ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ ވަރުގަދަ ކުރަމުންނެވެ. ނަމަވެސް ފިޔަވަޅުތައް އަޅަމުންދާ ތަރުތީބާމެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ބައެއް ދިމަދިމާއިން ފިޔަވަޅު އަންނަނީ މާ އަވަހަށް ކަމަށް ބައެއް މީހުން ދެކެއެވެ. ހަމަހަމަކޮށް ފިޔަވަޅު ނޭޅުމަކީ ކަމާބެހޭ އިދާރާތަކުން އަޅާ ފިޔަވަޅުތަކާމެދު އެންމެ ގިނަ ބަޔަކު ސުވާލު އުފައްދާ ސަބަބެވެ. އޭގެ ތެރެއިން އެއް ކަމަކީ މިސްކިތުގެ ޖަމާއަތް ހުއްޓާލުމާއި ޖަމާއަތުގައި ނަމާދުކުރާއިރު ގައިދުރުކަން ބެހެއްޓުމަށް އެންގުމެވެ.
ކޮވިޑްގެ ހާލަތު ގޯސްވުމުން ޓެގް ޓީމުން ބޭނުންވީ މިސްކިތުގެ ޖަމާއަތް ވަގުތީ ގޮތުން ހުއްޓުވާލާށެވެ. ނަމަވެސް އެކަމާ އިލްމުވެރިން ވަރަށް ބޮޑަށް ދެކޮޅު ހެދިއެވެ. އެހެންވެ ދެވަނަ ކަމެއްގެ ގޮތުން އައީ ޖަމާއަތުގައި ނަމާދު ކުރާއިރު ގައިދުރުކަން ބެހެއްޓުމެވެ. ނަމަވެސް ހަމަހަމަކޮށް ފިޔަވަޅު ނޭޅުމާއި އެ ފިޔަވަޅުން ނެރެވޭނެ މާބޮޑު ނަތީޖާއެއް ނެތުމުން އެކަމާއިވެސް އިލްމުވެރިން ދެކޮޅު ހެދިއެވެ.
ބައެއް ކަންކަމަށް ހުއްދަ ދީ ހަމައެކަނި ދިހަވަރަކަށް މިނެޓަށް ދުވާލަކު ފަސް ފަހަރު ކުރިއަށްދާ ޖަމާއަތެއްގައި ގައިދުރުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ބައެއް އިލްމުވެރިން ދެކެލައްވައެވެ. އިލްމުވެރިންނާއި މިނިސްޓްރީން ދެ ފަހަރެއްގެ މަތިން ބޭއްވި ބައްދަލްވުމުގައި ބައިވެރިވި ގިނަ އިލްމުވެރިންވެސް ވިދާޅުވީ އެގޮތަށެވެ.
"އަޅުގަޑުގެ ހިތުގައި އުފެދޭ ސުވާލަކީ ކުރަން މިއުޅޭ ކަމަކީ ކޮބައިބާއޭ. އަޅުގަޑަށް ހަމަ އެއްވެސް ގޮތަކަށް މިކަން ސާފުވާ ގޮތެއް ނުވޭ. މިހެން މިދަންނަވަން ޖެހުނު ސަބަބަކީ ކޮވިޑްގެ ކަންތަކުގައި މިސްކިތާއި ގުޅޭ ގޮތުން ނޫން އެހެން އެއްވެސް ކަމެއްގައި އެޗްޕީއޭ ސީރިއަސް ކަމަށް އަޅުގަޑަށް ގަބޫލު ނުކުރެވޭތީވެ, މަގުމަތީގައި ސާމްޕަލް ނަގަން ތިބޭ ބޭފުޅުން ކުރީގައި ވިއްޔާ މަތި މައްޗަށް އެތަށް ހެދުމެއް ލައިގެން ވަރަށް. ބޮޑަށް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅުއްވައިގެން ތިއްބަވަނީ. ނަމަވެސް މިހާރު އެބަތިއްބަވާ ބޯ ނިވާ ނުކުރައްވާ ވެސް. ބައެއް ފަހަރަށް މޫނުމަތީ އަޅާފައި އިންނަ ޝީލްޑު ނެތިވެސް އެބަދޭ،" ނަމާދުގެ ޖަމާއަތް ހުއްޓާލަން އިލްމުވެރިންގެ ރުހުން ހޯދަން ބޭއްވި ބައްދަލްވުމުގައި ބައިވެރިވި އިލްމުވެރިއަކު ވިދާޅުވިއެވެ.
އިލްމުވެރިން ވަނީ އިސްލާމިކް މިނިސްޓްރީން ކަންކަމުގައި ގެންގުޅޭ "ފިނި" އުސޫލަށްވެސް ފާޑުކިޔާފައެވެ. ނަމާދުގެ ޖަމާއަތް ހުއްޓާލުމާއި ގައިދުރުކޮށްގެން ނަމާދު ކުރުން އެއީ ވަރަށް މަޖުބޫރީ ހާލަތަކަށް ގޮސްގެން ނޫނީ ކޮށްގެން ނުވާނެ ކަންކަން ކަމަށްވީއިރު އެފަދަ ކަންކަމަށް ވިސްނާލުމެއްނެތި އިސްލާމިކް މިނިސްޓްރީގެ ވެރިން އެޗްޕީއޭގެ ހުރިހާ އެންގުންތަކަށް އާބަސް ބުނާ ކަމަށް އިލްމުވެރިން ފާހަގަކުރިއެވެ.
އެކަމުގެ މިސާލެއްގެ ގޮތުން އިލްމުވެރިން ވިދާޅުވީ ދާދި ފަހުން އެޗްޕީއޭއަށް އެޑިއުކޭޝަނުން އެންގި އެންގުމެކެވެ. އެޗްޕީއޭއިން އެދުނީ ހުރިހާ ގުރޭޑްތަކެއްގެ ކިޔެވުން އޮންލައިންކޮށް ސުކޫލުތައް ބަންދު ކުރާށެވެ. ނަމަވެސް އެޑިއުކޭޝަނުން ނިންމީ ގުރޭޑް އަށަކުން މަތީގެ ގުރޭޑްތައް ކުރިއަށް ގެންދާށެވެ. އެއީ އެ ދަރިވަރުންގެ ކިޔެވުމަށް އެކަމުން ކުރާނެ އަސަރުގެ ސަބަބުންނެވެ. އިލްމުވެރިން ވަނީ އެގޮތަށް އެޗްޕީއޭގެ ނިންމުންތައް ނިންމާއިރު ވިސްނަން ޖެހޭ ކަންކަން އިސްލާމިކް މިނިސްޓްރީން އިސްވެ ސާފުކޮށް ނުދެނީ ކީއްވެތޯ ސުވާލުކޮށްފައެވެ.
"އެޑިޔުކޭޝަން މިނިސްޓްރީއަށް އެޗްޕީއޭ އިން ފުރަތަމަ އަންގަވާފައިވަނީ ސްކޫލްތަކުގެ ކިޔެވުން އެއްކޮށް އޮންލައިން އަށް ބަދަލު ކުރަން ނަމަވެސް, އެޑިއުކޭޝަންގެ ޓެކްނިކަލް ޓީމުން ނިންމެވީ ވަކި ގްރޭޑް ތަކެއްގެ ކިޔެވުން ސްކޫލަށް ގެންގޮސްގެން ކުރިޔަށް ގެންދަން. ވީމާ, އިސްލާމިކް މިނިސްޓްރީ އިންވެސް އެޗްޕީއޭ އިން ޖަހާހާ ބަރަކަށް ނެށައިގެން ނުވާނެ. އަދި ދައްކާހާ ބިރަކަށް ސިހިގެންވެސް ނުވާނެ. އޭގެ ބަދަލުގައި ތަންކޮޅެއް ހަރުދަނާ ކަންތައްތަކެއް ކުރަން އެބަ ޖެހޭ. އަޅުގަޑުމެންނަށްވެސް ދޫދެވުނު މިންވަރަކަށް ދޫދޭންވީ. ނަމަވެސް ދޫނުދެވޭނެ ކަންތައްތަކެއް ހުންނާނެކަން އެބޭފުޅުންނަށް ހާމަ ކުރަން ޖެހޭ. އަޅުގަޑުމެން މިއުޅެނީ އަމިއްލަ ކަމެއްގަ އެއް ނޫން. މިއުޅެނީ ދީނީ ކަމެއްގައި،" ބައްދަލްވުމުގައި ބައިވެރިވި އެހެން ބޭފުޅަކު ފާހަގަކުރެއްވިއެވެ.
އިލްމުވެރިން ފާހަގަކުރި އަނެއް ކަމަކީ ކުލަބުތަކުގެ ފުޓްބޯޅަ ފަރިތަ ކުރަންތަކަށް ހުއްދަ ދީފައިވުމެވެ. އަދި ކެފޭތަކާއި ހޮޓާ/ރެސްޓޯރަންޓްތައް ހުޅުވާ ހިދުމަތް ދެމުންދިއުމެވެ. އެޗްޕީއޭއިން ފާހަގަ ކުރާ ގޮތުގައި ބަލި ފެތުރެން އޮތް އެންމެ ފުޅާ ފުރުސަތަކީ ކެފޭތަކާއި ހޮޓާތަކުގައި އެތަށް ވަގުތެއް ވަންދެން ގިނަ ބަޔަކު ހޭދަކުރަމުން ދިއުމެވެ. ގައިދުރު ކަމެއް މާސްކު އެޅުމެއް ނެތި އެވެ. އިލްމުވެރިން ވަނީ ހަމަހަމަކޮށް ފިޔަވަޅުތައް އަޅަމުން ނުދަނީ ކީއްވެތޯ ތަކުރާރުކޮށް ސުވާލު ކުރައްވާފައެވެ.
"ފިޔަވަޅު އަޅަން ޖެހޭނީ ފަހަރަކު ކަމެއް. ފުރަތަމައިނުން ވެސް ގޮސް ބޮންތީގައި ހިފައިގެން ނުވާނެ. ވަކި ގަޑިއެއްގެ ފަހުން ވެހިކަލް ނުދުއްވާށޭ ވިދާޅުވީމާ އަޅުގަޑުމެން އެކަމަކާ އިންކާރެއް ނުކުރަން. ވަކި ގަޑިއެއްގެ ފަހުން ގެއިން ނިކުމެގެން ނުވާނެޔޭ ބުނީމާވެސް އަޅައެއް ނުލަން. ނަމަވެސް, ނަމާދާއި ހަމައަށް އައިމާ އަޅުގަޑުމެން ރުޖޫއަވާން ޖެހޭ މަސްދަރުތަކެއް އެބަހުރި. އެމަސްދަރުތަކަށް ރުޖޫއަވެ, އޭގެ އަލީގައި މެނުވީ އަޅުގަޑުމެންނަށް ގޮތެއް ނުނިންމޭނެ،"
ގައިދުރުކޮށް ނަމާދު ކުރުމުގެ މައްސަލާގައި އެކި އިލްމުވެރިންގެ ހިޔާލު ތަފާތެވެ. ހާލަތު ގޯސްވެ ހުރިހާ ކަމެއް ހުއްޓާލަން ޖެހިއްޖެ ނަމަ އެކަންވެސް ކުރަން އިލްމުވެރިން ތާއީދު ކުރައްވައެވެ. ނަމަވެސް ސައުދިއަރަބިއްޔާގައި ހަރަމްފުޅުގައި ގައިދުރުކޮށް ނަމާދު ކުރުމަކީ ރާއްޖޭގައި އެކަން ތަންފީޒު ކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް ބައެއް އިލްމުވެރިން ވިދާޅުވިއެވެ.
"ސަހާބީންނާއި ތާބިއީންގެ ޒަމާނުގައިވެސް ބައިން ގަޔަށް އަރާ ބަލިތައް ފެތުރިގެން ދިޔަ. ނަމަވެސް 2020 ގައި އުފެދުނު ބިދުއަ ކަމުގައިވާ ގައިދުރުކޮށް ނަމާދު ކުރުމުގެ ކަންތައް އެބޭފުޅުން ނުކުރައްވާ. އެއީ އެންމެ ހެޔޮ ގަރުނުގެ ބޭކަލުން. އެބޭކަލުން ނުކުރެއްވި ކަމެއް މާމޮޅު ކަމަކަށް ހަދައިގެން ކުރަން އުޅުމަކީ ކޮސް ކަމެއް. ބަޔަކު މީހުން ގޮތަކަށް ކަމެއް ކުރުން އެއީ ހުއްޖަތެއް ނޫން. ދީނުގެ ކަނކަން ނިންމަން ޖެހޭނީ ހުއްޖަތާއި ދަލީލުގެ މައްޗަށް ބުރަވެގެން. ގައިދުރުކޮށް ސަފު ހެދުމަށް އެއްވެސް ދަލީލެއް ނެތް،" އިލްމުވެރިއަކު ވިދާޅުވިއެވެ.
ގައިދުރުކޮށްގެން ނަމާދު ކުރުމާއި އެންމެ ދެކޮޅަށް ވާހަކަ ދައްކަވާ އެއް ބޭފުޅަކީ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފެވެ. އިޔާޒު ވިދާޅުވި ގޮތުގައި މުޖްތަމައުގެ މިހާރުގެ ހާލަތު އޮތް ގޮތުން އަދި ފެންނަ މަންޒަރުތަކުން ގައިދުރުކޮށް ޖަމާއަތް ހަދަން ޖެހޭ ހާލަތެއް ނެތެވެ. އޭނާވެސް ވިދާޅުވީ ފިޔަވަޅުތައް އަޅަންވާނީ ހަމަހަމަ ކޮށެވެ.
ގައިދުރުކޮށް ނަމާދު ކުރަން ފެށުމުން ނިކުމެދާނެ އެހެން ބައެއް ނުރަނގަޅު ކަންކަންވެސް އިޔާޒް ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑުމެން ޒަމާނުއްސުރެ އެންމެ ބިރުގަންނަ ފިކުރަކީ ޑޮޓް ފިކުރު. ގައިދުރުކޮށް ސަފު ހަދަން ހުޅުވާލުމަކީ ޑޮޓް ފިކުރު ފެތުރުމަށް ދެވޭ ހިތްވަރެއް. ދައުވަތެއް. މިސްކިތުގައި ތިން ހަތަރު ޖަމާއަތް ހެދޭނެ. ހާއްސަކޮށް ހުކުރު ދުވަހު އެއްބަޔަކު ހުކުރުކޮށްގެން ފޭބީމާ ނޫނީ އަނެއްބަޔަކަށް ޖާގަ ނުލިބޭތީ ގެތަކުގައި ހުކުރު ކުރަން ފަށާފާނެ. ދެން އެކަން ހުއްޓުވަން އުޅުނަސް އެކަމެއް ނުވާނެ. އެކަމުގެ ބިންގާ އެޅިބަޔަކަށް ވާނީ 2020 ގެ ބިދުއަ ރާއްޖޭގައިވެސް ތަންފީޒު ކުރަން ނިންމި ބަޔަކު،" ބައްދަލްވުމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ޑރ. މުހައްމަދު އިޔާޒް ވިދާޅުވިއެވެ.
އިލްމުވެރިންގެ މި ކަންބޮޑުވުންތައް ފާޅުކުރި ނަމަވެސް މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދުކުރާއިރު ގައިދުރުކޮށް ނަމާދުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ. އަދި އެ ގޮތަށް ނިންމީ ފަތުވާ މަޖިލީހާ ދީނީ އިލްމުވެރީންނާއި މަޝްވަރާ ކުރުމަށްފަހުގައި ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. ގައިދުރުކުރުމަށް ނިންމީ މިހާލަތުގައި އެންމެ ބުއްދިވެރި ގޮތަކީ މިސްކިތް ބަންދު ކުރުން ނޫން ކަމަށް އިލްމުވެރިންނާއި ފަތުވާ މަޖިލީހުން ލަފާދެއްވާފައިވާތީ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
އިލްމުވެރިން ވަނީ މި ހާލަތުގައި ކުރެވިދާނެ ބައެއް ކަންކަމުގެ ލަފާވެސް އަރުވާފައެވެ. އެއީ ބަންގި ގޮވާނިމިގެން ވަގުތުން ގަމަތްދީ ނަމާދަށް ފެށުމާއި ނަމާދުގައި ވީހާވެސް ކުރުކޮށް ކިޔަވައިގެން ނަމާދު ކުރުކޮށްކޮށްލުމަށް އެންގުމާއި ގިނަ ވަގުތު މިސްކިތުގައި ހޭދަނުކުރުމަށް އެންގުމާއި ބަލިމީހުންނާއި ބައްޔަށް ކިރިޔާވެސް ޝައްކު ކުރެވޭމީހުން މިސްކިތައް ނައުމަށް ބާރުއެޅުމަށެވެ. އިލްމުވެރިން ވިދާޅުވީ ބަންގި ގޮވާނިމިގެން ވަގުތުން ގަމަތްދީ ނަމާދަށް ފެށި ނަމަވެސް ސުންނަތް ކުރާ މީހަކަށް ފަހުން ސުންނަތް ގަލޯ ކުރުމަކީ ހުއްދަކަމެއް ކަމަށެވެ.