ރައްޔިތުންގެ މަޖިލިސް

އަންހެނުންނަށް ކުރާ އަނިޔާގެ އިންކުއަރީއެއް މަޖިލީހުން ކުރަން ފާސްކޮށްފި

އަންހެނުންނަށް ކުރާ އަނިޔާތަކާ ގުޅޭ ގޮތުން ޕާލިމެންޓްރީ އިންކުއަަރީއެއް ރައްޔިތުންގެ މަޖިލީހުން ކުރަން މިއަދު ފާސްކޮށްފި އެވެ. -- މިއީ ރާއްޖޭގެ މަޖިލީހުގައި ކުރާނެ ދެވަނަ ޕާލިމެންޓްރީ އިންކުއަރީ އެވެ. --

މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި އެ ގަރާރު ތަޅުމަށް ބަލައިގަންނަން ފާސްކުރީ 71 މެންބަރުންގެ ވޯޓުންނެވެ. ގަރާރު ބަލައިގަންނަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. އެ ގަރާރުގައިވާ އިންކުރައިރީ ކުރަން ފޮނުވާފައިވަނީ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށެވެ.

އީވާގެ އެ ގަރާރުގައި ބުނާ ގޮތުން، އަންހެނުންނާ މެދު ކުރޭ ނޭދެވޭ ތަފާތު ކުރުންތަކާއި އަންހެނުންނަށް ކުރެވޭ ތަފާތު އެކި އަނިޔާތައް ނައްތާލުމާ ގުޅޭ ގޮތުން ރާއްޖޭގައި އަމަލު ކުރާ ގާނޫނުތަކާއި ގަވާއިދުތަކާއި ސިޔާސަތުތައް ތަންފީޒު ކުރުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތަކަކީ ކޮބައިކަން އެ އިންކުއަރީން ދެނެގަންނަން ޖެހޭނެ އެވެ.

ޕާލިމެންޓްރީ އިންކުއަރީ ނިމުމަށް ފަހު، އެ ކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އިސްލާހު ކުރަން ޖެހޭ ކަންކަން ބަޔާންކޮށް އެ ކޮމިޓީގެ ރިކޮމެންޑޭޝަންސްތައް ރައްޔިތުންގެ މަޖިލީހަށް ތަޅުމަށް ހުށަހަޅައިގެން ފާސްކޮށް ކުރިއަށް ގެންދަން ވެސް ގަރާރުގައި ގޮވާލާފައިވެ އެވެ.

މި ގަރާރު މިއަދުގެ ޖަލްސާގައި ތަޅުމަށް ހުށަހަޅުއްވަމުން އީވާ ވިދާޅުވީ އަންހެނުންގެ ހިމާޔަތާ ގުޅުން ހުރި އެތައް ގާނޫނެއް މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ. އެކަމަކު އެއިން އެއްވެސް ގާނޫނަކަށް އަމަލު ނުކުރެވޭ ކަމަށެވެ. ޝަރީއަތާ ހަމައަށް މަދު މައްސަލައެއް ދާއިރު، މައްސަލަ ސާބިތު ކުރާ މިންވަރު ވެސް ވަރަށް މަދު ކަމަށެވެ.

"އަޅުގަނޑުމެން އެންމެން ވެސް ހެކިވާނެ މައްސަލަތައް އަންހެނުންނަށް ދިމާ ނުވާތީއެއް ނޫން [މި ކަން ދިމާވަނީ]. ގިނަ ފަހަރަށް މައްސަލަ ހުށަހަޅަން ބޭނުން ނުވަނީ ވެސް އިންސާފު ނުލިބޭތީވެ، މައްސަލަ ހުށަހެޅިޔަސް އެ މައްސަލައަކަށް ވެގެން ނުދޭ، ފަނޑިޔާރުން ވެސް މައްސަލަ ސާބިތު ކުރަން ބޭނުން ނުވަނީ،" އީވާ ވިދާޅުވި އެވެ.

އަންހެނުނަށް ކުރާ އަނިޔާތަކާ ގުޅޭ ގޮތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ޕާލިމެންޓްރީ އިންކުއަރީއެއް ކުރަން ފަށާއިރު، އެ ކޮމިޓީން ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ ގޮތުން ޕާލިމެންޓްރީ އިންކުއަރީއެއް ހަދައިފަ އެވެ. އެއީ ރާއްޖޭގެ މަޖިލީހުގައި ހެދި ފުރަތަމަ ޕާލިމެންޓްރީ އިންކުއަރީ އެވެ.