މާލޭ ސިޓީ ކައުންސިލް

މިސްކިތަށް ނިދަން އަރާ މީހުން މަދުކުރީ ކައުންސިލުން: މުއިއްޒު

މާލޭގެ މިސްކިތްތަކުގައި ނިދުމާއި، މަސްތުވާތަކެތި ބޭނުން ކުރުމުގެ މައްސަލަތައް މަދުކުރީ މާލެ ސިޓީ ކައުންސިލުގެ މަސައްކަތުން ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޭޔަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރެއްގެ ސުވާލަށް ޖަވާބު ދެއްވަމުން މާލޭގެ މިސްކިތްތަކުގައި ނިދުމާއި، މަސްތުވާތެކެތި ބޭނުންކުރުން ފަދަ މައްސަލަތަކުގެ ރިޕޯޓު މިހާރު ނުލިބޭނެ ކަމަށާއި އެފަދަ މައްސަލަތައް މަދުކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވުމާ ގުޅިގެންނެވެ.

މިނިސްޓަރުގެ ވާހަކަފުޅާ ގުޅިގެން މީޑިއާއަށް ފޮނުއްވި މެސެޖެއްގައި މުއިއްޒު ވިދާޅުވީ މިފަދަ މައްސަލަތައް މަދުވީ ސިޓީ ކައުންސިލުން މާލޭގެ ހުރިހާ މިސްކިތެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށް 24 ގަޑިއިރު މޮނިޓާކުރަމުންދާތީ ކަމަށެވެ.

މީގެ އިތުރުން އެފަދަ މައްސަލައެއްގެ ރިޕޯޓެއް ލިބިއްޖެނަމަ، ސިޓީ ކައުންސިލުން ވަގުތުން ފިޔަވަޅު އަޅަމުންދާ ކަންވެސް މުއިއްޒު ވަނީ ފާހަގަކުރައްވާފަ އެވެ.

"މައްސަލަތައް މަދުވެފައި ވަނީ ސިޓީ ކައުންސިލްގެ ސީސީޓީވީ މޮނިޓަރިން އަދި އެހެން ގޮތަކުންވެސް މިފަދަ ރިޕޯޓެއް ކުރެވިއްޖެ ނަމަ، ސިޓީ ކައުންސިލުގެ ޕޮލިސް ކޮންސްޓަބިއުލަރީގެ ފަރާތުން އެޓެންޑުވެ، އެ މައްސަލަ ހައްލުކުރާތީ،" މުއިއްޒު ވިދާޅުވި އެވެ.

ސީސީޓީވީ ކެމަރާ ބޭނުންކޮށްގެން މާލޭގެ މިސްކިތްތަކާއި އާންމު ތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ މިހާރު އޮތް ސިޓީ ކައުންސިލްގެ ފަސް އަހަރުގެ ޕްލޭންގައި ހިމެނޭ ކަމެކެވެ. މިގޮތުން މާލޭގެ މިސްކިތްތަކުގައި ކެމެރާ ހަރުކޮށްގެން މޮނިޓާ ކުރަން ފެށީ މިދިޔަ އަހަރުގެ މެދުތެރޭގަ އެވެ.