ޑީއެންއޭގެ ނަތީޖާއަށް ބަލައިގެން ޒިނޭ ސާބިތު ނުކުރެވޭނެ ކަމަށް ހައިކޯޓުން ކުރި ހުކުމާއެކު މިހާރު އުފެދިގެންއުޅޭ ބަހުސާ ގުޅިގެން، ޝަރުއީ ލަފްޒުތައް ބޭނުން ކުރަން ވާނީ ޝަރުއުގައި އެ ލަފްޒެއް ބޭނުން ކުރުމަށް އޮންނަ ގޮތަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނި ބުނުމަށް، ޕްރޮސެކިޔުޓާ ޖެނެރަލް ހުސެއިން ޝަމީމް ރައްދު ދެއްވައިފި އެވެ.
އެ ހުކުމާ ގުޅިގެން ޕީޖީ ޝަމީމް އިއްޔެ ވަނީ އޭނާގެ ބްލޮގްގައި ދިގު މަޒުމޫނެއް ވެސް އާންމު ކުރައްވާފަ އެވެ. އެ މަޒުމޫނުގައި ޝަރުއީ ލަފްޒުތައް ބޭނުން ކުރުމުގައި ކުރިން އަމަލު ކުރި ގޮތާއި މިހާރު އައިސްފައިވާ ބަދަލުތަކާއި ގުޅޭގޮތުން ތަފްސީލްކޮށް ލިޔެފައިވެ އެވެ.
އެގޮތުން، ޒިނޭގެ ވައްތަރުތައް ކަމަށް ވިދާޅުވެ "ޝަރުއީ ޒިނޭ" އާއި "ގާނޫނީ ޒިނޭ" އޮންނަ ކަމަށް ވެސް އެ މަޒުމޫނުގައި ޝަމީމް ވިދާޅުވެފައިވެ އެވެ.
އެއާއެކު އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ އިސްލާމްދީނުގައި ބޭނުން ކުރަމުންދާ ޝަރުއީ ލަފްޒުތައް ބޭނުން ކުރަން ވާނީ ޝަރުއުގައި އެ ލަފްޒުތައް ބޭނުން ކުރަމުންދާ ގޮތަށް ކަމަށެވެ. އަދި ގާނޫނީ ގޮތުން ވެސް މިފަދަ ޝަރުއީ ލަފްޒްތައް ބޭނުން ކުރަމުން ދަނީ ޝަރުއުގައި ވާގޮތަށް ކަަމަށެވެ.
"މިސާލަކަށް، ޒިނޭ ވާނީ ޒިނޭއަށް. ކައިވެނި ވާނީ ކައިވެންޏަށް. އަދި ލިވާޠު ވާނީ ލިވާޠަށް،"
އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރު ކަމަށްވެފައި މިފަދަ ޝަރުއީ ލަފްޒްތަކުގު ޝަރުއީ މަފްހޫމް ގެއްލޭނެ ފަދައިން ބޭނުން ކުރުމަކީ ޝަރުއީ މިންގަނޑުތަކާއި ގާނޫނުއަސާސީއާ ހިލާފު ކަމެއްކަމަށްވެސް އެ މިނިސްޓްރީން ވަނީ ހަނދާންކޮށްދީފައެވެ. އަދި ޝަރުއީ ލަފްޒުތައް ބޭނުން ކުރަންވާނީ ޝަރުއުގައި އެ ލަފްޒެއް ބޭނުން ކުރުމަށް އޮންނަ ގޮތަށް ކަމަށް އެ މިނިސްޓްރީން ހަނދާންކޮށްދީފައިވެއެވެ.
މިކަމުގައި ދީނީ އިލްމުވެރިންނާއި ގާނޫނީ ބޭފުޅުންގެ މެދުގައި ބޮޑު ބަހުސެއް ކުރެވެމުންދާއިރު، ޝަމީމްގެ މަޒުމޫނަށް އިޝާރާތް ކުރައްވައި، ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ ބަހަކީ ބަހެއް ނޫން ކަމަށާއި، ބަހަކީ އެ ބަހަށް ދޭ މާނައެއް ކަމަށެވެ.
"ޝަރުއީ ގަޒުފާއި ގާނޫނީ ގަޒުފު؟ ޝަރުއީ ވައްކަމާއި ގާނޫނީ ވައްކަން؟ ޝަރުއީ ރާބުއިމާއި ގާނޫނީ ރާބުއިން؟" ޝަމީމްގެ މާނަ ކުރުމަށް އިޝާރާތް ކުރައްވައި އަލީ ހުސެއިން ސުވާލު ކުރެއްވި އެވެ.
އަލީގެ ސުވާލުތަކަށް ޝަމީމް ވެސް ވަނީ ރައްދު ދެއްވައި، މަޒުމޫނުގައި ލިޔުއްވި ވާހަކަތައް ދިފާއު ކުރައްވައިފަ އެވެ.
ޝަމީމް ވިދާޅުވީ ގޮތުގައި ބަހަށް ބަހޭ ކިޔުނީ ކީއްވެގެން ކަމުގެ ފަލްސަފީ ޝަރަހައެއް ނުދެވޭއިރު، ހަގީގީ މުއާމަލާތަކީ ހަރަކާތުން ކުރާ ކަމެއްކަމަށާއި، ބަސް ބޭނުންކުރަނީ ހަރަކާތުން ނުފުދޭ ހާލަތުގައި ކަމަށެވެ.
"ދިވެހިން ދަތް އުނގުޅާ ބޭހަށް ކިޔަނީ ކޮލްގެޓެވެ. ކިއުކަމްބާގެ މަޝްހޫރު ނަމަކީ ކަމްބާ އެވެ. މިކަހަލަ ބައިވަރު މިސާލެވެ. ބަހުގެ ގައިދުން ނެއްޓެން ޖެހެ އެވެ،" މިސާލު ދައްކަވަމުން ޝަމީމް ވިދާޅުވި އެވެ.
ޝަމީމް އޭނާގެ ބްލޮގްގައި ލިޔުއްވާފައިވަނީ ޒިނޭގެ މައްސަލަތަކުގައި އަންހެނުންނާއި ފިރިހެނުންނާ ތަފާތު ކުރެވޭކަމަށް ހީވަނީ، ޒިނޭ ސާބިތުކުރުމުގެ މިންގަނޑު އޮންނަ ގޮތުން ކަމަށެވެ.
ޒިނޭ ސާބިތު ކުރުމަށް އަބަދުވެސް ބޭނުންކުރަމުން އައީ އިސްލާމީ ޝަރީއަތުގައި އޮންނަ، އަމިއްލަ އިއުތިރާފު ނުވަތަ ހަތަރު ހެކިންގެ ހެކިބަސް ކަމަށާއި އެކަމަށް އިންކާރު ކުރިޔަސް، އޭރު ނިޒާމު އޮތް ގޮތުން "ވަކި މީހަކަށް ނުލައްވާ ގޮތަށް ވިހެއުމުގެ" ކުށުގެ ދައުވާ ކުރާކަން ފާހަގަ ކުރައްވާފައިވާ ކަމަށެވެ.
ނަމަވެސް، ދެމީހަކު ބައިވެރިވެގެން ޒިނޭ ކުރާއިރު އެކަމުގައި ހަމައެކަނި އަންހެން މީހާގެ މައްޗަށް ދައުވާކޮށް، ކުށް ސާބިތުކުރުމަށް ފަސޭހަގޮތެއް އޮތުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް، ގާނޫނުލްއުގޫބާތު އަލުން އެކުލަވައިލި އިރު ފެނުނު ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.
އިތުރަށް ވިދާޅުވީ މި މައްސަލަ ހައްލުކުރަން ގާނޫނުލްއުގޫބާތުގައި ދެ ވައްތަރެއްގެ ޒިނޭ ތައާރަފް ކުރި ކަމަށެވެ. އެއީ އިސްލާމީ ޝަރީއަތުގައި އޮތް ޒިނޭ އާއި ގާނޫނީ ޒިނޭ އެވެ. އިސްލާމީ ޝަރީއަތުގައި އޮންނަ ޒިނޭ ސާބިތު ކުރުމަށް، އެ ޝަރީއަތުގައި އޮންނަ މިންގަނޑު ކަނޑައެޅި އިރު، ގާނޫނީ ޒިނޭ ސާބިތު ކުރުމުގައި ޒިނޭކުރި ކަމަށް އިންކާރުކޮށްފި ނަމަ، އެހެނިހެން ހެކީގެ މައްޗަށް ކުށް ސާބިތު ކުރުމުގެ ފުރުސަތު ލިބޭ ކަމަށް ވިދާޅުވި އެވެ.
ފުރަތަމަ ގާނޫނުލްއުގޫބާތުގެ ދިވެހި ޑްރާފްޓް ލިޔުނު އިރު "ޒިނޭ"ގެ ބަސް ނެތް ކަމަށާއި، އޭރު ބޭނުންކޮށްފައި އޮތީ ރުހިގެންނާއި ރުހުމެއް ނެތި "ޖިމާއުވުން" ކަން ޕީޖީ ފާހަގަކުރެއްވި އެވެ.
ނަމަވެސް، މަޖިލީހުގެ ކޮމިޓީން ގެނައި ބަދަލުތަކާއެކު "ޒިނޭ"ގެ ބަސް އަނބުރާ ގެނެސް، ޒިނޭގެ ދެ ވައްތަރެއްގެ ކުށް ބަޔާންކުރާ ގޮތަށް ގާނޫނުލްއުގޫބާތު ފާސްކުރި ކަމަށް ވިދާޅުވި އެވެ.
"ހައިކޯޓުގެ ފަނޑިޔާރުން، މިމައްސަލަ ބެއްލެވިއިރު އަޅައިގަތީ ވެސް ނަމުގައެވެ. ޒިނޭ ކިޔާތީ އެވެ. މިކުށަށް 'ޖިމާއުވުން' ކީ ނަމަހީ، ހައި ކޯޓުގެ ފަނޑިޔާރުންނަށް ފަސޭހަފުޅުވީހެވެ. މި ސުވާލެއް ކުރިމައްޗަށް ނުވީހެވެ." ޝަމީމް ވިދާޅުވެފައިވެ އެވެ.