ދަރަނބޫދޫ

މީހުން ބައިތިއްބަން ބައު މިސްކިތް ނުދޭން ނިންމައިފި

ފ. ދަރަނބޫދޫގައި މިސްކިތެއްގެ ގޮތުގައި ކުރީން ބޭނުންކުރި އިމާރާތް، މީހުން ދިރިއުޅުމަށް ކުއްޔަށް ދޫކުރަމުން އައި އައުން ނިމުމަކަށް ގެނައުމަށް ނިންމާފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ކައުންސިލްގެ ނާއިބު ރައީސްއާ އިތުރު ދެ މެންބަރަކު ސޮއިކޮށް މިއަދު ވަނީ އެކަމާ ގުޅޭ ބަޔާނެއް ނެރެފައެވެ. އެ ބަޔާން ނެރެފައިވަނީ މިސްކިތެއްގެ ގޮތުގައި ކުރީން ބޭނުންކުރި އެ އިމާރާތުގަައި އިންޑިއާގެ މަސައްކަތު މީހުން ގެންގުޅޭ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. އެ މިސްކިތް ބޭނުން ކުރުން 2017 ވަނަ އަހަރު ހުއްޓާލީ މިސްކިތް ހުރި ސަރަހައްދުން ގަބުރު ފެނުމާއި ގުޅިގެންނެވެ.

އެކަމާއި ގުޅިގެން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވުމުން ދަރަނބޫދޫ ކައުންސިލުން ބުނީ "ދާރުލްއުލޫމް" މިސްކިތް އިމާރާތް ހުރި ބިމުގައި ގަބުރު ހުންނާނެ ކަމަށް ވަރަށް ބޮޑަށް ބެލެވިގެން 2017 ވަނަ އަހަރު އެ މިސްކިތް ދަފްރަތުން އުނިކޮށްފައިވާ ކަމަށާ އޭގެ ފަހުން އެ އިމާރާތް ކައުންސިލާއި ހަވާލުކުރުމުން އެކި ބޭނުންތަކަށް އިމާރާތް ބޭނުން ކޮށްފައިވާނެ ކަމަށެވެ. އަދި 2020 ވަނަ އަހަރުގެ މެއި މަހުން ފެށިގެން އެ އިމާރާތް ކުއްޔަށް ދޫކުރަމުން އައިސްފައިވާ ކަމަށެވެ.

"އެގޮތުން މިވަގުތު އެ އިމާރާތުގައި ހުރީ މިރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ އެމްއެމްސީ އިންފްރާސްޓްރަކްޗާ ލިމިޑެޓަށް ދޫކޮށްފައެވެ. އަދި މީގެ ކުރީން މި ރަށުގެ ބަދަރު ހެދުމުގެ މަސައްކަތް ކުރި އެމްޓީސީސީއަށްވެސް އެ އިމާރާތް ކޫރެވިފައި ވެއެވެ. މި އިމާރާތް އެއްވެސް ބަޔަކަށް ދޫކުރުމަށް އެދި ދިވެހި ސަރުކާރުގެ އެއްވެސް އިދާރާއަކުން މި ކައުންސިލްގައި އެދިފައި ނުވާ ކަމުގައިވެސް ދަންނަވަމެވެ،"

ސަރުކާރުގައި އޮތް އަދާލަތު ޕާޓީގެ މެޖޯރިޓީ އޮތް ކައުންސިލުން ނެރެނު ބަޔާނުގައި ބުނެފައިވަނީ އެ އިމާރާތުގަައި އިންޑިއާގެ މަސައްކަތު މީހުން ގެންގުޅޭ މައްސަލައެއް ފެންމަތިކޮށް ވީޑިއޯ އާންމު ކުރީ ސިޔާސީ މަގުސަދެއްގައި ކަމަށެވެ. އަދި އެއީ ކަމުގެ ހަގީގަތް އޮޅުވާލާ އެ ރަށު ކައުންސިލާއި ރައްޔިތުން އަދި ސަރުކާރު ބަދުނާމު ކުރުމަށް ކޮށްފައިވާ ކަމެއް ކަމަށާ އެކަން ކުށްވެރި ކުރާ ކަމަށެވެ.

މިސްކިތެއްގެ ގޮތުގައި ކުރީން ބޭނުންކުރި ތަނެއްގައި އިންޑިއާގެ މަސައްކަތު މީހުން ގެންގުޅޭ މައްސަލައެއް ފެންމަތި ކުރެއްވީ މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. މުއިއްޒު އާންމު ކުރެއްވި ވީޑިއޯގައި މިސްކިތެއްގެ ގޮތުގައި ކުރީން ބޭނުންކުރި ތަނެއްގައި އިންޑިއާގެ މަސައްކަތު މީހުން ގެންގުޅޭ މައްސަލާގައި އާންމުންގެ މީހަކު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކާ އަޑު އިވެއެވެ. އެ މީހާ ބުނެފައިވަނީ އެ ތަނުގައި އިންޑިއާ މީހުން ގެންގުޅެ އެ މީހުން ނިންދަވާ ހަދާކަން އެނގުނީ އެއް ދުވަހަކު ވުލޫކޮށްލަން އެ މިސްކިތަށް އެރުމުން ކަަމަށެވެ.

އެކަމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ރަށުގައި އަލަށް އިމާރާތް ކުރި މިސްކިތް 2017 ވަނަ އަހަރު ބޭނުން ކުރަން ފެށުމާއެކު ކުރީން ބޭނުން ކުރަމުން އައި މިސްކިތް ބަންދުކޮށްފައިވާ ކަމަށެވެ. އަދި މި މިސްކިތުގައި ނަމާދު ނުކުރާތީ މިސްކިތުގައި ގުރުއާން ކުލާހެއް ހިންގަން އެ ރަށު ކައުންސިލުން އިސްލާމިކް މިނިސްޓްރީގައި އެދުމާ ގުޅިގެން އެ މިސްކިތް ކައުންސިލާ ހަވާލުކުރި ކަމަށެވެ.

އޭގެ ފަހުން އެތަނުގައި ކައުންސިލުން ގުރުއާން ކުލާސް ހިންގިކަން އެ މިނިސްޓްރީއަށް އެނގިފައިވާ ކަމަށްވެސް ބުންޏެވެ.

ގަބުރު ހުރެގެން ނަމާދު ނުކުރެވޭ ތަނެއްގައި ހިނގާބިނގާ އަދި ނިދައި ހެދުންވެސް ކަނޑައެޅިގެން ހަރާމް ވާނެ ކަމަށް އިލްމުވެރިން ވިދާޅުވެއެވެ.