ޑރ. އަހުމަދު ޒާހިރު އަލީ

އިމާމުންނާއި ހަތީބުން ތަމްރީނުތަކަށް ރާއްޖެއިން ބޭރަށް

Jun 11, 2022

އިމާމުންނާއި ޚަޠީބުންނަކީ ގާބިލް ބަޔަކަށް ހެދުމަށްޓަކައި ތަމްރީނުތަކަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ލަސްތަކެއްނުވެ ފައްޓަވާނެ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔަ އިމާމުންނާއި ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ މިފަދަ ކޯސްތަކާއި ތަމްރީނުތައް ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ ތަމްރީނުތަކުގައި ބައިވެރިވާ މީހުން ގާބިލް ބަޔަކަށް ހެދުމެވެ. އަދި އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ރާއްޖެއިން ބޭރުން ފުރުސަތު ދެވޭ މީހުން ހޮވާއިރު ރާއްޖޭގައި ހިންގާ މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވާ މިންވަރަށް ބެލޭނެ ކަމަށް ވިދާޅުވިއެވެ.

މި ތަމްރީނުތަކުގެ ބޭނުމަކީ އެ އިމާމުންނާއި ހަތީބުންނަކީ ރަނގަޅު ގާބިލް ބަޔަކަށް ހެދުން ކަމަށާއި މަސައްކަތް ކުރައްވަމުން ގެންދަވަނީ އެގޮތަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އިމާމުންނާއި ހަތީބުންނަކީ ރައްޔިތުން ބަލައިގަންނަ ބަޔަކަށް ހަދަން ސަރުކާރުން ބޭނުވާ ކަމަށާއި އެހެންކަމުން އެ މީހުންނަަށް މިފަދަ އިތުރު ޕްރޮގްރާމްތައް ހިންގަން ބޭނުންވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އިމާމުންނާއި ހަތީބުންނަކީ ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތްކުރާ ބަޔަކަށް ވުމާއި މިސްކިތަކީ މުގައްދަސްތަނަކަށްވާއިރު އާންމުން، އިމާމެއްގެ ކިބައިން ފެންނަން ބޭނުން ނުވާ ނުވަތަ އިމާމަމަށްވާތީ ބަލައިނުގަންނަ ކަންކަމުން ދުރުހެލިވުމަށް މިނިސްޓަރު ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

ފުވައްމުލައް ސިޓީގައި އިމާމުންނާއި ހަތީބުން ތަމްރީނު ކުރުމަށް ތިން ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 38 މީހަކު ބައިވެރިވިއެވެ. މި ތަމްރީނުތަކުގައި މައިގަނޑު ގޮތެއްގައި ކިޔަވައި ދީފައިވަނީ ތަޖުވީދާއި ހުކުރު ގަވާއިދު އުސޫލާއު ސިވިލް ސާވިސްގެ ގަވާއިދު އުސޫލާއި މަސައްކަތުގެ އަހުލާގާއި އެހެން މީހުންނާއި މުއާމަލާތް ކުރުމާއި ނަމާދުގެ ހުކުމްތައް އަދި ހިލާފީ މައްސަލަތަކުގައި އަމަލު ކުރާނެ ގޮތްތަކާ ބެހޭ ގޮތުންނެވެ.