ރައްޔިތުންގެ މަޖިލިސް

ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ގެންނަ ދެ ބިލެއް ބަލައިގަނެ ކޮމިޓީއަށް

ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދެ ބިލެއް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ބަލައިގަނެ ބިލު ދިރާސާކުރަން ހިއުމަން ރައިޓްސް އެންޑް ކޮމިޓީއަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތަޅުމަށް ބަލައިގަންނަން ފާސްކުރި އެއް ބިލަކީ ރޭޕްއާއި ޖިންސީ ގޯނާގެ ކުށްތަކުގެ މައްސަލަތަކުގައި ފޮރެންސިކް ތަހުލީލު ކުރުން ލާޒިމުކުރާ ގޮތަށް ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ގެންނަން ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހިސާން ހުށަހެޅުއްވި ބިލެވެ.

މަޖިލީހުގެ ތަޅުމަށް ބަލައިގަންނަން ފާސްކުރި ދެވަނަ ބިލަކީ ރޭޕްއާއި ޖިންސީ ގޯނާ ފަދަ ޖިންސީ ކުށްތަކުގެ މައްސަލަތަކުގާއި އެ ކުށްތައް ސާބިތު ނުކުރުމަށް ނުވަތަ އެ ކުށްތަކުގެ ދައުވާ ނަފީ ކުރުމަށް ބޭނުން ކުރެވޭ ހެކިތަކުގެ މާއްދާއަށް ބަދަލު ގެންނަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި ބިލެވެ.

މެންބަރު ހިސާންގެ ބިލް ތަޅުމަށް ބަލައިގަންނަން ފާސްކުރީ 71 މެންބަރުންގެ ވޯޓުންނެވެ. އެ ބިލް ބަލައިގަންނަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. އެ ބިލް ދިރާސާކުރަން ފޮނުވީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށެވެ.

މެންބަރު މީކާއީލްގް ބިލް ތަޅުމަށް ބަލައިގަންނަން ފާސްކުރީ 73 މެންބަރުންގެ ވޯޓުންނެވެ. އެ ބިލް ބަލައިގަންނަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. އެ ބިލް ދިރާސާ ކުރަން ފޮނުވީ ވެސް ހިއުމަން ރައިޓްސް އެންޑް ކޮމިޓީއަށެވެ.

ހިސާން ހުށަހެޅުއްވި ބިލުގައި ވަނީ، ޖިންސީ ކުށުގެ ޝިކާރައަކަށްވާ ވިކްޓިމްގެ އަންނައުނުން ސާމްޕަލްއަކާއި ހަށިގަނޑުން ހަ ސާމްޕަލްއެއް ނަގަން ލާޒިމުވާނެ އެވެ. ރާއްޖޭގެ ސިއްހީ ހިދުމަތް ދޭ ކޮންމެ ތަނެއްގައި ސާމްޕަލް ނެގުމުގެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސައިދީ އެ ކަމަށް ބޭނުންވާ ސިއްހީ ހިދުމަތްތެރީން ތަމްރީނު ކުރަން ޖެހޭނެ އެވެ.

މީކާއީލް ހުށަހެޅުއްވި ބިލުގައި ވަނީ، ޖިންސީ ކުށުގެ ދައުވާ ނަފީ ކުރުމަށް ބޭނުން ކުރެވިދާނެ ކަމަށް ގާނޫނުގައި ބަޔާން ކުރާ ހެކިތަކުގެ މާއްދާގައި ހިމެނޭ ތިން ހެއްކެއް އުނިކުރުމަށެވެ. މީކާއީލް ވިދާޅުވާ ގޮތުގައި ގާނޫނުގައި އެ ހެކިތައް ބޭނުން ކުރަން އޮތުމުން ރޭޕިސްޓުން ދޫވާން ފުރުސަތު ލިބެ އެވެ.