ގަބުރު ހުރެގެން ނަމާދު ނުކުރެވޭ ތަނެއްގައި ހިނގާބިނގާވެ އުޅުން އަދި ނިދައި ހެދުންވެސް ކަނޑައެޅިގެން ހަރާމް ވާނެ ކަމަށް ދީނީ އިލްމުވެރިޔާ އައްޝައިހް އާދަމް ނިޝާން ބިން އަލީ ވިދާޅުވެއްޖެ އެވެ.
ޝައިހް މިހެން ވިދާޅުވީ މިސްކިތެއްގެ ގޮތުގައި ކުރީން ބޭނުންކުރި ތަނެއްގައި އިންޑިއާގެ މަސައްކަތު މީހުން ގެންގުޅޭ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. އެ މިސްކިތް ބޭނުން ކުރުން 2017 ވަނަ އަހަރު ހުއްޓާލީ މިސްކިތް ހުރި ސަރަހައްދުން ގަބުރު ފެނުމާއި ގުޅިގެންނެވެ. ގަބުރު މަތީ ނަމާދު ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ.
ފ. ދަރަނބޫދޫގައި މިސްކިތެއްގެ ގޮތުގައި ކުރީން ބޭނުންކުރި ތަނެއްގައި އިންޑިއާގެ މަސައްކަތު މީހުން ގެންގުޅޭ މައްސަލައާ ގުޅިގެން އާންމުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ރަށުގައި އަލަށް އިމާރާތް ކުރި މިސްކިތް 2017 ވަނަ އަހަރު ބޭނުން ކުރަން ފެށުމާއެކު ކުރީން ބޭނުން ކުރަމުން އައި މިސްކިތް ބަންދުކޮށްފައިވާ ކަމަށެވެ. އަދި މި މިސްކިތުގައި ނަމާދު ނުކުރާތީ މިސްކިތުގައި ގުރުއާން ކުލާހެއް ހިންގަން އެ ރަށު ކައުންސިލުން އިސްލާމިކް މިނިސްޓްރީގައި އެދުމާ ގުޅިގެން އެ މިސްކިތް ކައުންސިލާ ހަވާލުކުރި ކަމަށެވެ.
އޭގެ ފަހުން އެތަނުގައި ކައުންސިލުން ގުރުއާން ކުލާސް ހިންގިކަން އެ މިނިސްޓްރީއަށް އެނގިފައިވާ ކަމަށްވެސް ބުންޏެވެ.
"... 2017 ވަނަ އަހަރު މިސްކިތް ބަންދު ކުރެވުނު ހިސާބުން ފެށިގެން އެ އިމާރާތް ވަނީ ކައުންސިލާއި ހަވާލުކުރެވިފައެވެ،" މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
އެ ބަޔާނަށް އިޝާރާތް ކުރައްވާ ޝައިހް ނިޝާން ވަނީ މިނިސްޓްރީގެ ބަޔާނުގައި މިސްކިތް ބަންދު ކުރެވުނު ސަބަބަކީ ގަބުރުމަތީ ބިނާކޮށްފައި ހުރުުމުން ކަމަށް ބަޔާންކޮށްފައި ނުވަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.
އަދި ވިދާޅުވީ ގަބުރު ހުރެގެން ނަމާދު ނުކުރެވޭ ތަނެއްގައި ހިނގާބިނގާ އަދި ނިދައި ހެދުންވެސް ކަނޑައެޅިގެން ހަރާމް ވާނެ ކަމަށެވެ.
ފ. ދަރަނބޫދޫ ކައުންސިލްގެ މެޖޯރިޓީ އޮތީ ސަރުކާރު ކޯލިޝަންގައި އޮތް އަދި ދީން ހިމާޔަތް ކުރުމުގެ ނަމުގައި އުފައްދާފައިވާ އަދާލަތު ޕާޓީއަށެވެ. އެ ޕާޓީއަށް ތިން ކައުންސިލަރުން ނިސްބަތްވެއެވެ. ދެން ތިބީ އެމްޑީޕީ ކައުންސިލަރަކާއި ޕީޕީއެމްގެ ކައުންސިލަރެެކެވެ.
މިސްކިތެއްގެ ގޮތުގައި ކުރީން ބޭނުންކުރި ތަނެއްގައި އިންޑިއާގެ މަސައްކަތު މީހުން ގެންގުޅޭ މައްސަލައެއް ފެންމަތި ކުރެއްވީ މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. މުއިއްޒު އާންމު ކުރެއްވި ވީޑިއޯގައި މިސްކިތެއްގެ ގޮތުގައި ކުރީން ބޭނުންކުރި ތަނެއްގައި އިންޑިއާގެ މަސައްކަތު މީހުން ގެންގުޅޭ މައްސަލާގައި އާންމުންގެ މީހަކު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކާ އަޑު އިވެއެވެ. އެ މީހާ ބުނެފައިވަނީ އެ ތަނުގައި އިންޑިއާ މީހުން ގެންގުޅެ އެ މީހުން ނިންދަވާ ހަދާކަން އެނގުނީ އެއް ދުވަހަކު ވުލޫކޮށްލަން އެ މިސްކިތަށް އެރުމުން ކަަމަށެވެ.
އެއީ މިސްކިތެއްގެ ގޮތުގައި ކުރީން ބޭނުންކުރި ތަނަކަށް ވާތީ އެފަދަ ގޮތަކަށް އެތަން ބޭނުން ކުރަމުންދާ މައްސަލާގައި އިހުތިޖާޖު ކޮށް އެކަން ހުއްޓުވަން ޖެހޭ ކަމަށްވެސް އެ މީހާ ބުނެއެވެ. އެކަމާއި ދެކޮޅަށް އިލްމުވެރިންނާއި އާންމުން ތެދުވަންވެސް ގޮވާލާފައިވެއެވެ.
އެ ވީޑިއޯ އިން ފެންނމަ ގޮތުގައި ވަރަށް ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރީން އެ ތަނުގައި ދިިރިއުޅެއެވެ. މިސްކިތުގެ ގޯތިތެރޭގައި އެ މީހުން ލާން ގެންގުޅޭ އަންނައުނުތައް ހިއްކަން އަޅާފައި ހުއްޓެވެ. އަދި ގިނަ އަދަދެއްގެ މީހުން މިސްކިތްތެރޭގައި އޮށޯވެ ތިބޭ މަންޒަރު ފެނެއެވެ. އެމީހާ ބުނާ ގޮތުން އެއީ އެ ރަށުގައި ހިންގާ ނަރުދަމާގެ މަޝްރޫއުއަށް ގެނެސްފައިވާ އިންޑިއާ ބައެކެވެ. އެ މީހުންގެ އަދަދު 200 އަށް ވުރެ އިތުރު ކަމަށް ބުނެފައިވެއެވެ.
މުއިއްޒު އާންމު ކުރެއްވި ވީޑިއޯއާ ގުޅިގެން އިލްމުވެރިން ހިމެނޭހެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެކަން ވަގުތުން ހުއްޓުވަން އެދިފައިވެއެވެ. އެއީ ބަޔަކު ގަސްތުގައި ދީނާ ފުރައްސާރަ ކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށްވެސް ބައެއް މީހުން ދެކެއެވެ.