މިސްކިތެއްގެ ގޮތުގައި ކުރީން ބޭނުންކުރި ތަނެއްގައި އިންޑިއާގެ މަސައްކަތު މީހުން ގެންގުޅޭ މައްސަލައެއް ފެންމަތިވެއްޖެ އެވެ. މި މައްސަލަ ފެންމަތި ކުރެއްވީ މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ.
މުއިއްޒު އާންމު ކުރެއްވި ވީޑިއޯގައި މިސްކިތެއްގެ ގޮތުގައި ކުރީން ބޭނުންކުރި ތަނެއްގައި އިންޑިއާގެ މަސައްކަތު މީހުން ގެންގުޅޭ މައްސަލާގައި އާންމުންގެ މީހަކު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކާ އަޑު އިވެއެވެ. އެ މީހާ ބުނެފައިވަނީ އެ ތަނުގައި އިންޑިއާ މީހުން ގެންގުޅެ އެ މީހުން ނިންދަވާ ހަދާކަން އެނގުނީ އެއް ދުވަހަކު ވުލޫކޮށްލަން އެ މިސްކިތަށް އެރުމުން ކަަމަށެވެ.
އެއީ މިސްކިތެއްގެ ގޮތުގައި ކުރީން ބޭނުންކުރި ތަނަކަށް ވާތީ އެފަދަ ގޮތަކަށް އެތަން ބޭނުން ކުރަމުންދާ މައްސަލާގައި އިހުތިޖާޖު ކޮށް އެކަން ހުއްޓުވަން ޖެހޭ ކަމަށްވެސް އެ މީހާ ބުނެއެވެ. އެކަމާއި ދެކޮޅަށް އިލްމުވެރިންނާއި އާންމުން ތެދުވަންވެސް ގޮވާލާފައިވެއެވެ.
އެ ވީޑިއޯ އިން ފެންނމަ ގޮތުގައި ވަރަށް ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރީން އެ ތަނުގައި ދިިރިއުޅެއެވެ. މިސްކިތުގެ ގޯތިތެރޭގައި އެ މީހުން ލާން ގެންގުޅޭ އަންނައުނުތައް ހިއްކަން އަޅާފައި ހުއްޓެވެ. އަދި ގިނަ އަދަދެއްގެ މީހުން މިސްކިތްތެރޭގައި އޮށޯވެ ތިބޭ މަންޒަރު ފެނެއެވެ. އެމީހާ ބުނާ ގޮތުން އެއީ އެ ރަށުގައި ހިންގާ ނަރުދަމާގެ މަޝްރޫއުއަށް ގެނެސްފައިވާ އިންޑިއާ ބައެކެވެ. އެ މީހުންގެ އަދަދު 200 އަށް ވުރެ އިތުރު ކަމަށް ބުނެފައިވެއެވެ.
މި ވީޑިއޯ އާންމު ކުރައްވާ މުއިއްޒު ވަނީ އަދުއްވުންގެ ކިބައިން ރާއްޖެ ސަލާމަތް ކުރެއްވުން އެދި ދުއާ ކުރައްވާފައެވެ.
ވީޑިއޯގައި ފެންނަނީ ދަރަނބޫދޫ އެވެ. އެއީ މިސްކިތެއްގެ ގޮތުގައި ކުރީން ބޭނުންކުރި އަދި މިހާރު ތާރީހީ ބިނާއެއްގެ ގޮތުގައި ދެކޭ ތަނެކެވެ. އެފަދަ ތަނެއްގައި މީހުން ގެންގުޅޭތީ ރަށުގެ ގިނަ ބަޔަކު ކަންބޮޑުވެއެވެ. އަދި މީހުން ގެންގުޅެވޭނެ އެހެން ތަންތަން ހުރިިއިރު އެފަދަ ތަނެއްގައި މީހުން ގެންގުޅެން ޖެހޭ ސަބަބެއް ނެތް ކަމަށް އެ މީހުން ދެެކެއެވެ.
މުއިއްޒު އާންމު ކުރެއްވި ވީޑިއޯއާ ގުޅިގެން އިލްމުވެރިން ހިމެނޭހެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެކަން ވަގުތުން ހުއްޓުވަން އެދިފައިވެއެވެ. އެއީ ބަޔަކު ގަސްތުގައި ދީނާ ފުރައްސާރަ ކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށްވެސް ބައެއް މީހުން ދެކެއެވެ.
މިސްކިތެއްގެ ގޮތުގައި ކުރީން ބޭނުންކުރި ތަނެއް އެފަދަ ގޮތަކަށް ބޭނުން ނުކުރުމަށް އިލްމުވެރީން ވަނީ އިލްތިމާސްކޮށްފައެވެ.