ހަބަރު

ދަރިލެއްވުމުގައި ގަރީނާއަކަށް ޑީއެންއޭ ބޭނުން ކުރެވޭނެ: މައުމޫން

Dec 23, 2020
2

ޑީއެންއޭގެ ނަތީޖާއަށް ބަލައިގެން ޒިނޭ ސާބިތު ނުކުރެވޭނެ ކަމަށް ހައިކޯޓުން ކުރި ހުކުމާއެކު ބޮޑު ބަހުސެއް އުފެދިގެން އުޅޭއިރު، މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެމަނިކުފާނުގެ ރައުޔު ހާމަ ކުރައްވައިފި އެވެ.

އެ މައްސަލާގައި މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަމެއް ދެނެގަނެވޭނެގޮތް ޝަރްއުގައި އަންގަވާފައި އޮތުމަކީ އެ ނޫން ގޮތަކަށް އެކަން ދެނެގަތުން މަނާ ކުރާކަމެއް ނޫން ކަމަށެވެ.

މިގޮތުން، އިރު ހިނގާގޮތް ބަލައިގެން ނަމާދު ވަގުތުތައް ދެނެގަންނާނެ ގޮތް ސުންނަތުން އެނގެން އޮތް ނަމަވެސް މިހާރު ނަމާދު ވަގުތު ބަލަނީ ފަލަކީ ހިސާބުން ކަމަށް އެމަނިކުފާނު ވަނީ މިސާލެއްގެ ގޮތުގައި ފާހަގަކު ރައްވާފަ އެވެ.

"އެހެން ކަމުގައިވާނަމަ ދަރިލެއްވުމުގައި ޑީއެންއޭ ސީކްއެންސް ގަރީނާއެއްގެ ގޮތުގައި ނުބެލެންވީ ސަބަބެއް ނެތް،" ފިންގަޕްރިންޓް ފަދަ ސައިންޓިފިކް ދަލީލުތައް ވެސް ގަރީނާގެ ގޮތުގައި ޝަރީއަތުން ބަލައިގަންނަކަން ފާހަގަ ކުރައްވަމުން މައުމޫން ވިދާޅުވި އެވެ.

އެ ހުކުމާ ގުޅިގެން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވަނީ އޭނާގެ ބްލޮގްގައި ދިގު މަޒުމޫނެއް ވެސް އާންމު ކުރައްވާފަ އެވެ. އެ މަޒުމޫނުގައި ޝަރުއީ ލަފްޒުތައް ބޭނުން ކުރުމުގައި ކުރިން އަމަލު ކުރި ގޮތާއި މިހާރު އައިސްފައިވާ ބަދަލުތަކާއި ގުޅޭގޮތުން ތަފްސީލްކޮށް ލިޔެފައިވެ އެވެ.

އެގޮތުން، ޒިނޭގެ ވައްތަރުތައް ކަމަށް ވިދާޅުވެ "ޝަރުއީ ޒިނޭ" އާއި "ގާނޫނީ ޒިނޭ" އޮންނަ ކަމަށް ވެސް އެ މަޒުމޫނުގައި ޝަމީމް ވިދާޅުވެފައިވެ އެވެ.

އެއާއެކު އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ އިސްލާމްދީނުގައި ބޭނުން ކުރަމުންދާ ޝަރުއީ ލަފްޒުތައް ބޭނުން ކުރަން ވާނީ ޝަރުއުގައި އެ ލަފްޒުތައް ބޭނުން ކުރަމުންދާ ގޮތަށް ކަމަށެވެ. އަދި ގާނޫނީ ގޮތުން ވެސް މިފަދަ ޝަރުއީ ލަފްޒްތައް ބޭނުން ކުރަމުން ދަނީ ޝަރުއުގައި ވާގޮތަށް ކަަމަށެވެ.

"މިސާލަކަށް، ޒިނޭ ވާނީ ޒިނޭއަށް. ކައިވެނި ވާނީ ކައިވެންޏަށް. އަދި ލިވާޠު ވާނީ ލިވާޠަށް،"

އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރު ކަމަށްވެފައި މިފަދަ ޝަރުއީ ލަފްޒްތަކުގު ޝަރުއީ މަފްހޫމް ގެއްލޭނެ ފަދައިން ބޭނުން ކުރުމަކީ ޝަރުއީ މިންގަނޑުތަކާއި ގާނޫނުއަސާސީއާ ހިލާފު ކަމެއްކަމަށްވެސް އެ މިނިސްޓްރީން ވަނީ ހަނދާންކޮށްދީފައެވެ.

އަދި ޝަރުއީ ލަފްޒުތައް ބޭނުން ކުރަންވާނީ ޝަރުއުގައި އެ ލަފްޒެއް ބޭނުން ކުރުމަށް އޮންނަ ގޮތަށް ކަމަށް އެ މިނިސްޓްރީން ހަނދާންކޮށްދީފައިވެއެވެ.