މައުމޫންގެ ލިޔުމެއް

އިސްލާމްދީނަކީ ރީތިކަމުގެ ދީނެވެ

Jan 29, 2021

އެޑިޓަރުގެ ނޯޓް: މިއީ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ލިޔުއްވާފައިވާ އެ މަނިކުފާނުގެ އިލްމީ ލިޔުއްވުމެކެވެ. ރައީސް މައުމޫންގެ މި ލިޔުން ނޫހުގައި ޝާއިއު ކޮށްފައި މިވަނީ އެ މަނިކުފާނު ލިޔުއްވެވި ގޮތަށް އެއްވެސް ބަދަލެއް އުނި އިތުރެއް ގެނައުމަކާ ވެސް ނުލަ އެވެ. އެ މަނިކުފާނު ބޭނުންފުޅުވެ ވަޑައިގަތުމުން ދޭތެރެ ދޭތެރެއިން ލިޔުއްވުމުގެ ފުރުސަތު އަވަސް އޮންލައިން އިން އޮންނަނީ އެ މަނިކުފާނަށް ހުޅުވާލާފަ އެވެ.
______________________________________________________


މާތްވެގެންވާ އިސްލާމްދީނަކީ، ރީތިކަމުގެ ދީނެވެ. އެއީ އެންމެ ރީތި ދީން ވެސް މެއެވެ. އިސްލާމްދީނުގެ ޢަޤީދާތަކާޢި، ޙުކުމްތަކާއި، ހަމަތަކާއި، އުޞޫލުތަކަށް ބަލާއިރު މިކަން ވަރަށް ރަނގަޅަށް ބަޔާންވެ ސާބިތުވެގެން ދެއެވެ.

އެހެން ނުވާންވީ ސަބަބެއް ނެތެވެ. މާތް ވެގެންވާ އިސްލާމްދީން ޝަރްޢު ކުރައްވާ އަދި رسول الله صلّى الله عليه وسلّم މެދުވެރި ކުރައްވައި އެ ދީން މުޅި އިންސާނިއްޔަތަށް ހަދިޔާ ކުރެއްވި الله سبحانه وتعالى އަކީ އެކަލާނގެ ޒާތުފުޅަށް އެންމެ މަތިވެރި ރީތިކަން ނިސްބަތްވެގެންވާ މާތް އިލާހެވެ. ފަހެ، ޢަބްދުالله އިބްނު މަސްޢޫދުގެ ކިބައިން މުސްލިމް ރިވާކުރެއްވި ޙަދީސެއްގެ މާނައިގައި ވެއެވެ. [އެމީހެއްގެ ހިތުގައި ކިބުރުވެރިކަމުގެ ޒައްރެއްގެ މިންވަރު ވެސް ވާ މީހަކު ސުވަރުގެ ނުވަންނަ ހުށްޓެވެ. މީހަކު ދެންނެވިއެވެ. ހަމަކަށަވަރުން، ކޮންމެ މީހަކު ވެސް އެމީހަކު ލައިގެން ހުންނަ ހެދުމާއި އަރައިގެން ހުންނަ ފައިވާން ރީތކޮށް ހުރުމަށް އެދޭނެއެވެ. ޙަދީސް ކުރެއްވިއެވެ. ހަމަކަށަވަރުން، މާތްالله ރީތިވެ ވޮޑިގެންވެއެވެ. އަދި އެކަލާނގެ ރީތިކަމަށް ލޯބި ކުރައްވަތެވެ.]

މީގެ ހަތަރު ސަތޭކައެއްހާ އަހަރު ކުރިން މިސުރުގައި އުޅުއްވި މަޝްހޫރު ޢިލްމުވެރިޔަކު ކަމުގައިވާ މުޙަންމަދު ޢަބްދުއްރައޫފް އަލްމުނާވީ ވިދާޅުވެފައިވާ ގޮތުގައި، މާތްالله ރީތިވެ ވޮޑިގެންވެއޭ ކީރިތި ރަސޫލާ ވިދާޅުވުމުގެ މާނައަކީ، އެކަލާނގެއަށް މުޠްލަޤު ރީތިކަން ލިބިވޮޑިގެންވާ ވާހަކައެވެ. އެއީ، އެކަލާނގެ ޒާތުފުޅުގެ ރީތިކަމާއި، ސިފަފުޅުތަކުގެ ރީތިކަމާއި، ޢަމަލުފުޅުތަކުގެ ރީތިކަމެވެ. އަދި އެކަލާނގެ ރީތިކަމަށް ލޯބި ކުރައްވަތޭ ކީރިތި ރަސޫލާ ވިދާޅުވުމުގެ މާނައަކީ ތިޔަބައިމީހުން ރީތި ހެދުން ލައިގެން ސާފުކޮށް ތިބޭށޭ އެވެ.

އިސްލާމްދީނުގައި އަންގަވާފައި ވަނީ، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކު ވެސް އަބަދުވެސް ސާފުކޮށް ރީތިކޮށް ހުރުމަށެވެ. އެއީ، ހަމައެކަނި ނަމާދު ކުރާ އިރަކު ނޫނެވެ. އަދި ހަމައެކަނި ގެއިން ބޭރަށް ދާ ވަގުތަކު ވެސް ނޫނެވެ. އަދި ހަމައެކަނި މީހުންނާ ބައްދަލު ކުރާ އިރަކު ވެސް ނޫން މެއެވެ. އަމިއްލަ ކޮޓަރީގައި ނުވަތަ ގޭގައި އުޅޭއިރު ވެސް މެއެވެ. އަދި ޢާއިލާގެ މީހުންނާ އެކުގައި އުޅޭއިރު ވެސް، ނުވަތަ އެ ނޫން ކޮންމެ ޙާލަތެއްގައި ވެސް ކޮންމެ މީހަކު ވެސް ހުންނަން ޖެހޭނީ ސާފުކޮށް ތާހިރު ކޮށެވެ. ލައިގެން ހުންނަން ޖެހޭނީ ވެސް ސާފު ތާހިރު ހެދުމެކެވެ. މި ދެންނެވީ ކޮންމެހެން އަގުބޮޑު އެއްޗެއްގެ ވާހަކައެއް ނޫނެވެ. ކިތަންމެ އާދައިގެ ފެންވަރެއްގެ ހެދުމެއް ބޭނުން ކުރިޔަސް، އެ ހެދުން ހުންނަން ވާނީ ސާފު ތާހިރުކޮށެވެ. ހަމަ ކޮންމެ ޙާލަތެއްގައި ވެސް ތިމާގެ ހަށިގަނޑާއި، ފޭރާމާއި، އަމިއްލަ ކޮޓަރިއާއި، ގެ ވެސް ހުންނަން ޖެހޭނީ ވީވަރަކުން ސާފުކޮށްފައެވެ. އަދި ރީތި ވެސް ކޮށްފައެވެ.

ވަކިން ޚާއްޞަކޮށް، ނަމާދަށް އަރާ އިރު، ކޮންމެ މުސްލިމަކު ވެސް ހުންނަން ޖެހޭނީ ވަރަށް ރީތި ވެގެންނެވެ. ޒީނަތްތެރި ވެގެންނެވެ. މާތްالله ވަޙީ ކުރެއްވިއެވެ. ﴿يَــٰـبَنِـىۤ ءَادَمَ خُذُواْ زِينَتَكُمْ عِندَ كُلِّ مَسْجِدٍ ؛ وَكُلُواْ وَٱشْرَبُواْ وَلَا تُسْرِفُوٓاْ ؛ إِنَّـهُۥ لَا يُحِبُّ ٱلْمُسْرِفِينَ﴾ (الأعراف : 31) މާނައީ: [އޭ آدمގެދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި إسراف ނުކުރާށެވެ. ހަމަކަށަވަރުން، إسراف ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ.]

މި އާޔަތުގައި މާތްالله އަންގަވާފައި އެ ވަނީ ތިމާ މިސްކިތަށް ދާ ވަގުތުގަޔާއި، އަދި އަމިއްލައަށް ހުރެ ނަމާދު ކުރާ ވަގުތުގައި ވެސް، ޒީނަތްތެރިވެގެން ހުރުމަށެވެ. މީހުންގެ ތެރެއަށް ނުކުންނައިރު ފެންވަރައި ސާފު ހެދުމެއް ލައިގެން ހުވަނދުލައިގެން ނުކުތުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ހުވަނދު ތުރުކުރެއްވުމަކީ، رسول الله صلّى الله عليه وسلّم ވަރަށް ބޮޑަށް ލޯބި ކުރެއްވި ކަމެކެވެ. ޙައްޖާއި ޢުމްރާ އަދާކުރުމުގައި ވެސް ފެންވަރައި ސާފުވުމަށްފަހު، އިޙްރާމް ބަނުމުގެ ކުރިން ގައިގައި ހުވަނދުލުމަކީ ޙައްޖާއި ޢުމްރާގެ ސުންނަތެކެވެ.

ބޮލާއި، މޫނާއި، ހަށިގަނޑާއި، ހެދުން ރީތިކޮށް ބެހެއްޓުމަކީ ވެސް ޒީނަތްތެރިވުމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެހެންކަމުން، ރީތިކޮށް ބޯކޮށައިގެން ހުރުމާއި، ބޮލުގައި ތެޔޮ ނުވަތަ ކްރީމްލުމާއި، ބޮލާއި ތުނބުޅިމަތިމަހުގައި ޖަހާފައި ހުންނަ ނުރަ ފޮރުވުމަށްޓަކައި ކުލަޖެއްސުމަކީ ވެސް ޙަރާމް ކަމެއް ނޫނެވެ. މަތިމަހާއި، ތުނބުޅިއާއި، ބުމަ، ރީތި ބައްޓަމަކަށް ކޮށާފައި ބެހެއްޓުމަކީ ވެސް ހުއްދަ ކަމެކެވެ. އިސްލާމީ މިންގަނޑުތަކުން ބޭރު ނުވާ ގޮތުގެ މަތިން، ރީތިކޮށް ފަރުމާކޮށްފައި ހުންނަ ކުލަކުލައިގެ ހެދުން ލައިގެން އުޅުމަކީ ވެސް ހުއްދަ ކަމެކެވެ. މި ހުރިހާ ކަމެއް ވެސް ހިމެނިގެން ދަނީ ނަފްސު ޒީނަތްތެރި ކުރުމުގެ ތެރޭގައެވެ.

މީހުންގެ ތެރެއަށް ނުކުންނަ އިރު ތިމާގެ ގައިން ނުބައި ވަހެއް ދުވުމަކީ ކީރިތި ރަސޫލާ ނަހީ ކުރައްވާފައިވާ ކަމެކެވެ. މިގޮތުން، ފިޔާ ނުވަތަ ލޮނުމެދު ފަދަ ގަދަ ވަހެއް ދުވާ އެއްޗެއް ކައިގެން މީހުންގެ ތެރެއަށް ނުނިކުތުމަށް ކީރިތި ރަސޫލާ ވަނީ އަންގަވާފައެވެ. އަދި އެ ފަދަ އެއްޗެއް ކައިގެން ހުރި މީހަކު ނަމަ ތިމަންމެންނާ ތަންކޮޅެއް ދުރުގައި ހުންނާށޭ ވެސް އަންގަވާފައިވެއެވެ.

އިސްލާމްދީނުގެ އެހެން ރުކުންތަކަށް ބަލާއިރު ވެސް މީހާ ސާފުކޮށް ރީތިކޮށް ހުރުމުގެ މުހިންމުކަން ފެނިގެން ދެއެވެ. މުސްލިމަކު ނަމަ ހުންނަން ޖެހޭނީ، އޭނާގެ ބޭރުފުށާއި އެތެރެފުށް ރީތިކޮށެވެ. ބޮލުގެ އިސްތަށިގަނޑާއި، ތުބުނޅި ހުރި މީހަކު ނަމަ، އެމީހާގެ ތުނބުޅި ވެސް ހުންނަން ޖެހޭނީ، ރީތިކޮށް ކޮށައި، ދޮވެ ސާފުކޮށްފައެވެ.

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް މި ކަންކަން އޮޅިފައި އޮންނަ ވަރު ފެނުމުން ހިތާމަ ކުރަން ޖެހެއެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުގައި ވަގުތުން ވަގުތަށް ނަމާދުކޮށްގެން ތިބުމުން ފުދުނީއެވެ. ކޮންމެ ގޮތަކަށް ތިމާގެ ބޮލުގެ އިސްތަށިގަނޑު ނުވަތަ ތުނބުޅި ހުރި ނަމަވެސް އެންމެ ރަނގަޅެވެ. ކޮންމެ ކަހަލަ ހެދުމެއް ލައިގެން ހުރި ނަމަވެސް އެންމެ ރަނގަޅެވެ.

ޒީނަތްތެރިވުމަކީ، ޙަރާމް ކަމެއް ނޫނެވެ. ފާފައެއް ނޫނެވެ. މަކްރޫހަ ކަމެއް ވެސް ނުމެ ނޫން މެއެވެ. އެއީ، ހުއްދަ ކަމެކެވެ. އެދެވިގެންވާ ކަމެކެވެ. މުސްތަޙައްބު ކަމެކެވެ. ޒީނަތްތެރިވުމާ ދެކޮޅަށް ވާހަކަ ދައްކާ ނުވަތަ ހުރަސްއަޅާ މީހުންނަށް ރައްދު ދެއްވައި މާތްالله ވަޙީ ކުރެއްވިއެވެ. ﴿ قُلْ مَنْ حَرَّمَ زِينَةَ ٱللَّهِ ٱلَّتِىٓ أَخْرَجَ لِعِبَادِهِۦ وَٱلطَّــيِّـبَٰـتِ مِنَ ٱلرِّزْقِ ۚ قُلْ هِىَ لِلَّذِينَ ءَامَنُواْ فِى ٱلْـحَيَوٰةِ ٱلدُّنْيَا خَالِصَةً يَوْمَ ٱلْقِـيَــٰمَةِ ۗ كَذَٰلِكَ نُفَصِّلُ ٱلْأَيَــٰتِ لِـقَوْمٍ يَعْلَمُونَ ﴾ (الأعراف : 32) މާނައީ: [ކަލޭގެފާނު ވިދާޅުވާށެވެ! الله، އެކަލާނގެ އަޅުތަކުންނަށް ނެރުއްވައިދެއްވި، اللهގެ ޒީނަތާއި، رزقގެ ތެރެއިން ރަނގަޅު ތަކެތި حرام ކުޅައީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެތަކެތި ވަނީ إيـمان ވީ މީހުންނަށް، ދުންޔަވީ حياة ގައި ދެއްވާފައެވެ. قيامة ދުވަހުން އެތަކެތި (مؤمن ންނަށް) خالص ވެގެންވާ حال ގައެވެ. އެނގޭބަޔަކަށް އެފަދައިން ތިމަންރަސްކަލާނގެ آية ތައް تفصيل ކޮށްދެއްވަމެވެ.]

މި އާޔަތުން އެނގޭގޮތުގައި، މާތްالله އެކަލާނގެ އަޅުތަކުންނަށް ނެރެދެއްވި ޒީނަތްތެރިކަމާއި ޙަލާލު ކުރެއްވި ތަކެތި މަނާކުރުމަކީ އެއްވެސް ބަޔަކު ކޮށްގެން ވާނެ ކަމެއް ނޫނެވެ.

އިސްލާމްދީން އަޅުގަނޑުމެންނަށް ދަސްކޮށް ދެއްވާފައިވާ އާދަތަކަށް ބަލާލައިފި ނަމަ، އެއީ ވަރަށް ރީތި އާދަތަކެއް ކަމުގައި އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭނެއެވެ. މީހުންނާ ބައްދަލު ކުރާ އިރު ހިނިތުންވުމާއި، ހިތްހެޔޮކަމާއެކު ސަލާމްކޮށްލުމާއި، އިޙްތިރާމާއެކު ރީތިބަހުން ވާހަކަ ދެއްކުމަކީ، އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެކެވެ. މާތްالله ވަޙީ ކުރެއްވިއެވެ. ﴿وَإِذْ أَخَذْنَا مِيثَــٰـقَ بَنِىٓ إِسْرَٰۤءِيلَ لَا تَعْبُدُونَ إِلَّا ٱللَّهَ وَبِٱلْوَٰلِدَيْنِ إِحْسَانًا وَذِى ٱلْقُرْبَىٰ وَٱلْيَتَـٰمَىٰ وَٱلْمَسَـٰـكِينِ وَقُولُواْ لِلنَّاسِ حُسْنًا وَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَ ثُـمَّ تَوَلَّيْتُمْ إِلَّا قَلِيلًا مِّنكُمْ وَأَنتُم مُّعْرِضُونَ﴾ (البقرة : 83) މާނައީ: [އިސްރާއީލުގެދަރިންގެކިބައިން، ތިމަންރަސްކަލާނގެ ކަށަވަރުވެގެންވާ عهد ހިއްޕެވިހިނދު، ހަނދުމަކުރާށެވެ! އެއީ، اللهއަށް މެނުވީ ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށެވެ. އަދި މައިންބަފައިންނާއި، ގާތްތިމާގެމީހުންނާއި، يتيمންނާއި، مسكينންނަށް ހެޔޮކޮށް ހިތުމަށެވެ. އަދި ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސްބުނާށެވެ! އަދި ތިޔަބައިމީހުން ނަމާދު قائم ކުރާށެވެ! އަދި زكاةދޭށެވެ! ދެން ތިޔަބައިމީހުން ދެކޮޅުވެރިވެގެންވާ حال، ތިޔަބައިމީހުންގެ ތެރެއިން މަދުބަޔަކުމެނުވީ (عهد ފުއްދުމަށް) ފުރަގަސްދިނީއެވެ.]

ބައެއް މީހުން ރޯދައަށް ތިބޭ އިރު ރުޅި ގަދަވެ މީސްމީހުންނާ ހަރުކަށި ޢިބާރާތުން ވާހަކަ ދައްކާ ތަން ފެނެއެވެ. މިއީ ވެސް رسول الله صلّى الله عليه وسلّم ކަނޑައެޅިގެން މަނާ ކުރައްވާފައިވާ ކަމެކެވެ. ކީރިތި ރަސޫލާގެ އަރިހުން ވާރިދުވެފައިވާ ޙަދީސެއްގެ މާނައިގައި ވެއެވެ. [ތިޔަބައިމީހުންގެ ތެރެއިން މީހަކު ރޯދައަށް ހުރި ދުވަހަކު ނަމަ، އަޑުގަދަކޮށް ހުތުރު ބަސް ނުބުނާ ހުށިކަމެވެ! އެހެން މީހަކު އައިސް ޒުވާބުކޮށް ހަދަން ފަށައިފި ނަމަ، ތިމަން މި ހުރީ ރޯދައަށޭ ބުނެފައި ހަނު ހުންނާށެވެ.] މި މާތް ނަބަވީ އިރުޝާދުން އެނގޭ ގޮތުގައި ތިމާ ހިފާ ރޯދައަށް ފުރިހަމަ ސަވާބު ލިބޭނީ ވެސް އެހެން މީހުންނާ މުޚާޠަބުކޮށް އެކަށީގެންނުވާ ޢިބާރާތް ބޭނުން ނުކޮށް ހުރުމުންނެވެ.