ޑރ. މުހައްމަދު އިޔާޒް

"ދީނީ ގޮތް އޮޅުން ފިލުވައިދޭން ފަހަތަށް ނުޖެހޭނަން"

Jul 14, 2020
6

ކިތަންމެ ވަރުގަދަ އިންޒާރެއް ދިން ނަމަވެސް، މާތްވެގެންވާ އިސްލާމް ދީނުގައި ކަން އޮންނަ ގޮތް ރައްޔިތުންނަށް ބަޔާންކޮށް ދިނުމުގައި ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށް ވިދާޅުވެ، ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް ރައްދު ދެއްވައިފި އެވެ.

ޖިންސީ ކުށުގެ ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި އިސްލާހުގެ ބިލަށް މިއަދު ބަހުސް ކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ ވިދާޅުވީ، ޖިންސީ ކުށްތަކުގެ ޝިކާރައަށް އަންހެން ކުއްޖަކު ދަނީ އެއް ގޮތަކަށް ވެސް އޭނާ ލައިގެން ހުންނަ ހެދުމެއްގެ ސަބަބަކުން ނޫން ކަމަށެވެ.

އީވާ ވިދާޅުވީ ޖިންސީ ކުށުގެ ޝިކާރައަށް އަންހެން ކުއްޖަކު ދަނީ އޭނާ ލައިގެން ހުންނަ ހެދުމެއްގެ ސަބަބުން ކަމަށް ދެކޭ ދެކުމަކީ ލާއިންސާނީ އަމަލެއް ކަމަށެވެ. އަދި އެއީ ކަނޑައެޅިގެން ޖިންސީ ކުށްތައް ހިތްވަރު ދިނުން ކަމަށެވެ. އެކަމަކު ބައެއް ދީނީ އިލްމުވެރިންނާއި މީޑިއާގައި އެފަދަ މޭރުމުން ވާހަކަ ދައްކާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ މިސާލެއްގެ ގޮތުގައި ނެންގެވީ ދީނީ އިލްމުވެރިޔާ، ޑރ. މުހައްމަދު އިޔާޒު ކުރެއްވި ޓްވީޓެކެވެ. އެ ޓްވީޓަށް އިޝާރާތް ކުރައްވައި އީވާ ވަނީ އިޔާޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. ވިދާޅުވީ ޖިންސީ ކުއްތައް ހުއްޓުވުމަށް ކުރަންވީ ކަމަކީ އަންހެނުން ލައި ހެދުން ބަދަލު ކުރުން ކަމަށް ދެކެ، ދައްކާ އެ ވާހަކަތަކަކީ "މުޑުދާރު" ވާހަކަތަކެއް ކަމަށެވެ.

"ޑރ. މުހައްމަދު އިޔާޒަށް ގޮވާލަން ބޭނުން، އެ ގޮތަށް ވާހަކަ ދައްކާ ޝޭހުންނޭ ކިޔައިގެން އުޅޭ މީހުންނަށް ގޮވާލަން، ހަބަރުދާރޭ، ހުއްޓާލާށޭ، ދީނުގެ ނަމުގައި ދިވެހި އަންހެނުންނަށް ފުރައްސާރަ ކުރުމަށް، އަޅުގަނޑު ގަލޮޅު އުތުރު ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނަހާ ހިނދަކު އެ ގޮތަށް ފަލީހަތް ކުރަން ދިޔަކަ ނުދޭނަން،" އީވާ ވިދާޅުވި އެވެ.

އީވާގެ ވާހަކަފުޅަށް ރައްދު ދެއްވައި، އިޔާޒު ވިދާޅުވީ އިސްލާމް ދީނުގައި އަންހެނުންނަށް ދެވިފައިވާ ހިމާޔަތަށް ވުރެ ބޮޑު ހިމާޔަތެއް އެހެން އެއްވެސް ދީނަކަށް އަދި އެއްވެސް ބަޔަކަށް ވެސް ނުދެވޭނެކަން ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށެވެ.

"މީހަކު ކިތަންމެ ރުޅިއައި ނަމަވެސް، ކިތަންމެ ވަރުގަދަ އިންޒާރެއް ދިން ނަމަވެސް، ކިތަންމެ ބޮޑު އަނިޔާއެއް ދިން ނަމަވެސް، ދީނުގައި ކަން އޮންނަ ގޮތް ރައްޔިތުންނަށް ބަޔާންކޮށް ދިނުމުގައި އެންމެ ތަންކޮޅެއް ވެސް ފަހަތަކަށް ނުޖެހޭނަން،" އޭނާ ވިދާޅުވި އެވެ.

އީވާއަށް އިޝާރާތް ކުރައްވާ މަޖިލީހުގެ ގޮނޑިއެއް ލިބުމަކީ މީހާ ސައިޒް އޮޅެންޖެހޭ ވަރުގެ ނޫންކަމަށް ވެސް ޑރ. އިޔާޒް ވިދާޅުވެފައި ވެއެވެ.