ސަފާރީއެއްގެ ތެރޭގައި ޖިންސީ ގޯނާގެ ޝިކާއަކަށްވި އަންހެން މީހާ ރޭޕް ނުކުރާ ކަމަށް ބުނެ އޭނާ ތަހުގީގަށް ބަޔާން ދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ފަތިހު 5:00 ގައި ހުޅުމާލޭ ކައިރީ އޮތް ސަފާރީއެއްގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައި ވަނީ ކެންޔާގެ އަންހެނެކެވެ. އެ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރު ކުރުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ. އެކަމާ ގުޅިގެން ފުލުހުންނަށް ވަނީ ފާޑު ކިޔުމާއެކު ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފަ އެވެ.
އެ މައްސަލާގައި ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުވެ ފުލުހުން ވަނީ އެ މައްސަލަ ހިނގައިދިޔަ ގޮތް ކިޔާދީފަ އެވެ. އެގޮތުން ހުޅުމާލޭ ޕޮލިސްގެ ހެޑް މުހައްމަދު ރަޝީދު ވިދާޅުވީ އެ މައްސަލަ ފާހަގަވީ ހުޅުމާލެ ޖެޓީ ސަރަހައްދު ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންތަކަކަށް ކަމަށާއި އެ ސަރަހައްދުގައި ތިބި ތިން މީހަކާ ފުލުހުން ސުވާލު ކުރި ކަމަށެވެ. އެގޮތުން މި މައްސަލާގައި ހިމެނޭ އަންހެން މީހާއަކީ އޭނާގެ ރަހުމަތްތެރިއެއް ދިން ދައުވަތަށް އެ ރޭ ސަފާރީއަށް ދިޔަ މީހެއް ކަމާއި އޭނާގެ އަތުން އެ ސަފާރީގައި ތިބި ބަޔަކު ފޯނު އަތުލައިގެން އުޅޭތީ އެ ޝަކުވާ އޭނާ އެ ފުލުހުން ކައިރީ ކުރި ކަމަށް މުހައްމަދު ވިދާޅުވި އެވެ.
އެ ތަނުގައި ހުރެގެން އެ މީހުންނާ އިތުރަށް ސުވާލު ކުރުމުގެ ތެރޭގައި އަންހެން މީހާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް އޭނާ ބުނި ކަމަށް މުހައްމަދު ވިދާޅުވި އެވެ. އެހެންކަމުން އެ މައްސަލަ ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައި ބަލަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުލުހުން ސީންއަށް އެޓެންޑުވި ހިސާބުން ފެށިގެން އެ ދެ ފަރާތް ވަކިކޮށްގެން ހައްޔަރުކޮށްފައި އެހާ ހިސާބުން ތަހުގީގު ކުރިޔަށް ގެންގޮސްފައި ވަނީ. އެވަގުތު ވިކްޓިމްގެ ޑޮކިއުމަންޓެއް ނެތުމުން މާލެ ގެެންގޮސް ޑޮކްޓަރަށް ދެއްކުމުގެ މަސައްކަތް ކުރިން،" މުހައްމަދު ވިދާޅުވި އެވެ.
މުހައްމަދު ވިދާޅުވީ އަންހެން މީހާ ޑޮކްޓަރަށް ދައްކަން ދެކޮޅު ހަދަމުން ދިޔަ ކަމަށާއި ސަބަބަކީ އެ އަންހެން މީހާ ބުނާ ގޮތުން "އޭނާއާ މެދު ކުރި އަމަލުން ޑޮކްޓަރަށް ދައްކައިގެން ފެންނާނެ އެއްޗެއް ނޯންނާނެތީ" ކަމަށެވެ. އެހެން ނަމަވެސް ތަހުގީގަށް ފުރިހަމަ ކުރަން ޖެހޭ ކަމަކަށް ވާތީ އޭނާ ޑޮކްޓަރަށް ދައްކާ ރިޕޯޓް ވެސް ލިބިފައިވާ ކަމަށް މުހައްމަދު ވިދާޅުވި އެވެ. އަދި އޭނާ ޑޮކްޓަރަށް ދެއްކުމުގެ މަރުހަލާގައި ހެއްކި ގެއްލޭހާ ވަގުތެއް ހިނގާފައި ނުވާނެ ކަމަށް ވެސް މުހައްމަދު ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން ޗީފް އިންސްޕެކްޓާ މަރިޔަމް އަޒްމާ ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް، ރޭޕްގެ ވާހަކަތައް މީޑިއާތަކުގައި ފެންމަތިވުމުން އެ އަންހެން މީހާ އަލުން ހާޒިރުކޮށް ސުވާލު ކުރި ކަމަށެވެ. އަދި އެ އަންހެން މީހާ ވަނީ އޭނާ ރޭޕް ނުކުރާ ކަމަށާއި މީޑިއާތަކުގައި ފެތުރެނީ ދޮގު ވާހަކައެއް ކަމަށް އޭނާ ތަކުރާރުކޮށް ބުނި ކަމަށެވެ.
"އަޅުގަނޑު އޭނާއާ ސުވާލު ކުރީ މިކަހަލަ [ރޭޕް ކަމަށް ބުނާ ވާހަކަތަކެއް] އެބައުޅެއޭ މީޑިއާ ތެރޭގައި. އޭނާ ވެސް ވަރަށް ކަންބޮޑުވި. އޭނާ ވެސް ބުނި އެއީ ރޭޕެއް ނޫނޭ. އަތްލާން ބޭނުން ނުވާ ގުނަވަންތަކެއްގަ އަތްލީއޭ،" އަޒްމާ ވިދާޅުވި އެވެ.
އަޒްމާ އިތުރަށް ވިދާޅުވީ އެ މައްސަލާގައި މިހާތަނަށް ސަފާރީގެ ކެޕްޓަނާއި ސަފާރީއަށް އަރުވާފަ އެ އަންހެން މީހާއަށް ބަނގުރާ ދިން ކަމަށް ބުނާ ފަރާތާއި ތުހުމަަތު ކުރެވޭ ދެ މީހުންނާ ވެސް ސުވާލުކޮށްފައިވާ ކަމަށެވެ.
ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ވިދާޅުވީ މި މައްސަލައަށް އެއްވެސް ނުފޫޒެއް ފޯރާފައި ނުވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ މައްސަލަ ތަހުގީގުކޮށް ނިންމައި ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.