މާލޭ ސިޓީ ކައުންސިލުން ރޯދަ މަހާ ދިމާކޮށް މާލެ ސަރަހައްދުގައި ހުރި 42 މިސްކިތެއް މަރާމާތު ކުރުމަށް ކުރިއަށްގެންދާ ޕްރޮޖެޓްގެ ތެރެއިން ހަ މިސްކިތެއްގެ މަސައްކަތް ކުރަނީ އަމިއްލަ ފަރާތްތަކުން އެމީހުން އަމިއްލައަށް ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެެވެ.
އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި މޭޔަރު ވިދާޅުވީ މިސްކިތްތައް މަރާމާތު ކުރުމަށް ކައުސިލްގެ ބަޖެޓްގައި ފައިސާ ނެތް ކަމަށެވެ. އިސްލާމިކް މިނިސްޓްރީން ކައުންސިލަށް ދިނީ އެއް މިލިއަން ރުފިޔާކަން ފާހަގަކުރައްވަމުން ވިދާޅުވީ އެއް މިސްކިތް މަރާމާތު ކުރުމަށް ވެސް އެއް މިލިއަން ރުފިޔާ ހަރަދުވާ ކަމަށެވެ.
އެގޮތުން ފުރުގާނު މިސްކިތް މަރާމާތުކުރުމަށް ބަޔަކާ ހަވާލުކޮށްފައިވާއިރު އެ މިސްކިތަށް އެކަނިވެސް އެއް މިލިއަން ހަރަދުވާނެ ކަމުގައި މޭޔަރު ވިދާޅުވި އެވެ. ހުޅުމާލޭ މިސްކިތުގެ މަރާމާތު މިހާރު ނިމުމަކާއި ކައިރިވެފައިވާއިރު އެ މަސައްކަތްތަކަށް ވެސް ދޮޅު މިލިއަން ހަރަދުވި ކަމަށެވެ. މިއީ ހަމައެކަނި ބޮޑު ދެ މިސްކިތަށް ދިޔަ ހަރަދުކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ ކުދި މިސްކިތްތައް މަރާމާތު ކުރުމަށްދާ ހަރަދު ކުޑަވާނެ ކަމަށެވެ.
"ސަރުކާރުން މިސްކިތްތައް މަރާމާރުކުރަން ރަނގަޅު ބަޖެޓް ނުދެއްވާ. ދެން އަޅުގަނޑުމެން މި ނިންމީ ކޮންޓްރެކްޓަށް އެކި ފަރާތްތަކާއި ހަވާލުކޮށްގެން ކައުންސިލްގެ މުވައްޒަފުން މިސްކިތްތަކުގެ މަސައްކަތް ކުރަން. އަދި ކައުންސިލުން ނެގީ މަސައްކަތް ތެރިންތަކެއް މަހު މުސާރަ ދޭ ގޮތަށް. އޭރުން ކައުންސިލުން ކުރަން ޖެހޭ ހަރަދު ކުޑަވާނެ. ދެން ގަންނަން ޖެހޭ ތަކެއްޗައް ހަރަދު ދާނީ. އަޅުގަނޑުމެންގެ ރެވެނިއު އެކައުންޓުގައި ހުރި ފައިސާ ބޭނުން މިކުރަނީ މިސްކިތްތަކުގެ މަރާމާތަށް. އެއީ އެންމެ ބޭނުންވާ ގޮތެއް ނޫން." މޭޔަރު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މިސްކިތްތައް މަރާމާތު ކުރުމަށް އާންމުންގެ އެހީތެރިކަން ލިބެމުންދާ ކަމަށާއި އެކަމާއި ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމަށެވެ. އެގޮތުން މަރާމާތުކުރާ 42 މިސްކިތުގެ ތެރެއިން ހަތް މިސްކިތުގެ މަސައްކަތާއި އަމިއްލަ ފަރާތަކުން ހަވާލުވެފައި ކަމަށް މޭޔަރު ވަނީ ފާހަގަކުރައްވާފަ އެވެ.
މޭޔަރު ވިދާޅުވީ ހުރިހާ މިސްކިތެއް މަރާމާތުކުރުމުގެ މަސައްކަތް ރޯދައަށް ނިންމާ ނުލެވޭނެ ކަމަށާއި ނަމަވެސް ކުރަންޖެހޭ ބޮޑެތި މަސައްކަތްތައް ރޯދައަށް ނިންމާލެވޭނެ ކަމަށެވެ.
އުއްމީދުކުރައްވަނީ ކައުންސިލަށް ލިބެން ޖެހޭ އާމްދަނީގެ ތެރޭގައި ހިމެނޭ ވެހިކަލް ފީ އާއި އެހެނިހެން ވެސް ބައެއް ފީ ތަކުން ލިބޭ އާމްދަނީ ކައުންސިލްގެ ބަޖެޓަށް ޖަމާކޮށްދިނުން ސަރުކާރުން އަވަސް ކުރުން ކަމުގައިވެސް މޭޔަރު ވިދާޅުވި އެވެ. އަދި ޓީޖެޓީ އާއި ނޯތު ހާބަރު ކަހަލަ ތަންތަނުން ކައުންސިލަށް އާމްދަނީ ލިބޭ ގޮތް ފަހިކޮށްދިނުން ކަމުގައިވެސް ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ އެމްޑަބްލިއުއެސްސީއާއި ސްޓެލްކޯއިން ބޭނުންކުރަމުންދާ ކައުންސިލްގެ ބިންތަކުން ކައުންސިލަށް 70 މިލިއަން ރުފިޔާ ދައްކަން އެބައޮތް ކަމަށެވެ. އެ ހުރިހާ ފައިސާއެއް ލިބުމުންވެސް މާލޭ ސިޓީގެ ތަރައްގީގެ ވަރަށް ގިނަ މަސައްކަތްތަކެއް ރަނގަޅަށް ކުރެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.