ހަބަރު

މަޖިލީހަކީ ތަހުގީގީ އިދާރާއެއް ނޫން: އުޝާމް

މައްސަލައެއްގައި ހިމެނޭ ވިކްޓިމް ހާޒިރުކޮށް ސުވާލުކޮށް ހަދަން ރައްޔިތުންގެ މަޖިލީހަކީ ތަހުގީގީ އިދާރާއެއް ނޫން ކަމަށް މަޖިލީހުގެ ވިލިމާލެ ދާއިރާގެ އަމިއްލަ މެންބަރު، ކުރީގެ ޑިޕުއިޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލާގައި އަނިޔާ ލިބުނު އަންހެން މީހާގެ ބަހެއް ހޯދުމަށާއި މައްސަލަ ބަލަމުންދާ ފުލުސް އޮފިސަރުން ހާޒިރުކޮށް މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ފާސްކުރި އެވެ.

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ނިންމުން ޝާއިއުކޮށްފައިވާ ހަބަރެއްގެ ލިންކް ހިއްސާ ކުރައްވާ އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ދައުރަކީ ސަރުކާރާއި މުއައްސަސާތަކުން ކަންކަން ކުރަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލައި ފާރަވެރިވެ، އެ މުއައްސަސާއެއް ޖަވާބުދާރީ ކުރުވުން ކަމަށެވެ.

"މަޖިލީހަކީ ތަހްގީގީ އިދާރާއެއް ނޫން. މިނިވަން މުއައްސަސާތައް އުފެއްދުމުގެ ބޭނުމަކީ މިކަހަލަ މައްސަލަތައް ބެލުން." އުޝާމް ކުރެއްވި ޓްވީޓުގައި ލިއުއްވާފައިވެ އެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކުރުމަށް ފަހު، ފަހުން ވަނީ ކުއްލި ގޮތަކަށް ދޫކޮށްލައިފަ އެވެ. އެ މީހުން ދޫކޮށްލީ "ނުފޫޒުގަދަ" ބައެއް ކަމަށް ބުނެ ފުލުހުންގެ އިސްވެރިން އެންގުމުން ކަމަށް ދަނީ އަޑުފެތުރެމުންނެވެ. ނަމަވެސް ފުލުހުން މި ކަން ދޮގު ކުރެ އެވެ. މައްސަލަ ބެލުމުގައި ނުފޫޒެއް ނެތް ކަމަށް ބުނެ އެވެ.

މި މައްސަލައާ މެދު ކަންބޮޑުވުން ބޮޑުވުމާއެކު މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން މައްސަލަ ދިރާސާކުރަން މިއަދު ކޮމިޓީ ބައްދަލުވުމެއް ބޭއްވި އެވެ. އެ ކޮމިޓީ ބައްދަލުވުމުގައި މައްސަލަ ދިރާސާކުރުމުގެ ގޮތުން ފަސް ކަމެއް ކުރަން ކޮމިޓީން ފާސްކުރި އެވެ.

އެ ގޮތުން މައްސަލަ ހިންގި ތަނަށް އެޓެންޑްވި ފުލުސް އޮފިސަރުންނާއި މައްސަލަ ތަހުގީގު ކުރުމުގައި އިސްކޮށް އުޅޭ ފުލުސް އޮފިސަރުން ހިމެނޭ ފުލުހުން ހާޒިރުކުރަން ނިންމި އެވެ. އަދި ގޯނާގެ ޝިކާރައަށްވި އަންހެން ވިކްޓިމް ކޮމިޓީއަށް އަންނަން ބޭނުންވާނަމަ ކޮމިޓީއަށް ގެނެސް އޭނާގެ ބަހެއް ހޯދަން ވެސް ނިންމި އެވެ.

ޖެންޑާ މިނިސްޓްރީން ވިކްޓިމްގެ ރައްކާތެރިކަން ކަށަވަރުކުރަން އަޅާ ފިޔަވަޅުތަކުގެ މައުލުމާތު ހޯދުމަށާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ފުލުހުންގެ ތަހުގީގު ގާތުން ބެލުމަށް ކޮމިޓީން އެދެން ވެސް ނިންމި އެވެ. އަދި މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިއާތައް ފަތުރަނީ ތެދު ހަބަރުކަން ޔަގީންކޮށްދެން އެދުމަށް ވެސް ނިންމި އެވެ.