ރޭޕް

ނުކުޅެދޭ މީހަކު ރޭޕްކުރި ދެމީހުނަށް ދައުވާކޮށްފި

Aug 31, 2020

އައްޑޫ ސިޓީ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕް ކުރި މައްސަލާގައި ދެ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާއިފި އެވެ.

މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހިންގި މިއަމަލާއި ގުޅިގެން ދައުވާ ކޮށްފައި ވަނީ، ހިތަދޫ، ޒަހާމަންޒިލްގެ. އަލީ ޝިމާއު ޒުބައިރު، އާއި ދަފްތަރު ނަންބަރު 963، މަހުތޫމް މޫސާ ދީދީއަށެވެ.

މި ދެމީހުންނަށް ވެސް އުފުލާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހަކާމެދު ގަދަ ކަމުން ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ އެވެ. މި ދައުވާ ސާބިތުވެއްޖެ ނަމަ 15 އަހަރާއި 20 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މީގެ ތެރެއިން އަލީ ޝިމާއުގެ މައްޗަށްވަނީ އިތުރު ދައުވާއެއް އުފުލާފަ އެވެ. އެއީ ބަނގުރަ ބުއިމުގެ ކުށުގެ ދައުވާ އެވެ. މި ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ، އެއްމަހާއި ހަ ދުވަހަށް ޖަލައްލައި 40 އެތިފަހަރުން ހައްދު ޖެހުމެވެ.

ރޭޕްގެ އަނިޔާގެ ޝިކާރައަށްވި ހާއްސަ އެހީއަށް ބޭނުންވާ 48 އަހަރުގެ އެ އަންހެން މީހާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްއަށް ދައްކާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ފަހުން ވިކްޓިމްގެ ސައިކޮލޮޖިކަލް އެސަސްމަންޓް ހެދުމަށް ފުވައްމުލައް ސިޓީއަށް ގެންގޮސްފައިވާ ކަމަށެވެ.

އަންހެންމީހާ ރޭޕް ކުރި މައްސަލާގައި އެރަށު ބަޔަކު ވަނީ އެއްވެ އިހުތިޖާޖު ކޮށްފަ އެވެ. އަދި ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ އެ ދެ މީހުން ހިފަހައްޓައި، އެ ކަމަށް އިއުތުރާފްވި ކަމަށް ބުނާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައި ވެއެވެ.