ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދީނީ އިލްމުވެރިން

ނަމާދު ޖަމާއަތް ހުއްޓާލަން އިލްމުވެރިންގެ މަޝްވަރާ ހޯދަނީ

ޖަމާއަތުގައި ނަމާދު ކުރުން މެދު ކަނޑާލުމާއި ބެހޭ ގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްމުވެރިންގެ ލަފަޔަށް އެދިއްޖެ އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި އެޗްޕީއޭގެ އެދުމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ ރާއްޖޭގައި ތިބި އިލްމުވެރިންނާއި ބައްދަލުކޮށް މަޝްވަރާ ކޮށްފައެވެ. ނަމަވެސް އިލްމުވެރިން ވަނީ އެކަމާއި ދެކޮޅު ހައްދަވާފައެވެ. އަދި މިސްކިތުގެ ޖަމާއަތް ހުއްޓާލުމާއި ގުޅިގެން ނިކުމެދާނެ ކަމަށް އިލްމުވެރިންނަށް ލަފާ ކުރެވޭ ބައެއް ކަންކަން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ކުރީ ފަހަރުގެ ތަޖުރިބާއިން މިސްކިތުގެ ރަސްމީ ޖަމާއަތް ހުއްޓާލި ނަމަވެސް ނަމާދު ވަގުތުތަކުގައި މިސްކިތައް އަރާ މީހުންގެ އަދަދު މަދެއްނުވާ ކަމާ އެހެން ދިމާވަނީ މާލޭގައި ގޯތިގެދޮރުގެ ދަތިކަން ހުރުމުގެ ސަބަބުން ކޮންމެ މީހަކަށް ގޭގައި ނަމާދުކުރާން ޖާގަނެތުމުން މިސްކިތަށް ދާން މަޖުބޫރުވުމުން ކަމަށް އިލްމުވެރިން ވަނީ ފާހަގަކޮށްފައެވެ.

އަދި މުޖުތަމައުގެ ތެރޭގައި އާންމުންގެ ކަންތައްތައް ހުރިގޮތުން މިސްކިތުގެ ޖަމާއަތް ހުއްޓާލި ނަމަވެސް ބޭނުންވާ މަގްސަދު ހާސިލު ނުކުރެވޭނެ ކަމަށް އިލްމުވެރިން ވިދާޅުވިއެވެ.

"...އެގޮތަކީ މަގުތަކުގައްޔާއި, ކެފޭތަކުގައި, އަދި ކުޅިވަރު ކުޅޭ ތަންތަނުގައި އެތައް އިރެއްވަންދެން މީހުން ޖަމާވެ ތިބޭއިރު, މިސްކިތުގައި ޖަމާއަތުގެ ނަމާދުގައި ހޭދަކުރެވޭ ވަގުތު ބޮޑުތަނުންވެސް މަދު. މިކަން މިހެން އޮތްއިރު ޖަމާއަތުގެ ނަމާދުކުރުން ހުއްޓާލައިފި ނަމަ އާންމު ރައްޔިތުން އަޅުގަނޑުމެންނާއި މި ސުވާލުތައް ކުރިމަތި ކުރާނެ. އަދި މީގެ ސަބަބުން މީސްތަކުންގެ ހިތްތަކުގައި ސަރުކާރާމެދު ނަފްރަތު އުފެދި ސަރުކާރުން އުޅެނީ ދީނީ ޝިއާރުތަކަށް ހުރަސްއަޅަން ކަމުގެ ތުހުމަތު އަންނާނެ. މިއީ ސަރުކާރަށާއި އަދި އަޅުގަނޑުމެންނަށްވެސް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއް،" ބައްދަލްވުމުގައި ބައިވެރިވި ބައެއް އިލްމުވެރިން ވިދާޅުވިއެވެ.

މީގެ އިތުރުން ކެފޭތައް ރޭގަނޑު 8 ޖަހާއިރު ބަންދުކުރި ނަމަވެސް ދުވާލުގެ ގިނަ ވަގުތު އެ ތަންތަން ހުޅުވާފައި ހުރުމާއި އެވަގުތު ތަކުގައި އެތައް ބަޔަކު އެ ތަންތަނަށް ޒިޔާރަތްކޮށް ޖަމާވެ މާސްކުވެސް އެޅުމެއްނެތި އެތައް ގަޑިއިރެއް ހޭދަކުރާއިރު މިސްކިތުގެ ޖަމާއަތް ހުއްޓާލުމަށް ވިސްނުމަކީ އެއްހަމަޔަކުން ވަޒަންކުރެވޭނެ ކަމެއް ނޫން ކަމަށް އިލްމުވެރިން ވިދާޅުވިއެވެ.

މިސްކިތްތަކަކީ މި ބިންމަތީގައިވާ އެންމެ މުގައްދަސް ބިނާތައް ކަމަށްވީއިރު ޖަމާއަތުގެ ނަމާދަކީ މުސްލިމުންގެ އެންމެ މުގައްދަސް އަޅުކަމަށްވީއިރު މިވަރުގެ ބޮޑުކަމެއް ހުއްޓާލަން ވާނީ, ހުރިހާ ދިމާލަކުން އެއްހަމަޔަކުން އެއް ތަރާދަކުން ވަރުގަދަ ފިޔަވަޅުތައް އެޅި އެނޫން އެއްވެސް ގޮތެއް ނެތިގެންން ކަމަށް އިލްމުވެރިން ވިދާޅުވިއެވެ.

އިލްމުވެރިން ވަނީ މި ހާލަތުގައި ކުރެވިދާނެ ބައެއް ކަންކަމުގެ ލަފާ އަރުވާފައެވެ. އެގޮތުން ބަންގި ގޮވާނިމިގެން ވަގުތުން ގަމަތްދީ ނަމާދަށް ފެށުމާއި ނަމާދުގައި ވީހާވެސް ކުރުކޮށް ކިޔަވައިގެން ނަމާދު ކުރުކޮށްކޮށްލުމަށް އެންގުމާއި ގިނަ ވަގުތު މިސްކިތުގައި ހޭދަނުކުރުމަށް އެންގުމާއި ބަލިމީހުންނާއި ބައްޔަށް ކިރިޔާވެސް ޝައްކު ކުރެވޭމީހުން މިސްކިތައް ނައުމަށް ބާރުއެޅުމަށެވެ. އިލްމުވެރިން ވިދާޅުވީ ބަންގި ގޮވާނިމިގެން ވަގުތުން ގަމަތްދީ ނަމާދަށް ފެށި ނަމަވެސް ސުންނަތް ކުރާ މީހަކަށް ފަހުން ސުންނަތް ގަލޯ ކުރުމަކީ ހުއްދަކަމެއް ކަމަށެވެ.