މާލޭ ސިޓީ ކައުންސިލް

އިސްލާމިކް މިނިސްޓަރަށް މުއިއްޒު ރައްދު ދެއްވައިފި

ސަރުކާރުން ދިން ރުފިޔާ ބޭނުންކުރީ މާލޭގެ މިސްކިތްތައް މަރާމާތު ކުރުމަށް ކަމަށާއި އެކަމުގެ ރިޕޯޓު އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅައިފައިވާނެ ކަމަށް ވިދާޅުވެ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރުއަށް ރައްދު ދެއްވައިފި އެވެ.

މާލެ ސިޓީ ކައުންސިލުން މިދިޔަ ހަފުތާ ބަންދުގައި ޗާލު މިސްކިތް ނަމުގައި މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތަށް ރުފިޔާ ހޯދުމަށް ފަންޑް ހޯދުމުގެ ހަރަކާތެއް ބޭއްވުމުން މިނިސްޓަރު އަހުމަދު ޒާހިރު ވަނީ ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ.

ސިޓީ ކައުންސިލަށް 2020 ވަނަ އަހަރު އެއް މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ޑރ. ޒާހިރު ވިދާޅުވި އެވެ. އެ ފައިސާ ބޭނުންކުރާ ގޮތުގެ ރިޕޯޓް ހުށަހަޅަން އެންގި ނަމަވެސް އެ ރިޕޯޓް ހުށަހަޅާފައިނުވާ ކަމަށް ޑރ. ޒާހިރު ވިދާޅުވި އެވެ.

ޑރ. ޒާހިރަށް ރައްދު ދެއްވާ މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ 2020 އިން 2022 ވަނަ އަހަރުގެ ނިޔަލަށް މިސްކިތްތަކުގެ މަރާމާތަށް އިސްލާމިކް މިނިސްޓްރީން ދިނީ ޖުމްލަ އެއް މިލިއަން ރުފިޔާ ކަމަށެވެ. އަދި 2022 ވަނަ އަހަރު ދެ މިލިއަން ރުފިޔާއަށްވާ ވަރަށް މަސައްކަތްކޮށް ކުރި މަސައްކަތުގެ ބިލް ފޮނުވުމުން އެ ފައިސާ ދޭނެކަން މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.

ނަމަވެސް އެއީ ގާނޫނު ހުއްދަ ކުރާ ކަމަކަށް ނުވާތީ މިނިސްޓްރީއާއެކު ބޭއްވި ބައްދަލުވުންތަކުގައި ތަކުރާރުކޮށް ދެ މިލިއަން ރުފިޔާ ސިޓީ ކައުންސިލަށް ޖަމާކޮށްދިނުމަށް އެދުނު ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ފައިސާ ލިބުމުން މަސައްކަތްކުރާނެ ފަރާތްތައް ހޯދާ މަސައްކަތް ކުރާނެ ކުރާނެ ކަމަށް ދެންނެވި ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

ތަކުރާރުކޮށް މިނިސްޓްރީގައި އެދުމުންވެސް މިނިސްޓްރީން އެކަމަށް އެއްބަސްނުވި ކަމަށާއި މިސްކިތްތަކުގެ މަސައްކަތްތަކުގެ ހުރިހާ ހަރަދެއް ކުރީ ކައުންސިލުން ހޯދާ އާމްދަނީން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެއީ ޖުމްލަ 10 މިލިއަން ރުފިޔާއަށްވުރެވެސް ގިނަ ފައިސާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މާލެ ސިޓީގެ މިސްކިތްތައް މަރާމާތުކުރުމަށް ފަންޑް ހޯދުމަށް މާލެ ސިޓީ ކައުންސިލުން ހުޅުވާފައިވާ ފަންޑަށް ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ.