ރައްޔިތުންގެ މަޖިލިސް

ފުލުސް ހާޒިރުކުރަން ނިންމައި ވިކްޓިމްގެ ބަސް ހޯދަނީ

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލާގައި އަނިޔާ ލިބުނު އަންހެން މީހާގެ ބަހެއް ހޯދުމަށާއި މައްސަލަ ބަލަމުންދާ ފުލުސް އޮފިސަރުން ހާޒިރުކޮށް މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ވެސް މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވީ އެ މައްސަލަ ކޮމިޓީން ދިރާސާކުރާއިރު ވަރަށް ފުޅާ ދާއިރާއެއްގައި މައުލޫމާތު ހޯދަން ޖެހޭ ކަމަށެވެ. ފުރަތަމަ ސީންއަށް އެޓެންޑްވި ފުލުސް އޮފިސަރުންނާއި ވިކްޓިމްގެ ބަސް ވެސް ހޯދަން ތާއީދުކުރައްވައި މެންބަރުން ވާހަކަ ދެއްކެވި އެވެ.

ހުރިހާ މެންބަރުން ފާހަގަކުރެއްވި ކަންކަމަށް ރިއާޔަތްކޮށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ފަސް ކަމެއް ކޮމިޓީން ކުރުމަށް ހުށަހެޅުއްވި އެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުމްތާޒު މުހައްމަދެވެ. ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ހުށަހެޅުއްވުންތައް ފާސްކުރި އެވެ.

ފުރަތަމަ ހުށަހެޅުމަކީ، މާދަމާގެ ވަގުތެއްގައި ފުލުހުންނާ އެކު ދެ ބައްދަލުވުމެއް ތާވަލުކުރުމަށެވެ. އެ ގޮތުން ހުށަހެޅީ، ފުރަތަމަ ބައްދަލުވުމުގައި މައްސަލަ ހިންގި ތަނަށް އެޓެންޑްވި ފުލުހުން ހާޒިރުކުރުމަށާއި ދެވަނަ ބައްދަލުވުމަށް ސްޓޭޝަން އިންޗާޖާއި ތަހުގީގުގައި އިސްކޮށް އުޅޭ ފުލުސް އޮފިސަރުން ހާޒިރު ކުރުމަށެވެ.

ދެވަނަ ހުށަހެޅުމަކީ، ޖިންސީ ގޯނާގެ ޝިކާރައަށްވި އަންހެން ވިކްޓިމްގެ ބަހެއް ހޯދަން ކޮމިޓީން މަސައްކަތް ކުރުމަށެވެ. އެ ގޮތުން ކޮމިޓީއަަށް ވިކްޓިމް ގެނެސް އޭނާގެ ބަސް ހޯދާނީ އެ ކަމުގައި އޭނާގެ އެއްވެސް މައްސަލައެއް ނެތި، އަމިއްލައަށް އެ ގޮތަށް ބޭނުންވާނަމަ ކަމަށް އެ ހުށަހެޅުމުގައިވެ އެވެ.

ތިންވަނަ ކަމަކީ، ޖެންޑާ މިނިސްޓްރީން އެ ވިކްޓިމްގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު ހޯދުމެވެ. ހަތަރުވަނަ ކަމަކީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ފުލުހުންގެ ތަހުގީގު ގާތުން ބެލައި ޕީޖީގެ މަސައްކަތްތަކުގެ މައުލޫމާތުތައް ކޮމިޓީއަށް ފޮނުވަން އެދި އެ މުއައްސަސާއަށް ސިޓީއެއް ފޮނުވުމެވެ.

ފަހު ކަމަކަށް ރޮޒައިނާ ހުށަހެޅުއްވީ، މި މައްސަލައިގެ ހަބަރުތައް ރަސްމީ މީޑިއާތަކުން ފަތުރާއިރު، ވިކްޓިމްއަށް އިތުރު ގެއްލުމެއް ނުވާނެ ގޮތަށް، ތެދު މައުލޫމާތު މީޑިއާތަކުން ފަތުރަމުންދާ ކަން މީޑިއާ ކައުންސިލް އާއި ބްރޯޑްކާސްޓިން ކޮމިޝަނުން ކަށަވަރު ކުރުމަށް މަސައްކަތް ކުރުމަށެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކުރުމަށް ފަހު، ފަހުން ވަނީ ކުއްލި ގޮތަކަށް ދޫކޮށްލައިފަ އެވެ. އެ މީހުން ދޫކޮށްލީ "ނުފޫޒުގަދަ" ބައެއް ކަމަށް ބުނެ ފުލުހުންގެ އިސްވެރިން އެންގުމުން ކަމަށް ދަނީ އަޑުފެތުރެމުންނެވެ. ނަމަވެސް ފުލުހުން މި ކަން ދޮގު ކުރެ އެވެ. މައްސަލަ ބެލުމުގައި ނުފޫޒެއް ނެތް ކަމަށް ބުނެ އެވެ.

އަނިޔާ ލިބުނު އަންހެން މީހާއާ ހަވާލާދީ ވެސް ބައެއް ނޫސްތަކުގައި އެކި މައުލޫމާތު ފަތުރާފައިވެ އެވެ. ނަމަވެސް ފުލުހުން ބުނާ ގޮތުން، އެއްވެސް މީޑިއާއަކަށް އަންހެން މީހާ އިންޓަވިއު ދީފައެއް ވެސް ނުވެ އެވެ.