ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މިސްކިތްތަކުގައި ރައްކާތެރިކަމުގެ އުސޫލުތަކަށް އަމަލު ނުކުރޭ

Jul 12, 2020
10

ކޮވިޑް-19 އާ ގުޅިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން އިސްލާމިކް މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް ގިނަ ބައަކު އަމަލު ކުރަމުން ނުދާކަން ފާހަގަ ކުރެވިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ޒާހިރު ވިދާޅުވީ މިސްކިތްތަކުގައި އަމަލު ކުރަން މިނިސްޓްރީން ހާއްސަ އުސޫލެއް އެކުލަވާލާފައިވި ނަމަވެސް، މިސްކިތަށް ނަމާދަށް ދާ މީހުން އެކަން ކަމަށް ސަމާލުކަން ނުދޭ ކަމަށެވެ.

އެގޮތުން ގެއިން މުސައްލަ ހިފައިގެން ދިއުމަށާއި މާސްކު އަޅަން ނަމާދު ފެށުމުގެ ކުރިން އިމާމުން އަންގަމުން ދާއިރު، އެގޮތަށް އަމަލު ނުކުރާކަމަށް ވެސް ޑރ. ޒާހިރު ވިދާޅުވި އެވެ.

"މި ކަންކަމުގައި ތަޖުރިބާ ކުރެވުނީ އާންމު ރައްޔިތުން މިކަންކަމަށް ސަމާލުކަން ނުދޭ ކަމަށް. އެހެން ކަމުން މިހާރު މިއަދު ހެނދުނުން ފެށިގެން ރިކޯޑިން އެއް ޖަހަން ދެ ބަހުން، ދިވެހި ބަހުންނާއި ބަންގްލަދޭޝް ބަހުން އިލްތިމާސް ކުރަން އެ ގައިޑް ލައިނަށް އަމަލު ކުރުމަށް. މިސްކިތަށް ދާއިރު މިނިސްޓްރީން ދީފައިވާ އިރުޝާދަށް އަމަލެއް ނުކުރޭ. އެކަން ފާހަގަކުރެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިސްކިތްތަކުގައި އަމަލު ކުރަންޖެހޭ އުސޫލުތަކާ ހިލާފުވާ ފަރާތްތައް އަނބުރާ ފޮނުވާލަން ބައެއް އިލްމުވެރިން ސޯޝަލް މީޑިއާގައި ގޮވާލެއްވި ނަމަވެސް، އެކަން އެގޮތަށް ކުރުމަކީ އުނދަގޫ ކަމެއް ކަމުގައި ޑރ. ޒާހިރު ވިދާޅުވި އެވެ.

އެގޮތުން، އަމިއްލަ ނަފުސާއި އެހެން މީހުން ވެސް މިބަލި މަޑުކަމުން ރައްކާތެރި ކުރުމަށްޓަކައި ފަރުދީ ޒިންމާ އަދާކުރަންޖެހޭ ކަމަށް މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން އަލުން ފަށާފައިވަނީ ތިން މަހަށްވުރެ ގިނަ ދުވަސް ފަހުންނެވެ. މާލެ ލޮކްޑައުންއާ ގުޅިގެން މިސްކިތްތައް މުޅިން ބަންދު ވެސް ކުރި އެވެ.