އީވާ އަބްދުﷲ

ރޭޕްގެ ހަގީގަތް ހޯދުން ނޫން ބޭނުމެއް މަޖިލީހުގެ ނެތް: އީވާ

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލައެއްގައި ކުށުގެ ތުހުމަތު ކުރެވޭ ދެ މީހަކު ފުލުހުން ދޫކޮށްލި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބަލަން މަސައްކަތް ކުރަނީ އެ ކަމުގެ ހަގީގަތް ހޯދަން ބޭނުން ވާތީ ކަމަށާއި އެ ނޫން ބޭނުމެއް ނެތް ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެ މައްސަލައިގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ދެކެވޭތީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ވިދާޅުވީ މި މައްސަލަ އިންސާފުވެރިކަމާއެކު ހާމަކަން ބޮޑު ގޮތެއްގައި ބަލަން މަޖިލީހުގެ މެންބަރުން ބޭނުންވާ ކަމަށެވެ.

އީވާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައަކަށް ބަހުސް ކުރަން ނިންމުމާއި، މަޖިލީހުގެ ކޮމިޓީތަކުން މައްސަލަ ބަލަން ނިންމި ސަބަބަކީ ވެސް މައްސަލައިގެ ހަގީގަތް ހޯދައި އިންސާފު ހޯދަން މަޖިލީހުގެ މެންބަރުން ބޭނުން ވާތީ ކަމަށެވެ.

"އަނިޔާގެ ޝިކާރައަކަށްވީ އަންހެން މީހާ، އެ ވިކްޓިމް، އޭނާއަށް އިންސާފު ހޯދައިދިނުމާއި، ކަން ހިނގާދިޔަ ގޮތުގެ ހަގީގަތް ހޯދުން ނޫން އެހެން އެއްވެސް ބޭނުމެއް ހަމަގައިމު ވެސް މި ރައްޔިތުންގެ މަޖިލީހުން ނެތްކަން އަޅުގަނޑަށް ޔަގީން،" އީވާ ވިދާޅުވި އެވެ.

ޖިންސީ ގޯނާތަކުގެ މައްސަލަތަކުގައި ފުލުހުން އަމަލު ކުރަމުންދާ ގޮތާ މެދު އީވާ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އީވާ ވިދާާޅުވީ ޖިންސީ ގޯނާތަކުގެ މައްސަލަތަކުގައި މާ ގިނަ ހެކިން ނުތިބޭނެ ކަމަށާއި ހެކި ނެތް ކަމަށް ބުނެ ތުހުމަތު ކުރެވޭ މީހުން ދޫކޮށްގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން މިފަދަ މައްސަލަތަކުގެ ތަހުގީގު ކަމާ ބެހޭ އިދާރާތަކުން ފަށަން ވާނީ ވެސް އަނިޔާ ލިބުނު މީހާގެ ވާހަކަ ގަބޫލުކޮށްގެން ކަމަށް އީވާ ވިދާޅުވި އެވެ. މައްސަލައިގެ ހަގީގަތާ ހަމައަށް ދެވެން ދެން ފުލުހުންގެ ތަހުގީގު ހިނގަން ޖެހޭނީ އެ ގޮތުގަިއ ކަމަށާއި އެހެން ނޫންނަމަ އިންސާފާ ހަމައަށް ނުދެވޭނެ ކަމަށް އީވާ ވިދާޅުވި އެވެ.

"އެއީ ފުލުސް އޮފީހުން ކަމަށް ވިޔަސް، ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ކަމަށްވިޔަސް، ކޯޓުން ވިޔަސް، މަޖިލިހުން ވިޔަސް އަނިޔާގެ ޝިކާރައަކަށްވި އަންހެން މީހާގެ ވާހަކަ ގަބޫލުކޮށްގެން މައްސަލަ ބަލަން ފަށަން ޖެހޭނީ ވެސް، އިންސާފު ލިބެންދެން، ހަގީގަތް އެނގެން ދެން،" އީވާ ވިދާޅުވި އެވެ.

މި މައްސަލާގައި ހިމެނެނީ "ނުފޫޒު" ގަދަ ބައެއް ކަމަށް ބުނެ އެ މައްސަލަ ނުބަލަން ފުލުހުންގެ އިސްވެރިން އަންގާފައިވާ ކަމަށް ވާހަކަތައް ދަނީ ފަތުރަމުންނެވެ. އަނިޔާ ލިބުނު އަންހެން މީހާއާ ހަވާލާދީ ކަމަށް ބުނެ ބައެއް ނޫސްތަކުން ދަނީ ފަތުރަމުންނެވެ. އެ ގޮތުން ތުހުމަތު ކުރެވޭ އެއް ފަރާތަކީ މަޖިލީހުގެ މެންބަރެއްގެ ފިރިކަލުން ކަމަށް ދެކެވެ އެވެ.

ނަމަވެސް ފުލުހުން މި ވާހަކަތައް ދޮގު ކުރެ އެވެ. ތުހުމަތު ކުރެވޭ މީހުން ދޫކޮށްލީ އެއްވެސް ފަރާތެއްގެ ނުފޫޒުން ނޫން ކަމަށް ފުލުހުން ބުނެ އެވެ. އަދި އަނިޔާ ލިބުނު އަންހެން މީހާ އެއްވެސް ނޫހަކަށް އިންޓަވިއު ދީފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.