އިސްލާމީ މަރުކަޒުގައި މަޣުރިބު ނަމާދު ކުރަމުން ދަނިކޮށް މީހަކު މިސްކިތަަށް ވަދެ އިމާމުގެ ކުރިމައްޗަށްވާ ހެން ކުޑަކަމު ދިޔަ ވާހަކަ ގިނަ ބަޔަކު އެހީ ހައިރާން ކަމާއެކު އެެވެ. މިސްކިތް ނޫންތަނެއް ކުޑަކަމުދާން ނެތީތޯ ބުނެ ގިނަ ބަޔަކު ރުޅިވެރިކަމުގެ ޝުއޫރުތައް ބަންޑުކޮށްލީ ލިިބުނު ޝޮކުގެ ބޮޑުކަމުން ނެވެ. ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި މިއީ ކުރިން އެއްގޮތަކަށް ވެސް އަޑުއެހި ވާހަކައެއް ނޫނެވެ. މިސްކިތް އެކަންޏެއް ނޫނެވެ. އެކަން ކުރަން ކަނޑައަޅާފައިވާ ތަން ފިޔަވާ އެހެންތަންތަނަށް ކުޑަކަމު ދިޔުމަކީ ދީން ވެސް ހުއްދަކުރާ ކަމެއް ނޫނެވެ. ގިނަ ބަލިތައް ވެސް ފެތުރޭނެ އެވެ.
މިސްތިތަށް ކުޑަކަމު ދިޔުމުން އެމީހާ ހައްޔަރުކުރި އެވެ. އެކަމަކު މާގިނަ ދުވަހެއް ނުވެ ދޫކޮށްލައިފި އެވެ. އޭރު ފުލުހުން ބުނީ އެ މީހާ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމެވެ. ކުޑަކަމު ދިޔަ މީހާ ދެވަނަ ފަހަރަށް ވެސް ހައްޔަރުކުރީ މިސްކިތެއްގައި ހަތިމަކަށް ކުޅުޖަހައިގެން ނެވެ. އޭނާ ފަހުން ހައްޔަރުކޮށް ޖަލަށް ލުމުން ދެން ވެސް އިވުނީ ހަމަ އެފަދަ ވާހަކަ އެވެ. އައްޑޫ ސިޓީގެ ފޭދޫގެ މިސްކިތަކަށް އެހެން މީހަކު ވަދެ ބޮޑުކަމުދިޔަ ވާހަކަ އެވެ. ގިނަ ބައެއްގެ ނަޒަރުގައި މިއީ މިހާރު ކުޅޭ ސިލްސިލާއަކަށް ވެއްޖެ އެެވެ. އެއާއެކު ގިނަ ބަޔަކު މިހާރު ކުރަނީ މި ސުވާލެވެ. މި ސިލްސިލާ ހުުއްޓުވޭނެ ގޮތެއް ހަމަ ނެތީ ހެއްޔެވެ؟ ނޫނީ މިކަންކަން ހުއްޓުވަން ސަރުކާރުން ހަމަ އެއްގޮތަކަށް ވެސް އަހައްމިއްޔަތުކަމެއް ނުދެނީ ހެއްޔެވެ؟ މިސްކިތްތަކުގެ ހުރުމަތް ކެނޑުމަކީ މުހިންމު މައްސަލައެއް ކަމަށް ސަރުކާރުން ނުދެކެނީ ހެއްޔެވެ؟
މި އަހަރު މިސްކިތްތަކުގެ ހުރުމަތް ކެނޑުމުގެ އެތައް މައްސަލައެއް
މިސްކިތްތަކުގެ ފާހާނާތަކުގައި މަސްތުވާތަކެތި ބޭނުންކުރުމާއި އެތަނުގައި ނިދުންފަދަ މައްސަލަތައް ހިނގާތާ އެތައް އަހަރެއް ވެއްޖެ އެވެ. އަދި މިސްކިތުން ހަތިމްތައް ވަގަށް ނަގައި ވިއްކުން ފަދަ ކަންކަން ކުރާތާ ވެސް އެތައް އަހަރެއް ވަނީ ވެފަ އެވެ. ނަމަވެސް މިއަހަރު ބޮޑަށް ފާހަގަވެގެން އުޅެނީ މި މައްސަލަތަކެއް ނޫނެވެ. މި އަހަރު މިސްކިތްތައް ބޮޑަށް ނޫސްތަކުގެ ސުރުހީއަށް އެރީ އެތަނުގައި ހިންގި އަހުލާގީ ގޮތުން ދަށްފެންވަރުގެ އަމަލުތަކާއި މާރާމާރީއާ ގެއްލުން ދިނުމުގެ މައްސަލަތަކާ ހެދި އެވެ.
މި އަހަރު ފެށުނީ ވެސް މިފަދަ މައްސަލައަކުން ނެވެ. އެއީ ހުޅުމާލޭ އަޒީޒާ މިސްކިތް ތެރޭގައި ހުރި އުމުރުން ދުވަސްވީ މީހެއްގެ ކަރުގައި އިންޑިއާ މީހަކު ހިފައި މާރާމާރީ ހިންގި މައްސަލައިން ނެވެ. ހަމަ މިފަދަ މައްސަލައެއް ލ. ގަމުން ވެސް މިއަހަރު ފެނިގެން ދިޔަ އެވެ. ގަމުގެ މިސްކިތެއްގެ ފުރާޅަށް ގާއުކައި އެ މިސްކިތަށް ވަދެ އިމާމާއަށް ހަމަލާދީ މައިކް ނަގައިގެން ނުކުމެ ބޭރަށް އެއްލާލި އެވެ. މީގެ އިތުރުން ހުޅުމާލޭގެ ވަގުތީ މިސްކިތުގެ ތެރޭގައި ހަޑިހުތުރު ބަހުން ހަޅޭއްލަވައި މާރާމާރީ ހިންގި މައްސަލަ ވެސް މި ލިސްޓަށް އިތުރުވި އެވެ.
މާރާމާރީއަށް ފަހު މިފަދަ މައްސަލަތަކުގެ ލިސްޓުން ވަރަށް ހުތުުރު އަަމަލެއް ވެސް ފެނިގެން ދިޔަ އެވެ. މިކަން ވެސް ހިންގީ ހަމަ މިއަހަރު ފެށުނުތަނާ އެވެ. އިސްލާމީ މަރުކަޒަށް ވަދެ ބިދޭސީއަކު ބަރަހަނާވި މައްސަލަ އެވެ. މިއީ ވެސް މީގެ ކުރިން ދުވަހަކު ރާއްޖެއިން ފެނިގެން ދިޔަ މަންޒަރެއް ނޫނެވެ. ފުލުހުންނާއި ސިފައިން އަދި އާންމުން ވެގެން އެ މީހާ ހައްޔަރު ކޮށްގެން ގެންދެވުނީ ގިނަ އިރުތަކަކު މިސްކިތުތެރޭ ބަރަހަނާކޮށް އުޅެފައިވަނިކޮށެވެ. ހައްޔަރުކޮށްގެން ގެންދިއުމުގެ ކުރިން މިސްކިތުގެ ތަކެއްޗަށް އެމީހާ އެކިވަރުގެ ގެއްލުންތައް ދިނެވެ.
އޭގެ ފަހުން ދެން ފެންމަތިވީ މިސްކިތްތަކުގެ ހުރުމަތް ކަނޑައި ތަކުރާރުކޮށް ކުޑަކަމުދާ މައްސަލަތެކެވެ. ތަކުރާރުކޮށް މިސްކިތަށް ކުޑަކަމުގޮސް އަދި ހަތިމަކަށް ކުޅުޖަހައިގެން އެމީހާ ހައްޔަރުކުރި އެވެ. އޭގެ ފަހުން ދެން ފެންމަތިވީ އައްޑޫ ސިޓީގެ މިސްކިތަކަށް ބޮޑު ކަމުދިޔަ މައްސަަލަކާއި މިސްކިތުގައި ހުރި ހަތިމްތައް އުކާލައި ގެއްލުން ދިން މައްސަލަ އެވެ.
މި ހުރިހާ ކަމެއް ހިނގަމުން އަންނަތާ އެތައް ދުވަހެއް ފާއިތުވެއްޖެ އެވެ. ރައްޔިތުންގެ ކަންބޮޑުވުން އިންތިހާޔަށް ބޮޑެވެ. މިސްކިތްތަކަކީ ހުރުމަތްވެގެންވާ ތަނަކަށްވާއިރު، މިފަދަ މައްސަލަތައް ހުއްޓުމެއް ނެތި ހިނގާތީ ރައްޔިތުން އަންނަނީ ކަމާ ގުޅުންހުރި ފަރާތްތަކަށް އެތައް ބަހުގެ ހަމަލާއެއް ފޮނުވަމުންނެވެ.
"އަޅުކަން ކުރާ ތަނަކީ ސާފުތާހިރު ތަނެއް. މާތް ވެގެންވާ ތަނެއް. މިފަދަ އަމަލުތަކަކީ ކޮށްގެން ވާނެ ކަމެއް ނޫން. މިއީ ދީނަށް ފުރައްސާރަކުރުންފަދަ ކަމެއް. މިކަންކަން ހުއްޓުވައި މިފަދަ އަމަލުތައް ހިންގާ މީހުންނާމެދު ހަރުކަށި ފިޔަވަޅު އަޅަންޖެހޭ. އެމީހުން މުޖުތަމައުގެ ތެރެއަށް ދޫކޮށްލައިގެން ނުވާނެ. މަސްތުވާތަކެއްޗާއި މާރާމާރީ ހިންގާ މީހުން މުޖުތަމައަށް ނުރައްކާވާހެން މިފަދަ މީހުންނަކީ ވެސް ހަމަ ނުރައްކާ ބައެއް. މިކަންކަމާމެދު ގައުމު ވިސްނަން އެބަ ޖެހޭ،" އާންމުންގެ މީހަކު މިކަމާ ގުޅިގެން އޭނާގެ ޝުއޫރު ފާޅުކުރަމުން ބުންޏެވެ.
މިފަދަ އަމަލުތައް ހުއްޓުވަން ސަރުކާރުން މަސައްކަތްކުރޭތަ؟
އާންމުންގެ ބޮޑެތި ކަންބޮޑުވުންތައް ހުރިއިރު ސަރުކާރުން މިކަމާ ގުޅިގެން އެއްވެސް އެޗެއް ނުބުނެ އެވެ. މިކަންކަން ހުއްޓުވަން ކަމާ ގުޅުންހުރި އިދާރާތަކުން މަސައްކަތް ނުކުރާކަން އޮތީ ހާމައަށް ފެންނާށެވެ. ރައްޔިތުން އެންމެ ކަންބޮޑުވަނީ މިހެންވެ އެވެ.
ތަކުރާރުކޮށް މިސްކިތްތަކުގެ ހުރުމަތްކެނޑޭފަދަ އަމަލުތައް ހިންގާތީ، އެކަން ހުއްޓުވައި މިސްކިތްތަކުގެ ސެކިއުރިޓީ ވަރުގަދަކުރަން އިދިކޮޅު ޕީޕީއެމްގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވި އެވެ. އެ މައްސަލަ ހުށަހެޅުއްވުމުން ވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ލިބުނީ ފިނި ތަރުހީބެކެވެ. ލަދެއްގައި ނުބެދެން ވެގެން މި މައްސަލަ ބަލައިގަނެ ކޮމިޓީއަށް ފޮނުވި އެވެ. އެކަމަކު ސަރުކާރުގެ ގިނަ މެމްބަރުން މި މައްސަލަ މަޖިލީހަށް ހުށަހެޅުން ސިފަކުރެއްވީ ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ހުށަހެޅި މައްސަލައެއްގެ ގޮތުގަ އެވެ.
މަޖިލީހުގެ ދެވަނަ ދައުރުގައި މިދިޔަ ޖޫން މަހު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ ކޮމިޓީ މަރުހަލާއަށް ފޮނުވި ގޮތަށް އޮތީ އެވެ. މަޖިލީހުގެ ތިން ވަނަ ދައުރު ނިމުނުއިރު ވެސް މި މައްސަލައާ ގުޅޭގޮތުން ކޮމިޓީގެ އެއްވެސް ބައްދަލުވުމެއް ބޭއްވިކަމެއް އެނގޭކަށް ވެސް ނެތެވެ. އެެހެން ނަމަވެސް ސަރުކާރުން ބޭނުންވާ ދީނީ ކަންކަމާ ގުޅޭ ބިލުތައް ފުލުފުލުގައި އަވަސް އަރުވާލައިގެން ދަނީ ފާސްކުރަމުންނެވެ.
ދެން އޮތީ ކުޑަކަމު ދިޔަ ވާހަކަ އެވެ. އެ އަމަލު ހިންގީ މަސްތުވާތަކެތީގެ އަވައިގައި ޖެހިފައިވާ މީހެއްކަމަށް ބުނެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފުއްދާލެއްވި އެވެ. އަދި ފުލުހުން ވެސް މިއީ ނަފްސާނީ މީހެއްކަމަށް ދައްކަން އުޅުނެވެ. ނަމަވެސް ފަހުން ހެދި ޓެސްޓުތަކުން އެނގުނު ގޮތުގައި އޭނާގެ ނަފްސާނީ އެއްވެސް މައްސަލައެއް ނެތެވެ.
މީގެ އިތުރުން މިސްކިތުގައި ބަރަހަނާވި ބިދޭސީ މީހާއާއި ހުޅުމާލޭ މިސްކިތުގައި މާރާމާރީ ހިންގި ބިދޭސީ މީހާވެސް ޑީޕޯޓްކޮށްލުން ފިޔަވައި އިތުރު ފިޔަވަޅެއް ނާޅަ އެވެ. ފުލުހުން ފަހުން ބުނި ގޮތުގައި ޑީޕޯޓްކޮށްލި ބަންގްލަދޭޝް މީހާ މިސްކިތުގައި ބަރަހަނާވީ އޭނާ ރަށަށް ދާން ބޭނުންވާތީ އެކަން ހާސިލްކުުރުމުގެ މަގްސަދުގަ އެވެ. ސަރުކާރުން ނިންމީ އޭނާ ބޭނުންވި ގޮތަށް ޑީޕޯޓްކޮށްލާށެވެ.
މިކަމަށް ހައްލު ލިބޭނީ ގާނޫނީ ގޮތުން އަދަބު ބޮޑުކޮށްގެން
މިސްކިތްތަކުގެ ހުރުމަތް ކެނޑުން ހުއްޓުވުމުގައި ގާނޫނު އެމީހުންނާ ރަނގަޅަށް އަރާ ހަމަކުރޭތޯ މިއީ މިހާރު ގިނަ ބަޔަކު އުފައްދާ ސުވާލެވެ. މިސްކިތަށް ކުޑަކަމު ދިޔަ މީހާގެ މައްސަލައިން ވެސް މިކަމާމެދު ސުވާލު އުފެދެ އެވެ. ކުޑަކަމު ދިޔަ މީހާގެ މައްސަލަ ބަލައި ކޯޓުން އިއްވީ ދޮޅު މަހުގެ ޖަލުގެ ހުކުމެކެވެ. މިއީ އާދައިގެ ސެންޓުފުޅިއެއް ފިހާރައަކުން ވަގަށް ނަގައިގެން ކުރާ ހުކުމަކަށް ވުރެ ވެސް ކުޑަ ހުކުމެވެ. ނަމަވެސް މިސްކިތެއްގެ ހުރުމަތް ކަނޑައި ކުޑަކަމުދިއުމަކީ އާދައިގެ ސެންޓުފުޅިއެއް ވަގަށް ނެގުން ކަހަލަ ކުޑަކުށެއް ހެއްޔެވެ؟
"މިފަދަ މީހުން އެންމެ މަދުވެގެން ތިން އަހަރަށް ޖަލަށް ލާން ޖެހޭނެ. މިއީ އާދައިގެ ކަމެއް ނޫން. ދީނީ ގޮތުން ބަލާއިރު ވަރަށް ބޮޑު މައްސަލައެއް،" އާންމުންގެ މީހަކު ބުންޏެވެ.
މިސްކިތަކީ ހުރުމަތްތެރި ތަނަކަށްވާއިރު އެހެން ދީންތަކުގައި ވެސް އެ މީހުން އަޅުކަންކުރާ ތަންތަނަކީ ހުރުމަތްތެރިވެގެންވާ ތަންތަން ކަމުގައި ކަނޑައަޅާފައި ވެއެވެ. އަދި އެމެރިކާ، ރަޝިޔާ ފަދަ ސެކިއުލާ ގައުމުތަކުގައި ވެސް އަޅުކަންކުރާ ތަންތަންތަނުގެ ހުރުމަތް ކެނޑުމުން ބޮޑެތި އަދަބުތައް ލިބެއެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވެސް ދެކެވަޑައިގަންނަވާ ގޮތުގައި މިސްކިތްތަކުގެ ހުރުމަތް ކަނޑާ މީހުންނަށް މިހާރު ރާއްޖޭގެ ގާނޫނުތަކުގެ ތެރެއިން ލިބޭ އަދަބުތަކަށް ވުރެ ބޮޑު އަދަބެއް ލިބެން ޖެހޭނެ އެވެ.
"އަޅުގަނޑަށް ފެންނަގޮތުގައި މިހާރު އޮތް ހާލަތަށް ބަލާފަ ގާނޫނުތަަކަށް އެބަ ޖެހޭ އިސްލާހު ގެންނަން. އަޅުގަނޑަކަށް ނޭނގެ ސައުދީ ފަދަ ގައުމުތަކުގައި ސީދާ ދޭ އަދަބެއް. ނަމަވެސް އަޅުގަނޑަށް ލިބޭ މައުލޫމާތު ކުށްކަމުގައި ނުވާނަމަ މިއީ ވަރަށް ހަރުކަށި އަދަބު އޮންނަކަމެއް،" ޑރ. ޝަހީމް ވިދާޅުވި އެވެ.
މިފަދަ މައްސަލަތައް އާންމުވެފައިވާއިރު، އިސްލާމް ދީނަށް ފުރައްސާރަ ކުރުން ހުއްޓުވުމަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައިރުވެސް މިސްކިތްތަކުގެ ހުރުމަތް ކެނޑުން ސީދާ ސަރީހަ އިބާރާތުން ކުށެއްގެ ގޮތުގައި ބަޔާންކޮށްފައެއް ނުވެ އެވެެ. ނަމަވެސް މިސްކިތްތަކަކީ ދީނުގައި އެންމެ މާތް ތަން ކަމަށްވާއިރު މި ތަންތަނުގެ ހުރުމަތް ކެނޑުމަކީ ބޮޑު ފުރައްސާރައަކަށް ނުބެލެވޭނެ ހެއްޔެވެ؟
ފިޔަވަޅުތައް ނާޅައިފިނަމަ ދީނީ ބޮޑު ހަމަނުޖެހުމަކަށް ހިނގައިދާނެ
މިސްކިތްތަކުގެ ހުރުމަތް ކެނޑުން އިންތިހާއަށް އިތުރުވެފައިވާއިރު މިއީ ބަޔަކު ރާވައިގެން ކުރާ ކަމެއްތޯވެސް ގިނަ މީހުން މިހާރު ސުވާލު އުފައްދަ އެވެ. މިއީ ތެދެއް ނަމަ، ހަމަ ގައިމުވެސް މިއީ ވަރަށް ބޮޑު ސީރައަސް މައްސަލަ އެކެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ދެކެވަަޑައިގަންނަވާ ގޮތުގައި މިއީ ހަމަ ރޭވިގެން ކުރިއަށްދާ ބޮޑު މިޝަން އެކެވެ.
"އެނގި ވަޑައިގަންނަވާނެ މި ހުރިހާ ދުވަހުވެސް މި ވެރިކަމާ ހަމައަށް މިކަން ނުހިނގާ ދެއްތޯ. މިއީ ހަމަ ގަސްދުގައި އިސްލާމްދީނަށް ހުރުމަތްތެރިކަން ހިތުން ކުޑަކުރުމަށް މިކަހަލަ އަމަލުތައް ހިންގީމަ އެއަށް އިޖާބަ ދޭގޮތާ ރުޅިއަންނަ ގޮތާ މި ހުރިހާ ކަމެއް ޓެސްޓްކޮށް ހެދުމަށް ކުރަމުންދާ ކަމެއް. މިއީ ހަމަ ބަލި މީހެއް ނުވަތަ ނަފްސާނީ މީހެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ރޭވިގެން ނުވަތަ އެ ނޫން ގޮތަކަށް ވެސް މިފަދަ މައްސަލަތައް ތަކުރާރުވާނަމަ މީގެން ވަރަށް ހިތި ނަތީޖާތައް ނުކުމެދާނެ އެވެ. މިސާލެއްގެ ގޮތުން މިސްކިތަކަށް ތަކުރާރުކޮށް މީހަކު ކުޑަކަމުދާތީ ބަޔަކު ރުޅި އައިސްގެން އެފަދަ މީހެއްގައި ގައިގައި ތަޅައިގަނެ ނުވަތަ އަރައިގަނެ އުޅެނިކޮށް މަރުގެ ހާލަތެއް ކުރިމަތި ނުވާނެކަމުގެ ޔަގީން އެބައޮތް ހެއްޔެވެ؟ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ދީނަށް ފުރައްސާރަ ކުރުމުން މޮބުން ނިކުމެ މަރާހެން ރާއްޖޭގައި އެކަން ނުވެ ހިނގައިދާނެ ހެއްޔެވެ؟ ދީނާ ގުޅުވައިގެން ރާއްޖޭގައި މިފަހަކަށް އައިސް ދޭ މަރުގެ ހަމަލާތައް އިތުރުވެފައިވާވިއިރު މިފަދަ ހާދިސާއެއް ހިނގައިފާނެ އެވެ. ސަބަބަކީ މީހުން މެރުމާއި، މާރާމާރީ ހިންގުމާއި، ޓެރިރިޒަމް ހަމަލާތައް ދިނުމުގެ ކުރު ނަމަވެސް ހިސްޓްރީއެއް ރާއްޖޭގައި އޮތުމެވެ.
މިސްކިތްތަަކަކީ ހުރުމަތްތެރިވެގެންވާ ތަންތަނެވެ. ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވާއިރު ސަރުކާރުން މިފަދަ މައްސަލަތަކަށް ދޭން ޖެހޭ އަހައްމިއްޔަތުކަން އިތުރުކުރަން ޖެހެ އެވެ. މިއީ ސިޔާސީ ވާދަވެރިން އެކަނި ފާހަގަކުރާ މައްސަލައަކަށް ހަދައި ނިންމާލައިގެން ނުވާނެ އެވެ. އޭރުން އެ ކޮށަައިދެވެނީ ވަރަށް ނުރައްކާތެރި މަގެކެވެ. އަދި ގައުމުގެ މިހާރުގެ ހާލަތު އޮތް ގޮތުން ގާނޫނުތަކަށް އިސްލާހު ގެނެސް އާންމުން ވެސް ހޭލުންތެރިކަން އިތުރުކުރުމަށް ގައުމީ ފެންވަރުގައި އިތުރު މަސައްކަތްތަކެއް ކުރަން ޖެެހެ އެވެ. އެހެން ނޫންނަމަ ދީނީ މައްސަލަތަކުން ރާއްޖޭގެ ނަން ކިލަނބުވެ އެކަމުން އަރައިނުގަނެ އަަބަދުހެން އުޅެން ޖެހިދާނެ އެވެ.