކަށިކަމާ މާތް ރަސޫލާގެ ބައެއް ބަސްފުޅުތަކާއި ގުޅުވުމުގެ މާނައަކީ ކޮބައިހެއްޔެވެ؟

ގިނަ ބައެއްގެ ނަޒަރުގައި މިއީ ނުރައްކާތެރި އިންޒާރެވެ. މިއީ ދިވެހިންގެ އިސްލާމީ ވަންތަ ކަމަށް ޖެހި ގޮނެކެވެ. މިއީ ފާރަވެރިވާން ޖެހޭކަމެކެވެ. ރާއްޖެ މިނިވަން އަދި ހަމަޖެހޭ ގައުމެއްގެ ގޮތުގައި ދެމި އޮތުމުގެ އަސްލަކީ އިސްލާމްދީނެވެ. މިއީ މި މައްސަލަ ބަލާ ފިޔަވަޅު އަޅަންވީ ވަގުތެވެ. ދިވެހިންގެ ބިމުން އެހެން ދީނަކަށް ފުރުސަތު ނުދޭނެކަން ދައުލަތުން ސާބިތު ކޮށްދޭންވީ ވަގުތަކީ މިއީ އެވެ. ބިރުގަަންނަންވީ ކާކު ދެކެ ހެއްޔެވެ؟