ރޭޕް

ދެމަފިރިންގެ މެދުގައި ވެސް ރޭޕް ހިމެނޭކަމަށް ކަނޑައަޅައިފި

ދެެމަފިރިންގެ މެދުގައި ވެސް ރޭޕްގެ ކުށް ހިމެނޭ ގޮތަށް ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލީހުން މިގޮތަށް ފާސްކުރީ ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލާއި ހަމަ އެ ގާނޫނަށް އިސްލާހު ގެނައުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ހުށަހެޅުއްވި ދެ ބިލު އެއްކޮށްލައި ދިރާސާކޮށް ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ނިންމުމާ ގުޅިގެން ނެވެ.

ކޮމިޓީގެ ނިންމުން މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ 52 މެމްބަރުންގެ ވޯޓާއެކު އެވެ.

މީގެ ކުރިން ގާނޫނުގައި އޮންނަ ގޮތުން ރޭޕުގެ ގޮތުގައި މާަނަކޮށްފައި ވަނީ ދެމަފިރިން ކަމުގައި ނުވާ ދެމީހުންގެ މެދުގައި،
މީހެއްގެ ޖިންސީ ގުނަވަނެއް، އެހެނ މީހެއްގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް، އެމީހެއްގެ ރުހުމާ ނުލާ، ވެއްދުމަށެވެ.

މަޖިލީހުން އިސްލާހު ކުރި ގޮތް

"ރޭޕްކުރުން" ކަމަށް ބުނެފައި އެވަނީ، ދެމަފިރިން ކަމުގައި ނުވާ ދެމީހުންގެ މެދުގައި، ނުވަތަ ދެމަފިރިންގެ މެދުގައި، މީހެއްގެ ޖިންސީ ގުނަވަނެއް، އެހެން މީހެއްގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސ ގުނަވަން ނޫން ގުނަވަނަކަށް، ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް، އެމީހެއްގެ ރުހުމާ ނުލައި، ވެއްދުމަށެވެ.

ވަކި ހާލަތްތަކެއްގައި ފިރިމީހާ އަނބިމީހާައާ ޖިމާއުވުމުން ރޭޕްކުރިކަމަށް ކަނޑައެޅޭނެ ހާލަތްތައް ވެސް ފާސްކުރި އިސްލާހުގައި ބަޔާންކޮށްފައި ވެއެވެ. އޭގެ ތެރޭގައި

  • ދެމީހުންގެ މެދުގައި އޮތް ކައިވެނި، ޝަރީއަތް މެދުވެރިކޮށް ރޫޅާލުމުގެ ނުވަތަ ތަފްރީޤް ކުރުމުގެ މަރުޙަލާއެއް ޝަރީއަތުގައި ހިނގަމުންދިޔުމާއި، އެ މައްސަލަ އޮތީ ޝަރީއަތުގެ އަޑުއެހުންތައް ނިމި ހުކުމެއް އިއްވުމާ ހަމައިގައި ކަމުގައިވުން.
  • އަނބިމީހާ ވަރިކުރުމަށް އެދި ފިރިމީހާ، ނުވަތަ ފިރިމީހާގެ ކިބައިން ވަރިވުމަށް އެދި އަނބިމީހާ ހުށަހަޅާފައިވާ މައްސަލައެއް ޝަރީއަތުގައި ހިނގަމުންދިޔުމާއި، އެ މައްސަލަ އޮތީ ޝަރީއަތުގެ އަޑުއެހުންތައް ނިމި ހުކުމެއް އިއްވުމާ ހަމައިގައި ކަމުގައިވުން.
  • ގައިންގަޔަށް އަރާ ނުރައްކާތެރި ޖިންސީ ބައްޔެއް ފިރިމީހާ ގައި ހުރިކަން އެނގިހުރެ، އަނބިމީހާއަށް އެ ބަލި ވާސިލުކުރުމުގެ ބޭނުމުގައި އޭނާއާ ޖިމާއުވުން
  • ދެމަފިރިން ވަރިނުވި ކަމުގައި ވީނަމަވެސް ، ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމެއްގެ ދަށުން، މަސްލަހަތައްޓަކައި ވަކިން ދިރިއުޅެމުންދާ ދެމީހުން ކަމުގައިވުން.

މި ހާލަތްތަކުގައި ރޭޕްގެ ކުށުގެ މުއްދަތަަކީ އެއް އަހަރާ ތިން އަހަރާ ދެމެދުގެ އަދަދަށް ޖަލަށް ލުމެވެ. އަދި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ނަމަ ތިން އަހަރާއި ފަސް އަަހަރަށް ޖަލަށް ލުމެވެެ.

ފާސްްކުރި އިތުރު އިސްލާހުތައް

  • ރޭޕްގެ ކުށުގެ ޝިކާރަ އަކަށްވީ ފަރާތުގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް "ޜޭޕް އެޑިޑެންސް ކިޓް" ބޭނުންކޮށްގެން ނަގައި، އެ ސާމްޕަލްގެ ފޮރެންސިކް ތަހުލީލުކުރުން ލާޒިމްކުރުން
  • ކުށުގެ ޝިކާރައަކަށްވީ ފަރާތް މާބަނޑުވެދާނެކަމަށް ނުވަތަ މާބަނޑުވެފައިވާކަމަށް ސިއްހީ ހިދުމަތްދޭ ޑޮކްޓަރަކަށް ފާހަގަކުރޭ
  • ހާލަތްތަކުގައި މާބަނޑުވުމުން ރައްކާތެރިކަން ހޯދުމަށް ދޭންޖެހޭ ފަރުވާ، ކުށުގެ ޝިކާރައަކަށްވ ފަރާތުގެ ރުހުމާއެކު ފޯރުކޮށްދިނުން.