ރައްޔިތުންގެ މަޖިލީހުގެ އާ ދައުރު ފެށުމަށް ފަހު ރަސްމީ ފުރަތަމަ ޖަލްސާ އޮތީ އިއްޔެ އެވެ. އިއްޔެގެ ޖަލްސާގެ އެޖެންޑާގައި އިބްތިދާއީ ބަހުސްގައި އޮތީ އެންމެ ކަމެކެވެ. އެއީ މާލޭގައި ޒުވާނުންނަށް ފަސޭހަކާއެކު މިއުޒިކް އަޑުއަހާލައި އެކުވެރިންނާއި ރައްޓެހިންނާއި ބައްދަލްކޮށް ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި އެއްވެ ތިބެވޭނެ މަރުކަޒެއް ގާއިމް ކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ހުށައެޅި ގަރާރުގެ ބަހުސެވެ. ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފުގެ މި ގަރާރަކީ އޮކްޓޫބަރު 27، 2020 ގައި ހުށައެޅި ގަރާރެވެ.
އާ ދައުރުގެ ފުރަތަމަ ޖަލްސާއަށް މި ގަރާރު އެޖެންޑާ ކުރުންވެސް ބައެއް މީހުންނަށް ގޯސްވިއެވެ. އެ ހިސާބުންވެސް އެތަށް ބަޔަކު ސުވާލު އުފެއްދި އެވެ. ގަރާރުގެ ބަހުސް ފެށުމާއެކު މަޖިލީސް ތަޅުން ހޫނުވިއެވެ. މެންބަރުންގެ ބަހުސާއެކު އިލްމުވެރިން ރުޅިގަދަވިއެވެ. އާންމުންގެ މެދުގައި އެއަށްވުރެ ބޮޑު ބަހުސެއް ފެށުނެވެ. އެތަށް ބައެއްގެ ނުރުހުމުގެ ބަސްތަކާއި ނަފްރަތު މަޖިލީހުގެ ބައެއް މެންބަރުންނަށް އަމާޒުވިއެވެ. އަދި މިއުޒިކު ކުޅޭ ފަންނާނުންނާއި ލަވަކިޔުންތެރިންވެސް މި ބަހުސްގެ ތެރެއަށްވަދެ ވަރަށް "ދެރަވަރު" ހާލަތަށް ބަހުސް ދުއްވާލިއެވެ.
މަޖިލީހުގެ ތަޅުމުގައި ވާހަކަ ދެއްކެވި އެމްޑީޕީ ބައެއް މެންބަރުންގެ ނަޒަރުގައި މިވަގުތަށް އެންމެ މުހިންމީ މި ގަރާރެވެ. ހާސްކަން ބޮޑު، ތޮއްޖެހުން ބޮޑު އަދި އިންތިހާ ދަތީގައި ދިރިއުޅޭ އެތަށްހާސް ބަޔަކު އުޅޭ މާލޭގައި މިޒާތުގެ މަރުކަޒެއް ކޮންމެހެން ހުންނާން ޖެހެއެވެ. އެއީ މިހާލަތަށް ލާޒިމު ކަމެކެވެ. ބައެއް މެންބަރުން މި ބަހުސް ވަރަށް މައްޗަށް ދުއްވާލިއެވެ. ވިދާޅުވީ މިއުޒިކަކީ ދީނާ ގާތްކޮށްދިން އެންމެ ވަރުގަދަ ހަތިޔާރު ކަމަށެވެ. އިހުގެ އިސްލާމީ ރީތި މިއުޒިކުތަކުން ދީނަށް އޮތް ލޯބި ހާސްގުނަ އިތުރުކޮށްދިން ކަމަށެވެ. ޒުވާން އުމުރުގެ އުފާވެރިކަން އައީ އަލީ ރަމީޒުގެ ހިތްގައިމު ލަވަތަކުން ކަމަށް ވިދާޅުވެ ބަހުސް މުޅީން އެހެން ގޮތަކަށް ފޮރުޅާލި މެންބަރުންވެސް ތިއްބެވިއެވެ.
ބައެއް މެންބަރުން ވަނީ މިއުޒިކަކީ "ހަރާމް" އެއްޗެއް ކަމަށް އިލްމުވެރިން ވިދާޅުވާ ވިދާޅުވުމަށްވެސް ރައްދު ދެއްވާ ވާހަކަ ދައްކަވާފައެވެ. ސައްހަ ދަލީލުތަކުން ހުއްޖަތް ދައްކަވާ އިލްމުވެރިން ދައްކަވާ ވާހަކަަތަކަށް ގޮންޖަހާ އެއީ މި ޒަމާނުގެ ބައެއް އިލްމުވެރިން އަމިއްލައަށް ގެނެސްފައިވާ އެއްޗެއް ކަމަށް ވިދާޅުވިއެވެ. އަދި މިއުޒިކު ހަރާމް ކުރާނެ ގޮތެއް އެ އިލްމުވެރިންނަށް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ބަހުސް ފަށަމުން ބައެއް މެންބަރު ވިދާޅުވި ގޮތުގައި ޒުވާނުންނަށް ލައްކަ މައްސަލަތައް އެބަހުއްޓެވެ. ވަޒީފާ ގެއްލި، ގެދޮރު ނެތް ޒުވާނުންނާއި އާއިލާތައް ގިނައިރު އެ ޒުވާނުންނަށް ހިތްހަމަޖައްސާލާނެ ތަނެއް ހުންނަން ޖެހެއެވެ. ޒުވާނުން އެއީ މޮޔައިން ކަމަށް ބަޔަކަށް ހީވިޔަސް މައްސަލަތަކަށް އޮތް ހައްލަކީ ގެދޮރުވެރިކޮށް ވަޒީފާތައް އުފައްދާ ޒިންމާދާރު ޒުވާނަކަށް ވާނެ ފުރުސަތު ދިނުމެވެ. އެއީ ނަށާ ގެތަކާއި މިއުޒިކު މެހެފިލްތަކުން ހައްލު ހޯދޭނެ ކަންކަމެއް ނޫނެވެ. ބާރުގައި ތިބެން އެދޭ މީހުންނަށް އެ މީހުންނާ ވާދަކުރަން ނިކުންނާނެ ޒުވާނުން އެހެން ކަންކަމުގައި "'މަސްތު"ކޮށް ގާފިލުކުރަން ބޭނުންވާނެ އެވެ.
ޕީޕީއެމްގެ ބައެއް މެންބަރުންނާއި އެމްޑީޕީއާ ވިސްނުން ތަފާތު އަމިއްލަ ބައެއް މެންބަރުން ދެއްކެވީ މުޅީން އެހެން ވާހަކައެކެވެ. ބައެއް މެންބަރުން މަސައްކަތް ކުރީ އެ މެންބަރުން ކުރީންވެސް އެމްޑީޕީގެ ލީޑާޝިޕް ބޮލުގައި އަޅުވަމުންދާ "ލާދީނީ" ޓެގް ވަރުގަދަ ކުރެވޭތޯއެވެ. ސިޔާސީ ގޮތުން ރައްޔިތުންގެ ޖަޒުބާތާ ކުޅެން އެކި ވާހަކަތައް ދެއްކެވިއެވެ.
ނަމަވެސް ބައެއް އެހެން މެންބަރުން މި ގަރާރާމެދު ދެއްކެވި ވާހަކަތަކާމެދު ވިސްނާލުން ރަނގަޅެވެ. ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވި ގޮތުގައި މި ގަރާރު ހުށައެޅުމުގެ "ނިޔަތް ވަރަށް ގޯހެވެ". އޭގެ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ބަހުސްގައި އެމްޑީޕީގެ ބައެއް މެންބަރުން ދެއްކެވި ވާހަކަތަކެކެވެ. މިއުޒިކުގެ މައްސަލާގައި އިލްމުވެރިން މީގެ ކުރިން އެތަށް ފަހަރަކު ވާހަކަ ދައްކަވާފައިވެއެވެ. އިލްމުވެރިންގެ ނަޒަރުގައި އެއީ "ހަރާމް" ކަމެކެވެ. އެކަމުގެ ދަލީލުތައް އެ ބޭފުޅުން ގެނެސްދެއްވައެވެ.
ކަން މިހެން އޮތް ނަމަވެސް ރާއްޖޭގައި މިއުޒިކު މަނަލެއް ނޫނެވެ. މިއުޒީޝަނުން އެބަ ތިއްބެވެ. ލަވަ ކިޔުންތެރިން އެބަ އުޅެއެވެ. ފިލްމީ ތަރިންނާއި ފިލްމު އުފައްދާ މީހުން އެބައުޅެއެވެ. އެކަމަށް ލޯބިކުރާ މީހުން މަދެއްވެސް ނޫނެވެ. މިއުޒިކު ކުޅެގެން ކުށްވެރިވީ މީހެއް ރާއްޖެއަކު ނެތެވެ. ޖަލަށްލާ ބަންދުކޮށް އަދަބުދީފައެއް ނުވެއެވެ. ރާއްޖޭގެ ރެސްޓޯރަންޓްތަކުގައި މިހާރުވެސް އެންްމެ ހިނގަނީ އެ ތަންތަނުގައި ހުންނަ ކަރޯކޭ ރޫމްތަކެވެ. މިއީ ފެންނަން އޮތް ހަގީގަތެވެ.
އެހެން ކަމަށްވީއިރު ކުއްލިއަކަށް މިއުޒިކު ދަރުބާރެއް ހަދާ އެއީ ކޮންމެހެން އޮންނަން ޖެހޭ ކަމެއްކަން އަންގަން ބަހެއް ފަށާނީ އެހެން ބޭނުމެއް އޮތީމައެވެ. މި ދައްކަނީ މިތާގައި ނެތް ކަމެއްގެ ވާހަކައެއް ނޫނެވެ. ނުކުރާ ނުވަތަ މަނާ ކަމެއްގެ ވާހަކައެއް ނޫނެވެ. އެހެންވީއިރު ދީނުގެ އިލްމެއް ނެތް މެންބަރުން ނިކުމެ ވަކި ކަމެއް ހުއްދަކޮށް ގަނެ އެއީ ކުރާން ޖެހޭ ކަމެއް ކަމަށް އަޑަށް ބާރުލައްވާފައި އެ ވިދާޅުވަނީ ފޮރުވިފައި އެއަށްވުރެ ނުބައި ކަމެއް ބާއްވައިގެނެވެ. އެ ވާހަކަތަކުން އެ ސުވާލު އުފެދެއެވެ.
މި ރާއްޖޭގައި މިވީހާތަނަށް ލަވަކިޔުންތެރިއަކާ ދީނީ އިލްމުވެރިއަކާއި މި މައްސަލާގައި ފާޅުގައި އަރާރުންވެ ޖަލަދު ކޮށްފައެއް ނުވެއެވެ. މިއުޒިކުގެ ކަމެއްގައި ފަންނާނަކު ކުރާ ޕޯސްޓަކަށް، ޓްވީޓަކަށް އިލްމުވެރިއަކު އެއްޗެއް ވިދާޅެއް ނުވެއެވެ. އިލްމުވެރިން އެ ބޭފުޅުންގެ ޒިންމާ އަދާކުރައްވާ ދީނީ ދަރުސްތަކާއި އެ ނޫން ގޮތްގޮތުން މިއުޒިކުގެ ހުކުމް ބުނެދެއްވައެވެ.
ހަމަަ އެހެން ފަންނާނަކު އިސްވެ އިލްމުވެރިއަކާ ދިމާކޮށްލާފައެއްވެސް ނެތެވެ. އިލްމުވެރިއަކު މިއުޒިކާ ގުޅުވާ ދައްކަވާ ވާހަކައަކަށް އެއިން ފަންނާނަކު ބޭއަދަަބީކޮށް ކޮމެންޓެއްވެސް ކޮށްފައެއް ނެތެވެ. ނަމަވެސް މަޖިލީހުގައި އިއްޔެ ފެށި ބަހުސުން އަދި މެންބަރުން އުފެއްދި "ފިތުނަ"އިން އެކަންވެސް ވެއްޖެއެވެ. ސޯޝަލް މީޑިއާގައި ބައެއް ފަންނާނުން މި މައްސަލާގައި ދެރަވަރު ބަސްތަކުން ޕޯސްޓްތައް ކޮށްފައިވެއެވެ. މިއީ މި ބަހުސް ފެށި މީހުންގެ މަގުސަދުގެ ބަޔަކަށް ވެދާނެ އެވެ. އިލްމުވެރިންނާއި އެހެން މީހުން ޖައްސާ އިލްމުވެރިންގެ ގަދަރު މި މުޖްތަމައުގައި ކުޑަކޮށްލަން ބޭނުން ބަޔަކު މިތާނގައި އެބަ ތިއްބެވެ. އެއީ ސާފު ކަމެކެވެ.
މީގެ އިތުުރުން ފަންނާނުންނާ ދެކޮޅަށް ނިކުމެ އެ މީހުންގެ މަސައްކަތާ ދިމާކޮށްލި އާންމުންވެސް މަދެއް ނޫނެވެ. މިއީވެސް އިއްޔެ ބަހުސުން ނިކުތް ނުރައްކަލެކެވެ. އެއް ބަޔަކު އަނެއް ބަޔަކަށް "ހަރާމް" ކޮށް "ކާފަރު" ކޮށް ހެދުމަކީ ބަހުސް ހުޅުވާލުމުގެ ބޭނުން ކަމަށްވާނަމަ އެކަން ކިތަންމެހާވެސް ރަނގަޅަށް ވެއްޖެ އެވެ. އަނެއް ބައެއްގެ ނަޒަރުގައި މިއީ "ފޯކަސް" އަނބުރާލުމުގެ ގަރާރެވެ. ކޮވިޑާއެކު ހިނގާދިޔަ ބޮޑެތި ވައްކަމާއި އެތަށް އެތަށް ގޯސްތަކެއްގެ އަޑު މަޑުކޮށް ސިޔާސީ ކަންކަމާއި ދުރުގައި އެކި ފަންނުތަކުގައި ތިބި މީހުން ރުޅިގަދަކޮށްލާ އެހެން ވާހަކައެއް ފެންމަތި ކުރުމަށް ކުރި ކަމެކެވެ. އެއީވެސް ވެދާނެ ގޮތެވެ.
އިބްނުލްޤައްޔިމް رحمه الله ވިދާޅުވެފައިވެއެވެ. "“اللهو އަކީ ލަވަކިޔުން ކަމަށް ޞަޙާބީންނާއި ތާބިޢީން ކުރައްވާފައިވާ ތަފްސީރު ފުދިގެންވެއެވެ. ފަހެ އިބްނު ޢައްބާސްއާއި އިބްނު މަސްޢޫދުގެ އަރިހުން މިކަން ޞައްޙަ މަގުން އައިސްފައިވެއެވެ. އަބުއްޞަޙްބާ ވިދާޅުވެފައިވެއެވެ. އަންނަނިވި އާޔަތާއި ބެހޭގޮތުން ތިމަންކަލޭގެފާނު އިބްނު މަސްޢޫދާއި ސުވާލުކުރެއްވީމެވެ. ﴿وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ…﴾ (سورة لقمان ٦) ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. "އެއިލާހު ފިޔަވާ ޙައްޤުވެގެން އަޅުކަންވެވޭ ފަރާތެއްނުވާ ﷲ ގަންދީ ބުނަމެވެ. އެއީ ލަވަކިޔުމެވެ." -އެކަލޭގެފާނު ތިން ފަހަރު މި ބަސްފުޅު ތަކުރާރުކުރެއްވިއެވެ.- އަދި އިބްނު ޢުމަރު رضي الله عنهماގެ އަރިހުންވެސް އެއީ ހަމަކަށަވަރުން ލަވަކިޔުންކަމަށް ޞައްޙަ ގޮތުގައި އައިސްފައިވެއެވެ،" އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وَاسْتَفْزِزْ مَنِ اسْتَطَعْتَ مِنْهُم بِصَوْتِكَ…﴾ (الإسراء ٦٤) މާނައީ: "އަދި އެއުރެންގެ ތެރެއިން، ކަލޭގެޔަށް ކުޅަދާނަވީ ބަޔަކު، ކަލޭގެ އަޑުން ހެއްލުންތެރިކުރުވާށެވެ."
މުޖާހިދު رحمه اللهގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "އެއުރެންގެ ތެރެއިން ކަލޭގެއަށް ކުޅަދާނަވީ ބަޔަކު ކަލޭގެ އަޑުން ދުރުކުރުވާށެވެ." ވިދާޅުވިއެވެ. "(މިއާޔަތުގައި) އޭނާގެ އަޑަކީ ލަވަކިޔުމާއި ބާޠިލު ވާހަކަތަކެވެ."
އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿أَفَمِنْ هَـٰذَا الْحَدِيثِ تَعْجَبُونَ * وَتَضْحَكُونَ وَلَا تَبْكُونَ * وَأَنتُمْ سَامِدُونَ﴾ (النجم ٥٩-٦١) މާނައީ: "ފަހެ، ތިޔަބައިމީހުން ޢަޖާއިބުވަނީ އަދި ނުރޮއި ހެނީ މިވާހަކަތަކާމެދުގައި (އެބަހީ: ޤުރުއާނާމެދުގައި) ހެއްޔެވެ. * އަދި ތިޔަބައިމީހުންވަނީ، ލަވަކިޔުމުގައެވެ." ޢިކްރިމާ رحمه الله ވިދާޅުވެފައިވެއެވެ. "އިބްނު ޢައްބާސްގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ޙިމްޔަރު ވަންހައިގެ ބަހުގައި السُّمُود އަކީ ލަވަކިޔުމެވެ. ބުނެއެވެ. "اسْمِدِي لَنَا. އެބަހީ: އަހަރުމެންނަށް ލަވަކިޔައިދޭށެވެ،" އަދި އެކަލޭގެފާނު رحمه الله ވިދާޅުވެފައިވެއެވެ. "އެބައިމީހުންނަށް (އެބަހީ: ކާފިރުންނަށް) ޤުރުއާން ކިޔެވޭ އަޑު އިވޭ ހިނދު އެބައިމީހުން ލަވަކިޔާކަމުގައިވެއެވެ. ފަހެ ދެން މިއާޔަތް ބާވައިލެއްވުނެވެ." ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "لَيَكُونَنَّ مِنْ أُمَّتِي أَقْوَامٌ، يَسْتَحِلُّونَ الحِرَ وَالحَرِيرَ، وَالخَمْرَ وَالمَعَازِفَ…" (رواه البخاري تعليقا برقم 5590 ، ووصله الطبراني والبيهقي ، وراجع السلسلة الصحيحة للألباني 91) މާނައީ: "ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ޒިނޭއާއި، (މިއުއްމަތުގެ ފިރިހެނުންނަށް) ފަށުވި ފޭރާމާއި، ރަލާއި، މިއުޒިކު ކުޅޭ ސާމާނު ޙަލާލުކުރާނެ ބަޔަކު އަންނާނެއެވެ…"
މަޖިލީހުގައި އިއްޔެ ބައެއް މެންބަރުންގެ ބަހުސްގައި ދީނީ ކަންކަމާއި ބައެއް ހުކުމްތަކާމެދު ފާޅުގައި ވާހަކަދައްކާ ހެދުމަކީ ގިނަ ބަޔަކަށް ކަމުނުދިޔަ ކަމެކެވެ. އެކަމާއި ދެކޮޅަށް އިސްލާމިކް މިނިސްޓްރީންވެސް ވަނީ ވާހަކަ ދައްކާފައެވެ. މަޖިލީހުގައި އިއްޔެ އެ މޭރުމުން ވާހަކަ ދެއްކެވީ ސަރުކާރު ހިންގާ މައި ޕާޓީގެ ބައެއް މެންބަރުން ކަމަށްވާތީ އިސްލާމިކް މިނިސްޓްރީއަށް "މާ ބޮޑުވަރު" ކޮށްލާކަށް ކެރިވަޑައެއް ނުގަތެވެ. ނަމަވެސް ރަނގަޅު މިންވަރަކަށް ކަންކަން ސާފުކޮށްދެއްވި އެވެ.
އިސްލާމިކް މިނިސްޓްރީގެ ޓްވީޓްގައި ބުނެފައިވަނީ އިސްލާމް ދީނުގެ ހުކުމްތަކަށް އިހްތިރާމްކޮށް މަތިވެރި ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވާ ވާޖިބެއް ކަމަށެވެ. ދީނުގެ ހުކުމްތައް ބަޔާން ކުރުމަކީ ދީނުގެ އިލްމު އުނގެނިގެން ތިބި، ދީނީ ނަސޭހަތް ދިނުމާއި ވައުޒު ބުނުމުގެ ހުއްދަ ލިބިފައިވާ އިލްމުވެރިންގެ ޒިންމާއެއް ކަމަށްވެސް ބުންޏެވެ.
މިނިސްޓްރީގެ މި ވާހަކަތައް މިއީ މެންބަރުން މިއުޒިކުގެ ހުކުމާމެދު ދެއްކި ވާހަކަތަކަށް ކަމަށް ބެލެވެއެވެ. އަދި ބައެއް އިލްމުވެރިން އެ މައްސަލާގައި ދީނުގައި އޮތްގޮތް ސާފުކޮށް ދެއްވުމުން އެކަމާއި ގުޅިގެން އިލްމުވެރިންނަށް އަމާޒުކުރި ފާޑުކިޔުންތަކަށް ކަމަށް ބެލެވެއެވެ. ހިމޭންކަން ބޮޑު އިސްލާމިކް މިނިސްޓްރީން މިފަހަރު މި މައްސަލާގައި މި މިންވަރުގެ ސްޓޭޓްމަންޓެއް ނެރުމަކީވެސް ގިނަ ބައެއްގެ ނަޒަރުގައި ކޮށްލެއްވި ވަރަށް ބޮޑު ކަމެކެވެ.
އިސްލާމް ދީނުގެ ހުކުމްތަކަށް އިހްތިރާމްކޮށް މަތިވެރި ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވާ ވާޖިބެކެވެ. އަދި ދީނުގެ ހުކުމްތައް ބަޔާން ކުރުމަކީ ދީނުގެ އިލްމު އުނގެނިގެން ތިބި، ދީނީ ނަސޭހަޙަތް ދިނުމާއި ވައުޒު ބުނުމުގެ ހުއްދަ ލިބިފައިވާ އިލްމުވެރިންގެ ޒިންމާއެކެވެ.އިސްލާމިކް މިނިސްޓްރީ | 8 ފެބްރުއަރީ 2021
ކޮންމެއަކަސް ޔަގީންވާ އެއް ކަމަކީ އިއްޔެ މަޖިލީހުގައި ކުރި ބަހުސަކީ އެހެން ކަމަކަށް ފުރުސަތު ހުޅުވާލަން ކުރި ބަހުސެއް ކަމެވެ. ބައެއް މެންބަރުން އެ މެންބަރުންގެ ބަހުސް އެހާ މައްޗަށް ގެންދެވީ މިއުޒިކުގެ މައްސަލާގައި ނޫން ކަމެވެ. ފަހަރުގައި މިއީ ދިވެހިންގެ ރިއެކްޝަން ހުރި ގޮތް ބަލާލަން ކުރި ޓެސްޓަކަށްވެސް ވެދާނެ އެވެ.
ރާއްޖޭގައި އެންމެ މަތީ ލެވެލްގައި މިއުޒިކު ކުޅެ ލަވަކިޔާ އުޅުނު ކިތަންމެ މީހަކު އެކަމާއި ދުރުވެއްޖެ އެވެ. އެއީ "ހަރާމް" އަދި އުފަލެއް ހިތްހަމަޖެހުމެއް ނެތް ކަމެއް ކަމަށް ބުނެ އެކަމާއި ދުރަށް ގޮސްފި އެވެ. ނަމަވެސް އިއްޔެ ބަހުސް ހިނގި މިންވަރަށް މި ރާއްޖޭގައި މި މައްސަލައިގެ ބަހުސް ހިންގާފައެއް ނެތެވެ. އެހެންވީމަ މަޖިލީހުގައި މިއުޒިކުގެ މައްސަލާގައި ހިންގި ބަހުސްގެ ފަހަތުގައިވާ ކަންކަން ސާފުވާން ޖެހެއެވެ. އަދި އެކަންކަމާމެދު ދިވެހީން ވަރަށް ބޮޑަށް ފާރަވެރިވާން ޖެހެއެވެ.