ހިލޭ ސާބަހަށް މާލޭގެ މިސްކިތްތަކުގެ މަސައްކަތްތައް ކޮށްދިނުމުގެ ގަވައިދު އެކުލަވާލައިފި އެވެ.
އެގޮތުން ހިލޭ ސާބަހަށް ފޮޅާ ސާފުކުރުމާއި ކުދި މަރާމާތުކުރުމަށް ހަވާލުކުރެވޭ މާލޭ ސިޓީގެ މިސްކިތްތަކުގައި ކުރަން ޖެހޭ މަސައްކަތްތަކާއި މި މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ ގަވައިދު މާލޭ ސިޓީ ކައުންސިލުން މިއަދު ވަނީ ގެޒެޓުކޮށްފަ އެވެ.
މާލޭ ސިޓީ ކައުންސިލުން ޝާއިއުކުރި ގަވައިދުގައި ބުނެފައިވަނީ މިސްކިތްތަކަށް ތަކެތި ހަދިޔާކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ފައިސާގެ އެހީތެރިކަން ދޭން ބޭނުންވާ މީހުންނަށް، ފިނޭންސް މިނިސްޓްރީގެ "ބަނޑޭރި ޕޯޓަލް" މެދުވެރިކޮށް ފައިސާ ހަދިޔާ ކުރެވޭނެ ކަމަށެވެ.
މިސްކިތްތަކަށް އެހީވާން ބޭނުންވާ މީހުން ޖެހެނީ، އެކަން ކުރަން އެދި ސިޓީ ކައުންސިލަށް ފޯމެއް ހުށަހަޅާށެވެ.
މިސްކިތްތަކުގެ ވަކިވަކި ކަންކަން ހިލޭސާބަހަށް ކުރަން ވެސް ހުށަހެޅިދާނެ ކަމަށް ގަވައިދުގައިވެ އެވެ. ކޮންމެ ދުވަހަކު ކުރަންޖެހޭ މަސައްކަތްތަކާއި މަދުވެގެން ހަފުތާ އަކު އެއް ފަހަރު ކުރަންޖެހޭ މަސައްކަތްތަކާއި މަހަކު އެއްފަހަރު ކުރަން ޖެހޭ މަސައްކަތްތަކާއި ކޮންމެ ހަ މަހަކުން ކުރަން ޖެހޭ މަސައްކަތްތަކާއި ކުރަންޖެހޭ ކުދިކުދި މަސައްކަތްތަކުގެ ތަފުސީލުތައް ވެސް ގަވައިދުގައިވެ އެވެ.
ސިޓީ ކައުންސިލުން ވަނީ މިސްކިތް ފޮޅައި ސާފުކުރާނެ ވަގުތުތައް ވެސް ކަނޑައަޅާފަ އެވެ. މަސައްކަތްކުރާ މީހުން ތިބެން ޖެހޭނީ ކާކުކަން އެނގޭ ގޮތަށް ޔުނީފޯމެއްގަ އެވެ.
ކުރިއަށް އޮތް ރޯދަ މަހަށް ހުރިހާ މިސްކިތެއްގެ އާބާތުރަ ފިލުވުމަށް 13 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް މިގެ ކުރިން މޭޔަރު މުއިއްޒު ވިދާޅުވި އެވެ. ސަރުކާރުން ކައުންސިލަށް ހަމަޖައްސައިދިން ބަޖެޓުން މިސްކިތްތައް މަރާމާތު ކުރެވެން ނެތުމުން ސިޓީ ކައުންސިލުން ވަނީ އެ މަސައްކަތުގައި އާންމުންނާއި ވިޔަފާރިވެރިން އެހީތެރިވުމަށް ވެސް އެދިފަ އެވެ.
މިސްކިތްތައް މަރާމާތުކުރުމަށް ފަންޑު ހޯދުމަށް ހާއްސަ ހަރަކާތެއް ފެށުމަށް ވެސް މާލެ ސިޓީ ކައުންސިލުން ދަނީ ތައްޔާރުވަމުންނެވެ.