އީވާ އަބްދުﷲ

ދީނުގެ ނަމުގައި އަންހެނުންނަށް ފުރައްސާކުރަން ފުރުސަތެއް ނުދޭނަން: އީވާ

Jul 14, 2020
4

އިސްލާމް ދީނުގެ ނަމުގައި ޖިންސީ ފުރައްސާރަ އަށާއި ގޯނާއަށް ހިތްވަރު ލިބޭ ގޮތަށް ބައެއް ދީނީ އިލްމުވެރިންނާއި މީޑިއާގައި ވާހަކަ ދައްކަމުން ގެންދާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނަވާ ހިނދަކު އެ ފުރުސަތެއް ނުދެއްވާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅު ވެއްޖެ އެވެ.

ޖިންސީ ކުށުގެ ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި އިސްލާހުގެ ބިލަށް ބަހުސް ކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ ވިދާޅުވީ، ޖިންސީ ކުށްތަކުގެ ޝިކާރައަށް އަންހެން ކުއްޖަކު ދަނީ އެއް ގޮތަކަށް ވެސް އޭނާ ލައިގެން ހުންނަ ހެދުމެއްގެ ސަބަބަކުން ނޫން ކަމަށެވެ.

އީވާ ވިދާޅުވީ ޖިންސީ ކުށުގެ ޝިކާރައަށް އަންހެން ކުއްޖަކު ދަނީ އޭނާ ލައިގެން ހުންނަ ހެދުމެއްގެ ސަބަބުން ކަމަށް ދެކޭ ދެކުމަކީ ލާއިންސާނީ އަމަލެއް ކަމަށެވެ. އަދި އެއީ ކަނޑައެޅިގެން ޖިންސީ ކުށްތައް ހިތްވަރު ދިނުން ކަމަށެވެ. އެކަމަކު ބައެއް ދީނީ އިލްމުވެރިންނާއި މީޑިއާގައި އެފަދަ މޭރުމުން ވާހަކަ ދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ މިސާލެއްގެ ގޮތުގައި ނެންގެވީ ދީނީ އިލްމުވެރިޔާ، ޑރ. މުހައްމަދު އިޔާޒު ކުރެއްވި ޓްވީޓެކެވެ. އެ ޓްވީޓަށް އިޝާރާތް ކުރައްވައި އީވާ ވަނީ އިޔާޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. ވިދާޅުވީ ޖިންސީ ކުއްތައް ހުއްޓުވުމަށް ކުރަންވީ ކަމަކީ އަންހެނުން ލައި ހެދުން ބަދަލު ކުރުން ކަމަށް ދެކެ، ދައްކާ އެ ވާހަކަތަކަކީ "މުޑުދާރު" ވާހަކަތަކެއް ކަމަށެވެ.

"ޑރ. މުހައްމަދު އިޔާޒަށް ގޮވާލަން ބޭނުން، އެ ގޮތަށް ވާހަކަ ދައްކާ ޝޭހުންނޭ ކިޔައިގެން އުޅޭ މީހުންނަށް ގޮވާލަން، ހަބަރުދާރޭ، ހުއްޓާލާށޭ، ދީނުގެ ނަމުގައި ދިވެހި އަންހެނުންނަށް ފުރައްސާރަ ކުރުމަށް، އަޅުގަނޑު ގަލޮޅު އުތުރު ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނަހާ ހިނދަކު އެ ގޮތަށް ފަލީހަތް ކުރަން ދިޔަކަ ނުދޭނަން،" އީވާ ވިދާޅުވި އެވެ.

އިސްލާމް ދީނަކީ އަންހެނުން ބާރުވެރިކޮށް އޯގާތެރިކަމާ އެކުގައި އަންހެނުން އަޅާލައި، އަންހެނުން ހިމާޔަތް ކުރުމަށް ގޮވާލާފައިވާ ދީން ކަމަށްވާއިރު ދީނުގެ ނަމުގައި ދިވެހި އަންހެނުންނަށް އެ ގޮތަށް ފުރައްސާރަ ކުރުން ހުއްޓާލަން ދީނީ އިލްމުވެރިންނަށާއި މީޑިއާއަށް ގޮވާލައްވާ ކަމަށް އީވާ ވިދާޅުވި އެވެ.

"ހަ މަހުގެ ކުޑަ ކުއްޖަކު މި ރޭޕް ކުރަނީ ކޮން އެއްޗެއް ލައިގެން ހުރީމަ، ބައްޕައަކު އަމިއްލަ ދަރިއަކު ރޭޕް މި ކުރަނީ އޭނާ ކޮން އެއްޗެއް ލައިގެން ހުރީމަ، މިއީ ރޭޕަށާއި ޖިންސީ ގޯނާއަށް ހިތްވަރު ދޭން ވެގެން، އަންހެނުންނަށް ގަދަރުކުޑަ ކުރަން ދައްކާ ވާހަކައެއް،" އީވާ ވިދާޅުވި އެވެ.